ދެކަފި - 65

(19 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝެހްނީލާގެ ކައިވެނި ކަށަވަރުވެއްޖެކަމުގައި މުޅި އެހިސާބުގައި ވާހަކަ ދެކެވެމުން އެބަދެއެވެ. އެވާހަކަ ދެއްކީ ނިޤާރެވެ. އެކަން ރާފިޢާއަށް އެނގެނީ ، އޭނާގެ ރައްޓެއްސެއް ގެޔަށް އައިސް އެވާހަކަ ދެއްކުމުންނެވެ. އެކަމަކު އެކަން އަދި މުޅިން ހަމައެއް ނުޖެހެއެވެ. ނިޤާރު އެ ފަތުރަނީ ދޮގު ޚަބަރެކެވެ. އެއީ އަބަދުވެސް ނިޤާރުގެ ވައްތަރެވެ. ނިޤާރު ދޮގުހަދައިގެން ވާހަކަ ދައްކަނީ ހަމައެކަނި ޝެހްނީލާއާ ބެހޭގޮތުން އެކަންޏެއް ނޫނެވެ. ކަޝަފާ ބެހޭގޮތުން ވަރަށް ފާޑުފާޑުގެ ވާހަކަ ނިޤާރު އަންނަނީ ދައްކަމުންނެވެ. ކަޝަފް މީހަކާ ނުދެވަން ރާފިޢާ އެހުންނަނީ ގޭގެ ޚަރަދުތައް ބަލަހައްޓާނެ ގޮތެއް ހަމަޖައްސަން ވެގެންނޯލައެވެ. މީހަކާ އިނދެގެން ކަޝަފް ހިނގައްޖެއްޔާ ކަޝަފަށް ލިބޭ އެއްޗެއް ރާފިޢާ ބޭނުންކުރަން ނުލިބޭނެތީކަމުގައިވެސް ބުނެއެވެ. ނިޤާރަކީ ވަރަށް ދޮގުވާހަކަ ދައްކާ މީހެކެވެ. ދައްކާފަ ނުދައްކާނެ ވާހަކައެއް ނޭނގޭނެއެވެ. އެ ހުރިހާ ވާހަކައެއްގެ އަޑުއަހަން ދުރުގައި މަޑުކޮށްލައިގެން ކަޝަފް ހުއްޓެވެ. ރާފިޢާ ހުއްޓައި ނުލައި ދުޢާކުރަމުން އެގެންދަނީ ، ކަޝަފްގެ ކައިވެންޏަށް ރަނގަޅު ޢާއިލާއަކުން އެދޭނެ ވަގުތަކަށެވެ. އޭނާގެ ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެ ދުވަހަކަށެވެ. އެކަމަކު ރާފިޢާ ދައްކާ ވާހަކައަކީ އެހެރީއެވެ. ދޮގު ހެދިޔަސް އެއީ ތަންފުކެއް ބޮޑު ވަރެކެވެ.

ރާފިޢާ ރޮމުން ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާގެ ދަރިން މީހުނާ ނުދެވައި ގޭގާއި ހިފަހައްޓައިގެން އުޅެން ބޭނުންވާނީ ކޮން މަންމައެއް ހެއްޔެވެ ؟

މަންމަ ދެރަވެފައި އިންތަން ފެނިފައި ކަޝަފަށް ވަރަށް އަސަރު ކުރިއެވެ. އެއީ އޭނާ ދުވަހަކުވެސް އެދޭނެ ކަމެއް ނޫނެވެ. ކަޝަފް މަޑުމަޑުން އައިސް މަންމައާ ގާތަށް ޖެހިލިއެވެ.  އެހުރިހާ ވާހަކައެއް ދެއްކިއިރު ޖަވާބުނުދީ އަޑުއަހަން އިނީ ކީއްތޯ ކަޝަފް އޭނާގެ މަންމައާ ސުއާލު ކުރިއެވެ. އެސުއާލުތަކަށް ރާފިޢާ ދޭނެ ޖަވާބެއް ނެތެވެ. ކަޝަފް މީހަކާ އިނުމާއި ނުއިނުމަކީ ، ކަޝަފްގެ އިޚްތިޔާރުގައިވާ ކަމެކެވެ. އެކަމަކާ ބައްޕަގެ އަންހެނުންނާ ކޮން ވާ ބެހޭކަމެއް ހެއްޔެވެ ؟ އެކަހަލަ މީހުންގެ އަނގަޔަކު ނުހިފެހެއްޓޭނެއެވެ. ވާހަކައެއް ދައްކަން ވެއްޖިއްޔާ ކޮންމެފަދަ ދޮގެއްވެސް ހަދައިފާނެއެވެ.

ރާފިޢާ އެތައްފަހަރަކު ، ކައިވެންޏަކާބެހޭގޮތުން ކަޝަފާ ވާހަކަ ދައްކައިފިއެވެ. އެކަމަކު ، މަންމަގެ ތަކުލީފުތައް ކަޝަފަށް ވިސްނޭގޮތެއް ނުވެއެވެ. ރާފިޢާ ގެ އެ ވާހަކައިން ކަޝަފް ވަރަށް ދެރަވިއެވެ. އަދި މަންމަގެ ކަންބޮޑުވުމާމެދު އޭނާ ވިސްނާކަމުގައި ބުންޏެވެ. އެކަމަކު ކައިވެންޏެއްކުރަން ކަޝަފްގެ ހިތްނޭދޭއިރު އޭނާކުރާނީ ކީއް ހެއްޔެވެ ؟

" ކަޝަފް އެއްވެސްކަމެއް ކުރާނެކަމެއް ނެތެވެ. މަންމަޔާ ދިމާއަށް މީހުން ފާޑުފާޑުގެ ވާހަކަ ދައްކައި މަންމަގެ އަގުވައްޓާލަން ދޫކޮށްލައިގެން ހުންނާށެވެ ! " މަންމަގެ ވާހަކަތަކުން ކަޝަފަށް ކުރިއަސަރު ޚުދު އޭނާއަށްވެސް ނޭނގެއެވެ. ރާފިޢާއަށްވެސް ބުނާނެ އެއްޗެއް ނޭނގިހުރެ ، އޭނާ ބުނަން ބޭނުންނުވާ އެތައް ވާހަކައެއް ކަޝަފާ ދިމާއަށް ބުނެވިއްޖެއެވެ.

މަންމަ ، ދުވަހަކުވެސް އެކަހަލަ ވާހަކައެއް ބުނާއަޑު ކަޝަފަށް އިވިފައެއް ނުވެއެވެ. މަންމަ އަބަދުވެސް ދެނީ ކަޝަފްމެން ކުރަން ބޭނުންވާ ކަންކަމަށް ހިތްވަރެވެ. ކަޝަފްމެންގެ ހުރިހާވެސް ހިތްވަރަކީ މަންމައެވެ. އެކަމަކު އެމަންމަ މިއަދު އެވަނީ ، ކަޝަފް އާހުރެ ކަންބޮޑުވެފައެވެ. މަންމަޔާ ދިމާއަށް މީހުން އެއްޗެހި އެކިޔަނީ ކަޝަފްމެންނާ ހުރެއެވެ.  އެއްވެސް ޙައްޤެއް ނެތި ، އެމަންމައާ ދިމާއަށް މީހުން ހިތުހުރިއެއްޗެއް ކިޔުމަކީ ކަޝަފަށް ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ.

------------------------

" އަބްރާރް ، އެކުއްޖާއަށް ވަރަށް ތަޢުރީފް ކުރެއެވެ. ޔުނިވަރސިޓީގެ ދުވަސްވަރުއްސުރެ އެކުއްޖާ ވަރަށް  ރަނގަޅަށް ދަންނަ ކަމުގައި އަބްރާރް ބުންޏެވެ. ވަރަށް ޚުލްޤު ރަނގަޅު މޮޅު ކުއްޖެކެވެ. ކިޔެވުމަށްވެސް އެހާ ރަނގަޅެވެ. " ޖުނައިދު އޭނާގެ އަންހެނުންނާ މުޚާތަބުކޮށް ބުންޏެވެ.

ޖުނައިދުގެ ވާހަކައިން ޣަޒާލާއަކަށް މާބޮޑު އަސަރެއް ނުކުރިއެވެ. ޣަޒާލާގެ ވިސްނުމުގައި ޔުނިވަރސިޓީގައި އުޅެންޖެހޭނީ ވަކި ހަމަތަކަކަށް ތަބާވެގެންނެވެ. ކުދިންގެ އަސްލު ސިފައެއް ނުފެންނާނެއެވެ. ނުވެސް ދެއްކޭނެއެވެ. މީހުންގެ ގޮތާއިފޮތް ބަލަން ސާޅީސް ، ފަންސާސް އަހަރު ބޭނުމެއް ނުވާނެއެވެ. އަބްރާރަކީ ޣަޒާލާ ރަނގަޅަށް ދަންނަ މީހެކެވެ. އަބްރާރް ހައްލައިލުމަކީ ޒަރޫންއަށް އެންމެ ފަސްމިނިޓްގެ ކަމެކެވެ. ޒަރޫން އެދޭ އެއްވެސްކަމެއް ކޮށްނުދީ ، އަބްރާރް ދޫކޮށެއް ނުލާނެއެވެ. ޖުނައިދުގެ ވިސްނުމުގައި ޣަޒާލާއަށް އެކަން އެ ނެގެނީ ގޯސްކޮށްނެވެ. އެއްވެސް އަންހެން ކުއްޖަކަށް ، ރަނގަޅަށް ވިސްނައިނުލާ އަބްރާރް ތަޢުރީފެއް ނުކުރާނެއެވެ. ޚާއްޞަކޮށް ޒަރޫންއަށްޓަކައި އިޚްތިޔާރު ކުރެވޭ އަންހެން ކުއްޖަކަށް ، ރަނގަޅަށް ވިސްނާފައިނޫނީ ، އަބްރާރް ތަޢުރީފެއް ނުކުރާނެއެވެ. އަބްރާރަކީ ، ޒަރޫންއަށް ހެޔޮއެދޭ އޭނާގެ ބަފައެއްފަދަ މީހެކެވެ. ޖުނައިދުގެ ވިސްނުން ކިތަންމެ ރަނގަޅަށް ހުއްޓަސް ، ޣަޒާލާ ހުރީ އެކަންކަން ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. ރުހުމުގެ ލޮލަށް އައިބު ނުފެންނަ ފަދައިން ، ނުރުހުމުގެ ލޮލަށް އަބަދުވެސް ފެންނާނީ އައިބެވެ. ކަޝަފްގެ މައްސަލައިގާ ޣަޒާލާގެ ހިތް ސާފުކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ.

ކައިވެންޏަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. މީހާގެ މުޅި ދިރިއުޅުމާ ގުޅިފައި އޮންނަ ކަމެކެވެ. އަބްރާރް ގާތު ބުނެގެން ޒަރޫންއަށް ރަނގަޅުގޮތް ވިސްނައިދިނުމަށް ޣަޒާލާ ނަސޭހަތްތެރި ވެއެވެ. ކައިވެންޏަކާ ބެހޭގޮތުން ޣަޒާލާދޭ އެއްވެސް ލަފައެއް ޖުނައިދު ދެން ބޭނުމެއް ނުކުރާނެއެވެ. ޣަޒާލާއަށް ކިތަންމެ ތަނެއް ފެނި ، ދިރިއުޅުމުގެ ކިތަންމެ ގިނަ ތަޖުރިބާއެއް ލިބިފައި ހުއްޓަސް ، އެހުރިހާ ކަމަކަށް ނޫނެކޭ ބުނަން ސާރާގެ ކައިވެނި ރޫޅިގެންދިޔަ ގޮތް ފުދެއެވެ.

އިންސާނުންނަކީ ، އެމީހުންގެ ދަރިން ނުރަނގަޅު މަގުން ސީދާކޮށް މަގުދައްކާ ބަޔެކެވެ. ޣަޒާލާ ކުރަމުން އެގެންދަނީ އެކަމެވެ. އެކައިވެނިން ޒަރޫން ސަލާމަތް ކުރުމަށްޓަކައި ޣަޒާލާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ސާރާގެ ދިރިއުޅުމުން ޣަޒާލާއަކަށް ފިލާވަޅެއް ނުލިބެއެވެ. ސާރާ ޢަމަލުކުރަމުން ގެންދިޔައީ ، ޣަޒާލާގެ ވިސްނުމަށް ، ޣަޒާލާ ލަފާދެމުން ގެންދިޔަ ގޮތަށެވެ. ސާރާ މިއަދު އެހުރީ ، އޭނާގެ ޙަޔާތަށް މަންމަގެ ފަރާތުން ލިބުނު ތަރުބިއްޔަތާއި ލަފާ އޭނާގެ ދަރިން ބަލައި ބޮޑުކުރުމުގައި ބޭނުން ނުކުރަން ނިންމައިގެންނެވެ. އެއީ ސާރާއަށް ކުރެވުނު ހިތި ތަޖުރިބާ އެކެވެ.

ޖުނައިދުވެސް އެކަމުގައި ޣަޒާލާއަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ޒަރޫން އަކީ ކައިވެނީގެ ކަންކަމުގައި ވިސްނައިގެން ފިޔަވަޅުއަޅާ ކުއްޖެކެވެ. ސާރާގެ ވަރީގެ މައްސަލައިގާވެސް ޒަރޫން އޭނާގެ ރަޢުޔަށް ސާބިތުވެ ހުއްޓެވެ. ޖުނައިދު ކުރި އެއްވެސް މަސައްކަތެއްވެސް ކާމިޔާބެއް ނުވިއެވެ. މޮޅުވީ ޣާޒާލާގެ ކޮޅެވެ. ސުމެއްގެ ނަތީޖާއަކުންނެވެ. އެހެންވީމާ ޖުނައިދު މިހާރު ހުރީ ޒަރޫން އެނިންމި ނިންމުމަށް ވާގިދީގެންނެވެ. އެކަމަށް ޖުނައިދަށް ހިތްވަރު ލިބުނީ ، އޭނާގެ އެކުވެރި އަބްރާރް އެކުއްޖާއާ ބެހޭގޮތުން ދެއްކި ވާހަކައިންނެވެ. ޒަރޫން އިންނަން އެއުޅެނީކީ ރަނޑާލި އަންހެނަކާ ނޫނެވެ. އެކުއްޖާގައި ރަނގަޅު ކަންތައްތަކެއް ނެތްނަމަ ، އެހާވަރުން އެކުއްޖާއާ އިންނާކަށް ޒަރޫންއެއް ނޫޅޭނެއެވެ. ޖުނައިދުގެ އެވާހަކަތަކުން ޣަޒާލާގެ ސިކުނޑިއަށް ވީ އުނދަގުލެވެ. ޣަޒާލާގެ ކޮޅަށް އެއްވެސް ވަރަކަށް ޖުނައިދު ނުޖެހުނީތީއެވެ. ޣަޒާލާއަށް ، އެކަންކަން ވިސްނައި ދޭން އުޅުމުގެ ބަދަލުގައި ޣާޒާލާ ބޭނުންވަނީ ޖުނައިދު އޭނާގެ ދަރިފުޅު ޒަރޫންއަށް އެއީ ރަނގަޅުކަމެއް ނޫންކަމަށް ވިސްނައި ދިނުމަށެވެ.

ރަނގަޅުކަމަށް ފެންނަ ކަމެއް ގޯސްކަމެއްގެ ގޮތުގައި ސިފަކޮށް ހިތާދެކޮޅަށް ވާހަކަ ދައްކާކަށް ޖުނައިދަކަށް ނޭނގުނެވެ. ދަރިންނަށް ރަނގަޅާއި ނުބައި ވަކިކޮށް ދިނުމަކީ މައިން ބަފައިންގެ ކަމެކެވެ. އެކަމަކު އެކަމެއް ނުކުރުމަށް އަދި ކުރުމަށްވެސް ، ބޮޑެތިވެފައިތިބި ކުދިންނަށް މަޖުބޫރު ކުރުމަކީ މައިންބަފައިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެމީހުންގެ ދިރިއުޅުމެވެ. އެމީހުންގެ ދިރިއުޅުމުގައި އެކުގައި އުޅޭނެ މީހުންނާއި އެކުދިން ކުރާނެ މަސައްކަތް އެއީ މައިންބަފައިންނަށް ބާރުފޯރުވޭނެ ކަންކަމެއް ނޫނެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް ، ވަކިގޮތަކަށް ނިންމައިގެން ހުއްޓާ ، ޣަޒާލާއަށް އެއްޗެއް ވިސްނައިދިނުމަކީ ނުކުރެވޭނެ ކަމެކެވެ. ދިރިއުޅުމުގެ މިހާތަނަށް ޖުނައިދަށް އެއީ ކުރެވިފައި އޮތްކަމެއް ނޫނެވެ. އެހެންކަމުން ، ބާލީސް ރަނގަޅުކޮށްލާފައި ނިދަން ތައްޔާރުވިއެވެ.

------------------------

ކޮފީތަށްޓެއް ހެދުމަށްޓަކައި ކަޝަފް އުޅެނީ ބަދިގެ ތެރޭގައެވެ. ޞިދްރާ އެތަނަށް އައިއިރު ކަޝަފް ހުރީ ވަރަށް ހަމަޖެހިލާފައެވެ. އުފާވެރި މޫނެއް ދައްކައިގެންނެވެ. ޒަރޫންއާ ދިމާއަށް އެތިވަރު ގޮވައިގަތްތާ އަދި މާގިނަދުވަހެއް ނުވެއެވެ. އޭރުއްސުރެ އަބަދު ހުންނަނީ މޫނުން ފޫ ގަޅައިގެންނެވެ. އެހާބޮޑު ބަދަލެއް ކަޝަފްގެ މޫނުމައްޗަށް އެއައީ ކޮންމެވެސް ކަމެއް ވެގެންނެވެ.

" އަހަރެން މިހުރީ އުފަލަކުންނޫނެވެ. އެކަމަކު ހަމަޖެހިލައިގެންނެވެ. " ކަޝަފް ގެ އެޖަވާބަށް އެއީ ކީއްވެތޯ ޞިދްރާއަށް ސުއާލު ކުރެވުނެވެ.

" އަހަރެން މީހަކާ އިންނަން ނިންމައިފީމެވެ. " ކަޝަފް ބުންޏެވެ. އެއީ އަނެއްކާ ކާކާ ހެއްޔެވެ. ޞިދްރާއަށް ކުއްލިޔަކަށް ސުއާލު ކުރެވުނެވެ. ޞިދްރާ ހީކުރީ ޒަރޫންއާ ކައިވެނިކުރަން ކަޝަފް ނިންމީ ކަމަށެވެ. އެކަމަކު ކަޝަފް ދެން އެބުނި ބަހަކުން އިތުރު ޙައިރާންކަމެއް ޞިދްރާއަށް ލިބިގެން ދިޔައެވެ.

" ނޫނެކެވެ. ޒަރޫން އަކާ ނޫނެވެ. އުސާމާ އާއެވެ. " ކަޝަފް ބުންޏެވެ.

ކަޝަފް މީހަކާ އިންނަން އެނިންމީ ، ކޮންމެހެން މީހަކާ އިންނަން އޭނާ ބޭނުންވެގެންނެއް ނޫނެވެ. އެދުވަހު ، މަންމަ އޭނާއާ ދިމާއަށް ބުނި ބަސްތަކުން ދެރަވެގެންނެވެ. އެކަމާ ކަޝަފްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. މަންމަ އެޢުމުރުގައި ދެރަކުރާކަށް ކަޝަފް ބޭނުމެއް ނުވެއެވެ. އަދި ކަޝަފްމެންނާހުރެ ، މަންމައާ ދިމާއަށް ، ނުޙައްޤުން ނަމަވެސް އެއްވެސް މީހަކު އެއްޗެއް ބުނެ މަލާމާތްކޮށް ބަދުބަހެއް ބުނާކަށް ބޭނުމެއް ނޫނެވެ. ޞިދްރާގެ ކައިވެނި މިހާރު ވަނީ ކުރެވިފައެވެ. ޝެހްނީލާގެ ކައިވެނިވަނީ ތައްޔާރު ވެފައެވެ. އިރާދަ ކުރެއްވިއްޔާ ދެން މާގިނަ ދުވަހެއް ނުވާނެއެވެ. އެންމެންވެސް މަންމަޔާ ދިމާއަށް އިނގިލި ދިއްކުރަމުން އެގެންދަނީ ކަޝަފް ގެ ކައިވެންޏާ ބެހޭގޮތުންނެވެ. ޚާއްޞަކޮށް ބައްޕަގެ އަންހެނުން ނިޤާރު ، ކަޝަފްގެ މަންމަޔާ ދިމާއަށް އެއްވެސް އެއްޗެއް ބުނާނެ ފުރުޞަތު ދޭކަށް ކަޝަފް ބޭނުމެއް ނޫނެވެ.

ކަޝަފް އެދުވަހު އޮފީހަށްގޮސް މަސައްކަތުގައި އިންދާ ފޯނެއް އައެވެ. އެއީ އުސާމާގެ ފޯނެކެވެ. މާގިނަ ވާހަކަ ނުދައްކާ ކައިވެންޏާމެދު ކަޝަފްގެ ޚިޔާލު ބަދަލުވެއްޖެކަމުގައި ބުނަން ހިތަށް އެރިއެވެ. އެވަގުތު ، އުސާމާ ވަރަށް ހަމަޖެހިލާފައި އޭނާ އެގުޅީ ކަމެއްވެގެން ކަމުގައި ބުނެއެވެ. އަދި އޮފީހުން އިތުރު އެސައިންމަންޓެއް އަނެއްކާ ލިބުނީތޯ ސުއާލު ކުރެއެވެ.

" ނޫނެކެވެ. އަހަރެންގެ ކައިވެނި ކަށަވަރު ކޮށްފީމެވެ. ވަރަށް އަވަހަށް އިންނާނަމެވެ. " އުސާމާ ބުންޏެވެ.

ކަޝަފަށް ކުއްލި ސިހުމެއް ލިބުނެވެ. އެއީ އޭނާ ނިންމައިގެން ހުރިކަމެއް ނުވުމަށް ހުއްޓުމެއް އެރި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ، ހިންދިރުވައިލާފައި ، އުސާމާއަށް މަރުޙަބާ ކިޔައި ތަހުނިޔާ އަދާ ކުރިއެވެ. ކަޝަފްގެ ޢާއިލާ އެންމެން އުސާމާގެ ކައިވެނީގެ ރަސްމިއްޔާތަށް އައުމަށް އުސާމާ ދަޢުވަތު ދިނެވެ. އަދި އެރަސްމިއްޔާތުގެ ޗީފްގެސްޓަކީ ކަޝަފްކަމުގައި އުސާމާ ބުންޏެވެ. އަދި ޒަރޫންއާއެކީގައި ކަމުގައި ބުނެ އުސާމާ ސަމާސާ ކޮށްލިއެވެ. ޒަރޫންގެ ވާހަކަ ބުނުމުން ، ވަކި އެއްޗެކޭ ނުބުނެ ، ދެންބާއްވަނީއޭ ބުނެ ، ކަޝަފް ފޯނު ކަނޑާލައެވެ. ފޯނު ކަނޑައިލިނަމަވެސް ، ކަޝަފަށް އޭނާ ކުރަމުންގެންދިޔަ މަސައްކަތަށް ހިތާއި ސިކުނޑި ހުސްކޮށްލެވޭގޮތެއް ނުވިއެވެ. ހިތަށް ލިބުނީ އިތުރު ހާސްކަމެކެވެ. ދުނިޔެއަކީ ކޮންފަދަ ތަނެއް ހެއްޔެވެ. ކޮންމެ ފަދަ ތަދުބީރެއް ކުރިޔަސް ދުނިޔެ ހިނގަނީ ތަދުބީރު ރޭވި މަގުންނެވެ. އެއީވެސް ، އިންސާނާއަށް ޢިބްރަތާއި ފިލާވަޅު ލިބިގެންދާނެ އެއްގޮތެވެ.

ކޮންކަމެއްތޯ އޮންނަނީ  ތަދުބީރު ރާވައިލާ ގޮތަށް

އޮންނަނީ ތަޤްދީރުގައި ނިންމައިފަ ކުރަހާލާގޮތަށް

                  ދޮންކަޅެއް  އަންގައިނުލާ ސިހުމާއި  ރިހުމާ އެއްގޮތަށް

                  ބޮން ގޮވާހެން ސިކުނޑި ގޮއްވާ ހިތުގަނެތްހާ ގޮތްގޮތަށް

ކަޝަފް މިއަދު އޮފީހަށް ދިޔައީ މަސައްކަތް ނިންމައިލާފަ ، އުސާމާއާއެކު ކޮފީއަކަށްގޮސް ، އޭނާ ނިންމާފައިވާ ނިންމުން އުސާމާ ގާތު ބުނުމަށް ރާވައިގެންނެވެ. އެހެންނަމަވެސް ، ކަޝަފަށް އެވާހަކަ ނުބުނެވެނިސް ، އޭނާގެ އަނގަ އެވަނީ ބަންދު ކުރެވިފައެވެ. ދެން ހަދާނެގޮތެއް ، ޖެހޭނީ އަލުން ވިސްނާށެވެ. އެދުވަސްވަރު ޞިދްރާ ހުރިކަންވެސް އެއީ ނަޞީބެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.