ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން މަހާސިންތާއެއް ބާއްވައިފި

ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން ޤައުމީ ފެންވަރުގައި ބޭއްވުނު ފުރަތަމަ މަހާސިންތާ ބާއްވައިފި އެވެ.

ޑަބްލިޔު.އެޗް.އޯއާއި ގުޅިގެން 23 އޮކްޓޯބަރ 2022 ގައި ފެށުނު މި ޤައމީ މަހާސިންތާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދްމަތްތެރިން ބައިވެރިވެފައިވެއެވެ. އެގޮތުން ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި އަދި ޞީއްޙީ ދާއިރާގެ އެކިއެކި ފަންނީ ގލެކްޗަރާއިން ހިމެނެ އެވެ.

އެގޮތުން މި މަހާސިންތާގައި 75 ފަރާތް މަހާސިންތާގެ ޖަލްސާއަށް ވަޑައިގެން ބައިވެރިވެ ވަޑައިގެންފައިވާއިރު 100 އަށްވުރެ ގިނަ ފަރާތްވަނީ އޮންލައިންކޮށް ބައިވެރިވެފަ އެވެ. މަހާސިންތާގެ ޖަލްސާތަކަށް މާލެ ހިމެނޭ ގޮތަށް ކޮންމެ އަތޮޅަކުން 2 ފަރާތުން ހާޒިރުވެ ބައިވެރިވެފައި ވެއެވެ. އަދި މާލެ ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލްތަކުން 3-7 އަދަދަށް ޞިއްޙީ ޚިދްމަތްތެރިން ބައިވެރިވެފައި ވެއެވެ. ވާޗުއަލްކޮށް މިމަހާސިންތާގައި ބައިވެރިވެފައިވަނީ ޞިއްޙީ ޚިދްމަތްދޭ މަރުކަޒުތަކުގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދްމަތްތެރިން ނެވެ.

މިމަހާސިންތާގައި ބަލިމީހުންގެ ރައްކާތެރިކަމާއި، ރައްކާތެރި ގޮތުގައި ބޭސް ދިނުމާއި، ގެއްލުމާއި ނުލާ ބޭސް ދިނުމާއި، އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯލް ކުރުމާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނުން ޖެހޭ އިންފެކްޝަން  މޮނިޓަރ ކުރުމާއި، ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައި އުފެދޭ ކުނި މެނޭޖްކުރުމާއި، ޞިއްޙީ ޚިދްމަތްދޭ އާލާތްތައް ރައްކާތެރިކުރުމާއި، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފަރމަސިސްޓުންގެ މުހިންމުކަމާއި ބޭނުންތެރިކަން، ސަރގަރީތަކުގެ ރައްކާތެރިކަމަށް ބޭނުންކުރާ ސަރޖިކަލް ޗެކްލިސްޓަށް އަހުލުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ އެކިއެކި ކޯސްތަކުގެ ކަރިކިއުލަމްގައި އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯކް ކުރުމާއި ބެހޭ ކަންކަން ހިމެނުމުގެ މުހިއްމު ކަމާއި، ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭ ހާދިސާތައް ރިޕޯރޓް ކުރުމާއި އަދި އެފަދަ ހާދިސާތަކުން ދަސްކުރާނެ ނިޒާމްތަކާއި އަދި "ޕޮއިންޓް އޮފް ކެއަރ" ކޮލިޓީ ހިފެހެއްޓުމާއި ގުޅޭގޮތުން ނެގިފައިވާ ފިޔަވަޅުތަކުން ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން މި މަހާސިންތާގައި މަޝްވަރާ ކުރެވިފައިވެއެވެ. މި މަހާސިންތާއިން ކަމުގެ މާހިރުންނާއިއެކު އެކިއެކި ހާދިސާތަކުގެ ރިވިއުއާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައި ވެއެވެ.

މިމަހާސިންތާގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ބައިވެރިވި ކަމުގެ ސެޓްފިކެޓް ދެވިފައި ވެއެވެ. އަދި މަހާސިންތާގެ ދެވަނަ ދުވަހު ޞިއްޙީ ޚިދްމަތްދޭ ތަންތަނުން އުފެދޭ އިންފެކްޝަނާއި ގުޅޭ ބަޔާއި ބެހޭގޮތުން ޓެސްޓެއް ދެވިފައި ވެއެވެ. އަދި މަހާސިންތާގެ ބައިވެރިންނަށް މަހާސިންތާ އެންމެ ފަހު ދުވަހު ދެވަނަ ޓެސްޓެއް ދެވި، މި ޓެސްޓުން %80  އަށްވުރެ މަތިން މާރކްސް ހޯދި ބައިވެރިންނަށް "ކޮމްޕީޓެންސީ" ސެޓްފިކެޓް ދެވިފައިވެއެވެ. މީގެ އިތުން މި މަހާސިންތާގައި ޖުމްލަ 30 ކޮލިޓީ ރަނގަޅު ކުރުމާއި ބެހޭ ޕްރޮޖެކްޓްތައް ފަރުމާ ކުރެވި، ފެސިލިޓޭޓާރުންގެ އެހީގައި ބައިވެރިންނަށް ހުށަހަޅާ ދެވިފައިވެއެވެ. މި ޕްރޮކްޓްތަކުގެ ތެރެއިން ކާމިޔާބު ކަމާއިއެކު ތަންފީޒުކުރެވޭ ޕްރޮޖެކްޓްތައް ބައިނަލްއަޤްވާމީ ނޫސް މަޖައްލާއެއްގައި ޝާޢިއު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެކި ޙޮސްޕިޓަލްތަކުން ހިންގާފައިވާ ކޮލިޓީ ރަނގަޅު ކުރުމުގެ ޕްރޮޖެކްޓްތައް ދައްކާލުމުގެ ފުރުސަތު، ތަޖްރިބާ ފޯރުކޮށްދިނުމުގެ ގޮތުން ބައިވެރިންނަށް ދެއްކިފައިވެއެވެ. މި މަހާސިންތާގައި މައުލޫމާތު ދެއްވާފައިވަނީ ރާއްޖެއިން 12 ކަމާގުޅޭ މާހިރުންނާއި ރާއްޖެއިން ބޭރުން 21 ފަރާތުންނެވެ.

މި މަހާސިންތާ ނިމިފައިވަނީ 27 އޮކްޓޯބަރު 2022 ގައެވެ. މި މަހާސިންތާ އިންތިޒާމް ކޮށްފައިވަނީ ޑަބްލިޔު.އެޗް.އޯގެ އެހީގައި މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ އެޝުއަރެންސް އަދި ރެގިއުލޭޓަރީ ޑިވިޜަނުގެ ފަރާތުން ނެވެ. އަދިި "ޕޮއިންޓް އޮފް ކެއަރ ޓްރެއިނިންގ'' ހިންގާފައިވަޏީ އިންޑިޔާގެ ނޭޝަނަލް ކޮލިޓީ އޮފް ކެއަރ ނެޓްވޯރކްއާއި ގުޅިގެން ނެވެ.

މިއަހަރުގެ ބަލިމީހުންގެ ރައްކާތެރިކަމާބެހޭ ދުވަހުގެ ޝިއާރަކީ "ގެއްލުމާއި ނުލާ ބޭސްފަރުވާ" މިއެވެ. އަދި މި މަހާސިންތާގެ ޝިއާރަކީ "ބަލިމީހުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުން ފެށެނީ އަހަރެންނާއި ހަމައިން" މިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.