ދެކަފި - 16

(24 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފް ފަރިބަލާވަރުން ނުހުރެވިގެން، ތިހާވަރަށް ތިބަލަނީ ކޮން އެއްޗެއްތޯ ޞިދްރާ ސުއާލުކުރިއެވެ.

"ޞިދްރާ ބުނެބަލާށެވެ! އަހަރެންގައި އުނިވަނީ ކޮން އެއްޗެއް ހެއްޔެވެ. އަހަރެންގެ ލޮލާ ނޭފަތާ ކަންފަތާ ތުންފަތުން އަދި ކޮލުން އުނިވާކަމެއް އެބަހުރި ހެއްޔެވެ؟ އަހަރެންގެ ލޯ ބޮޑީ ހެއްޔެވެ . ނޭފަތް ދިގީ ހެއްޔެވެ. ނޫނީ ކަންފަތް ދިގީ ހެއްޔެވެ." ކަޝަފް އޭނާގެ ކޮއްކޮއާ ސުއާލު ކުރިއެވެ. ކޮންކަމެއް އުނިވެގެންހޭ ތިއުޅެނީ ބުނެ ޞިދްރާ ސުއާލުކުރިއެވެ.

ޔުނިވަރސިޓީގެ ހުރިހާ ކުދިންވެސް އެހައި ރީތިވެފައި ފުރިހަމައެވެ. އަހަރެންވެސް އެމީހުންހާ ރީތިނޫނަސް ރީތި ނޫން ހެއްޔެވެ. ކަލޭމެންނަށް ނިކަން ބަލައިލަ ބަލާށެވެ. ކަލޭމެންވެސް ރީއްޗެއް ނޫންހެއްޔެވެ. އެކުދިންނަށްވުރެ ކަޝަފް ރީތިކަމުގައި ޞިދްރާ ބުންޏެވެ. ކަޝަފަށް، ޞިދްރާގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. ފޫހިވެފައިހުރެ، ދޮގު ނުހަދާށޭ ބުންޏެވެ. ރީތި ވާހަކަ އެބުނަނީ ރިތިވީމާ ކަމުގައި ޞިދްރާ ބުންޏެވެ. އަދި ކަޝަފް ރީތިވަނީ ތިމަންނަޔަށް އެކަނި ނޫންކަމާއި އެހެން މީހުންނަށްވެސް ކަޝަފް ރީތި ކަމުގައި ޞިދްރާ ބުންޏެވެ. އެކަން ޤަބޫލުކުރާކަށް ކަޝަފް ބޭނުމެއް ނުވިއެވެ. އަހަރެންގައި ރީތީގެ އެއްވެސް ކަމެއް ނެތެވެ. ތިއުޅެނީ ކޮންކަމެއް ލައިގަނެގެންތޯ ޞިދްރާ އަނެއްކާވެސް ސުއާލުކުރިއެވެ. އެ ސުއާލަށް ކަޝަފް ޖަވާބެއް ނުދެއެވެ. އޭނާގެ އިސްތަށިގަނޑު އެކިގޮތަށް، ބޮލަށް އަނބުރަމުން މޫނަށް ބަލަމުން ލޯގަނޑު ކުރިމަތީ ހުރެގެން ފަރި ބަލަމުން ގެންދިޔައެވެ.

------------------------

ކަޝަފާއި މާރިއާ ޔުނީއަށް ވެދެގެން ދިޔައެވެ. މާރިއާ ހުރީ ކުރީދުވަހު ކަޝަފާދިމާއަށް ބުނެވުނު ބަހުން ކަން ބޮޑުވެފައެވެ. ވަރަށް ބިރުން ހުރެ މާރިއާ، ކަޝަފަށް ގޮވާލާފައި ވާހަކަ ދައްކަން ފެށިއެވެ. ކަޝަފު ހުރީ އޭނާގެ ރުޅިއައިސްފައިތޯ ސުއާލު ކުރިއެވެ. އެއީ ކީއްވެތޯ ކަޝަފް ސުއާލުކުރިއެވެ. އެއީ ކަޝަފާ ދިމާއަށް އިއްޔެ އޭނާ އެއްޗެހި ކީމަ އެކަމާ ހިތްހަމަ ނުޖެހި ހުރެދާނެތީ ކަމުގައި މާރިއާ ބުންޏެވެ. އޭނާގެ ހިތުގައި އެއްވެސް އެއްޗެއް ނެތަކަމުގައި ކަޝަފް ބުންޏެވެ. މާރިއާ ބުނިގޮތުގައި އޭނާ ކަންބޮޑުވަނީ ކަޝަފް ތަފާތު ކަމުންނެވެ. އެހެން ކުދިންނާ މާބޮޑަށް ވަކިން އެކަނި އުޅޭތީއެވެ. ދެއަހަރު ދުވަހު އެހެން އުޅޭނީ ކިހިނެއްތޯ މާރިއާ ސުއާލު ކުރިއެވެ. އަންހެން ކުދިންނާއެކު ވަގުތު ހޭދަކުރަން އޭނާއަށް ވަގުތު ނޯންނަ ވާހަކައާއި ފިރިހެން ކުދިންނާ ވާހަކަ ދައްކަން އޭނާ ބޭނުން ނުވާކަމުގައި ކަޝަފް ބުންޏެވެ.

------------------------

އަންހެން ކުއްޖަކު، ޒަރޫނަށް ފޯނުކޮށްފައި އައިސްދިނުމަށް އެދެއެވެ. ޒަރޫން އެކަމަށް ނޫނެކޭ ބުނެފާނެތީ އެކުއްޖާ ހުރީ ކަންބޮޑުވެފައެވެ. ރީތި އަންހެން ކުދިން ކަމަކަށް އެދުނީމަ އެކަން އޭނާ ޤަބޫލު ނުކުރާނީ ކިހިނެއްތޯ ޒަރޫން ބުނެއެވެ. ކޮންމެ ކުއްޖަކު ބުންޏަސް އެކަމެއް ކޮށްދޭނީތޯ އެކުއްޖާ ސުއާލުކުރިއެވެ. އެވަގުތު އަސްމަރާގެ ފޯނެއް ޒަރޫންއަށް އާދެއެވެ. އަދި ފަހުން ގުޅާނަމޭ ބުނެ އެކުއްޖާގެ ފޯނު ކަނޑާލައެވެ. ޒަރޫން އަށް ދެންކުރިމަތިލާންޖެހިނީ އަސްމަރާގެ ސުއާލުތަކާއެވެ. ޒަރޫންއާ ގުޅަންވެގެން މަސައްކަތްކުރާތާ އެތައް އިރެއްވެއްޖޭ ބުނެއެވެ. އަދި ޒަރޫން ހުރީ ކާކަށް ގުޅައިގެންތޯވެސް އަހައެވެ. ޒަރޫން އަށް ގުޅޭތޯ މަސައްކަތް ކުރާތާ ދެގަޑިއިރު ވެއްޖެ ވާހަކަ ބުންޏެވެ. އަދި އެކުއްޖަކާއެކު އެހާގިނައިރު ފޯނުކޮށްގެން ވާހަކަ ދައްކަން ހުރީ ކީއްވެތޯވެސް ސުއާލު ކުރެއެވެ. އެއީ އޭނާގެ ރަޙުމަތްތެރިއެއް ކަމަށާއި އޭނާ ވާހަކަ ދައްކަ ދައްކަ ހުއްޓާ ކަނޑާލަން ބޭނުން ނުވާކަމުގައި ޒަރޫން ބުންޏެވެ. އެއްވެސް ކުއްޖަކު ކަމަކަށް ބޭނުން ވެއްޖިއްޔާ ޒަރޫންއާ ގުޅީމަ އެއްވެސް ކުއްޖަކާދިމާއަށް  ނޫނެކޭ ނުބުނެވޭނީ ހެއްޔެވެ ؟ ތިވާހަކަ އެހެން ފިރިހެންކުދިން ކުރެން އަހާލަ ބަލާށޭ ޒަރޫން ބުންޏެވެ. އަދި، އެހެން އަންހެންކުދިންނާމެދު އަސްމަރާމެންގެ ތިއޮންނަނީ ކޮންކަހަލަ ވިސްނުމެއްހޭ ބުނެ ޒަރޫން ފޯނު ކަނޑާލައެވެ. ޒަރޫން އިނީ ނުބައި ފާޑެއްގެ ހިންޏެއް އައިއްސައެވެ.

------------------------

ދެން ނާންނާނަމޭ ބުނެފަވެސް، މުރުތަޟާ، ރާފިޢާއާ ބައްދަލުކުރުމަށް އާދެއެވެ. މުރުތަޟާ އެދުވަހު އައީ، އޭނާގެ ރަޙުމަތްތެރިޔާގެ ދަރިފުޅުގެ އެޑްމިޝަން ކަންތަކުގަ ރާފިޢާ އެކަން ނުކޮށްދިނީމަ އެވާހަކަ އިތުރަށް ދައްކައި އެކަން ހަމަޖައްސައިދޭތޯ ބަލާށެވެ.

"އެއީ ރިޝްވަތުގެ ޢަމަލެކެވެ. އަހަރެންނަކަށް އެކަހަލަ ކަންކަން ކުރާކަށް ނުކެރޭނެއެވެ." ރާފިޢާ ބުންޏެވެ. ރާފިޢާގެ ޖަވާބުގައި މުރުތަޟާ ބުނީ އެއީ މީހަކަށް ކޮށްދެވޭ ހެޔޮކަމެއް ކަމުގައެވެ. އަދި އެއީ ރިޝްވަތު ނޫންކަމުގައެވެ. މީހަކަށް އެގޮތަށް އެހީވެދީގެން ނިކަމެތި އެތައް ކުދިންނެއްގެ ޙައްޤު ގެއްލޭކަން މުރުތަޟާއަށް ސާފުކޮށްދެވޭތޯ ރާފިޢާ މަސައްކަތް ކުރިއެވެ. އަދި އެފަދަކަމެއް ކުރަން އޭނާއަށް ނުކެރޭނެ ވާހަކަ މުރުތަޟާގާތު ބުންޏެވެ. ރާފިޢާއާއި މުރުތަޟާގެ ވާހަކަ އަޑުއަހަން އެމީހުންގެ އެންމެ ހަގު ދެބެން، ޝިދްރާއާއި ޝެހްނީލާ އެމީހުންގެ ކޮޓަރީގައި ތިއްބެވެ. އަންނަ ކޮންމެ ފަހަރަކު މަންމަޔާ ޒުވާބުކުރަން އޭނާ މިގެޔަށް އެއަންނަނީ ކީއްކުރަންހެއްޔޭ ބުނެ ޝެހްނީލާގެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އެއަށްވުރެ އެއްގޮތަކަށްވެސް ނައުން މާ ރަނގަޅުކަމުގައި ބުންޏެވެ. މުރުތަޟާ ބުނާގޮތުގައި އެއީ ރިޝްވަތެއް ނޫނެވެ. އޭނާގެ ވަޒީފާގެ ކުރިއެރުމާ ގުޅުންހުރި ކަމެކެވެ.

"ކަލޭގެ ވަޒީފާގެ ކުރިއެރުމާއި އަހަރެންގެ ސްކޫލްގެ އެޑްމިޝަން އާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟" ރާފިޢާ ސުއާލުކުރެއެވެ.

މުރުތަޟާ ޤަބޫލުކުރާ ގޮތުގައި އެކަމުގައި ގުޅުމެއް އެބައޮތެވެ. އެކުއްޖާ ސްކޫލަށް ވެއްދުނީމަ އޭގެ ބަދަލުގައި މުރުތަޟާއަށް ވަޒީފާގެ ކުރިއެރުން ދޭނެކަމަށް އޭނާގެ ބޮސް އޮތީ ބުނެފައެވެ. އެހެންނަމަވެސް އެއީ ކުރެވިދާނެ ކަމެއްކަމަކަށް ރާފިޢާ ނުދެކެއެވެ. ކުދިން ސްކޫލަށް ވައްދަނީ ކިޔެވުމުގައި ހޯދާ ނަތީޖާއަށް ބަލާފައެވެ. މީހުންގެ ވަޒީފާގެ ކުރިއެރުން ލިބެނީވެސް ކުރާ މަސައްކަތުގެ އަގު ވަޒަން ކޮށްފައެވެ. ރިޝްވަތުދީގެން އެފަދަ ޢަމަލަކާ ގުޅުވައިގެން އޭގެ ބަދަލަކަށް ނޫނެވެ. މުރުތަޟާގެ ރުޅި އިތުރަށް ގަދަވެއެވެ. އަންހެންވެރިންގެ މައްސަލަޔަކީ، ފިރިންނަށްވުރެ އެއް ދަރަޖަ ކުރީގައި ހުރުމަށް ބޭނުންވުން ކަމުގައި މުރުތަޟާ ބުނެއެވެ. ރާފިޢާއަކީ ފިރިޔަކު ކާމިޔާބުގެ މަގަށް މަގުދެއްކޭފަދަ ޤާބިލް އަންހެނެއް ނޫންކަމުގައި މުރުތަޟާ ބުނެއެވެ. އޭނާ އިނީ ދެލޯ ބޮޑުކޮށް ރާފިޢާއާ ދިމާއަށް ކަޅިއަލައިގެންނެވެ.

"އަހަރެން ދުވަހަކުވެސް، މީހަކަށް ކަމެއްކޮށްދޭށޭ ކިޔާފަ މުރުތަޟާގެ އޮފީހަށް ފޮނުވިން ހެއްޔެވެ؟ އަދި އަމްދުން، ޤަވާޢިދާ ޚިލާފަށް ނޫނީ ރިޝްވަތުދީގެން ކަމެއް ކުރުވަން ކަލޭ ކައިރިޔަށް އެއްވެސް މީހަކު ނުފޮނުވަމެވެ." ރާފިޢާ ބުނެއެވެ.

އެ ޒުވާބު ނުނިމޭނެ ކަމަށާއި ތިމަންނަގޮސް ބައްޕަ މައިތިރި ކުރާނަމޭ ބުނެ ޝްހްނީލާ އެތަނުން ތެދުވެއެވެ. އެހެން ނަމަވެސް ޝިދްރާ އޭނާ ދިޔަނުދީ ހިފެހެއްޓިއެވެ. އަދި ބޮޑެތި މީހުން ދައްކާ ވާހަކައިގެ ތެރެޔަށް ކުޑަކުދިން ވަންނާކަށް ނުވާނޭ ބުނެ ޝިދްރާއަށް ނަޝޭޙަތްތެރި ވެއެވެ. އެހެން ނަމަވެސް އެކަން ޝެހްނީލާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ޝެހްނީލާ ދެކޭގޮތުގައި، ބޮޑެތި މީހުންނަށް މައްސަލަތައް ޙައްލު ނުކުރެވެންޏާ، ކުދަކުދިންވެސް އޭގެތެރެޔަށް ވަންނަން ޖެހޭނެއެވެ. އެކަމަކު، އެއީ މަންމަ ބޭނުންވާނެ ގޮތެއް ނޫންކަމުގައި ޝިދްރާ ވިސްނައި ދިނެވެ. އަހަރެމެން ބައްޕަޔާ ދިމާއަށް އެއްޗެކޭ ބުނާކަށް މަންމައެއް ނުރުހޭނެއެވެ. މަންމައާ ދިމާއަށް ބައްޕަ ކޮންމެ އެއްޗެކޭ ކިޔަސް ވަރިހަމަ ދޯއެވެ. ޝެހްނީލާ ފޫހި ރާގެއްގައި ބުންޏެވެ.

"ރާފިޢާގެ އަމިއްލަ އުޞޫލުތައް އެއީ ފިރިމީހާއަށްވުރެ މުހިންމު އެއްޗެކެވެ. ފިރިމީހާ ނަރަކަޔަށް ދިޔަޔަސް އެންމެ ރަނގަޅެވެ." މުރުތަޟާގެ އަޑަށް ބާރުލާފައި ރާފިޢާއާ ދިމާއަށް އެއްޗެހި ކިޔައިގަތެވެ. ރާފިޢާއަށް ބުނާނެ އެއްޗެއްވެސް ނޭނގި ބޯ ދެއަތަށް ހޫރާލަ ހޫރާލާ އިނެވެ.

"އާއެކެވެ! އަހަރެންނަކީ އެކަހަލަ އަންހެނެއް ނޫނެވެ. އަހަރެންނަކީ ފިރިހެނަކަށް ކާމިޔާބު ހޯދައިދެވޭނެ އަންހެނެއް ނޫނެވެ. އެއީ ކީޢްވެގެންކަން އެނގޭ ހެއްޔެވެ؟ ފިރިހެނަކު ވަނީ އަހަރެންގެ ހަތަރެސްފައި ބަނދެ ކަސްތޮޅު އަޅުވާފައެވެ. އަންހެން ކުދިންނާއި ފިރިހެންކުދިންގެ ތަފާތުން އަހަރެންގެ ނަފްސުވަނީ އެފިރިހެނާ ތަޣައްޔަރު ކޮށްފައެވެ." ރާފިޢާ ބުންޏެވެ.

އޭނާ އެއެޅި ފިޔަވަޅަކީ، އެންމެ ރަނގަޅު ފިޔަވަޅު ކަމަށް މުރުތަޟާ ހަރުއަޑުން ބުނެއެވެ.

"ދެވަނަ ކައިވެންޏެއް ކުރެވުނު ކަމީ އަހަރެންނަށް ކުރެވުނު ރަނގަޅު ކަމެކެވެ. އެ އަންހެންމީހާ އަހަރެންނަށް ފިރިހެން ކުއްޖަކު ވިހެއެވެ. އަހަރެންގެ ގެދޮރު އާބާދު ކޮށްދީފިއެވެ. އަދި ބުނަން ހެއްޔެވެ. އަހަރެން ދެލޯ މަރާފަވެސް އަދި ހުޅުވައިގެން ހުރެވެސް، ކަމެއް ކޮށްފިނަމަ އޭނާ އެކަން ޤަބޫލު ކުރެއެވެ. އެކަމަކު ރާފިޢާ އެހެން ހެއްޔެވެ؟" އެވަގުތު ކަޝަފް ގެޔަށް އައިސް ވަދެއެވެ. އަދި ބައްޕަ، މަންމަޔާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާ އަޑު އޭނާއަށް އިވުނެވެ.

"ކަލޭ މަށަށް ދިނީ ކޮން އެއްޗެއް ހެއްޔެވެ. ތިން އަންހެން ދަރިންނެވެ. ދެން، އަމިއްލަ ގޮތާއި އަމިއްލަ އުޞޫލެވެ. އެދެކަމަކީވެސް އަހަރެންނަށް މުޞީބާތެކެވެ. ކަލޭ އެކަންކަން ބޮލުއަޅައިގެން ދިރިއުޅެމުން ތަކުލީފާއެކު ދިރިއުޅޭށެވެ." މުރުތަޟާގެ ވާހަކަ ނުނިމެނިސް އެތަނަށް ކަޝަފް އާދެއެވެ.

"ކަލޭ މިތަނަށް ނާންނާށެވެ!" ކަޝަފް އޭނާގެ ބައްޕަޔާ ދިމާއަށް ބުންޏެވެ. ދަރިފުޅު މިތާ ނުހުރެ ކޮޓަރިއަށް ދާށޭ ރާފިޢާ ބުންޏެވެ. ކަޝަފްގެ ޖަވާބަކަށްވީ އޭނާ އެތަނުން ނުދާނެ ކަމުގައެވެ.

"ކޮންމެ ކަމެއްގަވެސް ޙައްދެއް އޮންނާނެއެވެ." ކަޝަފް ގެ ރާގުގައި ހުރީ ހަރުކަށި ކަމެވެ. "އަދި ކޮންމެ ދުވަހަކު އައިސް ކޮންޒުވާބެއް ކުރާކަށް ހެއްޔެވެ؟ މަންމަޔާ ޒުވާބުކުރަން މީނާ ރަނގަޅުވާނީ މިގެޔަށް ނައްޔާއެވެ. ފިރިހެންދަރިއެކޭ ކިޔާ މަޚުލޫޤެއް އެގޭގައި އެބައުޅޭ ނޫންހެއްޔެވެ؟ އެންމެ ރަނގަޅުވާނީ މީނާ އެގޭގައި އުޅުނިއްޔާއެވެ. އަހަރެމެންނަށް މީނާ މިކުރަނީ ކޮން ނުފޮރުއްޕާނެއް ހެއްޔެވެ." ކަޝަފްގެ ވާހަކަ ނިންމައިލިއެވެ. ކަޝަފްގެ ވާހަކަތަކާމެދު މަންމަ އެހާ ހިތްހަމަ ނުޖެހޭނެކަން ކަޝަފަށް އެނގެއެވެ. އެހެންނަމަވެސް، އެގެޔަށް އަންނަ ދުވަހަކު ވިއްޔާ މަންމައާ ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވުމަކީ ކަޝަފަށް ކެތް ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. އަންނަ ކޮންމެ ދުވަހަކުވެސް މަންމައަށް އެހާ އެތިވަރު އެބަ ގޮވައެވެ.

"ކަލޭގެ ތަރުބިއްޔަތު އެހެރަ ފެންނަނީއެވެ. އަދި ކަލޭ މީނާއަށް ދޭ ތަޢުލީމުގެ ހެޔޮ އަސަރަކީ މިއީ ހެއްޔެވެ؟" މުރުތަޟާ، ރާފިޢާއާ ދިމާއަށް މަލާމާތް ކޮށްގަތެވެ. އޭރު މުރުތަޟާގެ ނުބައި ޚުލްޤާމެދު ކަންބޮޑުވެ،  ރާފިޢާއާއި ކަޝަފް ބޯހޫރާލަ ހޫރާލަ ތިއްބެވެ.

ބައްޕައޭ ކިޔާމީހަކަށް އަދަބު އިޙްތިރާމް އަދާކުރުމުގެ ކަންފުޅެއްވެސް މީނާގެ ނެތޭ ބުނެ މުރުތަޟާގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ.

"ބައްޕަޔަށް ޙައްޤުވާ އަދަބު އިޙްތިރާމް ލިބޭނީ،  އެންމެ ފުރަތަމަ، އޭނާގެ އައުލާދަށް ލިބެންޖެހޭ އަދަބާއި އިޙްތިރާމް، ބައްޕަގެ ފަރާތުން އަދާކޮށްގެންނެވެ. އިޙްތިރާމަކީ ގަންނަ އެއްޗެއް ނޫނެވެ. ތިމާއަށް އިޙްތިރާމް ލިބޭނީ ތިމާވެސް އެހެން މީހުންނަށް އިޙްތިރާމް ކޮށްގެންނެވެ. އިޙްތިރާމާއި އަދަބުވެރިކަމަކީ ބައްޕަގެ ފަރާތުން ދަރިންނަށް ދަސްވާ އެއްޗެކެވެ. އަހަރެމެން ތިންބެއިންނަށް ކަލޭގެ ފާރާތުން ދަސްވީ ކޮން އެއްޗެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު މިގެޔަށް އައިސް މަންމަޔާ ދިމާއަށް ދުލަށް އައިހާ އެއްޗެއް ކިޔަން ކަލެޔަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟" ކަޝަފް އޭނާގެ ބައްޕަޔަށް ޖަވާބު ދިނެވެ.

"މިއަދުގެ ފަހުން ކަލޭ ޔުނިވަރސިޓީއަށް ގޮސްގެން ނުވާނެއެވެ. ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އެޅިނަމަވެސް ކަލޭގެ ދޫ ބުރިކޮށްލާނަމެވެ." މުރުތަޟާ، ކަޝަފާ ދިމާއަށް އިނގިލި ދިއްކޮށްގެން ހުރެ ބުންޏެވެ. އަދި ހަތަރު މައިން ގޭގައި ތިބޭށޭ ބުންޏެވެ.

"އަހަރެން ޔުނިވަރސިޓީއަށްވެސް ދާނަމެވެ. މަންމަ ސްކޫލަށްވެސް ދާނެއެވެ. ނިކަން މޮޅިއްޔާ ހުއްޓުވަ ބަލާށެވެ." ކަޝަފަށް ރޮވެމުން، އެހެންނަމަވެސް ހިތްވަރުކޮށްފައި  އޭނާގެ ބައްޕަޔާ ދިމާއަށް ބުންޏެވެ.

"އަހަރެން ތިޔަ ޔުނިވަރސިޓީއަށްވެސް ދާނަމެވެ. ނުވިތާކަށް، އެތަނަށް ގޮސް،  ޓީޗަރުންނާ ބައްދަލުކޮށް އެކިޔަވައިދޭ އެއްޗަކާ ބެހޭގޮތުން ސުއާލުވެސް ކުރާނަމެވެ. އިޙްތިރާމާއި އަދަބުވެރިކަމުގެ ކޮން ފިލާވަޅެއްތޯ އެތަނުން ކިޔަވައިދެނީ ސުއާލު ކުރާނަމެވެ." މުރުތަޟާ، ކަޝަފާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

"މިމީހުންނަށް ތިޔަދޭ ތަރުބިއްޔަތުން، މުޅި ޢުމުރަށް އުޅެންޖެހޭނީ ފައިވާނުގައި ދޫލާށެވެ." މުރުތަޟާ ރުޅިއަރައިގެންފައި ހުރެ ނުކުމެގެން ދަމުން ބުންޏެވެ. ވަގުތު އައިމަ އެކަންވެސް އެނގޭނޭ، މުރުތަޟާއާ ދިމާއަށް ކަޝަފް ބުންޏެވެ.

ރާފިޢާ ހުރީ ކަންބޮޑުވެގެންގޮސް ބުނާނެ އެއްޗެއްވެސް، ހަދާނެ ގޮތެއްވެސް ނޭނގިފައެވެ. މުރުތަޟާ ނިކުމެގެން ދިއުމުން ޝިދްރާ އާއި ޝެހްނީލާވެސް އެތަނަށް އާދެއެވެ. ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަޅުލާން ރާފިޢާ އޭނާގެ ކުދިންގާތު ބުންޏެވެ. ރާފިޢާއަށް ހާސްވެގެންގޮސް، ރޮވުނެވެ. ޞިދްރާ އައިސް މަންމަގެ ކޮނޑުގައި އަތް ޖައްސާލައެވެ. ރާފިޢާ ސިއްސައިގެންގޮސް، ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައި، އެކުދިންނާ ދިމާއަށް އެނބުރި ގަދަކަމުން ހީލިއެވެ. އަދި އެކަން އޮއްބާލުމަށްޓަކައި މިއުޅެނީ މަންމަގެ އައިނު ނުފެނިގެންނޭ ކިޔައި ލޯ ފުހެލިއެވެ. އެހެންނަމަވެސް ރާފިޢާގެ ހިތަށް އެލިބުނު ކެކުޅުންތައް އޭނާގެ ލޮލަކަށް ސިއްރެއް ނުކުރެވުނެވެ. ޞިދްރާއާ ދެމައިން ބައްދާލި އިރުވެސް ރާފިޢާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.