(27 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބޭރު ދޮރުގައި ޓަކިޖަހައިލުމާއެކު ، އެވާނީ ޒަރޫންކަމަށޭ ބުނެ ޞިދްރާއާ ދިމާއަށް ކަޝަފް ބަލައިލައެވެ. ކަޝަފް އަވަސްވެގަތީ ދޮރުހުޅުވަން ދާށެވެ. އޭނާއަށް ދުއްވައި ގަނެވުނެވެ. ކަޝަފަށް ވީގޮތް ބަލަން ހިނިއައިސް ، ޞިދްރާ ހުއްޓެވެ. ތަންކޮޅަކަށް ގޮސް ކަޝަފް ހުއްޓުނެވެ. އަދި ހިތާ ހިތާ ކިޔައިލިއެވެ. އަހަރެންގޮސް އަވަހަށް ދޮރު ހުޅުވާންވީ ބާވައެވެ. އެހެން އެކަން ކޮށްފިއްޔާ ޒަރޫންގެ އިންތިޒާރުގައި އަހަރެން ކެތްމަދުވެފައި ހުރިކަން ޒަރޫންއަށް އެނގޭނެއެވެ. އަހަރެން ޒަރޫންއަށް އިންތިޒާރުގައި އިންވާހަކަ އޭނާގާޓު ބުނަންވީ ކީއްކުރަން ހެއްޔެވެ ؟ ދޮރު ހުޅުވާލަ ދޭނީއެވެ. ވާނީ ކޮން ތަފާތެއް ހެއްޔެވެ ؟ ނޫނެކެވެ. ތަފާތު ވާނެއެވެ. އަވަހަށް ހުޅުވައިފިއްޔާ އަހަރެން ކެތްމަދުވެފައި ހުރިކަން އެނގޭނެއެވެ. ލަހުން ހުޅުވައިފިއްޔާ އެކަމުން ސަލާމަތް ވާނެއެވެ. ކަޝަފް އޭނާގެ މިސްރާބު އައިކޮޅަށް އަނބުރައިލިއެވެ. ދޮރުހުޅުވަން އެހާ އަވަސް އަރުވާލާކަށް އޭނާގެ ހިތެއް ނުބުންޏެވެ. ކަޝަފް އައިތަނުން ، އައީ ކާކުތޯ ޞިދްރާ ސުއާލު ކުރިއެވެ. ޞިދްރާގޮސް ދޮރުހުޅުވަން ކަޝަފް އެދުނެވެ. ޞިދްރާ އެކަމަކަށް އެއްބަހެއް ނުވިއެވެ. ދޮރުހުޅުވަން ދާންޖެހޭނީ ކަޝަފްކަމުގައި ބުނެ ނުދިޔައެވެ. އެންމެފަހުން ކަޝަފް ކުރުނުކޮށްގެން ދޮރުހުޅުވަންދިޔައީ ޞިދްރާއެވެ.
ޞިދްރާ ދޮރު ހުޅުވައިލުމަށްފަހު ޒަރޫން ގޮވައިގެން އައިސް ގޭތެރެޔަށް ވަދެއެވެ. ޒަރޫންއާ ބައްދަލުކުރީ ރާފިޢާއާ ޝެހްނީލާއެވެ. ކަޝަފެއް އެތާކު ނެތެވެ. ކަޝަފް ، ޒަރޫން ބޭބެއަށް ވަރަށް އިންތިޒާރުކޮށްކޮށް ހުރިކަމުގައި ޝެހްނީލާ ބުންނެވެ. އެކަމަކު ، ޒަރޫންއަކަށް އެކަމެއް ނޭނގެއެވެ. އެންމެ ދެރަވެގެން އިސްތިޤްބާލް ކޮށްލަންވެސް ކަޝަފް ނާދެއެވެ. ދެންކޮން އިންތިޒާރެއް ބާވައެވެ. އެއީ ކިހިނެއްކުރާ އިންތިޒާރެއް ހެއްޔެވެ ؟
ކަޝަފްގެ ހިތުގައި ޝަކުވާތަކެއް ފުނިޖެހުނެވެ. އޭނާއާ ދިމާއަށް ޒަރޫން ބަލައިވެސް ނުލިއެވެ. ރީތިވާން އެހާވަގުތު ބަރުބާދު ކޮށްލެވުނީ މޮޔަކަމުންނެވެ. ޒަރޫން އަށް ކާ އެއްޗެއް ގެންނަން ޝެހްނީލާގާތު ރާފިޢާ ބުނުމުން ، ތިމަންނަ ގެނެސްފާނަމޭ ބުނެ ކަޝަފް ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ޞިދްރާވެސް އައެވެ. އަދި ޒަރޫން އެކަނި ދޫކޮށްލާފައި އެތާ ނުއިނދެ އައިމަ ޒަރޫން ހީކުރާނީ ކީކޭހޭ ކަޝަފާ ދިމާއަށް ބުންޏެވެ. އެތާ އިނދެގެން ތިމަންނަ ކުރާނީ ކީއްހޭ ބުނެ ކަޝަފްވެސް ފޫހިގޮތަކަށް ޖަވާބު ދެއެވެ. ޒަރޫންގެ ހިތުގައިވެސް އޮތީ ޝަކުވާއެވެ. ބައްދަލުކޮށްލަން ނުނުކުތް ތާނގައި އޭނާ އައުމުން ދޫކޮށްލާފައި އެދިޔައީ ބަދިގެއަށެވެ. އެމެސެޖް އޭނާ ކަޝަފަށް ފޮނުވައިލައެވެ. ކަޝަފް އެތާ އިނުމާއި ނުއިނުމުގައި ޒަރޫންއަށް ތަފާތެއް ނެތެއްނޫންހޭ ބުނެ ޒަރޫންގެ މެސެޖްގެ ޖަވާބު ދެއެވެ. ޒަރޫންވެސް ކަޝަފްގެ މެސެޖަށް ވަގުތުން ޖަވާބު ދެއެވެ. އޭނާ އައުމާ ނައުމުގާ ކަޝަފަށް ތަފާތެއް ނެތެއް ނޫންހޭ ބުނެއެވެ. ޖަވާބުގައި އެގޮތަށް ޒަރޫންއަށް ބުނެވޭނީ ކޮންގޮތަކުންތޯ ސުއާލު ކުރިއެވެ.
ކަޝަފްގެ ފޯނަށް މެސެޖް އަންނާތީ އެއީ ކާކުތޯ ޞިދްރާ ސުއާލު ކުރިއެވެ. އެވަގުތު ކަޝަފްގެ ފޯނަށް އައި މެސެޖަކީ ވިސްނައި ނުލާ ޖަވާބުދޭން ކަޝަފަށް ދަތިވި ސުއާލެކެވެ. އެއީ ޒަރޫން އޭނާދެކެ ލޯބިވާ ވާހަކަ ބުނެ ޒަރޫން ފޮނުވި މެސެޖެވެ. އެއީ އޮފީހުންކަމުގައި ބުނެ ކަޝަފް ދޮގެއް ހަދައިލިއެވެ. ޒަރޫންވެސް އިނީ ފޯނުގައެވެ. ރާފިޢާ ދެއްކި ވާހަކައިން ތަންކޮޅެއް އަޑު އިވިފައި ޒަރޫން މަޢާފަށް އެދި އެއީ އޮފީހުގެ ކަމެއްގައި ކަމުގައި ޒަރޫން ބުންޏެވެ. ކަޝަފް އެންމެފަހުން ފޮނުވި މެސެޖް ޒަރޫންއަށް ކިޔޭގޮތެއް ނުވިއެވެ. ރާފިޢާ ވާހަކަ ދައްކަން ފެށުމާ ގުޅިގެންނެވެ.
އިރުކޮޅަކުން ، މެންދުރުގެ ކެއުން ތައްޔާރު ކުރެވި އެންމެންނަށް ކާން ގޮވުނެވެ. ޒަރޫންވެސް ވަރަށް ގަޔާވެގެން ކަމުން ގެންދިޔައެވެ. ގެއިން ލިބޭ ކާނާއަށްވުރެ ކަޝަފްމެންގޭގެ ކެއުން ޒަރޫންއަށް މާ މީރެވެ. ކާން އިނދެގެން ވަގުވަގަށް ކަޝަފަށް ޒަރޫން މެސެޖް ކުރިއެވެ. " އަހަރެންދެކެ ލޯބިވޭ ހެއްޔެވެ ؟ " ކަޝަފް އެމެސެޖަށް ޖަވާބެއް ނުދެއެވެ.
------------------------
ކަޝަފާއި ޒަރޫން ބުރެއްޖަހައިލުމަށްޓަކައި ނުކުތެވެ. ކަރާޗީގެ ހަމަހިމޭން އަދި ހަލަބޮލި އެތަން މިތަނަށް އެމީހުން ޒިޔާރަތް ކުރިއެވެ. އައިސްކްރީމް ބޮއެ ކުރުނބާ ބޮއެ ހެދިއެވެ. އަދި ފޮޓޯ ކުރަހާ މީހަކާ ދިމާވުމުން ، ކަޝަފްގެ ފޮޓޯ ކުރެހިއެވެ. އަދި އެންމެފަހުން ރޭގަނޑުގެ ކެއުމަށް ރެސްޓޯރެންޓަކަށް ވަނެވެ.
ކެއުމުގެ ތެރޭގައި އަސްމަރާގެ ވާހަކަ ނުގޮތަކަށް ކަޝަފަށް ، ޒަރޫންކުރެން އަހައި ލެވުނެވެ. ޒަރޫންއަށް އަސްމާރާއާ ދިމާއަށް ކޮންމެވެސް އެއްޗެއް ބުނެވުނީކަމުގައި ކަޝަފަށް ފެނުނެވެ. އެހެންނަމަވެސް އެކަން ޒަރޫން ސާފުކޮށްދިނެވެ. އެދެމީހުންކުރެ އެކަކަށްވެސް އަނެކަކަށް ގޮތް ދޫނުކުރެވުނީއެވެ. އަސްމާރާއަކީ ، ޒަރޫންއާއެކު ދިރިއުޅެވިދާނެ މީހެއްނޫންކަން ޒަރޫންއަށް ވިސްނުނީއެވެ. އަސްމާރާއަކީ ވަރަށް ބޯހަރު މީހެކެވެ. އޮންނަންވީ ވަރަށްވުރެ ބޮޑަށް މިނިވަންކަން ބޭނުން ވެއެވެ. އެކަންކަމަކީ ، ޒަރޫން އެހައި ހިތްހަމަ ޖެހޭ ކަންކަމެއް ނޫނެވެ. ޒަރޫން އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެއްވެސް ފިރިހެނަކު އެކަންކަމަށް ހިތްހަމައެއް ނުޖެހޭނެ އެވެ.
ކަޝަފަކީ އެހައި މިނިވަންކަމަށް ލޯބިކުރާ މީހެއް ނޫނެވެ. އެކަމަކު ކަޝަފަކީ ، ނިކަމެތިކަން ބަލައިގަންނާނެ މީހެއް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާ ހަނގުރާމަ ކުރާނެއެވެ. ޒަރޫންގެ ނަޒަރުގައި ބޯހަރުގެ މާނައެކުރަނީ ކޮންކަމަކަށް ކަމެއް ކަޝަފަކަށް ނުވިސްނުނެވެ. ކަޝަފަކީ ، ފިރިމީހާއަކީ ސަޖިދަ ޖަހަންޖެހޭނެ މީހެއްކަމަށް ދެކޭނެ މީހެއް ނޫނެވެ. ކަޝަފަށް ޤަބޫލު ކުރެވޭގޮތުގައި ދެމަފިރިއެއްގެ ދިރިއުޅުމުގައި ، އަނބިމީހާ ، ފިރިމީހާގެ ބަސް ޤަބޫލުކުރަން ވާނެއެވެ. އެހެންނަމަވެސް ، ފިރިމީހާވެސް އަނބިމީހާގެ ވިސްނުމާއި ފިކުރަށް ޖާދަ ދޭން ވާނެއެވެ. ކައްޓާއެއްގެ ދެކޮޅަށް އެއްޗެއް އަޅާއިރު ، އެއްކޮޅަށް ގިނައިން އެއްޗެއް އަޅަންޏާ ދުވަހަކުވެސް ހަމަހަމައެއް ނުވާނެއެވެ. އެއީ ކަޝަފަށް މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ، ކައިވެނީގެ ނަމުގައި ، ފިރިމީހާގެ ފައިވާނުގައި ދޫލާންޖެހޭ ދަރަޖަ އެއީ ކަޝަފަށް ދުވަހަކުވެސް ޤަބޫލު ކުރެވޭނެ ދަރަޖައެއް ނޫނެވެ.
އަނތްބެއްގެ ނަމުގައި ، ދުވާލު ދެދަޅަޔަށް ބަދަލުކުރާ ފައިވާނެއް ، ޒަރޫންވެސް ބޭނުމެއް ނޫނެވެ. އެކަމަކު ނިކަމެތި އަންހެނުންގެ ނާޖާއިޒް ފައިދާއެއް ޒަރޫން ނުނަގާނެއެވެ. ހިތްބަލި ނިކަމެތި އަންހެނަކާ އިންނާނެ ނަމަ ކަޝަފާ ޒަރޫން އެއް ނުއިންނާނެއެވެ. ހަމަ އެއާއެކު ފިރިމީހާއަކީ ގޭގެ އެންމެ އިސްމީހާކަމަށް ވާންޖެހޭނެކަމަށްވެސް ޒަރޫން ޤަބޫލު ކުރެއެވެ.
އެ މަވްޟޫއަކީ ދެމީހުންނަށްވެސް މުހިންމު މަވްޟޫއެކެވެ. ދައްކަންހުރި އެތައް ވާހަކައެއް އެބަހުއްޓެވެ. އެއްފަހަރަކުން އެވާހަކަ ތަކެއް ދައކައި ނިންމައެއް ނުލެވޭނެއެވެ. އެހެންކަމުން ، އެ މަވްޟޫއަށް އަލުން ވާހަކަ ދައްކަން ޖެހޭކަމަށް ދެމީހުންވެސް އެއްބަސް ވެއެވެ.
------------------------
އާކައިވެނީގެ އުފަލުގައި އެކީގައި ވަގުތު ހޭދަކޮށްލުމަށް ކަޝަފާއި ޒަރޫން ގޮނޑުދޮށް އޮންނަ ހިސާބަކަށް ޖައްސައިލައެވެ. ކަޝަފްހުރީ ، ކޮޅާކޮޅު ނުފެންނަ މާ ސިންގާ ކަނޑުގައި ބީހެމުން ތިލަވަމުން ގޮޑުދޮށަށް އައިސް ، ޖެހެމުންދާ ވަޔަށް އޭނާގެ ނަފްސު ދޫކޮށްލައިގެންނެވެ. ހަމަހިމޭންކަމުގެ އަޑަށް އޭނާގެ ކަންފަތް ދިއްކޮށްގެންނެވެ. ހަމަހިމޭންކަމަކީ އަޑެއް އޮންނަ ކަމެއްކަން ޒަރޫންއަށް ކުރިން އެނގިފައެއް ނުވެއެވެ. ޒަރޫންއަށް އިވެނީ ގޮނޑުދޮށަށް ޖަހާ ރާޅުގެ އަޑެވެ. ދޫނިގޮވާ އަޑު އެބަ އިވެއެވެ. އަދި ވައިޖެހޭ އަޑުވެސް އެބަ އިވެއެވެ. ހަމަހިމޭންކަމުގެ އަޑެއް އެއްވެސް ވަރަކަށް ޒަރޫންއަކަށް ނީވެއެވެ. އެކަމާ އޭނާހުރީ ޙައިރާން ވެފައެވެ. ކަޝަފަށް އިވޭ އަޑެއް އޭނާއަށް ނުއިވޭންވީ ކީއްވެ ހެއްޔެވެ ؟ ފަހަރެއްގައި ޒަރޫން ބީރީ ކަމަށް ވެދާނެއެވެ.
ހަމަހިމޭންކަމުގެ އަޑު ކަޝަފަށް އެބަ އިވެއެވެ. އެއަޑު އެބަ އާދެއެވެ. ޒަރޫން ހުރީ ދެލޯމަރައިގެން ހަމަހިމޭންކަމާއެކު ، އެއަޑުއަހަން ހުރި ކަޝަފާ ދިމާއަށް ބަލަހައްޓައިގެން ޙައިރާން ވެފައެވެ. އަދި ކަޝަފްގެ ކަންފަތްދޮށަށް ބޯ ބާނައި ކަޝަފް އެއަހާ އަޑު އޭނާއަށްވެސް އިވޭތޯ މަސައްކަތް ކުރިއެވެ.
ތަންކޮޅެއް ދުރަށް މޫދަށް އެރެލުމަށް ޒަރޫން ބޭނުންވުމުން ދެމީހުން ހިނގައިގަތެވެ. އަދި އެތަނުގައި އޮތް އިތާ މުތެއް ނަގައި ކަޝަފްގެ ކަންފަތުގައި ޖައްސައިލައެވެ. އެއީ އަންހެންކުދިން ބޭނުންވާ ކަހަލަ އެއްޗެކެވެ. އަންހެންކުދިން ފަދަ ނާޒުކު އެއްޗެކެވެ. ލޯބި އެއްޗެކެވެ. ބަލައިގެން ގެނގުޅެންޖެހޭކަހަލަ ރީތި ، އަގުބޮޑު އެއްޗެކެވެ. ޒަރޫންއަށް އެ އިތާމުތް މާނަކުރެވެނީ އެހެން ގޮތަކަށެވެ. އެއީ ވަރަށް ފަސޭހައިން ހަލާކުވާ އެއްޗެކެވެ. އަންހެންކުދިންގެ ހިތްފަދައިންނެވެ. ކަޝަފް ދެކޭގޮތުގައި އެ އިތާމުތުގެ ތޮށިގަނޑަކީ އަންހެންކުދިން ވަރަށް ގަޔާވާ އެއްޗެކެވެ. އެކަމަކު ޒަރޫން ގަޔާވަނީ އޭގެ އެތެރޭގައި އޮންނަ މުތަށެވެ. ތޮށިގަނޑަކަށް ނޫނެވެ. މުތަކީ ފިރިހެން ކުދިން ، އަންހެންކުދިންނަށް ދޭން ބޭނުންކުރެވޭނެ އެއްޗެކެވެ. ތޮށިގަނޑަކީ ބަލައިލަން ނޫނީ ބޭނުން ކުރެވޭނެ އެއްޗެއް ނޫނެވެ. އަގުބޮޑުވާނީވެސް މުތުގައެވެ. ތޮށިގަނޑުގެ އެއް ނޫނެވެ.
ދުވާލު ހަތަރުދަމު އެތައް މިތަނަށް ދުއްވައި މަޖާކޮށް އައުމަށްފަހު ، ޒަރޫން އޮތީ ވަރުބަލިވެގެން ނިދިފައެވެ. ޒަރޫން ނިދަން ބޭއްވުމަށްފަހު ، ކަޝަފްއިނީ ދިރިއުޅުމުގައި ކުރިމަތިވަމުންދާ ކަންކަމުން ލިބޭ ފިލާވަޅު ، އޭނާގެ ޑައިރީގައި ލިޔާށެވެ. ތިމާ ބޭނުންވާ ކޮންމެ އެއްޗެއް ހޯދަން ، މީހާގެ ދުވަސް ދުއްވާލައިގެން ނުވާނެއެވެ. އެކަން ފުރިހަމަވުމަށް އިރާދަ ކުރައްވާނަމަ ، އެހެން މީހަކު މެދުވެރިވާނެއެވެ. އެކަން އަހަރެންނަށް މީގެކުރިން ޔަޤީންކުރެވިފައެއް ނުވެއެވެ. މިއީ ކުރިމަތިވާ ނަސީބެއްނަމަ ، އަހަރެންނަށް އެކަން މިންވަރު ކުރެއްވީ ކީއްވެ ހެއްޔެވެ ؟ ކަޝަފް އެނދާދިމާއަށް އެނބުރި ، އެނދުގައި ނިދިފައި އޮތް ޒަރޫންއަށް ބަލައިލިއެވެ. މިއީ ދޮގު ހުވަފެނެއްނަމަ އެހުވަފެން އަހަރެން ބަލަންވީ ކީއްކުރަން ހެއްޔެވެ ؟
މާގިނަ ވާހަކަތަކެއް އެ ޑައިރީގައި ލިޔާކަށް ކަޝަފް ބޭނުމެއް ނުވިއެވެ. ތެދުވެގެން ގޮސް އެނދުގައި ނިދަން ޖައްސައިލިއެވެ. އެނދުގައި އިށީނދެ ޒަރޫންގެ މޫނަށް ބަލަހައްޓައިގެން އިންއިރު ، ކަޝަފް އޭނާގެ ނަފުސާ އެތައް ވާހަކަ ތަކެއް ދައްކަމުން ގެންދިޔައެވެ. މިއިންސާނާގެ އާދަޔާ ޚިލާފު އާދަތަކަށް އަހަރެން މިދަނީ ހޭނެމުންނެވެ. އެކަންކަމަށް އާދަ ވަމުންނެވެ. އަހަރެންގެ ދިރިއުޅުމުން ޒަރޫން ހިނގައްޖެނަމަ އެއީ އަހަރެންނަށް ވަރަށްބޮޑު މައްސަލަޔަކަށް ވާނެއެވެ.
ކަޝަފާއި ޒަރޫންގެ ޢާއިލާގެ ވިސްނުމުގައި އެމީހުންގެ ކައިވެނި އެހާ ގިނަދުވަހަށް ދެމިއޮންނާނެކަމަކަށް ހިއެއް ނުކުރެއެވެ. އެކަމުގައި ކަޝަފްގެ ޚިޔާލުހުރިގޮތެއް ބަލައިލަން ޒަރޫން ބޭނުންވިއެވެ. އަދިއެކަމާބެހޭގޮތުން ކަޝަފާ ސުއާލު ކުރިއެވެ. ކަޝަފަށް އެކަން އެނގޭނީ ކިހިނެއް ހެއްޔެވެ ؟ ޒަރޫންއާއި ޒަރޫންގެ ޢާއިލާއިން އެއޮތީ ގޮތެއް ނިންމާފައެވެ. އެކަމާމެދު ކަޝަފް ބުނާނެ ވަކި އެއްޗެއް ނެތެވެ. އެކަމަކު އެކަން ކަޝަފްގާތު ބުނެފައި ބާއްވަން ޒަރޫން ބޭނުންވިއެވެ. ޒަރޫންގެ ޢާއިލާއިން އެގޮތަށް އެދެކެނީ ކީއްވެބާވައެވެ ؟ ޒަރޫންއަކަށް އެއެއް ނޭނގެއެވެ. ފަހަރެއްގައި އެއީ ޒަރޫންގެ ކަންތައްތައް ހުންނަގޮތުން ކަޝަފްގެ މިނިވަންކަމަށް އަސަރު ފޯރައިގެން ކަމަށް ވެދާނެއެވެ. ޒަރޫން ބޭނުންވާހާ ގޮތަކަށް ކަޝަފް ނޫޅޭނެތީ ކަމަށްވެސް ވެދާނެއެވެ. ޒަރޫންގެ ގޮތް އެންމެބޮޑަށް އެނގޭނީ އޭނާގެ މައިންބަފައިންނަށެވެ. އެއީ ފަހަރެއްގައި ޒަރޫންއަށް އޭނާގެ އަނބިމީހާ އުފަލުގައި ގިނަދުވަހު ބަހައްޓަން ނޭނގިދާނެތީ ކަމަށްވެސް ވެދާނެއެވެ.
ކަޝަފް އެކަމަށް ފުރުޞަތެއް ނުދޭނެއެވެ. އެމީހުންގެ ކައިވެންޏާމެދު ޒަރޫންގެ ޢާއިލާގެ ވިސްނުންހުރިގޮތް ކައިވެނީގެ ކުރިން އެނގުނުނަމަ ، އެކައިވެންޏާމެދު ގޮތެއް ނިންމުން ކަޝަފަށް ވަރަށް ދަތިވީހެވެ. ޒަރޫންއަކީވެސް ނުވިސްނޭ މީހެއް ނޫނެވެ. ކައިވެންޏަކީ ކޮންކަހަލަ ގުޅުމެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. ކަޝަފާ ކައިވެނި ކުރުމުގެ ވިސްނުން ޒަރޫންގެ ބޮލަށް ސަވާރުވިގޮތެއް ސާފު ކުރުމަށް ކަޝަފް ބޭނުންވިއެވެ.
" އެއީ އަހަރެންގެ އަނބިމީހާގައި ހުރުމަށް އަހަރެން ބޭނުންވާ ހުރިހާ ސިފަތަކެއް ކަޝަފްގެ ކިބައިގާ ހުރީމައެވެ. " އެއްވެސް ޖެހިލުމެއްނެތި ވަރަށް ޔަޤީންކަމާއެކު ، ޒަރޫން ބުންޏެވެ.
އެއީ ކޮންކަހަލަ ސިފަތަކެއްކަން ބުނާކަށް ޒަރޫން ބޭނުމެއް ނޫނެވެ. އެކަހަލަ ވާހަކަ ، އަނބިމީހާގާތު ބުނެފިއްޔާ އަންހެނުން ބޮޑާވެގަނެފާނެއެވެ. އޭރަށްވެސް އުނދަގޫވާނީ ޒަރޫންއަށެވެ. އެކަމަކު ، ޒަރޫން ކުރިޔަކުން އެކަމާމެދު ވިސްނާފައެއް ނުވެއެވެ. ކަޝަފަށް ކުރަންޖެހޭ ތަޢުރީފް އޭނާގެ ކުރިމަތީ އައީ ފާޅުކުރަމުންނެވެ. އެކަމަކު އެއިރު ކަޝަފް އެއީ ޒަރޫންގެ އަންހެނުންނެއް ނޫނެވެ. ގަހެއްގައި ފޮޅިފައި އިން މަލެކެވެ. އެމާ ޒަރޫންއަށް ބިނދެވޭނެކަމެއް ނުވަތަ އެމަލަށް އަތްނުފޯރާނެ ކަމެއް އެއީ ކަށަވަރުނުވެ އޮތް ކަމެކެވެ. އެއިރު އެއީ ޒަރޫންގެ ހިތުގައި ގަދަޔަށް ވޭން އަޅަމުން އައި ރިހުމެކެވެ. އެ ވޭނަށް ޝިފާއެއް ލިބޭނެކަމުގެ އުއްމީދެއް އެއިރަކު ނެތެވެ. ކަޝަފްގެ އިދިކޮޅު ވިސްނުން ހުރި ގޮތުންނެވެ.
ކަޝަފްމެން ބުރެއް ޖަހައިލުމަށް ނުކުމެ ބައެއްތަންތާ މަޑުކުރަމުން ކަމުން ބޮމުން އުފާ ކުރަމުން ދިޔައެވެ.
(ނުނިމޭ)