(30 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
" ދަރިފުޅާއެވެ ! ދަރިފުޅުގެ ބައްޕަ އެވެ. " ރާފިޢާ އެހެން ބުނުމުން ، ނިންޖައިގެން ކުރިޔަށް ދާން އެނދުމަތީގައި ކަޝަފް އިތުރަށް ހަމަޖެހިލިއެވެ.
މިއަދު ، ކޮން ބައްޕައެއް ހެއްޔެވެ ؟ ރާފިޢާ ދުލެއް ނުކުރިއެވެ. ތެދުވެގެންގޮސް ބައްޕަ ގާތު އިށީނދެލާށޭ ބުނެ ރާފިޢާ އެދަނީ ސައިތަށްޓެއް ހަދަންކަމަށް ބުންޏެވެ. އެހެންނަމަވެސް ، ކަޝަފަށް ނިދިމޯޅީގައިވެސް ބުނެވުނީ އެތާ އިނދެގެން އޭނާ ކުރާނީ ކީއްތޯއެވެ ؟ ކޮންމެގޮތެއްވިޔަސް ގޮސްލާށޭ ބުނެ ރާފިޢާ ކޮޓަރިން ނުކުމެއެވެ.
ނިކަން ރަނގަޅަށް ހަރުލާގޮތަށް ބިމަށްޖަހާފައިހުރި މުޑިއެއްހެން ، ހިމޭންކަމާއެކު މުރުތަޟާ މަޑުކޮށްލައިގެން އިނެވެ. ރާފިޢާ އޭނާއަށް ސައިތަށްޓެއް ހަދައިގެން ގެނެސް ދެއެވެ. އެއީ ރާފިޢާ ދޫކޮށްލާފައި މުރުތަޟާ ދިޔަފަހުން ، ރާފިޢާގެ އަތުން އޭނާ ސައިތަށްޓެއް ބޯ ފުރަތަމަ ފަހަރެވެ. ޖެހިލުން ވެފައި އަދި ލަދުން އިނދެ ސައިތަށީގައި ހިފިއެވެ. އޭރުވެސް ކަޝަފް އަދި ނާދެއެވެ. އެރޭ ކަޝަފް ގެޔަށް އައީ ވަރަށް ލަހުންނެވެ. މާބޮޑަށް ވަރުބަލިވެފަ ހުރީމަ ޖައްސާލިތަނުން ނިދުނީއެވެ. އެހެންނޫނީ ، ކަޝަފަކީ ދުވާލު ނިދާ ކުއްޖެއް ނޫނެވެ. މުޅިދުވާލުގެ ހަތަރުދަން އޭނާ ހޭދަކުރަނީ ފިލާވަޅު ދަސްކުރުމާއި ކުދިންނަށް ކިޔަވައިދިނުމުގައެވެ. މިހާރު ޞިދްރާވެސް ގޭގަ ނޫޅޭތީ ޞިދްރާ ޓިއުޝަން ނަގައިދިން ކުދިންނަށްވެސް ކިޔަވައިދެނީ ކަޝަފެވެ.
ކަޝަފަށް އަނެއްކާވެސް ގޮވާލަން ރާފިޢާ ދާންފެށީމަ އެކަން މުރުތަޟާ މަނާކުރިއެވެ. ނިދިފަ އޮތިއްޔާ އަރާމުކޮށްލަން ބާއްވާށޭ ބުނެއެވެ. އޭނާ ހުންނާނީ ވަރިބަލިވެސް ވެފައި ނޫން ހެއްޔެވެ. ނިދިވެސް ހަމައެއް ނުވާނެއެވެ. ރާފިޢާ ދިޔައިރު ، ކަޝަފަށް އޮތީ އަނެއްކާވެސް ނިދިފައެވެ. ބައްޕަ އެއިނީ ކަޝަފަށް މުބާރިކްބާދީ ކިޔަން އައިސްކަމުގައި ރާފިޢާ ބުނެއެވެ. އަދި ކަޝަފަށް އިންތިޒާރުކޮށްގެން އިންނަތާ ދެގަޑިއިރެއްހާ އިރު ވެއްޖެކަމުގައިވެސް ބުނެއެވެ. އަނެއްކާވެސް ، ކަޝަފް ކުރީ ސުއާލެކެވެ. އޭނާ ގޮސް އެތާ އިނދެގެން ކުރާނީ ކީއްތޯއެވެ ؟ އެއަކަށް ރާފިޢާ ޖަވާބެއް ނުދެއެވެ.
މުރުތަޟާގެ އަނގައިން މިއަދު އެއިންނަނީ ބަސް ހުއްޓިފައެވެ. ދައްކާނެ ވާހަކައެއް ނޭނގި އިނދެ ޞިދްރާގެ ވާހަކައިން ސުއާލު ކުރިއެވެ. ޞިދްރާގެ ޙާލު ރަނގަޅުކަމާއި ރަނގަޅަށް ހަމަޖެހިގެން އެބައުޅެއޭ ބުނެ ރާފިޢާ ޖަވާބު ދެއެވެ. އެމީހުން ތިބެނީ ކޮންތަނަކުތޯ ، ފުރަތަމަ ފަހަރަށް މުރުތަޟާ ސުއާލު ކުރިއެވެ. އޭގެކުރިން ޞިދްރާ އުޅެނީ ކިހިނެއްތޯ މުރުތަޟާ އަހައިލާފަވެސް ނެތެވެ. ކައިވެނީގެ ރަސްމިއްޔާތަށް ނައިތާނގައި އެކުއްޖާފުޅު ފުރައިގެން ދިޔައިރުވެސް މުރުތަޟާއަކަށް ނޭނގެއެވެ. އެއީކީ ޞިދްރާއަށް މައްސަލައެއް ނޫނެވެ. އޭނާ ފުރައިގެން ދިޔައިރު މުރުތަޟާއަށް ނުއެންގީވެސް އެއީ އެމީހުންގެ ޙަޔާތުގައި ބޭނުންމީހެއް ނޫންކަން އެންގުމަށްޓަކައެވެ.
ޞިދްރާ އޭނާގެ ފިރިމީހާއާއެކު ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވާރޖީނިއާގައެވެ. ފިރިމީހާއަށް ލިބުނު ވަޒީފާއެއްގައެވެ. އެދެމަފިރިން ދިރިއުޅެނީ ވަރަށް ހަމަޖެހިގެން އުފަލުގައެވެ. ކޮންމެ ދުވަހަކުހެން ، ޞިދްރާ އޭނާގެ މަންމަޔަށް ފޯނު ކުރެއެވެ. ޞިދްރާ ފުރައިގެން ދިޔައިރު ، މުރުތަޟާއަކަށް ނޭނގެއެވެ. އެނގޭކަށް ނުވެސް ޖެހެއެވެ. ދަރިންގެ މައްޗަށް އޮންނަ ، ބައްޕައެއްގެ ޒިންމާއާއި މަސްއޫލިއްޔަތުން ރެކި ފިލައިގެން އުޅޭ މީހަކަށް ދަރިން އުޅޭނޫޅޭގޮތް އެނގޭކަށް ނުވެސް ޖެހެއެވެ. އެހެންނަމަވެސް ، ފޯނުކުރާކަން އެނގޭނަމަ ވާހަކަ ދައްކާލަން އަންނާނެކަމުގައި އެއްވެސް ލަދުވެތިކަމެއްނެތި މުރުތަޟާ ބުނެއެވެ. އެއަށްފަހު ، ޝެހްނީލާގެ ކިޔެވުން ކިހިނެއްތޯ މުރުތަޟާ ސުއާލު ކުރެއެވެ. އެސުއާލަށް ރާފިޢާއަށް ، ޖަވާބު ނުދެވިގެން އުޅެނިކޮށް އެތަނަށް ކަޝަފް އައިސް ސަލާމް ގޮވައިލައެވެ.
ކަޝަފް އައިތަނުން މުރުތަޟާ ކޮޅަށް ތެދުވެ ދަރިފުޅާއޭ ކިޔައި ގޮވާލައެވެ. އެއީ ކަޝަފްގެ މުޅި ޙަޔާތުގައިވެސް އޭނާއާ ދިމާއަށް ދަރިފުޅާއޭ ކިޔައި މުރުތަޟާ ގޮވައިލި ފުރަތަމަ ފަހަރެވެ. ރާފިޢާވެސް އިންތަނުން ތެދުވެ ، މުރުތަޟާއާ ވީހާ ގާތެއްގައި ކަޝަފް ބޭންދުމަށްޓަކައި އެތާ އިށީންނަން އެދެއެވެ. އެހެންނަމަވެސް ، ކަޝަފް އެތާ ނުއިށީނދެ ދުރުގައި އިށީނދެލައެވެ. މުރުތަޟާ ކޮލު ދަތަށް ދާނދެން ދައކައިގެން ހިނިއައިސް އިނދެ ކަޝަފް ކިހިނެއްތޯ އަހައިލައެވެ. ކަޝަފަށްވެސް ލިބުނީ ރާފިޢާއަށް ލިބުނުފަދަ ޙައިރާން ކަމެކެވެ. ކަޝަފްގެ ބަސްމަގު ގޯސްވެދާނެތީ އެކަން ނުކުރުމަށް ރާފިޢާގެ ލޮލުން ޢިޝާރާތް ކޮށްލައެވެ.
" ދަރިފުޅުގެ ނަތީޖާގެ ޚަބަރު ލިބުނީ ޙައްމާދު ރޭގަ ބުނީމައެވެ. ލަސްވެފާ ހުރީމަ ނުގުޅީއެވެ. އެހާ ލަސްވެފަ ހުރީމަ ރޭގަނޑު އަންނަންވެސް އުނދަގޫވާނެ ނޫން ހެއްޔެވެ ؟ ހެނދުނު ތެދުވިގޮތަށް ސީދާ މިއައީ މިގެޔަށެވެ. މުބާރިކްބާދީ އަދާކުރާށެވެ. " މުރުތަޟާ އަޅައަޅައިގަންނަމުން ބުންޏެވެ.
" ތި އުފުއްލީ ވަރަށްބޮޑު ތަކުލީފެކެވެ. " ކަޝަފްގެ އަނގައިން ބޭރުވި ޖުމްލައިން މުރުތަޟާ ލަދުގަތެވެ. އަދި ލަދުވެތި ފާޑަކަށް ރާފިޢާއާ ދިމާއަށްވެސް އޭނާއަށް ބަލައި ލެވުނެވެ. އަދި އެއީ ތަކުލީފެއް ނޫންކަމަށް މުރުތަޟާ ބުނެއެވެ.
ކަޝަފްގެ ޓްރޭނިންގ ފެށެނީ ކޮންއިރަކުތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެކަން އިޢުލާންކުރާނެކަމަށްބުނެ ކުރުކޮށް ޖަވާބު ދިނެވެ. އެއަށްފަހު މުރުތަޟާ ކުރަމުންގެންދިޔަ އެކި ސުއާލުތަކަށް ، ހަމައެކަނި އާނއެކޭ ބުނެ ކަޝަފް ޖަވާބުދެމުން ގެންދިޔައެވެ. ޓްރޭނިންގ ފުރިހަމަ ކުރުމަށް ކަޝަފް ލާހޯރަށް ދާންޖެހޭނެ ވާހަކަ ބުނުމާއެކު ، އޭނާ ދަންނަ ވަރަށްގިނަމީހުން ލާހޯރުގައި ތިބޭނެކަމުގައި މުރުތަޟާ ބުނެއެވެ. ދާންވީމަ ބުނާށޭ ބުނެ އެމީހުން ކަޝަފް ރަނގަޅަށް ބަލައިދޭނެކަމަށްވެސް ބުނެއެވެ. އެހުރިހާ ވާހަކަޔަކަށް ކަޝަފް ބުނީ ، އެއީ ބޭނުންކަމެއް ނޫންކަމަށެވެ. އަދި އޭނާއަމިއްލަޔަށް ހުރިހާ ކަމެއް ހަމަޖައްސައިގެން އުޅެން އެނގޭނެ ކަމަށެވެ. އެއީ ރަނގަޅު ވާހަކައެކޭ ބުނެ ރާފިޢާވެސް ވާހަކައިގެ ތެރެޔަށް ވަދެއެވެ. ދަންނަ ބަޔަކު އުޅޭކަމަށް ވަންޏާ ކަމެއްދަމެއް ބޮޑުވާ ފަހަރަކުން އެހީއަކަށްވެސް އެދެންވެސް އޮންނާނެއެވެ.
" މަންމާއެވެ ! އަހަރެމެންނަށް ކަމެއް ބޭނުންވާ ވަގުތު އެއްވެސް މީހަކު އެހީއެއް ނުވާނެއެވެ. " މުރުތަޟާއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ކަޝަފް ބުންޏެވެ. ލަދުންގޮސް ބުނާނެ އެއްޗެއް ނޭނގި މުރުތަޟާ އިނެވެ. ރާފިޢާވެސް ލަދުވެތި ގޮތަކަށް މުރުތަޟާއާ ދިމާއަށް ބަލައިލާ ހީލިއެވެ. އެހިސާބުން މުރުތަޟާގެ އެޒިޔާރަތް ނިމުމަކަށް އައެވެ.
އެހެންނަމަވެސް ، މުރުތަޟާ ދިއުމުން ރާފިޢާ އޭނާގެ ދަރިފުޅުގެ ބަސްމަގު ހުރިގޮތާމެދު ހިތްހަމަނުޖެހިގެން ކަޝަފާ އެވާހަކަ ދައްކައެވެ. ރާފިޢާއަށް ފެންނަ ގޮތުގައި ، ކަޝަފް މިއަދު އެހުރީ އޭނާގެ ބައްޕަ ލަދުގަންނުވައިލާފައެވެ. ކަޝަފް އެކަމެއް ޤަބޫލެއް ނުކުރެއެވެ. ބައްޕަ ލަދުގަންނުވައިލުމަށްޓަކައި ކަޝަފް އެއްވެސްކަމެއް ނުކުރެ އެވެ. މުރުތަޟާ އައީ ކަޝަފަށް މުބާރިކްބާދީ އަދާކުރުމަށް ފޮނިކާއެއްޗެއްވެސް ހިފައިގެންނެވެ. ކަޝަފާ ދިމާވޭތޯ ދެގަޑިއިރެއްހާ އިރުވަންދެން މުރުތަޟާ މަޑުކޮށްގެން އިނެވެ. އެންމެ ދެރަވެގެން ، އެވަގުތު ކަޝަފް އޭނާގެ ބައްޕައާ ރީތިކޮށް ވާހަކަ ދައްކާލާނެކަމަށް ރާފިޢާ މިއަދު އުއްމީދު ކުރިއެވެ.
ކަޝަފަށް ، މުރުތަޟާގެ ބޭނުން ޖެހެނީ މިއަދަކު ނޫނެވެ. މިއަދު އޭނާ މަސައްކަތް ކުރަމުން އެގެންދަނީ އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައެވެ. އެމަސައްކަތުގައި މިހާރު ވޭތުކުރަމުން އެގެންދަނީ އެންމެ ފަހު ވަގުތުކޮޅެވެ. އިރާދަ ކުރެއްވިއްޔާ ބައްޕަ ފަދަ ޒިންމާދާރުކަން ކުޑަ މީހެއްގެ އެހީތެރިކަމާނުލައި އޭނާ ، އޭނާގެ މަޤްޞަދު ޙާޞިލް ކުރާނެއެވެ. ރާފިޢާ އެންމެ ކަނބޮޑުވީ ކަޝަފްގެ ޢަމަލާއި ބަސްމަގު ހުރިގޮތުން ، މުރުތަޟާ ގެޔަށްގޮސް ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެތީއެވެ. މިއޮށް ހުރިހާ ދުވަހު ކަޝަފްމެންނާ ބެހޭގޮތުން މުރުތަޟާ ދައްކާފައިނެތް ވާހަކައެއް މިއަދު ، އިތުރަށް ދައްކާކަށް ނުއޮންނާނެއެވެ. އެހެން ނޫނަސް އެއީ ކަޝަފް އެހާ ކަންބޮޑުވާ ކަމެއްނޫނެވެ. ޒަހަރެއްފަދައިން އެމީހުންގެ ދިރިއުޅުމާ ކުޅެމުންގެންދާ ބަޔަކު ދައްކާނެ ވާހަކަޔަކަށް ކަޝަފް އެހައި ކަންބޮޑެއް ނުވެއެވެ.
ރާފިޢާގެ ވިސްނުން މުޅިން ތަފާތެވެ. މުރުތަޟާއަކީ ކަޝަފްގެ ބައްޕައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނަކަށް ޢިއްޒަތާއި ޝަރަފް މިންވަރު ކުރެއްވުމުން ، އެހެން މީހުންނަށް މާފުކުރަން ވާނެއެވެ.
" އެމީހުންނަށް މާފުކުރަން މަންމަ ތިހުރީ ނޫން ހެއްޔެވެ ؟ މުޅި ޢުމުރުގައިވެސް އަހަރެން އެއްވެސް މީހަކަށް އުނދަގުލެއް ނުކުރަމެވެ. އަދި އުފަލެއްވެސް ނުކުރުވަމެވެ. އަހަރެން ބޭނުމީ ބައްޕަ އެއުޅޭގޮތަކަށް އަހަރެމެންގެ ދިރިއުޅުމާ ދުރުގައި އުޅުމެވެ. އަދި އަހަރެމެންނާމެދު ކުރިންވެސް ޢަމަލުތައް ބެހެއްޓިގޮތަށް ބަދަލެއް ނުގެނެސް އުޅުމެވެ. " ކަޝަފް ބުންޏެވެ.
ރާފިޢާގެ ނަޒަރުގައި ރަނގަޅު ވަގުތުގައި އައިސް ރަނގަޅަށް އުޅުނީމަ ރަނގަޅަށް ހިތަންވާނެއެވެ. މުރުތަޟާ އެއައީ އޭނާގެ ދަރިފުޅަށް ލިބުނު ފަޚުރަށްޓަކައި އުފާވެރިކަން ފާޅުކޮށް މުބާރިކްބާދީ އަދާކުރާށެވެ. އެހެނަސް ، މުރުތަޟާގެ ފައިގާ ބޮސްދީފައި ، މުރުތަޟާ އެކުދިންނާއި މަންމައަށް ހަދައިލި ނިކަމެތިގޮތް ހަނދާން ނައްތައެއް ނުލާނެއެވެ. ދުނިޔެ ހިނގާ އުޞޫލަކީ އެއީކަމުގައި ކަޝަފަށް ވިސްނައި ދެވޭތޯ ރާފިޢާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ކަޝަފް އެދައްކަނީ ދުނިޔެ ހިނގާ އުޞޫލުގެ ވާހަކައެއް ނޫނެވެ. ކަޝަފް އެދައްކަނީ ، އޭނާ މިދުނިޔެއަށް އުފަންކުރުވި ބައްޕަގެ ވާހަކައެވެ. މަންމަޔާ ދެބަސްވާން ޖެހޭތީ ކަޝަފް ކަންބޮޑު ވެއެވެ. އެހެންނަމަވެސް އޭނާގެ ބައްޕަޔާ ބެހޭގޮތުން ކަޝަފްގެ ހިތުގައިވާ ނަފުރަތާ ކުޅެލުމަށް މަންމަޔަކަށްވެސް ފުރުޞަތެއް ނުދޭނެއެވެ. އެއަށްވުރެ ބޮޑަށް ، އެ ބައްޕަވަނީ ، އެމީހުންނާމެދު އިހުމާލު ވެފައެވެ. އެއްވެސް ވަރަކަށް އަޅައިނުލާ މަގުމައްޗަށް އެއްލައިލާފައެވެ. މަންމަ އެކަމާ ކަންބޮޑުވިޔަސް ކަޝަފަށް އެކަން ދޫކޮށެއް ނުލެވޭނެއެވެ. އެއަށްވުރެ ބޮޑަށް އެކުދިންވަނީ ، ހިތުގައި ޖައްސާފައެވެ. އުޅޭނެގޮތަކަށް އުޅެން ދުނިޔެއަށް ދޫކޮށްލާފައެވެ.
------------------------
ފަރްޙާން ކުއްލިގޮތަކަށް ސާރާމެންގެ ގެޔަށް އާދެއެވެ. ކާރުން ފޭބިތަނާ ފުރަތަމަވެސް ދިމާވީ ޒަރޫން އާއެވެ. ސަލާމް ގަލާން ކޮށްލުމަށްފަހު ، ފަރްޙާން ބޭނުންވީ ގޭތެރެޔަށް ނުގޮސް ބޭރުގައި ތިބެ ވާހަކަ ދައްކާލާށެވެ. އެހެންނަމަވެސް ، ޒަރޫން ކުރުނުކޮށްގެން އެތެރެޔަށް ވަދެއެވެ. ފަރްޙާން އެއައީ އޭނާއާއި ސާރާއާ ބެހޭގޮތުން ޒަރޫންއާ ވާހަކަ ދައްކާލައި މަޝްވަރާ ކޮށްލާށެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ފަރްޙާން ލަދުގަނެއެވެ. އެހެންނަމަވެސް އެކަން ނުކޮށް ވާންނެތިގެން އެގެޔަށް އައީއެވެ. ޒަރޫންވެސް އިނީ ވަރަށް ކަންބޮޑުވެފައެވެ. ސާރާއާ ބެހޭގޮތުން ސާރާމެންގެޔަށް އައިސް ވާހަކަ ދައްކަން ފަރްޙާނަށް މަޖުބޫރުވާނީ ވަރަށް ބޮޑުވަރު ވެގެންނެވެ.
އެހެން އެއްވެސް ގޮތެއް އޮތްނަމަ ، އެކަމާބެހޭގޮތުން ޒަރޫންއާ ވާހަކަ ދައްކާކަށް ފަރްޙާން ބޭނުމެއް ނޫނެވެ. ޒަރޫން ބޭނުންވަނީ ، ސާރާއާ ބެހޭގޮތުން ޒަރޫންއާ ވާހަކަ ދައްކާށެވެ. ސާރާއާއި ފަރްޙާނާ ދެމެދު ހިނގަމުންދާ ކަންކަމަކީ އެއްވެސް ޙައްލެއް ހޯދެން އޮތް ކަންކަމެއް ނޫނެވެ. ޒަރޫން އަށްވެސް ފަރްޙާންގެ ކަންބޮޑުވުން ވަޒަން ކުރެވެއެވެ. ފަރްޙާނެކޭ އެއްގޮތަށް ޒަރޫންވެސް އެކަންކަމާ ކަން ބޮޑުވެއެވެ. އަދި ، ސާރާއާ އޭނާވަނީ އެތައްފަހަރަކު އެވާހަކަ ދައްކައި ނަޞޭޙަތްދީފައެވެ. އެކަމަކު އެއިން ނަޞޭޙަތެއްގެ އަޑު އަހާކަށް ސާރާ ތައްޔާރެއް ނޫނެވެ. ސާރާ އުޅެމުންގެންދަނީ އޭނާގެ އަމިއްލަ ދުނިޔެ އެއްގައެވެ. މަންމަގެ ފަރާތުން ސާރާއަށް ލިބިފައިވާ ތަރުބިއްޔަތުގެ އަރިއަޅާލާފައިވާ ބިންގަލުގެ މަތީގައެވެ. ސާރާގެ މައްސަލަޔަކީ ، ރަނގަޅަކަށް ބުނާ ވާހަކައެއްގެވެސް އަޑު ނޭހުމެވެ. ބޭނުންހައި ގޮތަކަށް އުޅުމެވެ. ފަރްޙާންގެ ބަސް އެއްވެސް މިންވަރަކަށް ސާރާގެ މައްޗަކަށް ނުވިކެއެވެ.
ސާރާ އުޅެން ބޭނުންވާ ގޮތަކަށް އުޅުމުގެ ފުރިހަމަ މިނިވަންކަން ، ފަރްޙާން އޮތީ ސާރާއަށް ދީފައެވެ. އެއީ އެކައިވެނި ނުރޫޅި ދެމިއޮތުމަށްޓަކައެވެ. އެހެނަސް ، ސާރާ ގެންދަނީ އޭގެ ނާޖާއިޒް ފައިދާ ނަގަމުން ، ހިތުހުރިގޮތަކަށް އުޅެމުންނެވެ. ފަރްޙާން ބުނާ އެއްވެސް ގޮތެއް ނުހަދައެވެ. ފަރްޙާނަކަށް އަޅައެއް ނުލައެވެ. ގޭތެރޭގެ އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އެކަމާ ފަރްޙާންގެ މައިންބަފައިންވެސް ތިބެނީ ކަންބޮޑުވެފައެވެ. ސާރާއަކީ އެހާ އުޅުމެއްނެތް ޒިންމާދާރުކަން ކުޑަ މީހަކަށް ވެދާނެކަމަކަށް ފަރްޙާންގެ ހިތަށް އަރާފައެއް ނުވެއެވެ. ފަރްޙާން ހުރީ އެކައިވެނި ދެމެހެއްޓުމަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވާންވެސް ތައްޔާރަށެވެ. އެކަމަކު ، އެކަން އެގޮތަށް ވެދާނެކަމުގެ އެއްވެސް އުއްމީދެއް ފަރްޙާންގެ ނެތެވެ. އެކަމުގެ އުއްމީދު ވަނީ އޭނާއަށް ގެއްލިފައެވެ. ސާރާގެ ޢަމަލުތައް ހުންނަނީ ފަރްޙާނަށް އިތުރަށް ބަރުދާސްތު ކުރެވޭވަރަށްވުރެ މަތީގައެވެ. ޒަރޫންއާ ބައްދަލުކޮށް އެވާހަކަ ދެއްކުމުގެ ބޭނުމަކީ ، ޒަރޫންއަކީ ސާރާގެ ހަމައެކަނި ހުރި ބޭބެކަމަށްވެފައި ގާތްގުޅުމެއް އޮންނާތީ އަދިވެސް އިތުރަށް ސާރާއާ ވާހަކަ ދައްކައިދީ ، ސާރާއަށް ވިސްނައި ދިނުމެވެ. ސާރާދެކެ ، ފަރްޙާން އިންތިހާއަށް ލޯބި ވެއެވެ. އެހެންނަމަވެސް ، ދުވާލު ހަތަރުދަމު ހާސްކަންމަތީ ހަމަޔަށް ނޭވާލާނެ ވަގުތެއްނުލިބި ދިރިއުޅުމަކީ ފަރްޙާނަށް ކުރެވެން އޮތްކަމެއް ނޫނެވެ. އޭނާގެ ކެތްތެރިކަން އެވަނީ ކޮޅުން ލާފައެވެ. ފަރްޙާންގެ އާދޭހަކީ އޭނާގެ ޙާލަތުވެސް ދެނެގަނެ ، ޒަރޫން ، ސާރާއާ ވާހަކަދައްކައިގެން ބަދަލެއް ގެނެވޭތޯ ބަލައިދިނުމެވެ.
(ނުނިމޭ)
vvv.reethi