މުފްތީ މެންކް ރާއްޖެ ވަޑައިގެންފި - އިސްލާމީ މަރުކަޒުގައި މާދަމާ އިމާމުވެ ހުކުރު ކުރައްވާނެ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާދަމާ، އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އިމާމްވެ ހުކުރު ނަމާދުވެސް ކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:

މާލެ- އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި

ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި

އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި

ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި.

މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ.

މި ދަރުސްތައް އާންމުކޮށް ވަނީ ހުޅުވާލެވިފަ އެވެ.

މުފްތީ މެންކްގެ ދަރުސްތަކުގެ މައުޟޫޢުތައް ޚާއްސަކޮށްފައިވަނީ މުޖުތަމަޢުގައި ހުރި މުހިންމުކަންތައްތަކަށް ޚާއްސަކޮށްގެން ނެވެ. އެގޮތުން މާތްﷲއާއި އިންސާނާއާއި ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތަކާއި، ޑިޕްރެޝަންއާއި އެންޒައިޓީފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައްފަދަ މުހިންމު މައުޟޫޢުތައް ހިމެނެ އެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

މިދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފަ އެވެ.

މުފްތީ މެންކަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ޢިލްމު ފެތުރުމަށްޓަކައި މަސައްކަތްކުރައްވަމުންދާ ޒިންބާބުވޭގެ ދީނީ ޢިލްމުވެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.