ދެކަފި - 29

(12 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިންޓަވަލް ގަޑީގަ ކަޝަފް އެކަނި ޔުނިވަރސިޓީގެ ގޯތިތެރޭގައި އިށިނދެލައިން އިނެވެ. ކަޝަފް ގާތަށް ޒަރޫން އާދެއެވެ. އޭނާއައީ، ޝޮޕިންގ ބޭގެއް ހިފައިގެންނެވެ. އައިސް ކަޝަފަށް ސަލާމް ގޮވައިލިއެވެ. އަދި ކަޝަފްވެސް ހިނިތުންވެލާފައި ސަލާމް ބަލައި ގަތެވެ.

"ޙާލު ކިހިނެއް ހެއްޔެވެ؟" ޒަރޫން އަހައިލިއެވެ.

"އަހަރެންގެ ޙާލު ރަނގަޅެވެ. ޒަރޫން ކިހިނެއް ހެއްޔެވެ؟" ޒަރޫންވެސް އޭނާގެ ޙާލު ރަނގަޅުކަމަށް ބުންޏެވެ. އަދި ޒަރޫން ކޮންމެވެސް އެއްޗެއް ކަޝަފަށް ދޭން ބޭނުންވާ ވާހަކަ ބުންޏެވެ. ކަޝަފްވެސް އެއީ ކޮން އެއްޗެއްތޯ އަހައިލިއެވެ.

"އަހަރެން މިއައީ އިހަކަށްދުވަހު ޑުބާއީއަށް ގޮހެވެ." ކަޝަފް ބުންޏެވެ.

"އެހެން ހެއްޔެވެ؟ ޔުނިވަރސިޓީ ތެރެއިން ނުފެންނަނީ އެހެންވެގެންދޯއެވެ؟" ކަޝަފް ބުންޏެވެ. އެކަން ކަޝަފަށް ނޯޓިސް ކުރެވުނުތޯ ޒަރޫން އަހައިލިއެވެ.

"ހުރިހާ ކުދިންވެސް ނޯޓިސް ކުރިއެވެ. ކްލާހުން ފާހަގަ ކޮށްލެވޭ ކުއްޖަކު ދެތިންދުވަހަކު ކްލާހުން ނުފެނުނީމަ، އެންމެންނަށްވެސް ނޯޓިސް ކުރެވޭނެ ދޯއެވެ!" ކަޝަފް ބުންޏެވެ.

"އަހަރެންނަށް އެއްޗެއް ދޭން ބޭނުންވާ ވާހަކަ ބުނިންދޯއެވެ؟" ކަޝަފް، ޒަރޫންއަށް ހަނދާން ކޮށްދިނެވެ.

"އާނއެކެވެ. އަހަރެން ބުނީމެއް ނޫން ހެއްޔެވެ؟" ޒަރޫންގެ ވާހަކަ ނުނިމެނިސް ކަޝަފް ވާހަކަ ދައްކަން ފެއްޓިއެވެ.

"އާނއެކެވެ. ޑުބާއީއަށް ދިޔަވާހަކައެވެ." ކަޝަފް، ޒަރޫންގެ ވާހަކަ ނިންމައިދިނެވެ.

ކަޝަފަށް ބައެއް އެއްޗެހި ޑުބާއީން ގެނެސްދިން ވާހަކަ ބުނެ ޒަރޫން އޭނާ ގެނައި ޝޮޕިންގ ބޭގް ކަޝަފަށް ދިއްކޮށްލައެވެ. އެއީ ކޮންކަމަކާ ގުޅިގެން، ކީއްވެގެން ދޭ އެއްޗެއް ހެއްޔޭ ކަޝަފް އަހާލައެވެ. ޒަރޫން އިނީ ކަޝަފްގެ ސުއާލަށް ވަގުތުން ދޭނެ ޖަވާބެއް ހަނދާން ނުވެފައެވެ.

"ހުރިހާ ރައްޓެހިންނަށްވެސް އަހަރެން ހަދިޔާ ގެނައިމެވެ. އެހެންވީމާ....” ޒަރޫންގެ ވާހަކަ ނުނިމެނިސް ކަޝަފްގެ ވާހަކަ ފެއްޓިއެވެ.

“ރައްޓެހިންނަށް ހަދިޔާ ގެނައިކަން އެއީ ޒަރޫންގެ ހިތްހެޔޮ ކަމެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު، އަހަރެންނަކީ ޒަރޫންގެ ރައްޓެއްސެއް ނޫނީމެވެ. އަދި އަހަރެންނެއް، މީހުންދޭ ހަދިޔާ ޤަބޫލެއް ނުކުރަމެވެ.” ކަޝަފް އެއްނޭވައިން ބުނެލިއެވެ.

“އަހަރެންނަކީ، ރަޙުމަތްތެރިއެއްކަމަށް ކަޝަފް ނުބެލި ނަމަވެސް، ކަޝަފަކީ އަހަރެންގެ ރަޙުމަތްތެރިއެއްކަމަށް އަހަރެން ބަލަމެވެ.” ޒަރޫން ބުންޏެވެ.

“ތިޔައީ ޒަރޫންގެ ވިސްނުމުގައި އޮތް ގޮތެވެ.” ކަޝަފް ބުންޏެވެ.

ޒަރޫން ގެނައި ތަކެތި ކަޝަފަށް ދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ރައްޓެއްސެއްގެ ޙައިޞިއްޔަތުން ނޫންކަމަށްވިޔަސް އޭނާގެނައި ހަދިޔާ ޤަބޫލު ކުރުމަށް ކަޝަފްގެ ކިބައިން އެދެއެވެ. އެހެންނަމަވެސް، މީހުންދޭ ހަދިޔާ އޭނާ ޤަބޫލުނުކުރާ ކަމުގައި ކަޝަފް ބުނަމުން ގެންދިޔައެވެ. ހަމައެއާއެކު، އޭނާގެ ހަދިޔާގެ ބަދަލުގައި ކަޝަފް އަތުން ހަދިޔާއެއް ބޭނުންނުކުރާނެ ކަމަށް ޒަރޫން ވަޢުދު ވެއެވެ. ޒަރޫން ދިން ހަދިޔާއެއް ކަޝަފް ޤަބޫލު ނުކުރާ ހިނދު، ބަދަލުގައި ޒަރޫންއަށް ކަޝަފް ހަދިޔާއެއް ދިނުމުގެ ސުއާލު ނުއުފެދޭކަމުގައި ކަޝަފް ބުނެއެވެ. ޒަރޫން އެހުރިހާއިރު އިނީ، ކަޝަފަށްދޭން ގެނައި ޝޮޕިންގ ބޭގް ކަޝަފާ ދިމާއަށް ދިއްކޮށްލައިގެންނެވެ. އޭނާގެ މޫނުމަތިން ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އިނީ ހިނިތުން ވެލައިގެންނެވެ.

“އަހަރެމެން ދެމީހުންވެސް، އެއްވެސް ކަމަކުންކުރެ ކަމަކާނުލާ، އަހަރެމެންގެ ވަގުތު މިކުރެވެނީ ބޭކާރުހެން މަށަށް ހީވެއެވެ. ޒަރޫންގެ ދެތިން ކްލާސްވެސް، ރަށުގައި ނޫޅޭތީ ނައިސް ގެއްލިފައިވާތީ، އެދުވަސްތަކުގެ ކްލާސް ނޯޓުތައް ހޯދައި ފިލާވަޅުތައްވެސް ދަސްކުރަން ޖެހޭނެ ނޫން ހެއްޔެވެ.” ކަޝަފް ނަޞޭޙަތުގެ ރާގެއްގައި ބުންޏެވެ.

ޒަރޫން އާ އެވާހަކަ އޭނާ ދެއްކީ، އެއްވެސް ރުޅިވެރިކަމެއް ނެތިއެވެ. އެންމެ ފަހުން ޒަރޫންގެ ކިބައިން، މަޢާފަށް އެދުމަށްފަހު،  ކަޝަފް އެތަނުން ތެދުވެގެން ދިޔައެވެ. ޒަރޫން އިނީ ގުޑިލަންވެސް ނޭނގިފައެވެ. ކަޝަފް ތެދުވެގެން ދިޔައިރު ފުރަގަހުން އޭނާއަށް ބަލަހައްޓައިގެން އަނގަ ހުޅުވިފައި ޒަރޫން އިނެވެ. ކަޝަފް އެއީ ކޮންކަހަލަ އިންސާނެއްހޭ ޒަރޫންގެ ހިތަށް ނާރައެއް ނުހުންނާނެއެވެ. އެހެންނަމަވެސް ކަޝަފްގެ ޙާލަތަކަށް އަދި އޭނާ އެ ކަންކުރިގޮތަކަށް ޒަރޫން އެއް ނުވިސްނައެވެ. ކަންބޮޑެއްވެސް ނުވެއެވެ.

ކަޝަފްމެންގެ ނިކަމެތި ކަމާއި ދިރިއުޅުމުގެ ދަތި ޙާލަތަކީ، މީހުން ދޭ ހަދިޔާ ޤަބޫލު ކުރަން އެނގޭފަދަ ޙާލަތެއް ނޫނެވެ. ހަމައެފަދައިން، ކަޝަފްމެންނަކީ ދުވަހަކުވެސް ދުރު މީހުން ހަދިޔާ ބަދިޔާ ދީ ހަދާ ބައެއް ނޫނެވެ. އެއީ، ޚުދު އެމީހުންގެ ބައްޕަވެސް ކުރާކަމެއް ނޫނެވެ. ކަޝަފްމެންގެ މެދުގައި ބަދަލުކުރެވޭ ހަދިޔާއެއް ވިއްޔާ ބަދަލު ކުރެވެނީ އޭގެ ތިންބެއިންނާ އަދި އެކުދިންގެ މަންމައާ މެދުގައެވެ. އެހެންކަމުން، ދުރު މީހަކު ދޭ ހަދިޔާއެއް ޤަބޫލުކުރާނީތޯ ނުވަތަ ނޫންތޯ އެއީ ކަޝަފްގެ އަމިއްލަ ނަފްސަށްވެސް ނިންމަން ނޭނގޭނެ ކަމެކެވެ. އެހެންކަމުން، މީހަކު ދޭ ހަދިޔާއެއް ޤަބޫލު ނުކުރުމުން، އެމީހާގެ ހިތަށް ވެރިވާނެ އިޙްސާސާއި ޝުޢޫރުތައް އެއީ ކަޝަފަށް ތަޖުރިބާ ކުރެވިފައިވާނެ ކަމެއް ނޫނެވެ. ޒަރޫންގެ ހަދިޔާ ޤަބޫލު ނުކުރީމަ، ޒަރޫންގެ ހިތަށް އަރާނެ އެއްވެސް ކަމެއް ކަޝަފަށް އިޙްސާސެއް ނުކުރެވޭނެއެވެ. އަދި، ހަމަ އެފަދައިން، ކަޝަފްގެ އަމިއްލަ ތަޞައްވުރުގައި ހުރި އެބާވަތުގެ ކަންކަމަކީ، މުއްސަނދި ޢާއިލާއަކަށް އުފަން ޒަރޫންއަށް ވިސްނައިގަންނަން އެނގޭނެ ކަންކަމެއް ނޫނެވެ. ދަރަޖައާއި ދިރިއުޅުމުގެ ތަފާތުން އުފެދިދާނެ ގިނަ ކަންކަން، އެދެމީހުންކުރެ މީހަކަށް ވަތްކެއް ނުކުރެވޭނެއެވެ. ކަޝަފްގެ ދިރިއުޅުމުގައި، ޒަރޫންގެ އިޙްސާސްތަކެއް ވަތްކެއް ނުކުރެވޭނެއެވެ. އަދި ޒަރޫންގެ ދިރިއުޅުމުގައި، ކަޝަފްގެ އިޙްސާސްތަކެއް ވަތްކެއް ނުކުރެވޭނެއެވެ. އެދެމީހުންގެ ދިރިއުޅުން ބިމާއި އުޑާހާ ތަފާތެވެ. ބިމާއި އުޑު އެއްތަންކުރަން އުޅެފިއްޔާ ދެންވާނެގޮތް އެ އޮތީ ވެފައެވެ. ނަޞީބަކުން ދެމީހުންކުރެ އެކެއްގެ ހިތުގައިވެސް ރުޅިވެރިކަމެއް، ނަފުރަތެއް ނެތެވެ. އެ ދެމީހުންގެ ހިތުގައި އޮތްހާވެސް އެއްޗަކީ، ވެގެންއުޅޭގޮތެއް ނޭނގުމުގެ އޮޅުން ބޮޅުމެވެ.

އެރޭގެ ނިންޖަކީ، ކަޝަފަށްވެސް އަދި ޒަރޫންއަށްވެސް އެހާ ފަސޭހަ އެއްޗަކަށް ނުވާނެއެވެ. މިއަދު އެދިމާވީ ދެމީހުންނަށްވެސް ބޮޑު ކަމެކެވެ. ޒަރޫންއަށް ލަދުވެތި ކަމެކެވެ. ކަޝަފަށް ޙައިރާން ކުރުވަނިވި އާ ކަމެކެވެ. ޚާއްޞަކޮށް ޒަރޫން އަށް އެއީ އޭނާ އުއްމީދުކޮށްގެންހުރި ކަމެއް ނޫނެވެ. ދުވަހަކުވެސް އެކަހަލަ ކަމެއް، އެއްވެސް އަންހެންކުއްޖެއްގެ ފަރާތުން ކުރިމަތިވެފައެއް ނުވެއެވެ. އެއީ އެދެމީހުންގެވެސް ޑައިރީގައި ލިޔެލަން މުހިންމު ވާހަކައެކެވެ.

 ޒަރޫން އޭނާގެ ލެޕްޓޮޕް ހުޅުވާލައިގެން އިނދެ އޭނާގެ ދިރިއުޅުމުގެ ޑައިރީ ލިޔަމުން ގެންދިޔައެވެ. ކަޝަފް ހަދިޔާއެއްގެ ބޭނުމެއް ނެތެވެ. އެކަމަކު އެއީ އެވައްތަރުގެ ކުއްޖެއް ނޫނެވެ. އެހެނަސް އެއީ ކޮން ވައްތަރެއްގެ ކުއްޖެއްކަން ޒަރޫންއަށް އެނގެއެވެ. ޒަރޫން އާ ދުރުހެލިވުމާއި ވާހަކަ ނުދެއްކުން އެއީ ކަޝަފްމެން ކަހަލަ ކުދިން ބޭނުންވާނެ ގޮތެވެ. އެހެންނަމަވެސް،  އޭނާގެ ފަހަތުން ޒަރޫން ދާނެއެވެ. އެއީ، އަންހެންކުދިންގެ ސަމާލުކަން ދަމައިގަތުމަށްޓަކާ ކުރިން ބޭނުންކުރަމުން އައި އުކުޅެވެ. ހަދިޔާ ހިފައިގެން ދިޔައިމަ ކަޝަފަށް ޙައިރާންކަމެއް ލިބިގެންދާނެކަން ކަށަވަރެވެ. އެއީ، ކަޝަފް އުއްމީދުކޮށްގެން ހުންނާނެ ކަމެއް ނޫނެވެ.  ހަމަ ގައިމުވެސް އެކަމާގުޅިގެން  އެރޭގެ ނިދި، ކަޝަފަށްވެސް ހަމަޔަކަށް ނުލިބޭނެއެވެ.

ޒަރޫން ހަދިޔާ ހިފައިގެން އައިމަ ކަޝަފްގާތަށް ހުރީ ވަރަށް ރުޅި އައިސްފައެވެ. އެހެންނަމަވެސް، އޭނާގެ ރުޅި ޔުނީގައި ކޮންޓްރޯލްކޮށް، އެރުޅިވެރިކަން ފާޅުކުރީ ގެޔަށް ގޮހެވެ. ޢާންމުކޮށް އޭނާ އެކަންކުރާގޮތަށް، ޞިދްރާގެ ކުރިމަތީގައެވެ. ކަޝަފްގެ އެކަހަލަ ކަންކަމުގައި ބޮޑަށް ވާހަކަ ދައްކައި އުޅެނީ ޞިދްރާ އާއެވެ. ޝެހްނީލާއަކާ އެކަހަލަ ވާހަކައެއް ކަޝަފް ނުދައްކާނެއެވެ. ޞިދްރާއަކީ ކަޝަފާ ޖެހިގެން ދެން ބޮޑަށްހުރި ކުއްޖާ ކަމަށްވާތީ، އެދެބެންގެ ގުޅުން އެކަހަލަ ކަންކަމުގައި ވަރަށް ގާތެވެ. ކެއުމަށްފަހު، ދެބެންގެ މެދުގައި ހިނގަމުން ދިޔައީ އެކަމުގެ ބަޙުސެވެ. ޞިދްރާ ވިސްނާ ގޮތުގައި، ޒަރޫން ހަދިޔާ ހިފައިގެން އައިމަ އެހަދިޔާ ކަޝަފް ޤަބޫލު ނުކުރީމަ، އެހިސާބުން އެކަން ދެން އެނިމުނީ އެވެ. އެކަމަކު، ކަޝަފަކަށް އެކަމެއް ނުނިމެއެވެ. ނުމެ ޢީދަކު ނުމެރޯދަޔަކު، ހަދިޔާ ހިފައިގެން އައިމަ އެއީ ކަޝަފްގެ އަބުރާއި ޢިއްޒަތަށް، ޒަރޫން ކުރި އިހާނެތި ކަމެކެވެ. ހަދިޔާ ބަދިޔާ ބަދަލު ކުރާވަރުގެ ގާތްކަމެއް އެދެމީހުންގެ ދެމެދުގައި އުފެދިފައެއް ނުވެއެވެ.  ޒަރޫން ހަދިޔާ ދޭން، ޔުނީގައި ފުދޭވަރަށް ކުދިން ތިބޭނެއެވެ. ކަޝަފަށް ހަދިޔާ ދޭން ޒަރޫން ނިންމި ނިންމުމަކީ، ކަޝަފަށް ޤަބޫލު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.

“ޑުބާއީއަށް ބާޒާރުކޮށްލަން ދިޔަވާހަކަ، މާމޮޅު މުއްސަންޖެއްކަން ދައްކަންވެގެން ބުނެފިއެވެ. އެހެން މީހަކަށް ބާޒާރުކޮށްލަން ޑުބާއީއަށް ނުދެވެނީ ހެއްޔެވެ ؟ “ ކަޝަފްގެ ރުޅިގަނޑު ކޮންޓްރޯލެއް ނުވިއެވެ.

“ކަޝަފަށް، ބާޒާރުކޮށްލަން ޑުބާއީއަށް ދެވިދާނެ ހެއްޔެވެ ؟” ޞިދްރާ ސުއާލު ކުރިއެވެ.

ކަޝަފް އެއައީ އެވާހަކަ ބުނަންކަމުގައި ޞިދްރާގާތު ބުންޏެވެ.

“އެހަދިޔާއަކާހެދި ދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ ގާތްކަމަށް އަސަރުކުރާނެކަން އެފަކީރަށް އެނގޭނީ ކިހިނެއް ހެއްޔެވެ ؟”  ޞިދްރާ ސުއާލުކުރިއެވެ.

“ލާރި ހުންނަ މުއްސަނދިން އެމީހުންގެ އަމިއްލަ ދުނިޔޭގައި ނޫޅެނީ ކީއްވެގެން ހެއްޔެވެ ؟ އަހަރެމެން ކަހަލަ ނިކަމެތިންނަށް ކޮން އުނދަގުލެއް ކުރާކަށް ހެއްޔެވެ ؟ އަހަރެމެންނާ އެމީހުންނާ ވަރަށް ތަފާތެވެ. އެމީހުންގެ އަތުގައި ހުންނަ އެއްޗެތި އަހަރެމެން އަތަކު ނުހުންނާނެ އެވެ.” ކަޝަފް ބުންޏެވެ.

“އޭގައިހުރީ ކޮން އެއްޗެއްތޯ ބަލައިލަން، އެހަދިޔާ ކަޝަފް ޤަބޫލު ކުރިނަމައެވެ.” ހިނިއައިސްފައި އިނދެ ޞިދްރާ ބުންޏެވެ.

“މަށަށް އެބަ އެހެން އެއްޗެއް ހީ ވެއެވެ. “ ޞިދްރާ ފާޑަކަށް ހިނި އައިސް އިނދެ، އެހެން ބުނުމުން، އެއީ ކޮންކަމެއްތޯ ކަޝަފް ސުއާލުކުރިއެވެ.

ޞިދްރާގާތަށް އިނީ ފާޑެއްގެ ނުލަފާ ހިންޏެއް އައިއްސައެވެ. ހިނި އައިގޮތަށް ކަޝަފާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އެކަމާ ގުޅިގެން ކަޝަފްގެ ލޭ ހައްތާ ދިޔައީ މައްޗަށެވެ. އެއްޗެއް ހީވާ ވާހަކަ ބުނެފައި، އެ ހީވާ އެއްޗެއް ނުބުނުމަކީ ވަރަށް ގޯސް ކަމެކެވެ. އެއީ ކަޝަފް އެހާ ޤަބޫލު ކަމެއް ނޫނެވެ. ކަޝަފް އަހާ އަހާވެސް ޞިދްރާ އެބުނި އެއްޗެއް ސާފުކޮށެއް ނުދިނެވެ. ޞިދްރާގެ ހިތުގައި އޮތް އެއްޗެއް ނުބުނެގެން،  ހިތްހަމަ ނުޖެހިފައި ހުރެ  ކަޝަފް ރުޅިއަރައިގަނެ، އެތަނުން ދެއެވެ. އޭރުވެސް، ކަޝަފް ރުޅިއަރުވަން ވެގެން، ޞިދްރާ އިނީ، އޭނާގެ ފޮރުވިފައިވާ އެ ނުބައި ހިނިގަނޑު ހިފަހައްޓައިގެންނެވެ.

------------------------

ޔުނިވަރސިޓީ ނިންމާލާފައި ހިނގާލާފައި ގެޔަށް ދިއުމަކީ ކަޝަފްގެ އާދައެކެވެ. މާބޮޑަށް ވަރުބަލިވެފަ ހުރިއްޔާ ކުރޮޅިއެއް ނަގާނެއެވެ. އެހެންނޫނީ، ގެޔަށް ދާނީ މުޅިންވެސް ހިނގާފައެވެ. ކަޝަފް، މަޑުމަޑުން ހިނގާލާފައި ޔުނީގެ ގޯތިތެރެއިން ނުކުންނަމުން ދެއެވެ. ފަހަތުން، ކާރުގައި ޒަރޫން އާދެއެވެ. އަދި، ކަޝަފާ އަރާ ހަމަވެފައި ގެޔަށް ގެންގޮސް ދެންހޭ ބުނެއެވެ. އެއީ ކީއްވެގެންތޯ ކަޝަފް ސުއާލު ކުރެއެވެ. ޒަރޫން ގެޔަށްދަނީ ކަޝަފްގެ ގެ ހުންނަ ކޮޅަށް ކަމަށްވާތީ ގެޔަށް ލައިދޭން ބޭނުންވީކަމަށް ޒަރޫން ބުނެއެވެ. ކަޝަފް، ޒަރޫންއަށް ޝުކުރު އަދާކުރިއެވެ. އެހެންނަމަވެސް، ޒަރޫންއާއެކު ކާރުގައި ދާކަށް އެއްބަހެއް ނުވިއެވެ. ކަޝަފް އޭރުވެސް ގެންދިޔައީ ނުހުއްޓި ހިނގަމުންނެވެ.

ކަޝަފްމެންގެ ގެ ހުންނަނީ ޒަރޫން ގެޔަށްދާ ކޮޅުގައި ކަމަށްވާތީ އެއީ ޒަރޫންއަށް މައްސަލަޔެއް ނޫނެވެ. ދާން ޖެހެނީ ފަހަތަކަށް ނޫނެވެ. އެއީ ޒަރޫން އަށް އެއްވެސް ތަކުލީފެއް ނޫނެވެ. އެހެންނަމަވެސް، ކަޝަފް ކޮންމެ ދުވަހަކުވެސް ދަނީ، އެކަނި ކަމަށާ އަދި އެއީ އޭނާއަށް އާދަވެފައި އޮތް ކަމެއްކަމަށް ކަޝަފް ބުނެއެވެ. އަދި، ކަމަކާ ނުލައި، ޒަރޫންގެ އެހީތެރިކަން އޭނާ ބޭނުން ކުރަންވީ ކީއްވެގެންތޯ ސުއާލު ކުރެއެވެ.

“އަހަރެން އެހީއެއް ވެދެނީކީ ނޫނެވެ.” ޒަރޫން ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.