ކުދިކުދި ކަންތަކާ ވަރި ކުރުންފަދަ ނުބައި އާދަތަކުން ދުރުވުމަށް މުފްތީ ގޮވާލައްވައިފި

ކުދި ކުދި ކަންތަކާ ވަރިކުރުމަށް އިންޒާރު ދިނުމާއި ނޫނީ ވަރިކުރުމާއި، ވަރިއަށް ކިޔުމަކީ ވަރަށް ގިނައިން ކުރެވޭކަމެއްކަން ފާހަގަކުރައްވާ މި ނުބައި އާދައިން ދުލުހެލިވުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ގޮވާލައްވައިފި އެވެ.

މުފްތީ މެންކް ވިދާޅުވީ ވަރިވުމަށްފަހު ވަރަށް ގިނައިން ދަރިން އެކަކު އަނެކަކަށް ނުދައްކާ އެފަދައިން ކަންތައް ކުރާތަން މުޖުތަމަޢުތަކުން ފެންނަކަމަށާއި އެހެންނަމަވެސް ދަރިން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ނުވާނެކަމަށެވެ.

ދަރިންގެ މުސްތަޤުބަލާއިމެދު ވިސްނާއިރު މައިންބަފައިންނަކީ އެ ދަރިންނަށްޓަކައި ހުރިހާ އުފަލެއްވެސް ޤުރުބާންކުރަން ތިބި ބަޔަކަށްވާއިރު، އާއިލާއިން ނިންމައިގެން ކުރުވާ ކައިވެންޏާއި އެމީހަކު ބޭނުންވެގެން ކުރާ ކައިވެނީގެ ވާހަކަ ވަރަށް ގިނައިން ދެކެވޭކަމަށާއި އާއިލާއިން ނިންމައިގެން ކުރާ ކައިވެނީގައި ކައިވެނިކުރާ ދެމީހުން ކައިވެނި ކުރާ ދުވަހު ފެނުމަކީ ގޯހެއްކަމަށް މުފްތީ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އާއިލާއިން ދަރިފުޅުގެ ކައިވެންޏަށް ވަކި މީހަކު ކަނޑައަޅާފައިވާނަމަ އެމީހަކު ދަރިފުޅާއި ބައްދަލުކުރުވައި ވާހަކަދައްކުވައި އެދެމީހުން އެކަކު އަނެކަކަށް ހިތްހަމަ ޖެހޭތޯ ބަލަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަމިއްލަ ދަރިފުޅު އެފަދަ ކައިވެންޏަކަށް ނޫނެކޭ ބުނެފި ނަމަ އެކުއްޖާ ދެކެ ހިތްހަމަ ނުޖެހި، ރުޅިއައިސްގެން ނޫޅެ، އެކުއްޖާގެ އިހްސާސްތަކަށްވެސް އިޚްތިރާމްކުރުމަށް ވިދާޅުވި އެވެ.

މުފްތީގެ މި ދަރުސްގައިވަނީ ބެލެނެވެރިންނަށް ސުވާލެއްކުރައްވާފަ އެވެ.  އެއީ ތިމާގެ ދަރިފުޅު އޭނާ ހިތްހަމަޖެހޭ ފަދަ މީހެއް ފެނިއްޖެނަމަ މައިންބަފައިން ގާތު އެވާހަކަ ބުނަން ކެރޭނެތޯ މި ސުވާލެވެ.

ޖަވާބުގައި ވިދާޅުވީ މައިންބަފައިން ދަރިންނާއި އޮންނަ ގުޅުން ބަދަހިކޮށް އެކުދިންގެ ވިސްނުމާއި އެއްވަރަށް ތިރިވެ އެކުދިންނަށް ވިސްނުވައިދޭން ޖެހޭ ހާލަތެއްނަމަ އެގޮތަށް ކަންތައްކުރުމަށެވެ. އެހެންކަންތައް ކުރާނަމަ އެކުދިންނަށް ބައިންބަފައިންނާއި މިފަދަ ވާހަކަ ހިއްސާކުރަން އުނދަގުލަކަށް ނުވާނެކަމަށް ވިދާޅުވެ އެކުދިންގެ ރަޢުޔު ބުނުމުން ރުޅިވެރިބަސްތައްބުނެ، އުމުރުގެ އެހިސާބަށް އައިއިރު ކޮށްދިން ކަންތައްތައް ކިޔައި އެކުދިންގެ ހިތް މަރުވާފަދަ ބަސްތައް ނުބުނުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

ބައެއް ކުދިން މައިންބަފައިންދެކެ ބިރުން މައިންބަފައިން ބުނާ މީހަކާ ކައިވެނިކުރާއިރު، ބައެއް ފަހަރު އެކުދިން ހިތްހަމަޖެހޭ މީހާއަކީ ފަޤީރު ނިކަމެއްޗަކަށްވާތީ، ނުވަތަ ހަމުގެ ކުލަ ތަފާތު މީހަކަށްވާތީ ނުވަތަ އެމީހާގެ ހުންނަ ނުކުޅެދުންތެރިކަމާއިހުރެ  މައިންބަފައިން ހިތް ނުރުހޭ މަންޒަރުވެސް ފެންނަކަމަށާއި އެހެންނަމަވެސް އަމިއްލަ ދަރިފުޅަށް ބޭނުންވަނީ އެކުއްޖާއަށް އަޅާލާ، އިޚްތިރާމްކުރާ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެންމެ ގާތުގައި ހުންނަ މީހެއް ނޫންތޯ ވަނީ އައްސަވާފަ އެވެ. ދަރިންނާއި ކައިވެނިކުރަން އަންނަ މީހަކީ ހެޔޮލަފާ، ދީންވެރި  ރަނގަޅުމީހެއް ނަމަ އެމީހާގެ ކުލައަށް، ހާލަތަށް، ނޫނީ ހުރި ގޮތަކަށް ބަލަން ނުޖެހޭކަމަށްވެސް ވިދާޅުވި އެވެ.

މައިންބަފައިން ކުޑައިރު ބޭނުން ނުވާ މީހަކާއި ކައިވެނިކުރުވުމުން އެގޮތަށް މުޅި އުމުރު ހޭދަކުރިހެން އަމިއްލަ ދަރިން އެ މަގުން ދިޔަ ނުދިނުމަށް އެދިވަޑައިގެންނެވި އެވެ. އަދި މިހާރު ވަގުތާއި ހާލަތު ބަދަލުވެއްޖެކަމަށާއި އެހެންކަމުން ޒަމާނާއި އެއްގޮތަށް ދަރިންގެ ކަންކަމުގައި އިސްލާމްދީން ބާރުއަޅާފަދައަކުން ކުރިއަށް ދިޔުމަށް އެދިވަޑައިގެންނެވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.