ފެނަކަ ޢާއިލީ ޤުރްއާން މުބާރާތުގެ އެއްވަނަ އައިމިނަތު އައިނީ އަހްމަދު ހޯދައިފި

ފެނަކަ ޢާއިލީ ޤުރްއާން މުބާރާތުގެ އެއްވަނަ އައިމިނަތު އައިނީ އަހްމަދު ހޯދައިފިއެވެ.

ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ކޮންމެ ރަމަޟާންމަހަކު ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ބާއްވާފައިމިވަނީ 7 ވަނަ މުބާރާތެވެ.

ޒޯންތަކަކަށް ބަހާލައިގެން ބޭއްވި މި މުބާރާތުގެ ޒޯން 1 ށ. މިލަންދޫގައި ބާއްވާފައިވާއިރު، ޒޯން 2 ގެ މުބާރާތް ބާއްވާފައިވަނީ ގއ. ވިލިނގިލިގައެވެ. މިއަހަރުގެ އެންމެ ފަހު މުބާރާތް ބާއްވާފައިވަނީ މާލޭ ސިޓީގައެވެ.

މިއަހަރުގެ މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ އައިމިނަތު އައިނީ އަހުމަދެވެ. ދެ ވަނަ އައިޝަތު އީކާ މުޖުތަބާ ހޯދިއިރު، ތިން ވަނަ ހޯދާފައިވަނީ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމެވެ.

ފެނަކަ ޢާއިލާތަކަށް ބޭއްވި މިމުބާރާތުގައި 423 ފަރާތަކުން ބައިވެރިވެފައިވާކަމަށާއި މާލެ ސިޓީގައި ބޭއްވި މުބާރާތުގައި 38 ފަރާތަކުން އެކި ގޮފިތަކުން ވަނަ ހާސިލް ކޮށްފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ތިން ލެކްޗަރަރއިންނެވެ.

މި މުބާރާތުގެ އެއް ވަނައަށް 15000 ރުފިޔާއާއި ޓްރޮފީ އާއި ހަނދާނީ ލިޔުން، އަދި ދެވަނަ އަށް 10000 ރުފިޔާއާއި ޓްރޮފީ އާއި ހަނދާނީ ލިޔުން ދީފައިވާއިރު، ތިން ވަނަ އަށް 5000 ރުފިޔާއާއި ޓްރޮފީ އާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ.

މީގެއިތުރުންވެސް ކޮންމެ އުމުރުފުރާއަކުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވައި ތައްޓާއި ހަނދާނީލިޔުންވަނީ ދީފައެވެ.

ފެނަކައިން ބުނީ މި މުބާރާތް ބާއްވާ މައިގަނޑު މަޤްސަދަކީ ފެނަކަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވާ ޢާލާކޮށް ފެތުރުމުގެ މަސައްކަތް ކުރުންކަމަށެވެ.

ފެނަކައިން ވަނީ މީގެ ކާމިޔާބު މުބާރާތްތަކެއް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން 2019 ވަނަ އަހަރުވެސް ރާއްޖޭގެ 4 ސަރަހެއްދެއްގައި ބާއްވާފައެވެ.

ކޮވިޑު 19 އަށްފަހު އަލުން މިއަހަރު މުބާރާތް ފަށާފައިވާއިރު ކުރިން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތުގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައިކަމަށް ފެނަކައިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.