ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު، އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކާ ކަމަށްބުނެ ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިހެން ބުނީ ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލީސް މެމްބަރުންނަށް ބިރުދައްކަމުންދާކަމަށް، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީ އެވެ.
އެކަމަށް ރައްދު ދީ ފެނައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އެއްވެސް ޙާލަތެއްގައި އެއްވެސް މިންވަރެއްގެ ހަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ތުހުމަތުކޮށްފައިވާ ވަޓްސްއެޕް ގްރޫޕަކީ ވުޖޫދުވެފައި ވެސް ނުވާ ގްރޫޕެއް ކަމަށެވެ.
"މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ ފަރާތުން، އެފަދަ ވަޓްސް އެޕް ގްރޫޕް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓް ފޯމެއްގައިވެސް، އެއްވެސް އިއްޒަތްތެރި މަޖިލީސް މެމްބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުޢާމަލާތެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން މެނޭޖިން ޑިރެކްޓަރގެ ފަރާތުން މި ކުންފުނީގެ މުވައްޒަފުންނަށް ދެއްވާފައިވާތީ، އެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހިއްސާ ކުރުމުގެ ގޮތުން ދަންނަވަމެވެ." ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެ ކޯޕަރޭޝަނުން ބުނީ އެ ކުންފުނިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް ރޭވި ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތަކުގެ މައްޗަށް ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށެވެ.
އެހެންކަމުން، މިފަދަ ހަޤީޤަތެއް ނެތް ވާހަކައެއް ފެތުރުމުގެ ހަމައެކަނި މަޤްޞަދަކީ، އެ ކުންފުނީގެ އެމްޑީގެ އަބުރު ނަގާލުމާއި، އާންމުންގެ މެދުގައި އެ ކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަޞައްވަރު ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ އެމްޑީ އަކީ، އެ ކުންފުންޏާއި މެދު ރައްޔިތުންގެ އިތުބާރު ހޯދައި ދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ފަރާތެއް ކަމަށް ވީހިނދު، އެފަދަ ފަރާތަކާއި މެދު މިފަދަ ހަޤީޤަތެއް އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމީ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޚަބަރު ފަތުރާ ފަރާތްތަކުގެ އެންމެ މުހިންމު އަދި އެންމެ އިސްވާޖިބަކަށް ވާންވާނީ ކަމުގެ ތެދު ހަޤީޤަތް ބެލުމަށްފަހު، ތެދު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
އެހެންކަމުން މިފަދަ ހަޤީޤަތެއް ނެތް ދޮގު އިލްޒާމުތައް ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކޮށް ގެނެސްދޭ އެންމެހާއި ފަރާތްތަކުން ކުރާ މިފަދަ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ މަޤްސަދެއްގައި ނަމަވެސް މިފަދަ ހަޤީޤަތެއް ނެތްވާހަކަ ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.