ދީނީ އިލްމުވެރިޔާ މުފްތީ މެންކް ގެ ދަރުހެއް އޮކްޓޯބަރ 31 ގައި ހުޅުމާލޭގައި

ދީނީ އިލްމުވެރިޔާ މުފްތީ މެންކް ގެ ދަރުހެއް އޮކްޓޯބަރ 31 ގައި ހުޅުމާލޭގައި ބޭއްވުމަށް ނިންމައި، އިސްލާމިކް މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ބާއްވާ މި ދަރުހުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މުފްތީ މެންކް މި ދަރުސް ދެއްވަނީ އެމަނިކުފާނު މި މަހުގެ 28 އިން 31 އަށް ރާއްޖެއަށް ކުރައްވާ ޒިޔާރަތުގަ އެވެ.

މި ދަތުރުފުޅުގައި މާލެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭގައި ދަރުސް ދެއްވާނީ އަލިމަސް ކާނިވަލުގައި 28 ވަނަ ދުވަހު އެވެ. އަދި 29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވާއިރު، އައްޑޫ ސިޓިގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހު އެވެ.

2015 އަދި 2016 ވަނަ އަހަރު ވެސް މުފްތީ މެންކް، ރާއްޖެ ވަޑައިގެން ދީނީ ދަރުސް ދެއްވާފައިވާއިރު، މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އެ ދަތުރުފުޅުގައި ދަރުސް ދެއްވީ ކުޅުދުއްފުށި ސިޓީގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.