ދެކަފި - 3

(11 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ތަންކޮޅެއް އަވަހަށް ކައިވެނިކޮށްގެން ފަރުޙާންގާތަށް ދާންވީ ނޫންހެއްޔެވެ؟ އޭރަށް އަހަރެން ދޭތެރެ ދޭތެރެއިން ޖައްސާލާނަމެވެ." ޒަރޫން ސާރާއާ ސަމާސާ ކުރަމުން ބުންޏެވެ.

"ކޮންމެ ކަމަކާ ގުޅިގެން ފަރުޙްންގެ ވާހަކަ ގެންނަން ޖެހޭ ހެއްޔެވެ؟" ސާރާ ހިތްހަމަނުޖެހިފައި އިނދެ ޖަވާބުދިނެވެ.

"ވާންއުޅޭ ފިރިމީހާއާ ދޭތެރޭ ހާދަ ޝަޢުޤެއްނެތެވެ. އޭނާގެ ނަންގަންނަންވެސް ބޭނުމެއް ނުވެއެވެ. ކޮންމެވެސް ވަރަކަށް އޭނާގެ މަތިންވެސް ހަނދާން ބަހައްޓަން ވާނެ ނޫންހެއްޔެވެ؟" ޒަރޫން ، ސާރާއަށް ނަޞޭޙަތް ދިނެވެ.

"ޒަރޫން އޭނާގެ މަތިން ހަނދުމަކުރާށެވެ! މަށަށްހީވަނީ ، ކަލޭ އޭނާއާ ދޭތެރޭ ހިތްހަމަނުޖެހެނީ ހެންނެވެ." ސާރާ އިތުރަށް ބުންޏެވެ.

"އަހަރެން ، ފަރުޙާނާދޭތެރޭ ހިތްހަމަނުޖެހެންވީ ކީއްވެ ހެއްޔެވެ؟ ކަލޭމެން ދެމީހުން ރައްޓެހިވީފަހުން ، އެހެން އެއްވެސް އިންސާނެއް ކަލެއަކަށް މުހިންމެއްނޫނެވެ. ފަރުޙާނުގެ ފަހަތުން ދުނިޔޭގެ އެންމެން އުޅެންފަށާފާނެތީ ތިގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ބުނެބަލާށެވެ! ފަރުޙާންދެކެ މީހުން ބިރުގަންނަންވީ ކޮންކަމަކާ ހެދި ހެއްޔެވެ؟ ގަންޖާ!" ޒަރޫން ، ސާރާއާ ސަމާސާ ކޮށްލިއެވެ.

"ގަންޖާއޭ ނުބުނާށެވެ! ދެތިން ފަހަރަކު ބޭނުންކޮށްލިޔަކަސް ، އެމީހަކާ ދިމާއަށް ގަންޖާއޭ ކިޔައިގެން ނުވާނެއެވެ." ސާރާގާތަށް ރުޅިއައެވެ.

ޒަރޫންގެ ސަކަ މިޒާޖުގައި ސާރާއާ ސަމާސާކުރަމުން ކާރުދުއްވަމުން ގެންދިޔައެވެ. ކައިވެންޏަށްފަހު ފަރުޙާނަށް ކޮންފަދަ ޙާލެއް ، ސާރާ ޖައްސާނެބާވައޭ ބުނެ ސާރާ އިތުރަށް ރުޅިއެރުވިއެވެ. ދެބެންގެ މެދުގައި ކައިވެންޏަށްފަހު އަނެކާއަށް ވާނެގޮތް ކިޔައިދީ ސަމާސާ ކުރަމުން ގެންދިޔައެވެ. ސާރާއަށް ފެނުނުގޮތުގައި ޒަރޫން ވާނީ އަނބިމީހާ އަށް ކުރިމަތިވާ ނުފޮރުއްޕާނަކަށެވެ. ބޮޑު މުޞީބާތަކަށެވެ. އަންހެނުންނަށް އިތުބާރެއް ނުކުރާނެއެވެ.  ޒަރޫނަށް ފެނުނުގޮތުގައި ސާރާވާނީ ، ބެޓެރީ ލައްވާ ބުދެއް ކޮންޓްރޯލް ކުރާހެން ، ފިރިމީހާ ކޮންޓްރޯލްކުރާ އަމިއްލަވަންތަ އަދި މަންމަކަހަލަ މިނިވަން އަންހެނަކަށެވެ. އެޒުވާބެއްގައި ދެބެންތިއްބާ ސާރާދާންވާ ގެޔަށް ދެވިއްޖެއެވެ.

------------------------

މިއަދަކީ ، ކަޝަފްގެ މަންމައަށް އާދަޔާ ޚިލާފަށް ނާމާން ދުވަހެކެވެ. ކަޝަފްގެ ބައްޕަ ، މުރުތަޟާ އެގެޔަށް އައި ދުވަހެކެވެ. ކޮންމެވެސް ބޮޑުކަންތައްގަނޑެއް ލައިގަތީއެވެ. މުރުތަޟާ އައުމާއެކު ، ހިތާ ދެކޮޅަށް ، އޭނާއަށް މަރުޙަބާކިޔައި ، ސައިތަށްޓެއް ހަދައިގެން ރާފިޢާ އައެވެ. ރާފިޢާއާ ދޭތެރޭ މުރުތަޟާ ކަންތައްކުރީ އަދި ކުރަމުންގެންދަނީވެސް ވަރަށް އިހާނެތި ކޮށެވެ. އެކަމާ ތިންކުދިންވެސް ތިބެނީ ހިތްހަމަ ނުޖެހިފައެވެ. އެހެންނަމަވެސް ، މީހަކު އަދި ގޯސްކަމެއް ކުރިނަމަވެސް އެމީހަކާދޭތެރޭ ގޯސްކޮށް ކަންތައްކުރުމަކީ ރާފިޢާގެ ސިފައެއް ނޫނެވެ. ރާފިޢާއަކީ ކެތްތެރި އަންހެނެކެވެ. މުރުތަޟާއަކީ ރާފިޢާގެ ފިރިމީހާ އަދި ތިންކުދިންގެ ބައްޕައެވެ. އެކުދިންވެސް ބައްޕަޔަށް އިޙްތިރާމްކުރަންޖެހޭނެކަމަށް ރާފިޢާ ދެކެއެވެ. އަދި އެކަމަށް ބާރުވެސް އަޅައެވެ. އެހެންނަމަވެސް ކުދިންތިބީ ހެވާއި ނުބައި ވަކިވާވަރަށް މިހާރު ބޮޑެތި ވެފައެވެ. އެކުދިންނަށް ތުއްތުއިރުއްސުރެ ބައްޕަ ފެންނަމުންދިޔަ ގޮތް ، ބަދަލުކުރުމަކީ ރާފިޢާއަށް ކުރެވޭނެ ކަމެއްނޫނެވެ.

އެހީއެއްނުވިޔަސް ، ކުދިންނަށް ލިބޭ ކުރިއެރުމުގެ ވާހަކަ ، ރާފިޢާ މުރުތަޟާއާ ޙިއްޞާ ކުރެއެވެ. މަކަރުން ނަމަވެސް ، ޙާލުގައި ޖެހުނުކަމަށްހަދައިގެން އައިސް ބުނީމާ ލާރިކޮޅުކޮޅުވެސް ، ރާފިޢާ އަތުގައި ހުންނަވަރަކުން މުރުތަޟާއަށް ދެއެވެ. މިހުރިހާ ކަމަކާ އެކުވެސް ، މުރުތަޟާގެ ވިސްނުން އޭނާގެ ދޮށީ އަނބި ، ރާފިޢާއަށް އަދި ރާފިޢާގެ ކުދިންގެ މައްޗަކަށް ބަދަލެއް ނުވެއެވެ. މުރުތަޟާގެ އެންމެ ބޮޑު އެއްމައްސަލަޔަކީ ، ރާފިޢާ ހުސް އަންހެންކުދިން ވިހެއުމެވެ. ދެވަނަ ކައިވެންޏެއްކުރަން މުރުތަޟާއަށް މަޖުބޫރުވި ސަބަބަކީވެސް ފިރިހެން ދަރިއެއްހޯދުންކަމަށް މުރުތަޟާ ބުނެއެވެ.

ރާފިޢާ ، އޭނާގެ ޙާލަށް ކެތްތެރިކަމާއެކު ﷲ އަށް ޝުކުރު ކުރެއެވެ. ޓީޗަރެއްގެ ވަޒިފާއަދާކޮށްގެން މަހުންމަހަށް ޤަވާޢިދުން ލިބޭ ލާރިކޮޅުން ، ގޭތެރޭގެ ޚަރަދުތައް ހަމަޖައްސައިލެވެނީ ހަމަ ކިރިޔަކިރިޔާއެވެ. އެވަރުންވެސް މުސާރަލިބޭ ދުވަހާ ދިމާކޮށް މުރުތަޟާ އައިސް އެއްވެސް ލަދެއް ޙަޔާތެއް ނެތި ، ލާރިއަށް ކިޔާނެއެވެ.

"މިގޭގެ މަރާމާތުގެ ކަންތައްވެސް ވަރަށް ބޮޑުވެއްޖެއެވެ." ރާފިޢާ ، ކަޝަފްގެ ބައްޕަ މުރުތަޟާ އާ މުޚާތަބު ކުރިއެވެ.

"ފެންނަ ފެނުމަށް ހުރިހާކަމެއްވެސް ރަނގަޅުނޫން ހެއްޔެވެ؟ ތިދައްކަނީ ކޮންތަނެއް މަރާމާތު ކުރާވާހަކައެއް ހެއްޔެވެ؟" މުރުތަޟާ ބުންޏެވެ.

"މިތަނުން މަރާމާތުކުރަން ހުރިހުރިހާތަނެއް ނުފެނުނަސް ކިތަންމެކަމެއް މަރާމާތުކުރަންވެފައި އެބަ ހުއްޓެވެ. މިހިރަތަނުންވެސް އެހެރީ ވެލިފައިބާފައެވެ." ފާރުގެ ތިރިން ވެލިފައިބާ ހަލާކުވެފައިހުރި ތަނެއް ދައްކާލަމުން ރާފިޢާ ޖަވާބު ދިނެވެ.

"މިއީ މުސްކުޅި ގެޔެކެވެ. ކުދި ކުދި މަރާމާތު ހުންނާނެ ނޫންހެއްޔެވެ؟" މުރުތަޟާ ، ފަރުވާކުޑަގޮތަކަށް ޖަވާބުދިނެވެ.

"ކުދިކުދި މަރާމާތޭ ތިބުނަނީ ކީއްވެ ހެއްޔެވެ؟ މިފާރުން ވެލި އެބަފައިބައެވެ. އެހެރަ ކޮޓަރިޔަށް ފުރާޅުން ފެންފައިބައެވެ. ބަދިގޭ ސިންކުން ލީކުވާތާ އެތައް ދުވަހެކެވެ. ކުދިން ނިދާކޮޓަރިވެސް ހުރީ މަރާމާތަށް ބޭނުން ވެފައެވެ. ކުދި ކުދި މަރާމާތު އަހަރެމެންނަށްވެސް ކޮށްލެވޭނެއެވެ. އަހަރެމެންނަށް ނުވާވަރުގެ ކަންކަންވީމަ އެވާހަކަ ދެއްކުނީއެވެ." ރާފިޢާ ޖަވާބު ދިނެވެ.

"މަރާމާތޭ ކިޔާފަ ބޮޑުސިންގާ ދިގުލިސްޓެއް ހަދައިފިއެވެ. ލައްކައެއް ދޮޅުލައްކައެއްވަރު ތިކަންކަމަށް ޚަރަދުވާނެއެވެ. ތިހުންނަނީކީ މަށަށް ކުރެވޭވަރުގެ ކަންކަމެއް ނޫނެވެ." މުރުތަޟާ ބުންޏެވެ.

"ކަލެޔަށް ކުރެވެން އޮންނަނީ ކޮންކަމެއް ހެއްޔެވެ؟" މިހާތަނަށް ކޮށްދިނީ ކޮންކަމެއްކަން އަޅޭ ހަންދާން ކޮށްލާފައި ބުނެލާށެވެ ! " ރާފިޢާ ވެސް ހިތްހަމަނުޖެހިފައި އިނދެ ، ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ނޫނެކެވެ. އެހާބޮޑެއްނުވާނެއެވެ. ފަންސާހަކަށްހާހުން ފުދޭނެއެވެ. އަހަރެންވެސް އެއްބައި ޚަރަދު ކުރާނަމެވެ." ރާފިޢާ ބުންޏެވެ.

"ރާފިޢާ އަތުގަ ލާރިހުރިއްޔާ މަރާމާތު ކުރަންވީ ނޫންހެއްޔެވެ؟ އަހަރެންގާތަށް އައިމަ އަހަރެންވެސް ދޭނަމެވެ." މުރުތަޟާ ބުންޏެވެ.

"ދިހަ ބާރަހާސް ރުފިޔާއިން ފުއްދައިލެވޭނެނަމަ ، އަހަރެން މިވާހަކައެއް ނުދައްކާނަމެވެ.  އަހަންނަށް ވާވަރަށްވުރެ ބޮޑީއެވެ." ރާފިޢާ ކަންބޮޑުވެފައި އިނދެ ބުނެލިއެވެ.

"މަށަށް ތިހުރިހާ ކަމެއްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މިއުޅޭގޭގެ ޓެރަސް ހަދާ އެނިމުނީ އިހަށް ދުވަހުއެވެ." މުރުތަޟާގެ ރާގުގައިވަނީ އަޅައިނުލުމާއި ފޫހިކަމެވެ.

"އަހަރެން މިދައްކަނީ ތިވާހަކައެވެ. އެގޭގެ ކަންކަން ފުރިހަމަކޮށް ، މަރާމާތުކުރާއިރު ، މިގެވެސް ހަދަން އެބަޖެހޭ ނޫންހެއްޔެވެ." ރާފިޢާވެސް ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

"އަހަރެން ، އަހަރެންގެ ގޭގެ ކަންތައް ކުރާއިރު ، މިގޭގެ ކަންތައް ރާފިޢާއަށް ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟" މުރުތަޟާގެ ވާހަކަ ހަރުކަށިވަމުން ދިޔައެވެ.

މުރުތަޟާގެ ވާހަކަތަކުން ރާފިޢާގެ އުއްމީދުތައް ގެއްލުވައެއް ނުލައެވެ. މުރުތަޟާ ދިރިއުޅޭގެ ހަދާއިރު ، އޭނާގެ ދަރިން ދިރިއުޅޭގެވެސް ހަދައިދިނުމަކީ ނެތްކަމެއްނޫންކަން އަދި އެއީ މުރުތަޟާއަށް ކުރަންޖެހޭނެކަމެއްކަން ވިސްނައިދެވޭތޯ ރާފިޢާ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް މުރުތަޟާގެ ވިސްނުމާއި ފިކުރުހުރީ ، އަޅައިނުލުމާއި އެގޭގެކަންކަމާ ނުބެހުމުގެ މައްޗަށެވެ. ކުދިން ކުޑައިރު ދޫކޮށްލާފައި އެހެން މީހަކާ ދެއަނތްބަށް އިނދެގެން މުރުތަޟާ ދިޔަކަން އެއީ ރާފިޢާ އާއި އޭނާގެ ތިންކުދިންގެ ނަޞީބުކަމަށްވެސް ވެދާނެއެވެ. މުރުތަޟާއާ ވާހަކަ ދައްކައިގެން ޞުލްޙަވެރިކަމާއެކު ކަމެއް ޙައްލުކުރުމަކީ ، ހިކިފައިވާ ގޮށްގިނަ ފުނަލަކުޑިބުރިއެއް ކޮށަން މާވަޑިއަކު އުޅެންޖެހޭނެ ޙާލަށްވުރެ އުނދަގޫ ކަމެކެވެ. އެކަން އަބަދުވެސް އޮންނަނީ އެގޮތަށެވެ.

މަންމައާއި ބައްޕަ ދައްކަމުންގެންދިޔަ ވާހަކަތައް އަޑުއަހަން ، ދުރުގައި ފާރުގައި ލެނގިލައިގެން ޞިދްރާ ހުރީ ކަންބޮޑުވެފައެވެ. ބައްޕައޭ ކިޔާމީހާގެ ފަރާތުން އެކުދިންނަށް އެއްވެސް މިންވަރަކަށް އަޅާނުލާތީއެވެ. އަދި އެކަންކަމުގެ އުނދަގުލާއި ވޭން އުފުއްލުމުގައި މަންމަގެ ކަންބޮޑުވުންތަކެވެ. ޞިދްރާގެ ކަންބޮޑުވުންތަކުގައި ހާސްވެފައި ހުއްޓާ އެތަނަށް އައީ ޝެހްނީލާއެވެ. އެއީ އެ ތިންބެއިންގެ ތެރެއިން އެންމެ ހަގު ހަގު ކުއްޖާއެވެ.

"ކިހިނެއްވީ ހެއްޔެވެ؟ މިއަދު އަނެއްކާ ފެށިގެން މިއުޅެނީ ކޮން ޒުވާބެއް ހެއްޔެވެ؟" ޝެހްނީލާ ސުއާލުކުރިއެވެ. އޭރުވެސް ރާފިޢާއާއި މުރުތަޟާ ވާހަކަ ދައްކަމުން ގެންދެއެވެ. ބައެއްފަހަރު އަޑުގަދަވެފައި އަނެއްބައި ފަހަރަށް ރުޅިގަދަވެފައެވެ.

"ގޭގަކުރަންވެފައިހުރި މަރާމާތުގެ ވާހަކަ ބައްޕަގާތު މަންމަޔަށް ބުނެވުނީއެވެ. އެހުރީ ، ބައްޕައަތުން  އެކަމަށް ލާރިއެއް ޚަރަދުކުރަން ޖެހިގެން އެކަމާ ނައްޓާފައެވެ." ޞަދްރާ ބުންޏެވެ.

"ނުކޮށްދޭނެ ކަމެއްގެ ވާހަކަ ބައްޕަގާތު ، މަންމަ ބުނަންވީ ކީއްކުރަން ހެއްޔެވެ؟ އަހަރެމެންނަށް އަޅާނުލާކަން އެންމެންނަށްވެސް އެނގޭނެއެވެ. މަންމަގެ ކަންތައްވެސް މާބޮޑީއެވެ." ޝެހްނީލާ ފޫހިރާގެއްގައި ބުންޏެވެ.

"އަހަރެންގެ އިތުރު ތިންދަރިންނާއި އެހެން އަނތްބަކުވެސް އެބައިނެވެ. އެއީ އަހަރެންގެ ޒިންމާގެ ދަށުގައިތިބި މީހުންނެވެ." މުރުތަޟާ ބުނިއަޑު އިވުނެވެ.

"ތިބުނީ ރަނގަޅަށެވެ! މުރުތަޟާގެ ޒިންމާގައިތިބީ ހަމައެކަނި އެ އަނބިމީހާއާއި އޭނާއަށް ލިބުނު ތިންކުދިންނެވެ. އަހަރެމެން ހަތަރުމައިންނަކީ މުރުތަޟާއާ ބެހޭ ބައެއްނޫން ދޯއެވެ. ދެން އަޅާނުލާށެވެ!" ރާފިޢާ ދެރަވެފައި ޖަވާބު ދިނެވެ.

މުރުތަޟާ އިނީ ކަންބޮޑުވެފައެވެ. އޭނާއަށް އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ، ކުރިމަތިވެފައިވާ ޒިންމާތައް ނުއުފުއްލޭކަން އޭނާއަށް އެނގެއެވެ. އޭނާ ، ސަރުކާރު ވަޒީފާއެއް އަދާކުރެއެވެ. އެވަޒީފާއިން ލިބޭ ލާރިކޮޅުން ، މައިތިރި ކޮށްލެވެނީ ހަމައެކަނި އޭނާގެ ހަގު އަނބި ނިޤާރެވެ. މޫނުގައި ދެއަތް އުނގުޅާލައި ، ބޯންއިން ސައިތަށި ތަބަކުގައި ބާރަށް ބަހައްޓައި ، ދަނީއޭ ބުނެ ، މުރުތަޟާ ނުކުމެގެން ހިނގައްޖެއެވެ. ގޭގެ މަރާމާތުގެ ވާހަކަ ، މުރުތަޟާ ގާތު ދެއްކުނީތީ ރާފިޢާ ހުރީ މޮޔަހިތަށް އަރާފައެވެ. އެވާހަކަ ދެއްކުނީ ، ކޮންމެވެސް މަގެއް އެކަމުގައި ހޯދިދާނެކަމަށް ބަލާފައެވެ. ރާފިޢާ ހާސްކަންމަތީ އިންދާ އެތަނަށް ވަނީ ޞިދްރާއެވެ. ބައްޕަގާތު ބޭނުމެއްނެތް ވާހަކަތަކެއް މަންމަ ދެއްކީތީ ޞިދްރާ ހުރީ ފޫހިވެފައެވެ. ރާފިޢާ އުޅެނީ އެދުވަހު އަދި ސްކޫލަށް ނުގޮހެވެ. ސްކޫލަށްދާން ލަސްވީ މުރުތަޟާ އަންނަން ހަދައިގެންނެވެ.  އެހެންނަމަވެސް ދިރިއުޅުމުގެ ދަތި އުނދަގޫ ޙާލަތު ރަނގަޅުކުރުމަށް ރާފިޢާއަށް ކުރެވުނު ކަމެއްވިއްޔާ ކުރެވޭތޯ ބަލަމުން ގެންދަނީއެވެ. ލޮލުން ފާއްދާލާފައިހުރި ކަރުނަތަށް ކުދިންނަށް ނުދައްކާ ވޭތޯ ރާފިޢާ ބެލިއެވެ. އަދި އެންމެފަހުން ، އަޅައިގެން އިން އައިނު ނަގާ ދެލޯފުހެލައި ހާސްކަމުން ފުރިގެންވާ ދިގު ، މާނޭވާއެއްލިއެވެ.

------------------------

އަސްމަރާ ޒަރޫންމެން ގެޔަށް އައިސް ، ޒަރޫން ހޯދަންވެގެން ، ގޭގެ އެތަން މިތަން ހޯދަމުން ދަނިކޮށް ، ޣަޒާލާ ފޯނެއްގައި ހުއްޓައި ފެނި ސަލާން ގޮވާލިއެވެ. އަދި ޒަރޫން ކޮބައިތޯ ސުއާލުކުރިއެވެ.

"އެވާނީ ކޮޓަރިތެރޭގައި ކަމަށެވެ. ގޮސް ބަލައިލަބަލާށެވެ!" ޣަޒާލާ ޖަވާބު ދިނެވެ.

އަސްމަރާއަކީ ، ޒަރޫންއާ ރައްޓެހިވެގެން އުޅޭ ޒަމާނީ ކުއްޖެކެވެ. މުއްސަނދި ޢާއިލާއަކަށް ނިސްބަތްވާ ރީތި ކުއްޖެކެވެ. ދަރަޖައިގެ ގޮތުން ދެމީހުންވެސް އެއްވަރުވުމާއެކު ދެފަރާތުގެ ޢާއިލާއިންވެސް އެގުޅުމަށް ކުރަނީ ވަރަށް ފޮނި އުއްމީދެކެވެ.  އަސްމަރާ އައިސް ޒަރޫންގެ ކޮޓަރިޔަށް ވަތްއިރު ، އޭނާ އިނީ ގިޓަޔާ ކުޅޭށެވެ. އަސްމަރާ ކަރުކެހިލިއެވެ. ޒަރޫން އަޅައެއް ނުލައެވެ.

"އަހަރެން މިއޮއް ހުރިހާއިރު މިހޯދަނީ ޒަރޫންއެވެ. މިތާ ކޮޓަރީގައި އިންނާނެކަމެއް ނޭނގޭނެ ނޫންހެއްޔެވެ؟" ކޮޓަރިޔަށް ވަންނަމުން އަސްމަރާ ބުންޏެވެ. އަދި ހަލޯ އޭ ބުނެ ޒަރޫންގެ ކުރިމަތީގައި އެނދުގައި އިށީނދެއްޖެއެވެ. ޒަރޫން އަސްމަރާއޭ ބުނެ އަނެއްކާވެސް ގިޓާޖަހަން ފެށިއެވެ. އަޅާއިލުމެއް ނެތެވެ. އެންމެފަހުން އަސްމަރާއަށް ނިނދެވިގެން ވާހަކަ ދައްކަން ފައްޓައިފިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.