ދުންޔާ، ނަޝީދަށް: ސަރުކާރެއް ހިންގޭނީ ހިންގުމުގެ ގާބިލުކަން ހުރި މީހުންނަށް!

ހަރުގޭގަ ހަރުއަޑުން މީހުންނަށް އެއްޗެހި ގޮވަން އެގުނަކަސް ސަރުކާރެއް ނުހިންގޭނެ ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން މިފަދައިން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ކަމަށް ބެލެވޭ މި ޓްވީޓުގައި ދުންޔާ ވިދާޅުވެފައިވަނީ ސިޔާސީ މަގާމު އުފައްދައިގެން މީހުންގެ ތާއީދު ހޯދަން ފެއްޓެވީ 2009 ގަ މަނިކުފާނު ކަމަށެވެ. އަދި ސަރުކާރެއް ހިންގޭނީ ހިންގުމުގެ ގާބިލުކަން ހުރި މީހުންނަށް ކަމަށެވެ.

މީގެ އިތުރުން ހަރުގޭގަ ހަރުއަޑުން މީހުންނަށް އެއްޗެހި ގޮވަން އެގުނަކަސް ސަރުކާރެއް ނުހިންގޭނެކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ދުންޔާ ވިދާޅުވީ އެމްއެންޕީ ސަރުކާރެއް ހިންގާނީ ޕްރޮފެޝަނަލް މީހުން ކަމަށެވެ.

ދުންޔާގެ މިފަދަ ބަސްތަކެއް ރައީސް ނަޝީދަށް އަމާޒު ކުރައްވާފައިވާއިރު، މިފަހަކަށް އައިސް ދުންޔާ ގެންދަވަނީ ސިޔާސީގޮތުން ގިނަ ވާހަކަތަކެއް ދައްކަވަމުން ނެވެ. ޚާއްސަކޮށް އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީގެ ޚާރިޖީ ސިޔާސަތު ވަނީ މީގެ ކުރިން ވެސް ބަޔާންކޮށްދެއްވާފަ އެވެ.

އެގޮތުން އެމްއެންޕީ ގެ ވެރިކަމެއްގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުވާނީ ދިވެހިންގެ ތަނަވަސްކަން އިތުރުކޮށްދޭ ސިޔާސަތަކަށް ކަމަށް ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި ޚާރިޖީ ސިޔާސަތު ވާނީ ދުނިޔޭގައި ރާއްޖެއަކީ ގަދަރުވެރި، އެހެންގައުމުތަކުގެ އިހްތިރާމު ލިބިގެންވާ ގައުމަކަށް ހެދުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ދިވެހިންގެ ތަނަވަސްކަން އިތުރުކުރުމަށް ބޭރުދުނިޔެއަށް ފުރުސަތުތައް ފަހިކޮށްދޭ ސިޔާސަތަކަށް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.