ކުރެންދޫ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް 14 މިލިއަން ރުފިޔާއަށް ބަޔަކާ ޙަވާލުކޮށްފި

ޅ. ކުރެންދޫ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް 14 މިލިއަން ރުފިޔާއަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

360 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް 14,231,686.04 (ސާދަ މިލިއަން ދެ ލައްކަ ތިރީސް އެއްހާސް ހަސަތޭކަ އަށްޑިހަ ހަ ރުފިޔާ ހަތަރު ލާރި ) އަށް މި މަސައްކަތް ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަނާއެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއެވެ. މިމްސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ ޙީލްމީއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ ވަނީ މިސްކިތުގެ މަސައްކަތް ކޮންޓްރެކްޓްގައިވާ ތާރީޚަށް ނިންމުމަށް އެދިވަޑައިގެންފައެވެ. އަދި މިނިސްޓްރީން އެކަމުގައި ވެދެވެންހުރި އެހީތެރިކަމެއް ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަޢުދުﷲ ޙީލްމީ ވަނީ މިނިސްޓަރ އެދިވަޑައިގެންނެވި ގޮތަށް އެ މަސައްކަތް ކޮންޓްރެކްޓްގައިވާ ގޮތަށް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޅ. ކުރެންދޫ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭގޮތަށް އިމާރާތްކުރެވޭ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.