ދެކަފި - 25

(8 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ރާފިޢާ ގެހުސްކޮށްފާ ނުކުމެގެން ހިނގައްޖެއެވެ." މުރުތަޟާ ކާން އިށީންތަނުން ނިޤާރު ބުނެލިއެވެ. އެވާހަކައިން، މުރުތަޟާ ސިއްސައިގެން ދިޔައެވެ. އެއަށްފަހު، ނިޤާރުއަތުގައި އެގޭގެ ތަޅުދަނޑި އޮތްވާހަކަ ބުނެއެވެ.

ކުދިން ގޮވައިގެން ރާފިޢާ ދިޔަތަނެއް ނޭނގުނީމަ މުރުތަޟާ އިނީ ކަންބޮޑުވެފައެވެ. ނިޤާރަކަށްވެސް އެމީހުންދިޔަތަނެއް ނޭނގެއެވެ. ނިޤާރަށް އެނގެނީ ހަމައެކަނި ކޮން އަވަށެއްކަމެވެ. މުރުތަޟާގެ ނަޒަރުގައި ރާފިޢާއަކީ ޢަޖައިބެއްފަދަ އަންހެނެކެވެ. ކުދިންގޮވައިގެން އެދިޔައީ އޭނާއަށް އަންގާވެސް ނުލައެވެ. އެންމެ ދެރަވެގެން ދިޔަތަނެއްވެސް އަންގާލީކީ ނޫނެވެ.

"އެދިޔަތާކަށްގޮސް މާދަން އެއިން ކުއްޖަކަށް ކަމެއް ދިމާނުވެއްޖިއްޔާ ކިތަންމެހައިވެސް ރަނގަޅެވެ." މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ އެކަންބޮޑަށް ހިތްނުރުހިފައި ނިޤާރު އިނީ ކަޅިއަޅައިގެން މުރުތަޟާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ރާފިޢާ ދިޔައީ ބުނެފައެއް ނޫނެއް ނޫންހެއްޔެވެ؟ އެހެންވީމާ އެމީހުންދެކެން މުރުތަޟާ ގޮސްގެން ނުވާނެ އެވެ. އުޅޭނެގޮތަކަށް އުޅެފާނެ ނޫން ހެއްޔެވެ؟ އަހަރެމެންނަކާ ކީކީ ހެއްޔެވެ؟" ނިޤާރު މުރުތަޟާއަށް އިންޒާރު ކުރިއެވެ.

ނިޤާރު އިނީ ގެޔަށް ހަދާނެގޮތަކާމެދު މުރުތަޟާގެ ވިސްނުންހުރިގޮތެއް ބަލާނެގޮތެއް ނޭނގިފައެވެ. މުރުތަޟާއެއް އެކަމަކާ ނޫޅެއެވެ. ގޭގެ ކަންތަކާ ހިފައިގެން އެއުޅެނީ ބޭބެ، ވައްހާބެވެ. ވައްހާބާއި މުރުތަޟާގެ މުސްކުޅި ގެ ކަމަށް ވާތީ، މުރުތަޟާގެ ޙިއްޞާވެސް އޮތްކަން ނިޤާރު ހަނދާން ކޮށްދެއެވެ. ވައްހާބު އެގެ ވިއްކައިލާފަ މުރުތަޟާއަށްވާ ޙިއްޞާ ދޭނެކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ. ނިޤާރު ރާވަމުން ގެންދަނީ ގެވިއްކައިލާފަ ލިބޭ ޙިއްޞާގެ ފައިސާއިން، ޓެރަސް މަތީގައި ކޮޓަރިއެއް ހަދާށެވެ. މުރުތަޟާއިނީ ހަދާނެގޮތް ބޮޑުވެފައެވެ. މުރުތަޟާ އެފައިސާއިން ކުރާނެކަމެއް އެނގޭނީ ފައިސާ ލިބުނީމައެވެ. އެހެންނަމަވެސް ނިޤަރަށް ވެގެންވިއްޔާ މަތީގައި ކޮޓަރިހެދުން ފިޔަވައި އެހެންކަމެއް ކުރިޔަކަ ނުދޭނެއެވެ.

------------------------

ކަޝަފްގެ އަމިއްލަ ދިރިއުޅުމުގެ ޙަލާތާ ޔުނީގެ ކިޔެވުމުގެ ޙަޔާތާ ނުގުޅުވާ ވޭތޯ ވަރަށް މަސައްކަތް ކުރެއެވެ. އަދި ރައްޓެހި ކުދިންނަށްވެސް، އޭނާގެ ދިރިއުޅުމުގެ ދަތި އުނދަގޫ ޙާލަތު އިޙްސާސް ނުވާނެ ހުރިހާގޮތެއް ހޯދައެވެ. އޭނާގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވިފައިވާ ނާޒުކް ހިތުގައި އަޅާ ވޭނާއި ކެކުޅުން ކުޑައިރުކޮޅަކަށް ނަމަވެސް ހިފަހައްޓައިގެން، އެކުގައި ކިޔަވާ ކުދިންނަށް ހިނި މޫނެއް ދައްކަމުންގެންދަނީ ގަދަކަމުންނެވެ. ހަމައެއާއެކު، ކްލާހުގެ ކިޔެވުމަށް ދޭ ސަމާލުކަން އިތުރުކޮށް، ހިތުގެ އުދާސްތަކުގެ މައްޗަށް އޭނާގެ ތަޢުލީމު އިސްކުރެވޭތޯ ބަލަމުން ގެންދެއެވެ.

ޒަރޫންގެ ރަޙުމަތްތެރިޔާ އުސާމާ، ކަޝަފާ ވާހަކަ ދައްކަން ހުއްޓާ ފެންނަނީ ޒަރޫންއަށެވެ. ޒަރޫންއަށް ކަޅިޖަހައިނުލާ އެތަން ބަލަހައްޓައިގެން ހުރެވުނީ ބޭ އިޚްތިޔާރުގައެވެ. އެއީ އޭނާ ބޭނުންވާ ކަމެއްނޫންނަމަވެސް، ޒަރޫންގެ ނަޒަރު ކަޝަފްގެ ކިބައިން ނައްޓައެއް ނުލެވެއެވެ.

"ތިޔަ ދެއްކީ ކޮންވާހަކައެއް ހެއްޔެވެ." ޒަރޫން، އުސާމާއާ ސުއާލު ކުރިއެވެ. އުސާމާ އެނގޭކަމަކށް ނުހަދައެވެ. އަދި ވާހަކަ ދެއްކީ ކާކާތޯ ސުއާލުކުރިއެވެ.

"އޮޅުވާލަން ނޫޅޭށެވެ! އަހަރެން މިއަހަނީ ކޮންވާހަކައެއްކަން އުސާމާ އަށް އެނގޭނެއެވެ." ޒަރޫންގެ އަޑުގައިވަނީ ސީރިއަސް ކަމެވެ. އުސާމާގެ ޖަވާބަށް އިންތިޒާރުކޮށްގެން ޒަރޫންހުރީ އުސާމާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"އެއްވެސް މީހަކާ ވާހަކައެއް ނުދައްކަން ހެއްޔެވެ؟ ހީހީފައި ކަޝަފާ ވާހަކަ ދައްކާފަ ތިއައީ ހަމަ ދެންމެ ނޫން ހެއްޔެވެ؟" ޒަރޫން ބުންޏެވެ.

"ކަޝަފާ ދިމާވީ އެވެ. މާގިނަ ވާހަކައެއް ނުދައްކަމެވެ. ސަލާމް ގޮވާލާފައި ޙާލު އަހައިލީއެވެ." އުސާމާ ބުންޏެވެ.

"އެހެން ހެއްޔެވެ؟ ދެމީހުން ހީހީފައި އެހާގިނައިރު ތި ވާހަކަދެއްކީ ހަމަ، އެވަރަށް ހެއްޔެވެ؟" ޒަރޫން އެހިއެވެ.

"އަހަރެން ކަޝަފާ ވާހަކަ ދެއްކީމަ ޒަރޫންގެ މައްސަލަޔަކީ ކޮބައި ހެއްޔެވެ؟" އަހަރެންގެ މައްސަލައެއް ނެތޭ، ހަމައަހާލީއޭ ބުނެ ޒަރޫން ޖަވާބު ދިނެވެ. އެވާހަކަ އޮއްބާލަން އުސާމާ މަސައްކަތް ކުރިއެވެ. އަދި ކޮންމެވެސް އެހެން ވާހަކައެއް ދައްކަމާހޭ ޒަރޫންގާތުގައި ބުންޏެވެ. ޒަރޫންއަކަށް އުސާމާގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އަދި އޭނާއާ ބެހޭ ވާހަކަ ނުދެއްކެންވީ ކީއްވެތޯ ޒަރޫން އާ ސުއާލު ކުރިއެވެ.

"ޒަރޫން އެވެ! އެވެސް އިންސާނެކެވެ. އަހަރެން ފެނުނީމާ ހީލިއެވެ. ޒަރޫން ބުނެފިއްޔާ ކަޝަފްގާތަށް ގޮސް ކީއްވެތޯ ހީލީ އަހާލަ ފާނަމެވެ." އުސާމާ ބުންޏެވެ.

"އަހަރެންނަކީ މޮޔައަކަށް ހަދަނީ ހެއްޔެވެ ؟ އަހަރެންގާތު ބުނަން ބޭނުންނުވާ ވާހަކަ ސީދަލަށް ނުބުނަން ތިއުޅެނީ ކީއްވެ ހެއްޔެވެ؟" ޒަރޫންގެ ސީރިއަސްކަން ބޮޑުވެގެން ދިޔައެވެ.

ޒަރޫން އެގޮތަށް ހީކުރިޔަސް އުސާމާގެ މައްސަލައެއް ނެތެވެ. އޭނާ އާ ކަޝަފާ ދެމެދު ދެކެވުނު ވާހަކަ ބުނާކަށް އުސާމާ ބޭނުމެއް ނުވެއެވެ. ކަޝަފާމެދު ޒަރޫން މާބޮޑަށް ހިތްނުތަނަވަސް ވާކަމަށް އުސާމާއަށް ފެނުނެވެ. އެހެންނަމަވެސް ޒަރޫން އެކަމަކަށް އެއްބަހެއް ނުވެއެވެ. އަދި އުސާމާ އެކަހަލަ މޮޔަ ވާހަކަ ދައްކަފާނެކަމަކަށް ޒަރޫން ހިއެއް ނުކުރެއެވެ. އުސާމާއަކީވެސް ހޭޖެހޭ މީހެއްވިއްޔާއެވެ. އުސާމާގެ ނަޒަރުގައި ކަޝަފާމެދު ޒަރޫން ނުވިސްނާ ކަމަށްވަންޏާ ޒަރޫން އެކަމާ ކަންބޮޑުވާނެކަމެއް ނެތެވެ. އެހެން ކޮންމެވެސް ވާހަކައެއް ދެއްކިއްޔާ މާ ރަނގަޅުވާނެއެވެ. ޒަރޫންއަށް ވެގެންއުޅޭގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އުސާމާ، ކަޝަފާ ވާހަކަ ދެއްކީމަ އެކަމާ އޭނާ ކަންބޮޑުވާންވީ ކީއްވެ ހެއްޔެވެ ؟ ޒަރޫން އަށް ނުކުރެވޭ ކަމެއް އުސާމާ ކުރާތީ ކަންބޮޑުވަނީ ހެއްޔެވެ ؟ ނުވަތަ އެކަމާ ލަދުވެތިވަނީ ހެއްޔެވެ ؟ ނޫނީ، ކަޝަފާމެދު ޒަރޫންގެ ހިތުގައި އޮތް ނަފުރަތާ ގުޅިގެން، ޔުނީގެ އެއްވެސް ކުއްޖަކު ކަޝަފާ ވާހަކަ ދައްކަން ޒަރޫންގެ ހިތް ނޭދެނީ ހެއްޔެވެ؟ އެހެންކަމަށްވަންޏާ އެއީ ޒަރޫންއަށް ކޮންޓްރޯލް ކުރެވިދާނެ ކަމެއް ހެއްޔެވެ ؟ ނޫނެކެވެ. އެކަމެއް ޒަރޫން އަކަށް ނުކުރެވޭނެއެވެ. އެއީ ޒަރޫންގެ ކޮންޓްރޯލުގައި އޮތްކަމެއް ކަމަށް ވަންޏާ، އުސާމާ ކަޝަފާ ވާހަކައެއް ނުދައްކާނެއެވެ. ނުވަތަ ކަޝަފް އުސާމާއާ ވާހަކައެއް ނުދައްކާނެއެވެ. އުސާމާއަކީ ފިރިހެންކުދިންކުރެ ޔުނީގައި ޒަރޫންއާ އެންމެ ގާތް އަދި އެކުގައިއުޅޭ ކުއްޖާއެވެ. މިހުރިހާކަމެއް ވެގެން އެދަނީ ޒަރޫންގެ ލޯމަތީގައެވެ.

------------------------

ކަޝަފްމެން މިހާރު ދިރިއުޅެމުން އެގެންދަނީ ގެޔެއް ކުއްޔަށް ހިފައިގެންނެވެ. އެއީ ކުރިން ކުރަން ނުޖެހޭ ޚަރަދެކެވެ. ހައްތާވެސް ދިރިއުޅުމަށް ލިބޭ ތަކުލީފެވެ. ކުރިން ވިއްޔާ ރާފިޢާއަށް  ސްކޫލުން އައިސް ގަޑިއެއްހާއިރު އަރާމުކޮށްލަން ލިބެއެވެ. މިހާރު ރާފިޢާއަށް ބުރަ ބޮޑުވިއިރު، ޞިދާރާއި ޝެހްނީލާވެސް އިތުރު ކުދިންނަށް ޓިއުޝަން ދޭން ފަށައިފިއެވެ. ކުރިން ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރަންޖެހޭތީ، އިތުރު ރުފިޔާ ހޯދުމަށްޓަކައެވެ. ޞިދްރާއާއި ޝްހެނީލާއަކީ ބޮޑުވެފައިތިބި ދެކުދިންނެވެ. ކިޔަވައިގެން އައިސް، ޓީވީ ބަލައިލާ ފޮތެއްކިޔާލައި ހަދާލަން އެކުދިންނަކަށްވެސް ފުރުޞަތެއް ނުލިބެއެވެ. އެއީ އެ ޢުމުރުގެ ޒުވާންކުދިންނަށް ކޮންމެހެން ބޭނުންވާނެ ކަމެކެވެ. ކިޔަވައިގެން އައިސް އަނެއްކާ ޓިއުޝަންދޭން ޖެހުމަކީ އެކުދިންނަށް ލިބޭ ކިހާބޮޑު ތަކުލީފެއް ހެއްޔެވެ ؟ ރައްޓެއްސަކަށް ފޯނުކޯށްލައި ހިތްހަމަޖައްސައިލާނެ ވަގުތެއްވެސް އެކުދިންނަކަށް ނުލިބެއެވެ.

ކަޝަފްމެންގެ ދިރިއުޅުމަކީ އެކަހަލަ ތަކުލީފުތަކުން ފުރިގެންވާ ދިރިއުޅުމެކެވެ. ރޭގަނޑާއި ދުވާލުދާ ހަތަރު ދަމު މަސައްކަތެވެ. 24 ގަޑިއިރު، މަސައްކަތުން ފުރިފައެވެ. ހަމަނިދި ނިދައިލެވޭނެ ފުރުޞަތެއްވެސް ނުލިބެއެވެ. އެވަރުންވެސް މާދަމާއަކީ، މިއަދާ ތަފާތުކޮށް ހިތަށް ހަމަޖެހުން ލިއްބައިދީފާނެ ދުވަހެއްކަމަށް ކުރެވޭ އުއްމީދެއްވެސް ނެތެވެ.

އަނެއްކޮޅުން ޒަރޫންމެންގެ ގޭގައިވެސް މައްސަލަ ނެތީކީ ނޫނެވެ. ހަމަކޮންމެ ގެޔެއްގައިވެސް މައްސަލަ އުފެދޭނެއެވެ. އެނގޭނީ އެގެޔަކަށްގޮސް ވަދެލީމެވެ. އެއޮޑިއެއްގެ ވަރު އެނެގޭނީ އެއޮޑިޔަކަށް އެރީމައެވެ. ބޭރުން އަދި ބަލައިލިޔަކަށް އޭގެ ހުންނަ ކަނޑަށް ގަދަކަމުގެ އެއްވެސް ހިލަމެއް ނުވާނެއެވެ. ރުފިޔާ ހުރީމަ މުއްސަނދި ދިރިއުޅުމެއް ހޯދިދާނެއެވެ. އެކަމަކުވެސް، ހުރިހާ އެއްޗަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫނެވެ. އަދި ފައިސާއަށް ވިކިދާނެ އެއްޗެއްވެސް ނޫނެވެ. މުއްސަނދިންގެ ދިރިއުޅުމުގައި ހުންނަ މައްސަލަތައްވެސް އެނގޭނީ އެއިން ގެޔަކަށް ވަދެ އެތެރެ ހާވައިލީމައެވެ. އެމީހުންގެ ޙާލު، ފަޤީރުންނަށްވުރެ އަދި މާބޮޑުވާނެއެވެ.

ފަރްޙާނާއި ސާރާއާ ދެމެދުގައި އުފެދިފައި އޮތް މައްސަލަޔަށް އަދިވެސް ފިނިކަމެއް ނުލިބެއެވެ. ސާރާވެސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެކަމާ ޒަރޫން ހުންނަނީ ވަރަށް ކަން ބޮޑުވެފައެވެ. އަންހެންކުދިންނަކީވެސް ހާދަ ފާޑެއްގެ ބަޔެކެވެ. އެއްވެސް ވަރަކަށް ގޮތްދޫކުރުމެއް ނެތެވެ. ސާރާއާއި ފަރްޙާނުގެ މައްސަލަޔަށް ބަލާއިރުވެސް ފެންނަނީ އަންހެނެއްގެ ގޮތްދޫނުކުރުމެވެ. ސާރާ ގޮތް ދޫނުކުރަނީ ދެންވެސް އެކަހަލަ ކަމެއްކުރުމަށް ފަރްޙާނަށް ފުރުޞަތު ނުދޭން ވެގެންނެވެ. ގޮތްދޫކޮށްފިއްޔާ ދެން ލައިގަންނަ ކަންތައް އަދި މާބޮޑުވާނެއެވެ. މިކަން ޒަރޫނަށްވެސް ކުރިމަތިވާނެއެވެ. އަސްމަރާއަކީ ސާރާއަށް ދޫކުރާނެ ކުއްޖެއް ނޫނެވެ. މިޙާރުއްސުރެ ޒަރޫން އެކަމަށް ތައްޔާރު ވާން ޖެހޭނެއެވެ.

------------------------

ޔުނީގެ ހުސްގަޑީގައި އަންހެންކުދިންތަކެއް އެއްކޮށްގެން ގިޓާ ޖަހައި ލަވަކިޔައިދޭން ޒަރޫން އިނެވެ. އެތާތިބި ހުރިހާ ކުދިންވެސް ޒަރޫންއާ ގަޔާވާގޮތަށް އޭނާގެ ފުރިހަމަ، މިޔުޒިކީ ފަންނަށްވެސް ގަޔާވެއެވެ. އުސާމާވެސް އެކުދިންނާއެކު އެތާ އިނެވެ. އެމީހުންތިބީ، ޔުނީގެ ގޯތި ތެރޭގައެވެ.

ކަޝަފާއި މާރިއާވެސް ޒަރޫން ލަވަކިޔާ އަޑުއިވޭ ހިސާބުގައި ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ.

"ކަޝަފަށް އަޑު އިވޭ ހެއްޔެވެ؟" މާރިއާ އަހައިލިއެވެ.

"އަހަރެންގެ ސިކުނޑި އަދިއެއް ނުގޮވައެވެ. އެއަށްވުރެ ފޮތްކިޔައިލުންވެސް އަހަރެންނަށް މާ މުހިންމެވެ." ކަޝަފް ފޮތް ކިޔަން ފަށަމުން ބުނެލިއެވެ. އަނެއްކޮޅުން މާރިއާއިނީ ފޮތުގައި އަތްލަން ފޫހި ވެފައެވެ. އެއޮއް ރީތިކޮށް ކިޔާ ލަވަ އަޑު އަހައިލުމުން ހިތަށް ދިރުން ލިބިގެން ދެއެވެ.

"ކޮންފަދަ އަސަރުގަދަ ރީތި މޫނެއް ހެއްޔެވެ؟" މާރިއާ ބުނެއެވެ.

ޔުނީ ނިންމާފަ ގެޔަށް ގޮސް ރޭގަނޑު އޮށޯވެލަން ލިބުނު ގަޑީގައިވެސް ކަޝަފާ ކުރިމަތިލާންޖެހުނީ ޒަރޫންގެ ކަންތަކާއެވެ. ޞިދްރާ، ޒަރޫންއާ ބެހޭގޮތުން ސުއާލުކޮށްގަތެވެ. އަދި ޒަރޫންގެ ފޮޓޯއެއް ގެނެސްދޭން ކަޝަފްގެ ކިބައިން އެދެއެވެ.

"އޭނާގެ ފޮޓޯއެއް ގެނެސްދީ ބަލާށެވެ! އޭރަށް އެއީ ކިހާވަރެއްގެ މީހެއްކަން އަހަރެންނަށްވެސް ބަލައިލެވޭނެތާއެވެ." ޞިދްރާ ބުންޏެވެ.

"އެއީ އެއްވެސް މީހެއް ނޫނެވެ. އަމިއްލަޔަށް މީހަކަށްވެގެން އުޅެނީއެވެ. މަގުމައްޗަށް ނުކުމެއްޖިއްޔާ އޮންނާނީ އަގުޅިނެތް ކަންނޭލަކަށް ވެފައެވެ." ކަޝަފް ބުންޏެވެ.

"ތިކަމެއް ނޭނގެއެވެ. ޔުނިވަރސިޓީގައި އުޅެންޏާ އުޅޭ އަންހެންކުއްޖެއްވިއްޔާ އެއުޅެނީ އޭނާއާ އަޅައިގަނެގެންނެވެ." ޞިދްރާ ބުންޏެވެ. "އޭނާއާ އެކުދިން އަޅައިނުގަންނަންވީ ކީއްވެ ހެއްޔެވެ؟ ޒުވާނެކެވެ. ހައެއްކަ އަށެއްކަ އަކުރުން ޢަދަދު ކުރެވޭ ބޭންކް ބެލެންސެކެވެ. މުއްސަނދި ޢާއިލާއެކެވެ. ކުދިންނާ އެވަރަށް މައްލަވަ ކުރެއެވެ. މިހާރުގެ ކުދިންނަށް ބޭނުންވާނީ މިތަކެތި ނޫން ހެއްޔެވެ؟" ކަޝަފް ފޫހި ރާގެއްގައި ބުންޏެވެ.

ޞިދްރާ ބޭނުންވަނީ ޒަރޫންގެ ފޮޓޯއެއް ގެނެސް ބަލައިލުމަށެވެ. ކަޝަފް ބުނެފިއްޔާ، ޒަރޫން އޭނާގެ ފޮޓޯއެއް ދީފާނެއެވެ. އެހެންނަމަވެސް ކަޝަފް އެކަމަކަށް އެއްބަހެއް ނުވެއެވެ. ކަޝަފަކީ ފޮޓޯއެއް ދޭށޭ ބުނާވަރަށް ޒަރޫންއާ ގާތް މީހެއް ނޫނެވެ. އަދި އެފަދަ ގާތްކަމެއް ޒަރޫންއާއެކު ބާއްވާކަށްވެސް ކަޝަފް ބޭނުމެއް ނުވެއެވެ.

ޙައްމާދު، އޭނާގެ މަންމައަށް ޖާސޫސްކޮށްދޭން، ކޮންމެވެސް ގޮތެއް ހޯދައިގެން ރާފިޢާމެން ބަދަލުވި ގެ ހޯދައެވެ. އަދި އެގެޔަށް ޒިޔާރަތްކުރެއެވެ. ޙައްމާދު ދިއުމުން ރާފިޢާ އޭނާއަށް މަރުޙަބާ ކިޔައެވެ. އެހެންނަމަވެސް ޝެހްނީލާ، ޙައްމާދަށް މަރުޙަބާއެއް ނުކިޔައެވެ. ޝެހްނީލާ ދޮރޯށިކައިރީ ހުރެ ޙައްމާދު އެގެޔަށް ނުވައްދަން އުޅެންފެށީމަ، ޙައްމާދު ގެޔަށް ވައްދަނީ ރާފިޢާއެވެ. ރާފިޢާމެން ދުނިޔޭގެ ހަތަރު ކަނުން ކަނަކަށް ވަދެ ފިލާތިއްބަސް ޙައްމާދު އެމީހުން ހޯދާނެއެވެ. އެއީ ދޮންމަންމަ ބުނެގެން، ޙައްމާދު ކުރާ ކަމެކެވެ. ޙައްމާދަކީ، ނިޤާރުގެ ޖާސޫސެކެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.