ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށްދާން ފަށައިފި

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށްދާން ފަށައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެޗްޕީއޭ އިން އެންމެފަހުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ފާއިތުވި އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މި ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް 90 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. މިއީ ކުރީ ހަފުތާއަށް ވުރެ 6 މީހުންގެ އިތުރުވުމެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު، ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތަކުން 45 މީހަކަށް ކޮވިޑު ޖެހިފައިވާއިރު، މާލެއިން 43 މީހަކަށް ވަނީ ފާއިތުވި ހަފުތާގައި ކޮވިޑު ޖެހިފަ އެވެ. އަދި އަތޮޅުތެރެއިން ދެ މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 25 މީހަކަށް ފަރުވާ ދެމުން މިހާރުއަންނައިރު، ކުރީ ހަފްތާ ނިމުނު އިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔައީ 16 މީހުންނަށެވެ.

ކޮވިޑު ބަލީގައި ފާއިތުވި ހަފުތާގައި ނިޔާވި މީހަކާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 309 އަށް އަރާފަ އެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީން ފެނުނު އާލަމީ ވަބާ، ކޮވިޑް-19 ގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ 2020 ވަނަ އަހަރުގެ މާރޗު 7 ވަނަ ދުވަހު އެވެ.

ރާއްޖެއިން މިހައިތަނަށް ވަނީ 185،454 މީހުންނަށް ކޮވިޑު ބަލި ޖެހިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.