ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ނުކޮށް ކަންނެތްވެ މާޔޫސްވެ ނުހުރުމަށް މުފްތީ އެދިވަޑައިގެންފި

ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ނުކޮށް ކަންނެތްވެ މާޔޫސްވެ ނުހުރުމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.

އަލިމަސްކާނިވަލުގައި ރޭ ބޭއްވި ދަރުހުގައި މުފްތީ ވިދާޅުވީ އުފާވެރިކަމުގެ ޙާލަތު ވެސް އަދި ހިތާމައިގެ ޙާލަތު ވެސް ކުރިމަތިކުރައްވަނީ ﷲ ތަޢާލާ ކަމާއި އެޙާލަތުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ވެސް ﷲ ތަޢާލާކަން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.

މުފްތީ ވިދާޅުވީ އެންމެންނަކީ ވެސް ﷲ ތަޢާލާގެ އަޅުން ކަމަށާއި އެހެން މީހުން އަޅުކަމުގައި ހީވާގިވެގެން އުޅޭ ގޮތައް ހަމަ ތިމާއަށް ވެސް އުޅެވެން ޖެހޭނެ ކަމަށެވެ. އެއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ގިނަ ބަޔަކު ހާޒިރު މި ދަރުހުގައި އޭނާ އިތުރަށް ވިދާޅުވީ ތިމާފަދައިން އަދި ހިތްދަތިޙާލުގައި ވެސް އަދި އެހެން އުނދަގޫހާލަތުގައި ވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން ބައަކު އުޅޭނެކަން ހަނދާންކުރަންޖެހޭނެ ކަމަށެވެ. އަދި ކުރިމަތިވެފައިވާ ދަތި ހާލުގައި ވެސް ހިތްވަރު ކުރަން ޖެހޭނެ ކަމަށެވެ.

"ހިތާމައާއި ހިތްދަތިކަން އެންމެންނަށްވެސް ކުރިމަތިވާނެ. އެކަން މާޔޫސްބައްޔަށް ބަދަލުވެ ބޮޑު މުޞީބާތަކަށް ބަދަލުވެގެންދަނީ އެކަމުގައި ޢަމަލުކުރެވޭގޮތުން. އަޅުކަންކުރުމުގައި ކަންނެތްނުވެ، ﷲ އަށް ވަކީލްކުރުމުގައި ފަހަތައްނުޖެހި ސާބިތުވޭ." މުފްތީ ނަސޭހަތްތެރި ވެ ވަޑައިގެންނެވި އެވެ.

ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި ކުރަން އެންމެ މުހިންމު ކަންކަމަކީ ދުޢާކުރުމާއި ޤުރްޢާން ކިޔެވުންކަމަށާއި ކޮންމެ ދުވަހަކު ވެސް ކިތަންމެ ކުޑަ ވަޤުތުކޮޅަކު ނަމަވެސް ޤުރްއާން ކިޔެވުމަށް ބާރުއެޅުއްވެވި އެވެ.

ހަމައެއާއިއެކު ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްނުވުމަށް ސައިޚް މެންކް އިލްތިމާސްކުރެއްވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.