ގޭ (ބަންދު) ގައި ތިބޭ ޖީލު

ގޭ (ބަންދު) ގައި ތިބޭ ޖީލެއް ނުވަތަ "އިންޑޯރ ޖަނަރޭޝަން" އެއް މިހާރު މިދަނީ ދުނިޔެ ދެކެމުންނެވެ. ދުނިޔޭގެ ކޮންމެ ތަނަކަށް ބަލައިލިޔަސް، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް މިހާރު ތިބެނީ ގޭ ތެރޭގައި ނުވަތަ އޮފީހުގައި ނުވަތަ ހޮޓާ ރެސްޓޯރެންޓާއި ކޮފީގައި ބަންދުވެ، ހަތަރުފާރެއްގެ ނިވަލުގައި ފުރާޅެއްގެ ދަށުގައެވެ.  އިންސާނާގެ ފުރާނަޔާއި ހަށިގަނޑަށް ފައިދާހުރިގޮތަށް ދުނިޔެ ދައްކައި ފަހިކޮށްދީފައިވާ ޤުދްރަތީ ނިޒާމުން ބޭރުގައެވެ. އިންސާނާ އަމިއްލަޔަށް އުފައްދާފައިވާ މަސްނޫޢީ މެޝިނަރީގެ އެހީތެރިކަމުގައެވެ. އެތަކެތީގެ އަވާގައި ޖެހިފައެވެ. މިއީ، ނޭނގޭ އެތައް ގެއްލުންތަކެއް، މުޅި އިންސާނިއްޔަތަށް ލިބިގެންދާ ހިތާމަވެރި ޙާލަތެކެވެ. ހަށިގަނޑަށް ލިބޭ ވަގުތީ އަރާމަކާއި ހިތަށްލިބޭ ވަގުތީ އުފަލަކަށްޓަކައި، މިޖީލާއެކު ކުރީގެ ޖީލުގެ ގިނަބަޔަކުވެސް މިހާރު މިވަނީ އެމަޅީގައި ޖެހިފައެވެ. ސަލާމަތްވާނެ ގޮތެއް ހޯދަން އުނދަގޫވާވަރަށް އެނިޒާމުން ބަނދެވިފައެވެ.

ގޭބަންދުގައި ތިބޭ ޖީލެއް އުފެދުމުގެ ސަބަބަކަށް މެދުވެރިވެގެން އައީ 2007 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ތަދުމަޑު ކަމެވެ. އެއީ ދެވަނަ ބޮޑުހަނގުރާމަޔަށްފަހު، ދުނިޔެދުށް އެންމެ ދިގު އަދި އެންމެ ބޮޑު ތަދުމަޑުކަމެވެ. ޑިސެމްބަރ 2007 އިންފެށިގެން ޖޫން 2009 އަށް ދެމިގެންދިޔަ މި ތަދުމަޑުކަމުގައި، ކުރީގެ ޖީލުތައް އަހުލުވެރިވެފައިވާ އެތައްކަމަކަށް ބަދަލު އައެވެ. އަދި އިންސާނާގެ ޞިއްޙަތަށް ގެއްލުންހުރި އެތައްކަމަކަށް، މިހާރުގެ ޖީލު އަހުލުވެރިވެ، ފަރިތަވެ އެކަންކަމާ ދުރުހެލިވުމަށް ދަތިވަމުން ދިޔައެވެ. ނުވަތަ މިހާރުގެ ޖީލުން އެފަދަ ކަންކަމަށް ދެވި ހިފަމުން ދިޔައެވެ.

24 ޑިސެމްބަރ 2004 ގެ ސްނާމީގެ ކާރިސާ ކުރިމަތިވީ، ކުރީގެ ތަދުމަޑުކަމުން އަރައިނުގަނެވި އުޅެނިކޮށެވެ. އިޤްތިޞާދީގޮތުން، މިފަދަ ތަދުމަޑުކަން ކުރިމަތިވަނީ އެކި ޤައުމަށް އެކި މިންވަރަށެވެ. އިންޑިއާ ކަނޑާގުޅިފައިވާ 18 ޤައުމަކަށް 2004 ގެ ސުނާމީގައި އެކިވަރުގެ ގެއްލުން ލިބިފައި ވެއެވެ. ނިސްބަތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔައެވެ.

ދެން، އެއަށްފަހު ކުރިމަތިވީ ކޯވިޑް 19 ގެ ޢާލަމީ ވަބާއެވެ. ކޯވިޑްގެ ޙާލަތަކީ ގިނަބަޔަކު ގޭބަންދުގައި ތިބެން ޖެހުނު ކާރިސާއަކަށެވެ. ގޭ ބަންދުގައި ތިބޭ ޖީލުގެ ވިސްނުމާއި ފިކުރަށް އިތުރު ބާރެއް ލިބި، އެކަމަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔަ ކާރިސާއަކީވެސް އެއީއެވެ. އިޤްތިޞާދީ ތަދުމަޑުކަމާއެކު، ދުނިޔެ ހުއްޓުމަކަށް އައިސް، އިޤްތިޞާދީ ގިނަ ޙަރަކާތްތައް މަޑުޖެހި، އެންމެން ގޭގައި ތިބެންޖެހުމަކީ، ގޭބަންދުގައި ތިބޭ ޖީލަށް އެކަމުގައި ދެމިތިބުމަށް ބާރުލިބިގެންދިޔަ ކަމެކެވެ.

ގޭބަންދުގައި ތިބޭ ޖީލަކީ، ހަތަރުފާރުގެ ތެރޭ ބަންދުވެ، ބޭރަށް ނުނުކުމެ އެބައިމީހުންގެ ދިރިއުޅުމުގެ މުހުތާދުތައް ބަންދު ތަނެއްގައިތިބެ ފުއްދުމަށް އާދަވެފައިވާ ޖީލެކެވެ. އެކަން ކުރިއަރައި ދިޔައީ ޤުދްރަތީގޮތުން ކުރިމަތިވަމުންދިޔަ އަދި ކުރިމަތިވަމުންދާ އެތައް ކަމެއް އެކުވެގެންނެވެ. ޖީލުގެ އާދަކާދަޔަށް އައި ބަދަލުތަކާއި ދިރިއުޅުމުގެ ވަށްޓަފާޅި ބަދަލުވުމާ ގުޅިގެންނެވެ. ގެއިން ބޭރުގައި ވަގުތު ހޭދަކުރާނެ ގޮތްތައް މަދުވެ، ޤުދްރަތީ ނިޒާމުން، ގެއިން ބޭރުގައި އުފާކޮށް ހިތްހަމަ ޖައްސާލައި މަޑުކޮށްލުމަށް ފުރުޞަތު އޮންނަ ތަންތަން މަދުވުމާ އެކުގައެވެ. ޒަމާނަށް އައި ތަރައްޤީގައި ކުދިބޮޑު ސްކްރީންތަކުގެ އަވާގައި ޖެހި، އެތަކެއްޗަކީ އެމީހުންގެ ބައިވެރިންކަމުގައި ބެލެވިގެންނެވެ. ކެއުމުގެ އާދަތަކުން، ކޮފީއަށް އެރުމާއި ޑެލިވަރީގެ ޚިދުމަތް ފުޅާވެގެން ދިއުމާ ގުޅިގެންނެވެ. ބިލްފަދަ ތަކެއްޗަށް ފައިސާ ދެއްކުމަށް ގެއިން ބޭރަށް ނުކުންނަން ނުޖެހުމާ ގުޅިގެންނެވެ. އޮންލައިން ޕޭމަންޓް ތަޢާރުފްވެ، ކިތަންމެ ސައިޒުންބޮޑަސް އެ އެއްޗެއް ދޮރުން ދޮރަށް ޑެލިވަރީ ކުރާ ނިޒާމް ތަޢާރުފް ވުމާ އެކުގައެވެ. ދުނިޔެ ކުޑަކޮށް، ކޮންފަރެންސް ތަކާއި ބައްދަލުވުންތައް އަދި ކޯސްތަކާއި ޓްރޭނިންގ ޕްރޮގްރާމްތައް އޮންލައިންކޮށް ބާއްވަން ފެށުމާ ގުޅިގެންނެވެ. މިހުރިހާ ކަމަކީ، ގެއިން ނުނުކުމެ ހަތަރު ފާރުގެ އެތެރޭގައި މިޖީލު ތިބެން މަޖުބޫރު ކުރުވި ކަންކަމެވެ. އަލަށް ތަޢާރުފްވެގެންދިޔަ މި ޚިދުމަތްތަކަށް އިންސާނުން އަހުލުވެރިވީ، އެކަންކަން ދޫކޮށް ނުލެވޭ ވަރަށެވެ. ޙަލަތު ބަދަލުވެ ދިޔަޔަސް، އެކަންކަމުގެ ފަސޭހަ ދޫކޮށްލަން އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ. ދިރިއުޅުމުގެ ފަސޭހަޔަކީ ވަރަށް ފަސޭހައިން އިންސާނާ ދެވިހިފާ އެއްޗެކެވެ.

ގޭބަނދުގައި ތިބުމުގެ އާދައަށް ހޭނިގެން ދިޔައީ ހަމައެކަނި މިޖީލުގެ މީހުން އެކަންޏެއް ނޫނެވެ. ކުރީ ޖީލުތަކުގެ ދިރިތިބި މީހުންވެސް އެނިޒާމުގެ ތެރެޔަށް ވަދެގެން ދިޔައެވެ. ގޭބަންދުގައި ތިބެން ޖެހުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އަދި ދިރިހުރުމަށް ކުރިމަތިވާ ގެއްލުންތައް ދެޖީލުގެ މީހުންނަށްވެސް ފޯރަމުން ދިޔައެވެ. އިޖްތިމާޢީ ބައްދަލުވުންތަކާއި ރައްޓެހިންނާ އަނގަތަޅާލަން ހޮޅުއަށްޓަށް ނުވަތަ ވަށައިގެން ބެދިފައި ނެތް އުޑުފެންނަ ތަނަކަށް، ބޮޑެތި މީހުން ދާން އޮންނަ ފުރުޞަތު ބޮޑެތި މީހުންނަށްވެސް ކުޑަވެގެން ދިޔައެވެ. މިހާރުގެ ޖީލާއެކު އެބައިމީހުންވެސް ޒަމާނީ ފަސޭހަތައް ގެޔަށާއި އޮފީހަށް އެއްކުރިއެވެ.

ދާދިފަހުން މިކަމާބެހޭގޮތުން ކުރެވުނު ދިރާސާއެއް ދައްކާގޮތުގައި، ކޮންމެ 10 މީހުންކުރެ 8 މީހުން، ގޭގައި ނުވަތަ އެނޫންވެސް، ހަތަރުފާރުގެ ތެރޭގައި ބަންދުވެ 22 ގަޑިއިރު ހޭދަ ކުރެއެވެ. އިންސާނާ ދިރިއުޅުމަށް ލައްވާފައިވާ ޤުދްރަތީ  ނިޒާމުގެ ފައިދާ، އެބައިމީހުންނަށް ކުރަނީ ހަމައެކަނި އެންމެ 2 ގަޑި އިރަށެވެ. ކޮންމެ 6 މީހަކުން އެކަކު، އެއްގޮތަކަށްވެސް ބޭރަށް ނުނުކުމެ 24 ގަޑިއިރު، ހަތަރުފާރުގެ ތެރޭގައި ބަންދުވެގެން ތިބެއެވެ. ކުރީގެ ޖީލުތަކުގެ މީހުންގެ 90 އިންސައްތަ މީހުން، މަސައްކަތުގައި ނުވަތަ ވަޒީފާގައި ހަތަރު ފާރުން ބޭރުގައި ކުރިން ވަގުތު ހޭދަ ކުރެއެވެ. މިއީ ތަފާސް ހިސާބުން ދައްކާ ޙަޤީޤަތެވެ.

އޮފީހަކަށް ވަޒީފާއަށް ދާމީހާ، 8 ޖަހާއިރަށް އޮފީހަށް ވަންނާނެއެވެ. ތަންކޮޅެއް ބޮޑަށް މަސައްކަތް ތަރުތީބުކޮށްގެން އުޅޭ މީހާ އޮފީހަށް ދާނީ ގެއިން ސައިބޮއެގެން މެންދުރުގެ ކެއުން ހިފައިގެންނެވެ. އޮފީހުގައި ނަމާދު ކުރެވެން ނެތްނަމަ 15 މިނެޓަށް ނަމާދަށް ބޭރަށް ނުކުންނާނެއެވެ. 2 ޖަހަންދެން ނުވަތަ 4 ޖަހަންދެން އޮފީހުގައި އިނދެފައި ގެޔަށް އައިސް ގެޔަށް ވަންނަ ގޮތަށް ދެން ގެޔަކުން ނުނުކުންނާނެއެވެ. އޭނާއަށް ބޭނުންވާ ލެޕްޓޮޕާއި ގޭމާއި ޓީވީ ބެލޭނެގޮތް ގޭތެރޭގައި ހަމަޖެހިފައި ހުންނާނެއެވެ. ނަމާދުކުރާނީ ގިނަފަހަރަށް ގޭގައެވެ. މިސްކިތަށް ދާފަހަރަކު، އެވެސް ކުޑަ ވަގުތު ކޮޅަކަށެވެ. ނިދާގަޑި ޖެހުމުން ނިދާނެއެވެ. ނިދާ ހޭލައިގެން 8 ޖަހާއިރަށް އޮފީހަށް ދާން ނޫނީ ގެޔަކުން ނުނުކުންނާނެއެވެ. މިއީ ގިނަބަޔެއްގެ  ދިރިއުޅުމުގެ އާދައެވެ. މިއާދަތަކަށް ނުހޭނޭ މީހާވެސް ގިނަވަގުތު ހޭދަކުރާނީ، ހަތަރުފާރެއްގެ ތެރޭގައި ބަންދުވެ ހުރެއެވެ. ގޭގޭގައްޔާއި އޮފީސްތަކާއި ހޮޓާ އަދި ކެފޭއާއި ރެސްޓޯރެންޓް ތަކުގައެވެ.

ސްކޫލް ކުދިން، ހެނދުނު ސްކޫލަށްގޮސް ހަތަރުފާރުގެ އެތެރޭގައި ތިބެ ހަވީރު ވަންދެން ކިޔެވުމަށްފަހު، ގެޔަށް އައިސް ފިލާވަޅު ދަސްކުރާނީ ގޭގެ ހަތަރު ފާރުގެ އެތެރޭގައެވެ. ޓިއުޝަނަށް ދިޔަޔަސް އިންނާނީ ހަތަރުފާރުގެ އެތެރޭގައެވެ. ކިޔަވާ ގަޑިއެއް ނޫންކަމަށް ވަންޏާ، ގޭމް ކުޅެ ޓީވީ ބަލާނެއެވެ. ތަންކޮޅެއް ބޮޑެތިކުދިން ފޯނުން އޮންލައިން ގޭމް ކުޅޭނެއެވެ. އެކުދިން ބޭރަށް ނުގޮސް ގޭގައި ހުރިހާކަމެއް ފުރިހަމަ ކުރެވޭގޮތަށް، ލެޕްޓޮޕާއި، ޓެބްލެޓާއި ސްމާރޓް ފޯނާ އަދި މިނޫންވެސް، އެކުދިން ފޫހިނުވެ ކުޅެއުޅުމަށް، ޓެކްނޮލޮޖީގެ އާ އީޖާދުތަކުން އުފައްދާފައިވާ ތަކެތި ހޯދައި، އެއްކޮށްފައި ހުންނާނެއެވެ.

ގޭބަންދު ޖީލެއް އުފެދުމުގައި ޓެކްނޮލޮޖީގެ އުފެއްދުންތައް އަދާކުރާ ދައުރަކީ މުހިންމު ދައުރެކެވެ. އިންޓަރނެޓް ތަޢާރުފްވެ، ސްމާރޓްފޯން ނުކުމެ، ޓެބްލެޓާއި ސްމާރޓް ޓީވީ، ކޮމްޕިއުޓަރާއި ލެޕްޓޮޕް އަދި ތަރައްޤީވެ ކުރިއަރަމުންދާ އޮންލައިން ގޭމަކީ، ގޭބަންދު ޖީލު ހަތަރުފާރުގެ އެތެރޭގައި ބައިތިއްބުމަށް ބާރުއަޅާ ވަޞީލަތްތަކެވެ. ގެއިން ބޭރަށް ނުކުމެލާ ކުރާނެ ވަކި އެހެންކަމެއް ނެތޭވަރަށް މުއާޞަލާތުގެ ނިޒާމްވަނީ ތަރައްޤީ ކުރެވިފައެވެ. ރައްޓެހިވެގެން އުޅޭ ކުދިންނާއެކު ވާހަކަ ދެއްކުމާއި ބައްދަލުވުންތައް ބޭއްވުމަށް އަމިއްލަ ސޯފާގެ ހިތްގައިމުކަން ދޫކޮށްލާފައި، ދުއްވާތަކެތި ގިނަ މަގުތަކަށް ނުކުންނާކަށް ހިތެއް ނޭދޭނެއެވެ.

ގޭބަންދުގައި ޖީލެއް ބޭތިއްބުމަށް މެދުވެރިވާ ސަބަބަކަށް، ހަމައެކަނި ޓެކްނޮލޮޖީއަށް އިނގިލި ދިއްކުރެވޭކަށްވެސް ނެތެވެ. ގެދޮރު ޢިމާރާތް ކުރުމާއި އަވަށްތައް ބިނާކުރުމުގައި، ޢާންމުން އެއްވާނެ ޕާކުތައް ހެދޭވަރަށްވުރެ ބިންއޮތީ ކުޑަވެފައެވެ. ބިމުގެ އަގުއޮތީ އުފުލިފައެވެ. ގޯތި ދޫކުރާނެ ބިންނެތިގެން ގިނަ ރަށްރަށް ހިއްކައިގެން ގޯތިދޭން ވަނީ މަޖުބޫރު ވެފައެވެ. ޖާގަ އޮންނަނީ މަތީގައެވެ. އެހެންކަމުން ލިބިފައި އޮންނަ ބިންކޮޅުގައި ހަދާ ޢިމާރާތަކީ ވީހާ ބޮޑުކޮށް ހުސްޖާގަ ނުބާއްވާ، ވީ އެންމެއުހަކަށް ޢިމާރާތް ކުރާ ބިނާތަކަކަށް ހަދަން ޖެހެއެވެ. ފެހިކަން ދައްކުވައިދޭ ގަސްގަހާ ގެއްސަށް ބިމުގައި ޖާގައެއް ނެތެވެ. އެފަދަ ޖާގައިގާ އަގެއްވެސް ނެތެވެ. ލިބިފައި އޮންނަ ބިންކޮޅުން އެންމެ ގިނަފައިސާ ލިބޭގޮތަށް ޢިމާރާތްތައް ކުރަހައި ބިނާކޮށްގެން ނޫނީ ބިމުން ނެގެން އޮންނަ ފައިދާ އެންމެ ބޮޑުކޮށް ލިބޭކަށް ނޯވެއެވެ. އިސްއުފުލާލައި، މަތިބަލައިލަން މަގުމައްޗަށް ނުކުމެވޭކަށް ނޯވެއެވެ. ދުއްވާ ތަކެތިންނާއި ދުއްވާތަކެތި ޕާކްކޮށް މަގުމަތި އޮންނަނީ ފުރިފައެވެ. ކުޑަކުދިންނާއި ތުއްތުކުދިން މަގުމައްޗަށް ނެރުމަކީ ރައްކާތެރިކަމެއް ނޫނެވެ. މަގުމަތީ އުޅޭމީހުން ގިނަވެފައި، އެއީ ކޮންބައެއްކަން ނޭނގިފައި، އެމީހުންގެ އުނދަގުލާއި ނުރައްކާ ބޮޑީއެވެ. ދުއްވާ ތަކެތި ނުބަލާ ދުއްވަނީއެވެ. މަގުމަތީގެ ރައްކާތެރިކަމެއް އެއްގޮތަކަށްވެސް ނެތީއެވެ.

މިހިސާބުން އުފެދޭ ސުއާލަކީ، މީގެ ތިރީހަކަށް އަހަރު ކުރިއާ އަޅާބަލާއިރު، ދުނިޔެއަށް އައިސްފައިވާ ބަދަލަކީ ކުއްލިޔަކަށް އައި ބަދަލެއްތޯ ކުރެވޭ ސުއާލެވެ. އެއިރު ނެތް ނުރައްކަލެއް މިހާރު އޮތީ ތޯއެވެ؟ ނުވަތަ މުއާޞަލާތީ ވަޞީލަތްތައް އަޅުގަނޑުމެންގެ ނޭފަތުކުރިޔާ ހަމަޔަށް ގެނެސް، ގޭބަންދުގައި ތިބެގެން އަރާމު ދުނިޔެއެއް ލިބިގަތުމުގެ މަގު ފަހިކޮށްދީފައި އޮތީ ތޯއެވެ؟ ދިރިއުޅުމަށް ބޭނުންވާ ހުރިހާކަމެއް ހަތަރުފާރުގެ ތެރޭގައި ތިގެބެގެން ފުރިހަމަކުރެވޭ ވަރަށް، އިންސާނާ އޭނާގެ ދުނިޔެ އާއި ޒަމާން ތަރައްޤީ ކުރީ ތޯއެވެ؟ މިއީ ރަނގަޅު ބަދަލެއް ތޯއެވެ؟ މިބަދަލުގައި އޮތީ ފައިދާ ތޯއެވެ؟ ނުވަތަ ބަދަލުގައި ދެމިތިބެގެން ލިބެން އޮތީ ގެއްލުން ތޯއެވެ؟

ގޭބަންދުގައި ހަތަރު ފާރުތެރޭގައި ތިބުމުގައި ފައިދާތަކެއްވެސް އެބަހުއްޓެވެ. ކުދިންގެ ވިސްނުމާއި ފިކުރާއި ޚިޔާލާތަށް ގޭތެރެ ރަނގަޅެވެ. ގޭތެރޭގައި ތިބެގެން ފޮތްކިޔައި، މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކުން ކުދިންގެ ސިކުނޑި ރަނގަޅުވެ ހަނދާން ގަދަވެ މަޢުލޫމާތު މުއްސަނދި ވެއެވެ. ގޭތެރޭގައި ތިބޭނަމަ،  ތޮށްޖެހިފައިވާ ތަނެއްގައި ބޭރަށް ނުކުތުމުން ހަށިގަނޑަށް ފޯރާ ތިމާވެށީގެ ގެއްލުންތަކުން ސަލާމަތް ވާނެއެވެ. ދިރިއުޅޭ މާޙައުލަކީ ރައްކާތެރި މާޙައުލެއް ނޫންނަމަ، ގޭތެރޭގައި ތިބުމުން ރައްކާތެރިކަން އިތުރުވާނެއެވެ.

ގެއިންބޭރުގައި އުޅުމުން ލިބޭ ފައިދާތައް އެއަށްވުރެ ގިނައެވެ. ބޭރުގައި ހިންގޭ ޙަރަކާތްތަކުގައި ކުދިން އުޅޭވަރަކަށް އެކުދިންގެ ހަށިގަނޑާއި ސިކުނޑީގެ އުފެދުން، އެތައްގުނަޔަކަށް ތަރައްޤީ ވެއެވެ. ސާފުވަޔާއި އިރުގެ އަވިން އަދި ޤުދްރަތީ އަލިން ހަށިގަނޑަށް ލިބޭ ފައިދާއިން، ސިކުނޑި ވަރުގަދަވުމާއެކު، ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، ވިސްނުން ރަނގަޅު ވެއެވެ. ލޭމައްޗަށް ދިއުން މަދުވެ، ކޮލެސްޓްރޯލްގެ ބަލިތައް ދުރުވެ، ދުޅަހެޔޮ ހިތެއް ލިބުމަށް މަގުފަހި ވެއެވެ. ގޭތެރެއަކީ ގެއިން ބޭރަށްވުރެ 5 ގުނަޔަށް ހިރަފުހުގެ އަސަރު ހުންނަ ތަނެކެވެ. ގޭތެރޭގައި ގިނައިރު އުޅުމުން، ލޮލުގެ ބަލިތައް އިތުރުވެ، ނޭވާލާ ނިޒާމަށް އަސަރުކޮށް، ބޮލުގައި ރިއްސައި ނިދަން އުނދަގޫ ވެއެވެ. ހށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކުރުމަށް ބޭނުންވާ ވިޓަމިން ޑީ އަކީ ބޭރަށް ނުކުމެ އުޅުމުން ހިލޭ ލިބޭ އެއްޗެކެވެ. ޤުދްރަތީ ނިޒާމަށް ނުކުމެ ބޭރުގައި އުޅުމުން، ދަރިމައިވުމުގެ ފުރުޞަތުގެ 12 އިންސައްތަ އިތުރު ކޮށްދެއެވެ. ޤުދްރަތީ ނިޒާމުން އިންސާނާ ދިރިއުޅެން އުފެދިފައި އޮންނަ  މާޙައުލުން މިނޫންވެސް އެތައް ފައިދާއެއް ލިބެއެވެ. އިންސާނީ ދަރިފަސްކޮޅު އުފެދި އިތުރުވެގެން އައީ އެނިޒާމުގެ ތެރެއިންނެވެ.

މިއީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި 2007 ވަނަ އަހަރުން ފެށިގެން، ޤައުމީ ތަރައްޤީގައި ހިމަނައި ޤައުމުގެ އިޤްތިޞާދީ ޙަރަކާތްތަކުގައި އިސްކަންދޭ ކަމަކަށް ވެއްޖެއެވެ. ޚާއްޞަކޮށް ރާއްޖެފަދަ، ކަނޑުގެ ކުޑަ އިންސައްތައެއް، ބިމުގެ ގޮތުގައި ޤުދްރަތީގޮތުން ލިބިފައިވާ ކުޑަ ޤައުމަކަށް ވަރަށް މުހިންމު މައްސަލައެކެވެ. ޤުދްރަތީ އަރާމު ދިރިއުޅުން ދޫކޮށް، މާލެއާއި ގްރޭޓަރ މާލެއަށް މީހުން ތޮށްޖެހި، ބޯހިޔާވަހިކަމަށް ހަނގުރާމަ ކުރަމުންދާ ދުވަސްވަރެއްގައި، ކޮންމެ މީހަކުވެސް ވިސްނައިލަން މުހިންމު މައްސަލައެކެވެ. ރަށްފުށުގައިވެސް، މަދު ރަށެއްގައި ނޫނީ އަތިރިމަތީގައި ހުންނަ ހޮޅުއަށި ހުންނަނީ ހުހަށެވެ. އެންމެންވެސް އުޅެނީ، ނަމާދުގައި އެންމެ ކުރު ސޫރަތް ކިޔަވާލާފައި، އަވަސް އަރުވާލައިގެން މިސްކިތުން ފައިބަންޖެހޭވަރަށް ބުރަކޮށެވެ. ނޭގޭ ތަފާތު ބަލިތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުންނެވެ. ލޭގެ ބަލިތަކާއި ހިތުގެ ބަލިތައް ދަނީ އިތުރު ވަމުންނެވެ. ރޯގާބަލިމަޑުކަމެއް އައިއްސިއްޔާ އެރޯގާއެއް ފެތުރިގެންދަނީ ވައިރޯޅިއެއްހާ ބާރުމިނުގައެވެ.

އަދިވެސް ލަހެއް ނުވެއެވެ. ކުރެވިދާނެ އެތައްކަމެއް އެބަހުއްޓެވެ. އާސަންދައިން ހިލޭ ލިބުނަސް، ބޭކާރު ބޭސްތަކެއް ހަށިގަނޑަށް ނުފޮނުވައި، މާބޮޑު ޚަރަދެއްނުކޮށް، ތިމާގެ ޞިއްޙަތު ސަލާމަތުން ބެހެއްޓިދާނެ ގޮތްތަކެއް އެބަހުއްޓެވެ. އާސަންދައެކޭ އެއްގޮތަށް، ޤުދްރަތީ ނިޒާމުގެ ތެރެއިން، ޤުދްރަތީ ވަޞީލަތްތަކުން ފައިދާ ހޯދައިގެން ތިމާގެ ހަށިގަނޑު ރައްކާތެރިކަމާއެކު ބެލެހެއްޓިދާނެ އެތައް ފުރުޞަތުތަކެއް އެބަހުއްޓެވެ. ބޭނުންވަނީ ވިސްނުންތެރިކަމާއެކު އިސްނަގައި، އެ ފުރުޞަތު ތަކުގެ ފުރިހަމަ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. މާދަމާއަކީ ފެންނާނެ ދުވަހަކަށްވެސް ނުވެ ހިނގައިދާނެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.