(1 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޒަރޫން އޭނާގެ މަންމަ އެކުރިކަމަކާމެދު ހުރީ ވަރަށްބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ކަޝަފް އޭނާއާ އިނީ ދެމީހުން ހިތާވެގެންނެއް ނޫނެވެ. ދެމީހުން ދެމީހުންނަށް ބޭނުންވެގެންނެއް ނޫނެވެ. ކަޝަފް ، ޒަރޫން އާ އިނީ ޒަރޫން ބޭނުންވެގެންނެވެ. ކަޝަފާ އިންނަން ޒަރޫން ބޭނުންވީ ، ކަޝަފްގެ ކިބައިގާހުރި ހަރުދަނާ ސިފަތަކެއްގެ ސަބަބުންނެވެ. ޒަރޫންގެ އަނތްބެއްގެ ކިބައިގާ ހުންނަން ޖެހޭކަމަށް ޒަރޫންއަށް ފެންނަ ސިފަތަކެއް ކަޝަފްގެ ކިބައިން ސާބިތު ވެ އެނގުމުންނެވެ. ޚުދު ، އޭނާގެ މަންމަ މިއަދު އެވަނީ ކަޝަފްގެ އެސިފަތަކާމެދު ސުއާލު އުފައްދާފައެވެ. ކަޝަފަކީ ކާކުކަން ނުވެސް އެނގިހުރެއެވެ. އެއީ ޒަރޫންގެ ގޭތެރެއިން ކަޝަފްގެ ހިތަށް ހިތްދަތިކަން ލިބޭގޮތަށް ކުރެވުނު ފުރަތަމަ ކަންތަކެވެ. އެ ވައްޓައިލެވުނީ އޭނާގެ އަންހެނުންގެ އަގެވެ. އެވެސް އޭނާގެ އަމިއްލަ މަންމައެވެ. ސާރާގެ ކައިވެނި ރޫޅިގެންދިޔައީވެސް މަންމަގެ ސަބަބުންނެވެ. މަންމަ ސާރާއަށް ދީފައިހުރި ތަރުބިއްޔަތަކާ އެކު ސާރާއަށް ދިން ގޯސް ނަސޭޙަތްތަކެއްގެ ސަބަބުންނެވެ. ދެން އަސަރު ކުރަން މިފެށުނީ ޒަރޫންގެ ދިރިއުޅުމާއެވެ. ހަމަ އެ މަންމައެވެ. ކަޝަފްގެ ހިތުގައި ޖެހޭގޮތަށް މަންމަ ބުނި ބޭ އަދަބީ ބަސްތަކުންނެވެ. ޒަރޫންވެސް ހުރީ އެކަމާ ވަރަށް ކަންބޮޑުވެފައެވެ.
މަންމަ އެހެން ބުނެގެން ނުވާނެކަމަށް ޒަރޫން ދެކެއެވެ. ކަޝަފަށް އެވާހަކަ އަޑު އިވުނުނަމަ ، އެއޮތީ އިވިފައެވެ. ޣަޒާލާ އެކަމާ ކަންބޮޑެއް ނުވެއެވެ. ޣަޒާލާއަކީ ޒަރޫންގެ މަންމައެވެ. ޒަރޫންގެ ދިރިއުޅުމުގައި ކަންބޮޑުވާ ކަންކަން ޣަޒާލާގެވެސް ހުންނާނެއެވެ. އެވާހަކަތައް ޣަޒާލާއަށް ދެކެވެން ޖެހޭނެއެވެ. އެކަން ޒަރޫންވެސް ޤަބޫލު ކުރެއެވެ. އެހެންނަމަވެސް ކަޝަފް އެއީ އެކަހަލަ ވާހަކަ ޤަބޫލުކުރާކަހަލަ މީހެއް ނޫނެވެ. އޭނާގެ ނެތް ސިފައެއްގެ މައްޗަށް އޭނާއާ ދިމާއަށް ބުނެވޭ ބޭއަދަބީ ބަހަކުން ، ބޮލުގައި އިލްޒާމެއް އެޅުވޭގޮތަށް ބުނެވޭ ބަހަކުން ، ކުރެވޭ ކަމަކުން ، ކަޝަފްގެ ހިތުގައި ނުޖެހިއެއް ނުހުންނާނެއެވެ. އެއީ ވަރަށް ސާދާ މިޒާޖެއްގެ މީހެކެވެ. ޒަރޫން ، ކަޝަފާ އިނީ ކަޝަފްގެ ހުރި ރަނގަޅު ސިފަތަކެއް އޭނާއަށް ފާހަގަ ކުރެވިގެންނެވެ. ޣަޒާލާވެސް އެކަމަށް އެއްބަސް ވެއެވެ. އެހިސާބުން ޒަރޫން ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ ؟ ޣަޒާލާއަށް ، ކަޝަފްގާތަށްގޮސް މަޢާފަކަށް ނުއެދެވޭނެއެވެ. އެއީ ހަމަ ޔަޤީން ކަމެކެވެ. ޣަޒާލާއަކީ އެހާ ހިތްތިރި އަންހެނެއް ނޫނެވެ.
ޒަރޫންއަށް ހަދާނެގޮތް ބޮޑުވިއެވެ. އޭނާއެވަނީ ކަޝަފްގެ ކުރިމަތީ ފަޟީޙަތް ވެފައެވެ. ކަޝަފްގާތު ބުނާނީ ކީކޭކަމެއް ޒަރޫންއަކަށް ނުވިސްނެއެވެ. ކަޝަފްގެ މަންމަގެ ކުރިމައްޗަށްގޮސް ، އޭނާ ހުއްޓޭނީ ކޮންމޫނަކައިގެންކަމެއް ޒަރޫންއަކަށް ނޭނގެއެވެ. ޒަރޫން ހަދަންވީގޮތް ޣަޒާލާ ކިޔައިދިނެވެ. ޒަރޫން ކުރަންވީ ކަމަކީ ، މަންމަގެ މަޤްޞަދަކީ އެއީ ނޫންކަން ކަޝަފަށް ވިސްނައި ދިނުމެވެ. އެކަން ޒަރޫން މިހާރު އޮތީ ކޮށްފައެވެ. ހަމަ އެވިސްނުމުގައި އެގޮތަށް ކަޝަފަށް އޭނާ ވިސްނައިދެވޭތޯ ބެލިއެވެ. އެހެންނަމަވެސް ކަޝަފަށް އެކަން ބަލައިގަނެވޭވަރަށްވުރެ ބޮޑަށް ހުރީ އެކަމާ ހިތްދަތިވެފައެވެ.
" މިހާރު އަހަރެން ވަރަށް އެބަ ކަންބޮޑު ވެއެވެ. ކުރިޔަށް އޮތްތާނގައި ވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. އަދި އިންތާ އެހާދުވަހެއް ނުވެއެވެ. އެހާ ކުޑަކުޑަ ކަމެއް އެހާ ބޮޑުކޮށްލައިގެން މައްސަލަޔަކަށް ހަދަން ވަންޏާ ދެން ކުރިމަތިވާނީ ކޮންފަދަ ކަމެއްކަންވެސް ނޭނގެއެވެ. " ޣަޒާލާ ބުންޏެވެ.
ކަޝަފްގެ ތަޞައްވުރު އޭނާގެ މަންމަޔަށް ވިސްނައިދެވޭތޯ ޒަރޫން މަސައްކަތް ކުރިއެވެ. ކަޝަފަކީ ވަރަށް ތަފާތު ކުއްޖެކެވެ. ކުޑައިރުއްސުރެ ފެށިގެން އަމިއްލަޔަށް މަސައްކަތް ކޮށްގެން ، އަމިއްލަޔަށް ހޯދާ އެއްޗަކުން ، ލިބޭ މިންވަރުން ބޭނުންތައް ފުއްދާލައިގެން އުޅޭ މީހެކެވެ. މީހުން އަތުން ލާރި ހޯދާކަށް ނުވިސްނާނެއެވެ. މިހާތަނަށްވެސް ، ޒަރޫން ދޭ ލާރިކޮޅުވެސް ކަޝަފްގެ އަތަށް ލައިދޭން ޖެހެނީ ގަދަކަމުންނެވެ. އަބަދުވެސް އެ ފައިސާގެ ބޭނުން ނުޖެހޭކަމުގައި ބުނާނެއެވެ. ހުރިހާކަމެއްވެސް ކުރަން ބޭނުންވާނީ އަމިއްލަޔަށެވެ. މިއަދު ، ކަޝަފް ، ޒަރޫންމެންގެއިން ނުކުމެގެން އެދިޔައީ ވަރަށް ހިތުގައި ޖެހިގެންނެވެ. އެގޭގައި ހުރިއިރު ، ލޮލަށް ޖަމާވި ކަރުނަތައް ހިތްވަރުކޮށްލާފައި ބޭރުކޮށް ނުލިޔަސް ، ގެޔަށްގޮސް ކަޝަފް ރޯނެކަން ޒަރޫންއަށް އެނގެއެވެ. އެހުރިހާ ކަމެއްގެ ހިތިރަހަ ލާނީ ޒަރޫންގެ ކަރުބުޑުގައިކަން ޒަރޫންއަށް އެނގެއެވެ.
ކަޝަފް އެގެއިން އެދުވަހު ނުކުމެގެންދިޔައިރު ، ކަމެއްވީހެންވެސް ހީނުވެއެވެ. ޣަޒާލާއަށްވެސް ދެއްކީ ހިނި މޫނެކެވެ. އެކަމާ ޣަޒާލާވެސް އިނީ ޙައިރާންވެފައެވެ. މަންމައަށް ތިފެނުނީ ، ކަޝަފްގެ ތަރުބިއްޔަތުގައިވާ ރީތި ސިފަކަމުގައި ޒަރޫން ބުނެއެވެ. ޣަޒާލާއަށް އޭނާ އިޙްތިރާމްކޮށް ޤަދަރު ކުރެއެވެ. ކަޝަފްގެ ފަރާތުން މަންމަ ހިތްހަމަނުޖެހޭނެކަމެއް ނުފެންނާނެއެވެ.
" މަންމަ މިއަދު ތިދެއްކި ވާހަކައިން ހިތްދަތިވެގެން ގޮސް ، ކަޝަފް ރޯނީ އޭނާގެ މަންމަ ގާތުގައެވެ. އެކަން އަހަރެންނަށް ހަމަ ޔަޤީނެވެ. އަހަރެންނަކަށް ހަދާނެގޮތެއް ނޭނގެއެވެ. " ޒަރޫން ބުންޏެވެ.
------------------------
ކަޝަފް އޭނާގެ މަސައްކަތަށް ބަދީންއަށް ހިނގައްޖެއެވެ. ހަވީރުގެ ވަގުތުގައި ގޯތިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާ އެހުރީ ދިރިއުޅުމުގައި އަލަށް ކުރިމަތިވަމުން އެއަންނަ ކަންކަމާވިސްނުމުގައި އެޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައެވެ. ގޮނޑީގައި އިށީނދެލައި ޑައިރީ ނަގާ ލިޔަން ފެށިއެވެ.
ދަރަޖަކުރުމާއި ދަރަޖައިގެ ތަފާތު މިއީ ދިރިއުޅުމުގެ ޙާލަތު ބަޔާންކޮށްދޭ ތަރާދެވެ. އެއީ ހާދަބޮޑު ތަފާތެއް އޮންނަ ކަމެކެވެ. ދެބައިމީހުންނަކީވެސް ހަމަ އިންސާނުންނެވެ. ﷲ ދެއްވި ނިޢުމަތުން ދަރަޖަ ތަފާތުވެފައި އޮންނަނީއެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ދަރަޖައިގެ ތަފާތުގެ އަޑުތައް މުނިޔާ ގޮވިޔަސް ތަފާތެއް ނުވާނެއެވެ. ދެބައިމީހުންގެ ވިސްނުން އެއްގޮތެއް ނުވާނެއެވެ. ދެރަ ނިކަމެތިންނަށް ދެރަ ގޮތެވެ. ބޮޑެތި މުއްސަނދިންނަށް މޮޅުގޮތެވެ. އެއީ ދުނިޔޭގެ އާދައެވެ. އެހިސާބަށްވެސް ތަކުލީފުތައް ފޯރައިފިއެވެ. އެތާކު ދިރުމެއްހުރި އެއްވެސް އުއްމީދެއް ނެތެވެ. ކަށިތަކުން ފުރިގެންވާ ރީތި މާކޯޅިތަކެވެ. އެކަމަކު އެތަނެއް އެކަކަށްވެސް ނުފެނެއެވެ. އަހަރެންނަށް ހީވާގޮތުގައި ޒަރޫންގެ މަންމަގެ ވިސްނުން ބަދަލުކުރުމަށް ކުރަން ޖެހޭނީ ހަނގުރާމައެކެވެ. އެއީ މިނިވަންކަން އިންތިހާއަށް ބޭނުންވާ މީހެކެވެ. އެއީ ކޮންކަހަލަ މިނިވަންކަމެއް ހެއްޔެވެ ؟ އެމިނިވަންކަމުގެ ހިޔަލުގައި އުޅެބޮޑުވި ސާރާގެ ކައިވެނި ރޫޅިގެން އެދިޔައީ ދާދި މިދާކަށް ދުވަހުއެވެ. އެއީ ، އެމަންމަގެ ވިސްނުމާއި ފިކުރުން އުފެއްދި ތަރުބިއްޔަތެއްގެ އަސަރާއެކު ، އެމަންމަ ދެއްކި މަގުން ހިނގުމުގެ ހިތި ނަތީޖާއެވެ. އަހަރެންނަކީ އެންމެ ދެރަ ނިކަމެތިންގެ ދަރަޖައިގެ މީހެކެވެ. އެކަމަކު ވަގެއް ނޫނެވެ. އަދި އެހެން އެކަކަށްވެސް ބަރޯސާ ވެގެން އުޅެން ބޭނުންވާ މީހެއް ނޫނެވެ. އުއްމީދުތައް ޙާޞިލްކުރާނީ އަމިއްލަ މަސައްކަތުންނެވެ. އެހެން މީހުންގެ ތައްޕާހަކުން ނޫނެވެ. ކަޝަފް އެޚިޔާލުތަކަށް ގެއްލިފައި އިންދާ ޒަރޫން ފޯނު ކުރިއެވެ.
ކަޝަފް ހިތްހަމަ ނުޖެހިގެން ދިޔަފަހުން ، ޒަރޫން އިހުނަށްވުރެބޮޑަށް ކަޝަފަށް އަޅައިލައެވެ. ޒަރޯން ފޯނުކުރީ ، ކަޝަފަށް ބަދީންއަށް ދެވުނުތޯ ބަލައިލުމަށެވެ. ކަޝަފްވެސް މިހާރު ހުރީ ހަމަޖެހިފައެވެ. ޒަރޫން އާ ރީތިކޮށް ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާއަށް އާދެވުނުކަމުގައި ބުންޏެވެ. އެންމެ ފަހު ދުވަސްކޮޅު ، އެތަނުގައި ހަމަޖެހިލައިގެން އުޅުމަށް ޒަރޫން ބުންޏެވެ.
ޒަރޫން އެބުނިވާހަކައެއް ކަޝަފަށް ދޭހައެއް ނުވިއެވެ. ކަޝަފް އިސްލާމްއާބާދަށް ބަދަލު ކުރެވުނުކަން ޒަރޫންއަށް އެނގުނީ އޮފީހަށް ދިޔަތަނުންނެވެ. އެހާ އަވަހަށް އެކަން ހަމަޖެހުނީމާ ކަޝަފްހުރީ އަޖައިބު ވެފައެވެ. ޒަރޫން އެބުނި ވާހަކައެއް ކަޝަފަށް ޤަބޫލެއް ނުކުރެވުނެވެ. ކަޝަފް ހީކުރީ ޒަރޫން ސަމާސާ ކުރަނީ ކަމަށެވެ. ކަޝަފަށް އަދި އޮފީހަކުން އެކަމެއް ނުއަންގައެވެ. ޒަރޫންގާތުގައި އެވާހަކަ ބުނީ އޭނާގެ ރައްޓެއްސެކެވެ. ރަސްމީގޮތުން އެނގުނީކީ ނޫނެވެ.
އިސްލާމްއާބާދަށް ބަދަލުވެވޭތީ ކަޝަފްހުރީ އުފަލުންނެވެ. ހަމަ އެއާއެކު އޭނާއަށް ޙައިރާންކަންވެސް ލިބުނެވެ. ލިބިފައިހުރި ޙައިރާންކަން ކަނޑުވާލާފައި ފޮށްޓަށް އެއްޗެހި އަޅައި ތައްޔާރުވުމަށް ކަޝަފްގާތު ބުނެ ޒަރޫން ސަމާސާކޮށްލިއެވެ.
------------------------
ޒަރޫން ކޮންމެވެސް ކަމެއްގައި ބޭރަށް ނުކުމެ އުޅެނިކޮށް ، އަސްމަރާއާ ދިމާވިއެވެ. ޒަރޫން ކާރަށް އަރަ އަރާ ހުއްޓާ އަސްމަރާ އެހެން ލައިފާ ދަމުން ، ކާރު މަޑުކޮށްލުވާފައި ފައިބައިގެން އައިސް ޒަރޫންއަށް ސަލާން ގޮވައިލިއެވެ. ޒަރޫން އާ ދިމާވުމަކީ އަސްމަރާއަށް ލިބުނު ޙައިރާންކަމެއްގެ ގޮތުގައި އަސްމަރާ ސިފަކުރިއެވެ. ޒަރޫންވެސް އަސްމަރާގެ ޙާލުއަޙުވާލު އޮޅުންފިލުވިއެވެ. ޒަރޫންގެ މޫނުމަތިން ފައުޅުވަމުން ދަނީ ނުތަނަވަސް ކަމެވެ. އަސްމަރާ ޒަރޫންގެ ސުއާލަށް ޖަވާބުނުދީ މިހިރީ ފެންނާންނޫންހޭ ނޫން އެހެން އެއްޗެއް ނުބުނެއެވެ.
ޒަރޫން ހުރީ އެދެމީހުންގެ އެންމެ ފަހުގެ ބައްދަލުވުމަށްފަހު ، އަސްމަރާއާ ވާހަކަ ދެއްކުމާއި ބައްދަލުވުން ހުއްޓާލައިގެންނެވެ. ޒަރޫން އަދިވެސް ހުރީ އޭނާދެކެ ރުޅިއައިސްފައި ކަމަށް އަސްމަރާ ޤަބޫލު ކުރެއެވެ. ޒަރޫން ނޫނެކޭބުނެ ، އޭނާ ހުރީ އަސްމަރާދެކެރުޅިއައިސްފައި ނޫންކަން ހާމަކުރިއެވެ. އެއީ ، ކައިވެނީގެ ފަހުން ޒަރޫންއާއި އަސްމަރާއާ ދިމާވި ފުރަތަމަ ފަހަރެވެ. އަސްމަރާ ޒަރޫންއަށް މަރުޙަބާ ކިޔެވެ. ޒަރޫންގެ ކައިވެނީގެ މަރުޙަބާއެވެ. ކަޝަފް ކަހަލަ ކުއްޖަކާ ޒަރޫން އިނދެފާނެކަމަށް އަސްމަރާ ހިޔެއް ނުކުރެއެވެ. އަސްމަރާ ހުރީ އެކަމާ އަދިވެސް ޙައިރާން ވެފައެވެ. އަސްމަރާގެ އެ ޝުޢޫރު އެވަގުތުވެސް ޒަރޫންއާ ޙިއްޞާ ކުރިއެވެ. އަސްމަރާގެ ފިރިމީހާ ކޮބައިތޯ އާއި އޭނާގެ ޙާލުގެ ވާހަކައިން ޒަރޫން ސުއާލު ކުރިއެވެ.
އަސްމަރާ ދެއްކި ވާހަކަޔަށް ޒަރޫން ސީދާ ޖަވާބެއް ނުދެއެވެ. އެހެންކަމުން ، އެއީ އަސްމަރާކުރި ސުއާލުގެ ޖަވާބު ނޫންކަން އަސްމަރާ ހަނދާން ކޮށްދިނެވެ. އެއަކަށްވެސް ޒަރޫން ސީދާ ޖަވާބެއް ނުދެއެވެ. ކޮފީއެއް ބޯލަން ތަނަކަށް ޖައްސައިލަމާހޭ އަސްމަރާ ބުންޏެވެ. އެކަމަކު ، ވަރަށް ދަތި ވަގުތެކޭ ބުނެ އެކަމުން ޒަރޫން މަނާވެގަތެވެ. އަދި ކޮންމެވެސް އެހެން ފަހަރަކުން ދޯއޭ ބުންޏެވެ. އަދި އިތުރަށް މަޑުނުކޮށް ކާރަށް އަރައި ޒަރޫން ކާރު ދުއްވައިލިއެވެ. ކާރަށް އެރިއިރުވެސް ޒަރޫންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރެއް ނުފިލައެވެ. އެއްއިރެއްގައި އެއީ އެންމެ ގާތް ދެރަޙުމަތްތެރިންނެވެ. ކުޑައިރުއްސުރެ ފެށިގެންނެވެ. އަދި އޭގެފަހުން އެމީހުން ކައިވެނިކުރަން ނިންމައި އެންގޭޖްވެސް ވިއެވެ. އެހާ ގިނަދުވަސްކޮށްފައި އަސްމަރާއާ ދިމާވުމުންވެސް ، އޭނާގެ މިޒާޖު ބަދަލުކޮށްލައި ، އަސްމަރާއަށް ހިނިމޫނެއް ނުދެއްކުނެވެ. އެހާ ހަމަނުޖެހޭ ގޮތަކަށް ، އަސްމަރާ އެތަނަށް ދޫކޮށްލާފައި ޒަރޫން ދިއުމުން ، އަސްމަރާހުރީ ކަން ބޮޑުވެފައެވެ. އިރުކޮޅަކު އެތާ ހުރުމަށްފަހު އަސްމަރާވެސް ކާރަށް އަރައި ދުއްވައިލިއެވެ.
ކާރު ދުއްވަމުންދިޔައިރުވެސް ޒަރޫންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރެއް ނުފިލައެވެ. އޭނާއިނީ ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. އޭނާގެ ޚިޔާލަށް އައީ އަސްމަރާއާއި އޭނާގެ އެންމެ ފަހުގެ ބައްދަލުވުމެވެ. ޒަރޫންއާ ދިމާއަށް އަސްމަރާގޮވި އެއްޗިއްސެވެ. އެކަމާ ހިތްހަމަނުޖެހިގެން ، އެންގޭޖްމަންޓް ރޫޅާލައި ޒަރޫން ، އަސްމަރާއާއި ވަކިވެގަތް ބައްދަލުވުމެވެ. އޭގެފަހުން އޭނާ އަސްމަރާއަކާ ފޯނުންވެސް ވާހަކައެއް ނުދައްކައެވެ. އަދި އޮޅިގެންވެސް ދެމީހުން ބައްދަލުވެފައެއް ނުވެއެވެ.
އެއީ އެދެމީހުންގެ އެންމެފަހުގެ ބައްދަލުވުމެވެ. އެދެ ރަޙުމަތްތެރިންގެ ގުޅުން ކެނޑިގެންދިޔަ ދުވަހެވެ. އަސްމަރާގެ އަތް މަޑުމަޑުން ޒަރޫންގެ އަތާދިމާއަށް ދިޔައެވެ. އެހެނަސް އެއަތް ހުއްޓުނެވެ. ޒަރޫންގެ އަތުގައި ލޯތްބާއެކު ބީހިލުމަށް ހިއްލައިލެވުނު އަސްމަރާ އަތް ހުއްޓުވީ ، ޒަރޫންގެ ފަރާތުން ލޯބީގެ ނަމުގައި އޭނާއަށް ލިބުނު ހިތްދަތިކަމެވެ.
" އަހަރެމެން ދެމީހުންނަށް އެކުގައި ދެން އުޅެވޭނެކަމަކަށް އަހަރެންނަކަށް ނުފެނެއެވެ. " ޒަރޫންއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ ، ހިތްދަތި ކަމާއެކު އަސްމަރާ ބުންޏެވެ. ޒަރޫން އިނީ ބަސްހުއްޓިފައެވެ. ވާހަކަ ދައްކަމުން ގެންދިޔައީ އަސްމަރާއެވެ.
" ޒަރޫންއަކީ ކާކުކަން ދެނެގަތުމުގައި އަހަރެންނަށް މަގު އޮޅުނީއެވެ. ޒަރޫންއަކީ އަހަރެންގެ ކުޑައިރުގެ ރަޙުމަތްތެރިޔެކެވެ. ސްކޫލުން ފެށިގެން ، ކޮލެޖުން ގޮސް ޔުނިވަރސިޓީ ނިމެންދެން ދެމީހުން އުޅުނީ އެކުގައެވެ. އެވަރުންވެސް އަހަރެންނަކަށް ތިއީ ކާކުކަމެއް ނޭނގުނެވެ. އެންމެ ފުރަތަމަ ފަހަރަށް ޒަރޫންއަކީ ކާކުކަން އަހަރެންނަށް ސާފު ވެއްޖެއެވެ. ޒަރޫންއަށް ، ޙަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި އަނތްބެއް ބޭނުމެއް ނުވެއެވެ. ޒަރޫންއަށް ބޭނުންވަނީ ޕަޕެޓެކެވެ. ޗުއްޕުވެސް ނުބުނެ ، ބުނިހާގޮތެއް ހަދައިގެން ބުދެއްހެން ގޭގައި އިންނާނެ އަންހެނެކެވެ. އަހަރެމެން ދެމީހުން އެންގޭޖް ވީފަހުން ، ޒަރޫންގެ ޢަމަލުތައް ހުރިގޮތުން އަހަރެން އުޅުނު ޙާލު ، ޒަރޫންއަށް އިޙްސާސްވެސް ކޮށް ނުލެވޭނެއެވެ. އެއީ އަހަރެންގެ މުޅި ޙަޔާތުގެ އެންމެ ހިތްދަތި އެންމެ ތަކުލީފު ބޮޑު ދުވަސްކޮޅެވެ. އަހަރެންނަށް ކުރެވުނު ހުރިހާ ކަމަކަށް ، ބުނެވުނު ހުރިހާ ބަހަކަށް ޒަރޫން ކުރީ އިޢުތިރާޒެވެ. ދެކޮޅު ހެދުމެވެ. އަހަރެންގެ ތަޞައްވުރަށް ، ވާހަކަ ދައްކާގޮތަށް އަދި އަޅާހެދުމަށް ގޮތްކިޔައި ހަޖޫޖަހަމުން ގެންދިޔައީ މަލާމާތް ކުރަމުންނެވެ. އެކަންކަންކުރަން ޒަރޫންއަށް ކެރުނީ ކޮންވިސްނުމެއްގައި ހެއްޔެވެ ؟ އަހަރެންގެ އެއްވެސް އަގެއް ނެތެވެ. އެހެންވީމާ ، ދެން އިތުރަށް އަހަރެން އެކަންކަމުގައި ތާށިވެގެން ހުންނާކަށް ބޭނުމެއް ނޫނެވެ. އަހަރެންނަކަށް ދެން ، އިތުރަށް ކެތެއް ނުކުރެވޭނެއެވެ. " އަސްމަރާގެ ވާހަކަތަކަށް ދޭނެޖަވާބެއް ޒަރޫން އަކަށް ނެތެވެ. އަސްމަރާ ތެދުވެގެން ދިޔައިރުވެސް ޒަރޫން ގަބުވެފައި އިނެވެ.
(ނުނިމޭ)
vvv.reethi