ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ފެނަކަ މުވައްޒަފުންގެ ކިބައިން އެމްޑީ އެދިވަޑައިގެންފި

ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ކިބައިން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު އެދިވަޑައިގެންފި އެވެ.

އޭނާ ސޮއި ކުރައްވާ ފޮނުއްވާފައިވާ ސަރކިއުލަރ އެއްގައި ބުނެފައިވަނީ އިތުރު ގަޑީގައި ހުއްދަ ލިބިގެން ނޫނީ މަސައްކަތް ނުކުރުމަށް އެދޭ ކަމަށެވެ. އަދި މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ރަސްމީ ގަޑީގައި ނިންމުމަށް ވެސް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ރަސްމީގަޑި ފިޔަވައި އެހެން ވަގުތުތަކުގައި މަސައްކަތް ކުރެވޭނީ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ވެސް އެ ސަރކިއުލަރ ގައި ވަނީ ބުނެފަ އެވެ.

އެ ކުންފުނީގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު އަށަކުން މެންދުރު ފަހު ތިނެއް ޖެހުމާ ހަމައަށެވެ.

މިގޮތަށް ނިންމީ ރަސްމީ ގަޑީގައި މަސައްކަތް ނިންމުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ރާއްޖޭގެ 154 ރަށަކަށް ކަރަންޓުގެ ހިދުމަތްދޭ، އެ ކުންފުނީގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެ ކުންފުންޏަކީ ކުރިން ކޮންމެ އަހަރަކު ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެއް ނަމަވެސް މިދިޔަ ތިން އަހަރު އެ ކުންފުނި ހިންގާފައި ވަނީ ފައިދާ ނެރެގެން ނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.