ދެކަފި - 76

(30 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން އަށް ހީކުރެވުނީ ރަނގަޅަށެވެ. ކަޝަފް ފޯނުކުރީމަ އޭނާއަށް ވާހަކަ ނުދެއްކުނީމަ ކަޝަފް އެހުރީ ރުޅި އައިއްސައެވެ. ކަޝަފަށް ބަދީންއަށް އާދެވުމާއެކު ޒަރޫންއަށް ފޯނުކޮށްފައި އެވާހަކަ ޒަރޫންގާތު ބުންޏެވެ. އަދި ޒަރޫންގެ ޚަބަރެއް ނުވީމަ ، ފޯނުކޮށް ޚަބަރު ބެލިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ، ރީތިކޮށް ކަޝަފާ ، ޒަރޫން ވާހަކަ ދައްކައެއް ނުލައެވެ. ދެބަހެއް ބުނެލާފައި ބާއްވަނީއެވެ. އެއީ ، އަނބިމީހާ އެކަނިހުރީމަ ، ކަންބޮޑުވެގެން އުޅޭ ފިރިއަކު އުޅޭނެ ގޮތް ހެއްޔެވެ ؟ ކަޝަފްގެ ހިތުގައިވެސް ޖެހޭނެއެވެ. ކަޝަފް އޭނާގެ ހިތުގައިވާ ރުޅިވެރިކަން ޒަރޫންއަށް ބޭލިއެވެ. ޒަރޫން ކަޝަފާއެކީ ޒަރޫން އުޅުނަސް ނޫޅުނަސް އެއީ ކަޝަފް ކަންބޮޑުވާ މައްސަލައެއް ނޫނެވެ. ކަޝަފް ދެފަހަރުވެސް ޒަރޫންއަށް ފޯނުކުރީ އޭނާގެވެސް ޒިންމާއެއް އޮތްކަމަށް ދެކިގެންނެވެ. ޒަރޫން އުޅެނީ އޮފީހަށްދާ މަގުމަތީގައެވެ. އޮފީސް ނިންމާލާފަ އަލުން ފޯނުކުރާނެކަމަށް ޒަރޫން ބުންޏެވެ. އަދި ފޯނު ކަނޑައި ނުލުމަށާއި އެކަން އެހެން ކޮށްފިނަމަ ، ދެން ޒަރޫން ނުގުޅާނެކަމަށް ބުނެ ކަޝަފަށް އިންޒާރު ދިނެވެ.  ޒަރޫން ފޯނުކުރިޔަސް ނުކުރިޔަސް ކަޝަފަށް އެންމެ ރަނގަޅެވެ. ޒަރޫން ދެކޭގޮތުގައި ކަޝަފްގެ ކަންތައް އެދަނީ ތަންކޮޅެއް މައްޗަށެވެ. އެހެންނަމަވެސް ، ކަޝަފް އެ ބުނީ ޙަޤީޤަތަށެވެ. ކަން ހިނގި ގޮތަށެވެ. ދެމީހުން ދެމީހުންނަށް ރުޅިއައިސް ރަތްވެފައި ތިބެ ފޯނު ބޭއްވިއެވެ. ދެމީހުންކުރެ އެކަކަށްވެސް އެމީހެއްގެ ކުށެއް ނުފެނުނެވެ. ކޮންމެ މީހެއްގެ ނަޒަރުގައިވެސް އެމީހަކު ރަނގަޅެވެ.

ރޭވެ އަނދިރިވީ އިރުވެސް ޒަރޫންގެ ޚަބަރެއް ނުވެއެވެ. ކަޝަފް އޭނާގެ ޑައިރީ ނަގައި ، ހިތުގައިހުރި އުދާސްތައް ޑައިރީގައި ލިޔަމުން ގެންދިޔައެވެ.

ފިރިމީހާއަށް ނުވިއްޔާ ގާރޑަކަށް ވީއެވެ. ރައްކާތެރިކަމާއި އެހީތެރިކަމަށް ބޭނުންނުވާ ހިނދެއްގައި އެކަން ކުރާނެއެވެ. އެކަމަކު ، އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް ފުރަގަސް ދޭނެއެވެ. އަހަރެންނަކަށް ، ޒަރޫން ދަހެއް ނުވިއެވެ. އެއްބައި ފަހަރަށް އެހާ ރަނގަޅު ވާނެއެވެ. އަނެއްބައި ފަހަރަށް އެއްވެސް ކަމަކާނުލައި އަޅައެއް ނުލާނެއެވެ. މި ކައިވެންޏަކީވެސް ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން ނޫންކަމެއް ލިއްބައިދޭނެ އެއްޗެއް ނޫނެވެ.

------------------------

ޒަރޫންގެ ފޯނެއް އައެވެ. ކަޝަފް ފޯނު ނެގުމަށްފަހު ، ރީތިކޮށް ވާހަކަ ދެއްކޭތޯ ބަލަމުން ގެންދިޔައެވެ. ކަޝަފް ފުރަތަމަވެސް އެހީ ، ޒަރޫންގެ މިޒާޖު ކިހިނެއްތޯއެވެ. އާދައިގެ ގޮތެކޭ ބުނެ ޒަރޫން ޖަވާބު ދިނެވެ. އެއާއެކު ، އާދައިގެ ގޮތަކަށް ބާއްވާށޭ ، ރަނގަޅު ވިޔަނުދޭށޭ ކަޝަފް ބުންޏެވެ.  ރަނގަޅަށް ވިއްޔާ އެވާނީ ބޭސް ނުކަނީ ކަމަށެވެ. ބޭސްކެޔަސް ޒަރޫންއަކަށް ކަޝަފް ނެތްތަނެއްގައި ހަމަޖެހުމެއް ނުލިބެއެވެ. ޒަރޫންގެ ބުރުޖެހުމާ ދުއްވުން އެއީ ޔުނިވަރސިޓީގެ ދުވަސްވަރުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. މަޖާކުރުމަކަށް ބަދަލެއް ނާދެއެވެ. އެއީ ވަކިމީހަކު ހުރުމުން ނުވަތަ ނުހުރުމުން މިޒާޖަށް އަންނަ ބަދަލެއް ނޫނެވެ. އެއީ ޒަރޫންގެ ގައިގާ މާކުރީއްސުރެ ހިފައި ހަރުލާފައިހުރި ކަމެކެވެ. ކަޝަފް އިސްލާމްއާބާދަށް އައިސްގެން ނޫނީ ، ޒަރޫންގެ ހިތުގެ ޙާލު ސާފެއް ނުވާނެއެވެ. އެކަމަކު ކަޝަފް އެހުރީ ފިސާރި ރަނގަޅަށް ހަމަޖެހިގެންނެވެ. ޒަރޫންގެ ހިތް އިސްލާމްއާބާދަކަށް ނުފެތެއެވެ. އޭނާގެ ހިތް އޮތީ އެހެންތާކުއެވެ. އެކަން ކަޝަފަކަށް ސާފެއް ނުވެއެވެ. ދިޔަގޮތަށް ގުޅައިވެސް ނުލާ ، ރައްޓެހިންނާއެކު ޕާޓީކުރަން ނުކުތްއިރު އަނބިމީހާގެ މައްޗަކުން ހަނދާނެއް ނުވިއެވެ. ޒަރޫންގެ ހިތް އޮތީ ކޮންތާކުތޯ ކަޝަފް ސުއާލު ކުރިއެވެ. ޒަރޫންގެ ހިތް އޮތީ ، ކަޝަފާ އެކުގައި ކަޝަފް ހުރިތަނެއްގައެވެ.

ކަޝަފަށް އޭނާގެ މަސައްކަތު މާޙައުލަށް ދެވުނީމައި ހިތަށް ވަނީ ހަމަޖެހުން ލިބިފައެވެ. ސިކުނޑިއަށް އެއްވެސް ބަރުކަމެއް ނެތެވެ. މިނިވަންކަމާއެކު ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. ޒަރޫންގެ ތުވާލި ނަގާނަގާ ވަރުބަލިވާކަށް ނުޖެހެއެވެ.

އެކަމަކު ޒަރޫންއަކަށް އެކަމެއް ނުވިސްނެއެވެ. ކަޝަފްގެ ހިތަށް ހަމަޖެހުން ލިބިފައި އޮތްނަމަ ، ޒަރޫން ފޯނުނުކޮށްގެން އުނދަގޫވެފައެއް ނުހުންނާނެއެވެ. ރުޅިއައިސް ޒަރޫންއާދިމާއަށް އެއްޗެތިކިޔާކަށްވެސް ނުޖެހޭނެއެވެ. ކަޝަފަށް އެއީ އެކަން އޮތްގޮތްކަމަކަށް ނުފެނެއެވެ.

" އަހަރެމެންގެ މެދުގައި އުފެދޭ ޚިޔާލު ތަފާތުވުމާ ބެހޭގޮތުން ، ޤަވާޢިދެއް ހެދުމުގެ ވަގުތު އަތުވެއްޖެއެވެ. ފުރަތަމަ ކަމަކީ ، އަހަރެމެންގެ ދެމެދުގައި އެއްވެސް ކަމަކާ ނުރުހިއްޖެނަމަ ، އެކަކު އަނެކަކާ ވާހަކަ ނުދައްކައެއް ނުތިބޭނެއެވެ. ދެވަނަ ކަމަކީ ، އެއްވެސްކަމަކާ ރުޅިއައިސް މައްސަލައެއް ދިމާވެއްޖެނަމަ ، ދެމީހުން މޫނާއި މޫނު ސީދާކޮށް ވާހަކަ ދައްކައިގެން އެކަމެއް ހަމަ ނުޖައްސައެއް ނުތިބޭނެއެވެ. " ޒަރޫން ބުންޏެވެ.

" ތިއީ ކައިވެނީގެ ފަހުން މާނަހުރި ބަސްތަކެއް ޒަރޫންގެ ދުލުން ބޭރުވި ފުރަތަމަ ފަހަރެވެ. " ކަޝަފް ބުންޏެވެ.

" އަހަރެން މި ޤަވާޢިދު ހަމަނުޖެއްސިނަމަ ، ދެދުވަސްވަންދެން އަހަރެމެންނަށް ވާހަކަ ނުދައްކާ ތިބެން ޖެހުނީހެވެ. " ޒަރޫން ބުންޏެވެ.

ޒަރޫންގެ ވާހަކަޔަށް ކަޝަފް އިޙްތިރާމް ކުރިއެވެ. އަދި އެކަން ޤަބޫލު ކުރިއެވެ. ޒަރޫންގެ ވާހަކަ އާއި ޢަމަލު ، ކަޝަފް ބަލައިނުގަތުމަކީ ، ޒަރޫންގެ އަބަދުގެވެސް ޝަކުވާ އެކެވެ. ޒަރޫންވެސް އެކަން ކަޝަފް ބަލައިނުގަތް ކަމަކަށް ނުވިސްނައެވެ. އެހެންނަމަވެސް ، އޭނާގެ ޚިޔާލަށް އައި ވާހަކައެއް ބުނެލީއެވެ. އެއީ ކަޝަފާނުލައި ޒަރޫންއަށް ދިރިއުޅެން އުނދަގޫ ވާނެތީއެވެ. ޒަރޫން މިހާރު މަސައްކަތް ކުރަމުން އެގެންދަނީ އިސްލާމްއާބާދަށް ކަޝަފްގެ ވަޒީފާ ބަދަލު ކުރެވޭތޯއެވެ. ކަޝަފްވެސް އެކަމަކަށް އިންކާރެއް ނުކުރެއެވެ. ކުޑަދުވަސްކޮޅަކަށް ޒަރޫން ކަރާޗީއަށްދާންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެކަމަކަށް ކަޝަފް އިންތިޒާރެއް ނުކުރެއެވެ. ޒަރޫން ކަމެއް ކުރަންވެފައި އޮއްވާ އައިސް ، އުޅެނިކޮށް ކުއްލިޔަކަށް ޒަރޫން ދާންޖެހިއްޖިއްޔާ ކަޝަފް ވަރަށް ފޫހިވާނެއެވެ. ކަޝަފްގެ އެވާހަކައިން ޒަރޫންއަށް އެއްކަމެއް ސާފުވެއްޖެ އެވެ. އެއީ ކަޝަފްވެސް ޒަރޫން އޭނާގެ ކައިރީގައި ހުންނަން ބޭނުންވާ ކަމެވެ. ކަޝަފްގެ ވާހަކައިން ޒަރޫން ބޭނުންވާ ތަންކޮޅެއް ނަގައިގެން އެއީ ޒަރޫންއަށް އެވާހަކައިން ވިސްނޭގޮތްކަމަށް ޒަރޫން ނިންމިޔަސް ކަޝަފަށް އެއީ މައްސަލައެއް ނޫނެވެ. އެއީ ޒަރޫންގެ އާދައެކެވެ.

ކަޝަފް އޭނާދެކެ ލޯބިވާ ވާހަކަ އާއި ހަނދާންވާ ވާހަކަޒަރޫންގާތު ބުނަން އޭނާ ވަރަށް ބޭނުމެވެ. އެކަމަކު އެއީ ކަޗަފްގެ އަނގައިން ނުކުންނާނެ ބަސްބަހެއް ނޫނެވެ. އެކަންކަން ކަޝަފަށް ކުރިމަތިވިޔަސް އެބަސްތައް އެއީ ކަޝަފް ބޭނުންކުރާނެ ބަސްބަހެއް ނޫނެވެ.

------------------------

މިއަދަކީ ، ކަޝަފްގެ ފަހަރި ސާރާގެ އުފަންދުވަހެވެ. ހެނދުނު ހެނދުނާ ، ހަނދާން ބަހައްޓައިގެން އުޅުނަސް ކަޝަފަށް ސާރާއާ ގުޅުނީ ކުޑަކޮށް ލަސްވީ ފަހުންނެވެ. އޮފީހުގެ މަސައްކަތް ހުރިގޮތުން ވަގުތެއް ނުހޯދުނީއެވެ. ސާރާއަށް އެކަން އެނގެއެވެ. އެއީ ކަމެއް ނޫނެވެ. މުހިންމީ ފަހަރި ދައްތަގެ ފަރާތުން އެކިޔުނު ތަހުނިޔާއެވެ.  ކަޝަފް ގުޅާ ، އުފަންދުވަހުގެ ތަހުނިޔާ ކިއުމުން ސާރާހުރީ ވަރަށް އުފާ ވެފައެވެ.  އަދި ކަޝަފްމެންދިން ހަދިޔާއާ މެދު ސާރާހުރީ ވަރަށް ގަޔާ ވެފައެވެ. އެކަމަކު ، ސާރާ އެންމެ ގަޔާވާ ކުލަ ، ކަޝަފަށް އެނގުނު ގޮތަކާމެދު ސާރާހުރީ ޙައިރާން ވެފައެވެ. އެއީ ކަޝަފާއެކު އަދި އެކަހަލަ ކަންކަން އެނގޭ މިންވަރަށް އެކުގައި އުޅެވިފައި ނެތަތީއެވެ. އެހެންނަމަވެސް ، ސާރާއަކީ ، ޒަރޫންގެ ހުރި ހަމައެކަނި ކޮއްކޮ އެވެ. ސާރާގެ ވާހަކަ ޒަރޫންއާއި ކަޗަފާ ދެމެދު ނުދެއްކިއެއް ނުހުންނާނެއެވެ. ޒަރޫންއަކީ ސާރާއާ ބެހޭގޮތުން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ މީހެކެވެ. ސާރާގެ އުނިކަންތައްތަކުގެ ވާހަކައިން ކަޝަފަށް މަޢުލޫމާތު ދީފާނެތީ ސާރާ ހުރީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ، ޒަރޫން ، ކަޝަފްގާތު ދެއްކީ އެދެބެންގެ ކުޑައިރުގެ ވާހަކައެވެ. ސާރާގެ ގޯސް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކަޝަފްގެ އުފަންދުވަހަކީ ކޮބައިކަން ސާފުކޮށްލުމަށް ސާރާ ، ކަޝަފްކުރެން އެހިއެވެ. ކަޝަފް އެއަކަށް ޖަވާބެއް ނުދެއެވެ. އެ މަޢުލޫމާތު ޒަރޫން ކުރެން އަހައިގެން ސާފުކޮށްލުމަށް ކަޝަފް އެދުނެވެ. ޒަރޫން ހަނދާން ހުރިއްޔާއެވެ. ޒަރޫންގެ ގޮތް އެންމެ ބޮޑަށް އެނގޭނީ ސާރާއަށެވެ. ޒަރޫން އަކީ އެކަހަލަ ކަންކަން ހަނދާންކުރާ މީހެއްނޫނެވެ. އެއީ ގަރަ ހިތައެކެވެ. އެހެންނެއް ނޫނެވެ. އަންހެންކުދިންގެ އުފަންދުވަސް ، ލިޔެގެންނަމަވެސް ހަނދާން ކުރާނެއެވެ. ދެފަހަރިން ސަމާސާ ކުރުމުގައި އިރުކޮޅަކު ވާހަކަ ދައްކާލަން ތިއްބެވެ.

ޒަރޫންމެންގެޔަށް ކަޝަފް ޒިޔާރަތްކުރި ދުވަހެކެވެ. ޣަޒާލާ ގޭގައި އުޅޭތީ ދެމައިން ވާހަކަ ދައްކައިލުމަށް ހަމަޖެހިލައިގެން ތިއްބެވެ. ކަޝަފްގެ މަންމަ އެހާ ހިތްހަމައެއް ނުޖެހޭނެއެވެ. އެކަމަކު އެގޭގައި އެދުވަހު މަޑުކޮށްލުމަށް ޣަޒާލާ ، ކަޝަފްގެ ކިބައިން އެދުނެވެ. ކަޝަފް އެގޭގައި މަޑުކުރަން ބޭނުމިއްޔާ އެކަމަކަށް ރާފިޢާ ހުރަހެއް ނާޅާނެއެވެ. ކަޝަފްގެ މަސައްކަތް ހުރިގޮތުން އެގޭގައި މަޑޫކޮށްލެވެން ނެތްވާހަކަ ކަޝަފް ބުނެއެވެ. ހަމައެއާއެކު ، ޣަޒާލާގެ އަސްލަށް ރުޖޫޢަވިއެވެ. ކަޝަފްމެން ދިރިއުޅޭ މާޙައުލާ އެގޭގެ މާޙައުލުގެ ތަފާތު ޣަޒާލާ ފާހަގަ ކުރިއެވެ. އަދި އެގެޔަށް އައިސް އުޅުމުން ލިބޭ ހިތްފަސޭހަ ކަމުގެ އުފާ ކަޝަފަށް ތަޙައްމަލު ކޮށްލަން އަދި އެހާ ފަސޭހަ ނުވާނެކަން އެނގޭކަމަށް ޣަޒާލާ ބުންޏެވެ. ޣަޒާލާގެ އެބަސްތަކުން ، ކަޝަފަށް މާބޮޑަށް އުނދަގޫ ވިއެވެ. އެކަމަކު އެކަމަށް ރައްދެއް ނުދެއެވެ. އެވާހަކަ ބުނުމުން ކަޝަފްގެ މޫނުމައްޗަށް އައި ބަދަލު ޣަޒާލާއަށްވެސް ފެންނާނެއެވެ. އެކަމަކުވެސް އެކަމަށް ރީތިގޮތުގައި ކޮންމެވެސް ރައްދެއް ދޭން ކަޝަފް ނިންމިއެވެ.

" ޒަރޫން ނެތި އަހަރެން މިގެޔަށް އައުމުން ، މަންމަމެންނަށް ލިބިދާނެ ތަކުލީފަކަށް އަހަރެން ކަން ބޮޑު ވެއެވެ. ކުރިން ތިބުނި އެއްވެސް ކަމެއް އޮތީކީ އެގޮތަކަށް ނޫނެވެ. " ކަޝަފް ބުންޏެވެ.

ކަޝަފްގެ މަސައްކަތާ ބެހޭގޮތުން ޣަޒާލާ ސުއާލު ކުރިއެވެ. އެއީ ވަރަށް ރީތި ހިސާބެކެވެ. މަންމަވެސް ކޮންމެވެސް ފަހަރަކުން އެތަނަށް ޒިޔާރަތް ކޮށްލަން ރަނގަޅުތަނެއްކަމުގައި ކަޝަފް ފާހަގަ ކުރިއެވެ.

" އެކަހަލަ ތާކަށް އަހަރެންނަކަށް ނުދެވޭނެއެވެ. ވަރަށް ހޫނުވެސް ގަދަވާނެއެވެ. " ޣަޒާލާ ބުންޏެވެ.

ޒަރޫން ވަނީ ކަޝަފް ހުންނަ ގޭގައި އޭސީ ހަރުކޮށްދީފައެވެ. ކަޝަފްގެ ބަސް ނުނިމި އުޅެނިކޮށް ، އެހެންވިއްޔާ ޖައްސައި ލެވިދާނޭ އެކަމަކު ، މަހުންމަހަށް ދައްކަންޖެހޭ ކަރަންޓް ފީ ބޮޑުވާނެ ދޯއޭ ބުނެ ، ޣަޒާލާ މަލާމާތުގެ ރައްދެއް ދިނެވެ. ޣަޒާލާގެ ވާހަކަ ތަކުން ކަޝަފަށް އިނީ އެގެޔަށް އާދެވުނު މޮޔަ ހިތަށް އަރާފައެވެ. ރައްދެއްގެ ގޮތުގައި ކަޝަފްގެ އާދައިގެމަތިން "ރަނގަޅު" ވާހަކައެއް ނުބުނެވެނިސް އެގެއިން ނުކުމެގެން ދެވޭތޯ ކަޝަފް ބަލަމުން ގެންދިޔައެވެ.

------------------------

ކަޝަފްމެންގޭގެ ބޭރުދޮރުގެ ރަނގަބީލު ހުއްޓުމެއްނެތި ޖެހެމުން ދިޔައެވެ. ދޮރުހުޅުވައިދިނީ ޝެހްނީލާއެވެ. ބޭރުގައި ހުރެގެން ރަނގަބީލު ޖަހަމުން އެގެންދަނީ ޙައްމާދެވެ. ދޮރު ހުޅުވައިލުމަށްފަހު ޙައްމާދާ ދިމާއަށް ޝެހްނީލާ އެތިވަރު ގޮވައިގަތެވެ. އެއްފަހަރު ރަނގަބީލު ޖެހީމާ ގޭތެރޭ ތިބޭމީހުންނަށް އަޑު އިވޭނެކަން ހަނދާން ކޮށްދިނެވެ. އަދި ގޭގައި މީހަކު އުޅެންޏާ އައިސް ދޮރު ހުޅުވައިދޭނެކަމަށް ބުންޏެވެ. ބޭރުގައިހުންނަ މީހާގެ ވާޖިބަކީ އެއްފަހަރު ރަނގަބީލު ޖަހާފައި ދޮރުހުޅުވަންދެން މަޑުކޮށްލުމެވެ. މަރަށް ތެޅޭ މީހަކު ގޮވައިގެންދާ އެމްބިއުލެންސެއް ބަރުގޮނު އަޅަމުންދާހެން ، ހުއްޓައިނުލާ ރަނގަބީލެއް ނުޖަހާނެއެވެ. ރަނގަބީލު ޖެހުމުގައިވެސް އަދަބެއް ސަދަބެއް ނުހުރެއެވެ. ޝެހްނީލާ ދޮރުހުޅުވަން އައިކަން އެނގުނުނަމަ އެހެން ނުހަދާނެކަމަށް ޙައްމާދު ބުނެއެވެ. އެހެންވިއްޔާ މަންމަޔަށް އުނދަގޫވެގެން ދުވެފައި އައިސް ދޮރުހުޅުވަންދެން ރަނގަބީލު ޖަހަމުން ގެންދާނީކަން އެނގެޔޭ ބުނަމުން ޙައްމާދު ދެންވަނަސް އެންމެ ރަނގަޅޭ ބުނެ ތަން ދައްކައެވެ.

ޙައްމާދު އެއައީ ، ނިޤާރު އެގެޔަށް ފޮނުވި ބިރިޔާނީ ތަބަކެއް ހިފައިގެންނެވެ. ގެޔަށް ވަންނަމުން ޙައްމާދު އައީ އޭގެ ތަފްޞީލުތައް ކިޔައިދެމުންނެވެ. ރާފިޢާ އިނީ ނަމާދަށެވެ. ޙައްމާދުގެ އަނގަ މާގަދަވާން ފެށީމަ ރައްދެއްނުދީ ޝެހްނީލާއަކަށް ނުހުރެވުނެވެ. ބާރަ ހަވާދުގެ ބިރިއާނީއާ ސާދަ ހަވާދުގެ ކުރުމާ އެހާ އުނދަގުލުން ހަދައިގެން މިގެޔަށް ގެންނާނެކަމެއް ނެތޭ ބުނެ މަލާމާތް ކޮށްގަތެވެ. އެވަގުތު ރާފިޢާއަށް ބޭރުގައި އަޑުގަދަވާން ފެށީމަ ކިޔަންހުރި ޒިކުރުތައްވެސް ނުނިންމައި ދޮޅިއަޅައިގެން ހުރެ ބޭރަށް ނުކުތެވެ. ޙައްމާދު ފެނުމާއެކު ، ސަލާމް ކޮށްލުމަށްފަހު ކޮން ދަތުރެއްތޯ ސުއާލު ކުރިއެވެ. އަދި ޙައްމާދު އެގެނައި ބިރިޔާނީ ތަބަށް ގެންގޮސް އެތާހުރި ކީރުތަށި ގެނެސް ދިނުމަށް ޝެހްނީލާގެ ކިބައިން އެދުނެވެ.

" މަންމާއެވެ ! އަހަރެމެންނަކަށް އެމީހުންގެ ބިރިޔާނީ އެއްވެސް އެމީހުންނެއްވެސް ބޭނުމެއް ނުވެއެވެ. " ޝެހްނީލާ ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.