އުފެއްދުންތެރި މުސްލިމަކީ ދުނިޔެއާއި އާޚިރަތަށް މުސްތަޤްބަލް އާރާސްކުރާމީހާ: މުފްތީ

އުފެއްދުންތެރި މުސްލިމަކީ މުސްތަޤުބަލަށް ވިސްނައި އެ މުސްތަގުބަލުގައި ކުރަންޖެހޭ ކަންކަން ހެޔޮގޮތުގައި ކުރުމަށް މަސައްކަތްކުރާ އަދި ދުނިޔެއާއި އާޚިރަތަށްޓަކައި އެ މުސްތަޤްބަލް އާރާސްކުރާމީހާކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ބޭއްވި ދަރުސްގައި "އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް މި މައުޟޫ"އަށް ދަރުސްދެއްވަމުން މުފްތީ ވަނީ މުސްލިމަކު ކުރާ ކުޑަކުޑަ ހެޔޮ ކަމަކުންވެސް އެތައް ސަވާބަކާއި ދަރުމައެއް ލިބޭކަން ފާހަގަކުރައްވަމުން  ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމާއި ފުރިހަމަ މުސްލިމެއްގެ ގޮތުގައި އެކުދިން ބޮޑުކުރުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުކަމަކަށްވާއިރު އެންމެ ފުރަތަމަކަމަށް ދަރިންނަށް ދީން އުނގަންނައި ދޭންޖެހޭކަން ފާހަގަކުރައްވާފަ އެވެ.

ދަރިން ތަރުބިއްޔަތުކުރުމުގައި މިހާރު ޓެކްނޯލޮޖީއާއި ގާތް ޒަމާނެއްގައި ދަރިންނަށް ދޭންޖެހޭ ވަގުތު ދީ، ދަރިންގެ ކަންކަމުގައި ވަގުތު ހޭދަކުރާއިރު ފޯނާއި އެފަދަ ޓެކްނޯލޮޖީއާއި ދުރުވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އިސްލާމްދީނުގައި އަޅުކަމަށް ވަގުތު ލިބޭފަދައިން އެހެންކަންކަމަށްވެސް ވަގުތު އޮންނަކަމަށާއި އެފަދައިން ޢަމަލުކުރުމަށްވެސް  އެދިވަޑައިގެންނެވި އެވެ.

ހަމަ އެފަދައިން ކުޑަކުދިންވެސް އެފަދަ ތަކެއްޗާއި ގާތްވުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި، އެގޮތް ގަބޫލުނުކޮށްފިނަމަ އެކުދިންނަށް ހެޔޮ ނަސޭހަތްދީ ވިސްނުވައިދިނުމަށް ވިދާޅުވި އެވެ. ދަރިން ތަރުބިއްޔަތު ކުރާއިރު އުފެއްދުންތެރި މުސްލިމަކަށް ވާންޖެހޭކަމަށާއި އެކުދިންނަށް ހެޔޮގޮތުގައި ކަންކަމުގައި ވިސްނުވައިދޭން ޖެހޭކަމަށް ވިދާޅުވި އެވެ.

އިންސާނުންނަކީ ކުށްކުރެވޭ ބަޔަކަށްވާއިރު އެކެއްގެ ފުށުން ތިމާއަށް ދެރަގޮތެއް ދިމާވެ، ތަކުލީފު އުފުލަންޖެހުނަސް، އެކަންކަން ހިތުގައި ނުބާއްވާ، މަޢާފުކޮށް އެކަމެއް ހަނދާން ނައްތާލުމަކީ އެންމެ ރަނގަޅުގޮތްކަމަށް މުފްތީ މެންކް ވިދާޅުވި އެވެ. އިސްލާމްދީނުގައި މަޢާފަށް އެދުމާއި މަޢާފްކުރުން ލައްވާފައިވަނީ އެތައް ސަބަބެއް އޭގައި އެކުލެވޭތީކަން މުފްތީ މެންކް ފާހަގަކުރެއްވި އެވެ.

މިފަދައިން ޢަމަލުކޮށްފިނަމަ ވިސްނަންޖެހޭ ވިސްނުމާ ދުރުވާނެކަމަށާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމާއިގެން އުފެއްދުންތެރިކަމާއިއެކު ކުރިއަށް ދެވޭނެކަމަށްވެސް ވިދާޅުވި އެވެ.  އަދި އެންމެ ބާރުގަދަ މީހަކީ އެމީހާގެ ރުޅި ކޮންޓްރޯލްކުރާ މީހާއަށްވާއިރު މާފުކުރުމަކީވެސް ހަމަ މިފަދަ ކަމެއްކަމަށް މުފްތީ މެންކް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.