ޒުވާނުން އާބާދީ ބޮޑުވުން - ލިބިފައިވާ ރަނުގެ ފުރުޞަތެއް!

Photo credit: UNDP Maldives

ކޮންމެ މުޖުތަމަޢެއްގައިވެސް އާބާދީގެ އެންމެ މުހިންމު އެއްބަޔަކީ ޒުވާނުންނެވެ. ޒުވާނުންނަކީ މުޖުތަމައެއް ކުރިއަރައި ދިއުމަށް ބޭނުންވާ ހަކަތަ އުފައްދައިދޭ އިންޖީނެވެ. ހަކަތައް އުފެއްދުމަށް އިންޖީނަށް ތެޔޮ ބޭނުންވާ ފަދައިން ޤައުމު ކުރިއެރުވުމައްޓައި ޒުވާނުންނަށްވެސް ބޭނުންވާނެ ކަންތައްތަކެއް ހުރެއެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ބޭނުންވާ ވަޞީލަތްތަކެވެ. ހަރުދަނާ ތަރުބިޔަތެއްދީ ޒިންމާދާރު ބަޔަކަށް ހެދުމެވެ. ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ. ވަޒީފާގެ ފުރުޞަތާއި ބޯހިޔާވަހިކަންކަށަވަރުކޮށްދިނުމެވެ. އިޤްތިޞާދުގައި ބައިވެރިވުމުގެ ދޮރުތައް ހުޅުވައިދީ ޙިއްސާ އިތުރު ކުރުމެވެ.

 

ޒުވާނުންގެ އާބާދީގައި ގިނައީ ފިރިހެނުން

ރާއްޖޭގައި ޒުވާނުންގެ ޢުމުރުކަމަށް ރަސްމީކޮށް ކަނޑައަޅައިފައި ވަނީ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދެވެ. ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ރާއްޖޭގެ އާބާދީއަށް ބަލާއިރު އާބާދީގެ 43 އިންސައްތަ އަކީ ޒުވާނުންނެވެ. އެއީ 240،584 އެވެ.

ޒުވާން އާބާދީ ނިސްބަތް އަތޮޅުތަކަށްވުރެ މާލޭގައި ގިނައެވެ. އަތޮޅުތަކުގެ ޒުވާނުންގެ އާބާދީ އަކީ 105،042 އެވެ. މާލޭގެ ޒުވާނުންގެ އާބާދީ އަކީ 135،541 އެވެ. މާލޭގައި ޒުވާނުންގެ ޢަދަދު އިތުރެވެފައި ވަނީ ތަޢުލީމާއި ތަމްރީނުގެ އިތުރުން ވަޒީފާގެ ފުރުޞަތުތައް ވެސް މާލޭގައި ތަނަވަސްވެފައި އޮތުމުން، އެ ބޭނުންތަކަށް މާލެއަށް ހިޖުރަކޮށް އުޅޭ ޒުވާނުން އިތުރުވުމުން ކަމަށް ބެލެވެއެވެ.

އަތޮޅުތަކުގައި ޒުވާނުންގެ ނިސްބަތް ބެހިފައިވާ ގޮތަށް ބަލާއިރު ހުރިހާ އަތޮޅެއްގައި ވެސް އަންހެނުންނަށްވުރެ ފިރިހެނުންގެ ޢަދަދު ގިނައެވެ. ތަފާސް ހިސާބުތަކުން ފެންނަ ގޮތުން އެންމެ ގިނަ ޒުވާނުން ތިބީ މާލެއަތޮޅުގައެވެ. މާލެއަތޮޅުގެ ޒުވާނުގެ ތެރޭގައިވެސް ފިރިހެނުންގެ ޢަދަދު ގާތްގަޑަކަށް 19 ހާހުގައި އުޅޭއިރު  އަންހެނުންގެ ޢަދަދު އުޅެނީ ތިން ހާހުގައެވެ. މާލެ އަތޮޅުގައި ފިރިހެން ޒުވާނުންގެ ޢަދަދު އިތުރުވެފައި ވަނީ ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުން ހިމަނައިގެން ޢަދަދު ގުނައިފައިވާތީ އެވެ. ރިސޯޓުތައް ގިނަ އެހެން އަތޮޅުތަކުގައި ވެސް ނިސްބަތުން ޒުވާން ފިރިހެނުންގެ ޢަދަދު އިތުރުކަން ފާހަގަ ކޮށްލެވެއެވެ. މާލެ އަތޮޅު ފިޔަވައި ޒުވާން ފިރިހެނުންގެ އާބާދީ އެންމެ ގިނައީ ބ. އަތޮޅުގައެވެ. ބ. އަތޮޅުގެ ޒުވާން ފިރިހެނުންގެ އާބާދީ އުޅެނީ އަށް ހާހުން މަތީ ގައެވެ. ނަމަވެސް ޒުވާން އަންހެނުންގެ އާބާދީ ދެހާހަށްވެސް ނާރައެވެ. ދެން އެންމެ ގިނަ ޒުވާން ފިރިހެނުން ތިބީ އދ. އަތޮޅުގައެވެ. އެއަތޮޅުގައި ޒުވާން ފިރިހެނުންގެ ޢަދަދު އުޅެނީ އަށް ހާހުގައެވެ. ނަމަވެސް އަންހެނުންގެ ޢަދަދު ދެ ހާހަށް ވެސް ނާރައެވެ. ރާއްޖޭގެ އެންމެ އާބާދި ބޮޑު އަތޮޅު ކަމުގައިވާ އައްޑޫގައި ޒުވާން ފިރިހެނުން އާބާދީ ހަތްހާހުން މަތީގައި އުޅޭއިރު ޒުވާން އަންހެނުންގެ ޢަދަދު އުޅެނީ ތިން ހާހުގައެވެ. މި ގޮތުން ހުރިހާ އަތޮޅެއްގައި ޒުވާން އާބާދީގައި ކުރީގައި އުޅެނީ ފިރިހެނުންނެވެ.

ތަޢުމާއި ތަމްރީނެއްގައި ނޫޅޭ އަދި ވަޒިފާއެއްނެތް ޒުވާނުނުންގެ ތެރޭގައި އަންހެނުންގެ ބޮޑު ނިސްބަތެއް

މިދިޔަ އަހަރުގެ ކޮށްފައިވާ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭއިން ދައްކާ ގޮތުން ތަޢުލީމާއި ތަމްރީނެއްގައި ނޫޅޭ އަދި ވަޒީފާއަކަށް ނުދާ ޒުވާނުންގެ ތެރޭގައި އަންހެނުންގެ ނިސްބަތް އިތުރެވެ. މިފަދަ ޒުވާނުންގެ ނިސްބަތް 56 އިނަސައްތައިގައި ހުރިއިރު އިރު އަންހެނުންގެ ނިސްބަތަކީ 41 އިންސައްތައެވެ. ފިރިހެނުންގެ ނިސްބަތަކީ 15 އެވެ. ކޯވިޑާ ގުޅިގެން މިޙާލަތު މިހާރު ބަދަލު ވެފައިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.   

މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ފެންނަން އޮތް ގޮތުގައި ދިވެހި ބަހުން ލިޔަން ކިޔަން ދަންނަ ނިސްބަތް އުޅެނީ ދެ ޖިންސުގެ ޒުވާނުންވެސް އެއް ވަރެއްގައެވެ. އެއީ 98 އިންސައްތައިގައެވެ. އިނގިރޭސިބަހުން ލިޔަން ކިޔަން ދަތުމުގެ ނިސްބަތް އަންހެނުންނަށް ވުރެ ފިރިހެނުންގެ އިތުރެވެ. އިނގިރޭސި ބަހުން ލިޔަން ކިޔަން ދަތުމުހެ ފިރިހެނުންގެ ނިސްބަތް 78 އިންސައްތައިގައި ހުރިއިރު އަންހެނުންގެ ނިސްބަތް ހުރީ ހަތަރު އިންސައްތަ ފަހަތުގައެވެ. އެއީ 74 އިންސައްތައިގައެވެ. ނަމަވެސް ޢުމުރުން 15 އަހަރާއި 24 އަހަރުގެ ޒުވާނުން ދެބަހުންވެސް ލިޔަން ކިޔަން ދަންނަ މިންވަރު އިތުރުކަމަށް، ފާހަގަ ކުރެއްވޭކަމަށް ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.

ޒުވާނުން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ގޮތުގައި ތަފާސް ހިސާބުތަކުން ފެންނަ ގޮތުން އެންމެ ގިނަ ޒުވާނުން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވަނީ ޤާނޫނީ، ވިޔަފާރީ އަދި ސޯޝަލަ ސައިންސް ނުވަތަ އިޖްތިމާއީ ދާއިރާއިންނެވެ. މިދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ޒުވާނުންގެ ޢަދަދު އުޅެނީ ނުވަ ހާހުން މަތީގައެވެ. ދެން އެންމެ ގިނަ ޒުވާނުން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވަނީ ތަޢުލީމީ ދާއިރާއިންނާއި ސައިންސްގެ ދާއިރާއިންނެވެ. ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ޒުވާނުންގެ ޢަދަދު އުޅެނީ ފަސް ހާހުގައެވެ. ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ޒުވާނުންގެ ޢަދަދު އުޅެނީ ހަތަރު ހާހުން މަތީގައެވެ. ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ޒުވާނުނެގެ ޢަދަދު އުޅެނީ ދެ ހާހުން މަތީގައެވެ. ޚިދުމަތް ދިނުމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ޒުވާނުންގެ ޢަދަދު އުޅެނީ ދެހާހުގައެވެ. ޢިމާރާތްކުރުމުގެ ދާއިރާގައި މަތީތަޢުލީމު ޙާޞިލްކޮށްފައިވާ ޒުވާނުންގެ ޢަދަދު އުޅެނީ އެއްހާހުގައެވެ. އެންމެ ދަށުގައި އުޅެނީ ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ޙާޞިލްކޮށްފައިވާ ޒުވާނުންނެވެ. ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރަން ބޭނުންނަމަ ދަޑުވެރިކަމުގެ މަތީތަޢުލީމުގެ ފުރުޞަތު ޒުވާނުންނަށް އިތުރު ކުރަންޖެހެއެވެ. ހަމައެހެންމެ ޢިމާރާތް ކުރުމުގެ ދާއިރާގައި ޒުވާނުންގެ ޙިއްސާ އިތުރުކުރުމަށްވެސް، އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ތަފާސް ހިސާބުގެ ޢަދަދުތަކުން ފާހަގަކުރެވެއެވެ. މިތަފާސްހިސާބުތަކަކީ 2016 ގެ ޢަދަދުތައް ހުރި ގޮތެވެ.

ވަޒީފާނެތް ޒުވާނުންގެ ނިސްބަތް 7.3 އިންސައްތައިގައި

މިދިޔަ އަހަރުގެ ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭއިން ދައްކާ ގޮތުން ރާއްޖޭގައި އިޤްތިޞާދީ ގޮތުން ޙަރަކާތްތެރިވާ އާބާދީ އަކީ ނުވަތަ ލޭބަރ ފޯސްއަކީ 97،044 އެވެ. ވަޒީފާ އަދާކުރާ އާބާދީއަކީ 89،956 އެވެ. ލޭބަރ ފޯސްގައި ޒުވާނުން ޙިއްސާ ކުރާ މިންވަރަކީ 69.9 އިންސައްތައެވެ. ވަޒީފާއެއް ނެތް ޒުވާނުން ނުވަތަ އަންއެމްޕްލޯއިމެންޓް ނިސްބަތަކީ 7.3 އިންސައްތައެވެ. މިއީ މިދިޔަ އަހަރުގެ ޙާލަތެވެ. ނަމަވެސް ކޯވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ދަތިތަކާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ޒުވާނުންގެ ނިސްބަތް މިހާރު އިތުރުވާނެކަމަށް ބެލެވެއެވެ. ކޯވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ވަޒީފާ ގެއްލި އިޤްތިޞާދީ ގޮތުން އެންމެބޮޑު އަސަރެއް ކޮށްފައި ވަނީ ވެސް ޒުވާނުންނަށެވެ.

މިޔަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ ޒުވާނުން އަދާކުރަމުންދާ ވަޒީފާއަކީ ކޭޝިއަރުކަމާއި ޓިކެޓް ކްލާކުންގެ ވަޒީފާއެވެ. އެފަދަ ވަޒީފާތަކުގައި 5340 ޒުވާނުން މަސައްކަތްކުރެއެވެ. ދެން އެންމެ ގިނައީ އޮފީސްތަކުގެ އާދައިގެ ކަލާކުންގެ ވަޒީފާގައެވެ. އެވަޒީފާ އަދާކުރަމުންދާ ޒުވާނުންގެ ޢަދަދަކީ 4136 އެކެވެ. އިދާރި އަދި އެގްޒެކެޓިވް ސެކްރެޓަރީންގެ ގޮތުގައި 3339 ޒުވާނުން ވަޒީފާ އަދާކުރެއެވެ. މަސްވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ޒުވާނުންގެ ޢަދަދަކީ 2292 އެވެ. ހޮޓެލް، އޮފީސް އަދި އެހެނިހެން ތަންތަނުގައި އެހީތެރިވެދީ ސާފުކުރާ މީހުންގެ ވަޒީފާގައި 1465 ޒުވާނުން ވަޒީފާ އަދާކުރެއެވެ.

އިންފޯމަލް ސެކްޓަރ ނުވަތަ ރަސްމީ ނޫން ދާއިރާތަކުގައި ޒުވާނުން ވަޒީފާ އަދާކުރާ ނިސްބަތަކީ 12 އިންސައްތައެވެ. އަދި އިންފޯމަލް ވަޒީފާ ނުވަތަ ރަސްމީނޫން ވަޒީފާތަކުގައި އުޅޭ ޒުވާނުންގެ ނިސްބަތަކީ 35 އިންސައްތައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސިވިލްސާވިސްގައި މަސައްކަތްކުރާ ޒުވާނުން ޢަދަދު އަތޮޅުތަކުގައި ގިނަ އެވެ. ސިވިލްސާރވިސްގައި މަސައްކަތް ކުރާ ޒުވާނުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަތޮޅުތަކުގައި މަސައްކަތް ޒުވާން އަންހެން ސިވިލް ސާރވަޓުންގެ ޢަދަދު އުޅެނީ 10 ހާހުން މަތީގައެވެ. އަދި ފިރިހެން ޒުވާން ސިވިލްސާރާވަންޓުންގެ ޢަދުދު އުޅެނީ ގާތްގަޑަކަށް ހަހާހުގައެވެ. މާލޭގައި މަސައްކަތްކުރާ ޒުވާން ސިވިލްސާރވަންޓުންގެ ތެރޭގައި އަންހެނުންގެ ޢަދަދު އުޅެނީ ފަސް ހާހުން މަތީގައެވެ. މާލޭގެ ޒުވާން ރިހެން ސިވިލްސާރވަންޓުންގެ ޢަދަދު އުޅެނީ ތިން ހާހުން މަތީގައެވެ.

އާމްދަނީއެއް ނުލިބޭ މަސައްކަތްކުރާ ޒުވާނުންގެ ތެރޭގައިވެސް އަންހެނުންގެ ނިސްބަތް އުޅެނީ ފިރިހެނުންނާ އަޅާ ބަލާއިރު ވަރަށް މަތީގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާމްދަނީ ލިބޭ މަސައްކަތްތަކާއި ނުލިބޭ މަސައްކަތް ތަކުގައި ޒުވާން އަންހެނުން އުޅޭ ނިސްބަތް އުޅެނީ އެއްވަރެއްގައެވެ. ނަމަވެސް މިދެބައިވެސް ޒުވާން އަންހެނުންގެ ޢުމުރު މައްޗަށްދާ މިންވަރަށް ބަލާއިރު ވަނީ އިތުރުފެވައެވެ. ނަމަވެސް ޒުވާން ފިރިހެނުންގެ ތެރެއިން އާމްދަނީ ނުލިބޭ މަސައްކަތަކުގައި އުޅޭ ޒުވާނުންގެ ޢަދަދު ޢުމުރާއެކު ކޮންމެވެސް ވަރަށްކަށް މައްޗަށް ގޮސްފައި ވީނަމަވެސް އާމްދަނީ ލިބޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ޒުވާނުންނާ އަޅާބަލާއިރު އެއީ ވަރަށް ދަށް މިންވަރެކެވެ.

ޒުވާން އަންހެނުންގެ ތެރޭގައި ޢުމުރުން ދުވަސް ވާރަކަށް އާންމުދަނީ ނުލިބޭ މަސައްކަތްތަކުގައި އުޅޭ ޒުވާން އަންހެނުން އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ދަރިން ބެލުމާއި އެނޫންވެސް އާއިލީ ޒިންމާތައް އުފުލުމަށް ވަޒީފާ ދޫކޮށް ގޭގައި ތިބެންޖެހޭ އަންހެން އެއީ އެއްސަބަބަށް ވާނެއެވެ. މިނޫންބައެއް ސަބަބުތައް ވެސް ހުރުމަކީ އެކަށީގެންވާކަމެކެވެ.

ޒުވާނުންގެ ބޮޑުބައެއް ކުށުގެ ވެށީގައި!

ޒުވާނުންގެ ބޮޑު ބައެއް ކުށުގެ ވެށީގައި އުޅެމުންދާކަމީ މިއަދުގެ ހަޤީޤަތެވެ. ޒުވާނުންނަށް ކުށަށް އަރައި ގަތުމުގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ މަސްތުވާ ތަކެއްޗަށް ދެވި ހިފައިފައިވާ ޒުވާނުން އާބާދީގައި ގިނަވުމެވެ. ޒުވާން އާބާދީގެ ބޮޑު ބައެއް ތިބީ މަސްތުވާ ތަކެތީގެ ޝިކާރައަކަށް ވެފައިކަމީ ތަފާސް ހިސާބުތަކުން އަޅުގަނޑުމެންނަށް ދައްކައިދޭ ޙަޤީޤަތެވެ. މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ 69 އިންސަތައަކީ  ޢުމުރުން 18 އަހާރި 34 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު މަސްތުވާތަކެތީގެ 2188 މައްސަލަގައި 1490 މީހުން ހައްޔަރު ކޮށްފައިވެއެވެ. އޭގެތެރެއިން 54 އިންސައްތައަކީ ޢުމުރުން 25 އަހަރާއި 39 އަހަރާ ދެމެދު މީހުންނެވެ. 30 އިންސައްތަ އަކީ ޢުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންނެވެ. އަދި15 އިންސައްތަ އަކީ 40 އަހަރުން މަތީގެ މީހުންނެވެ،  ޢުމުރުން 16 އަހަރުން ދަށުގެ ނިސްބަތް ހިމެނެނީ އެކެއް އިންސައްތައިގައެވެ.

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބުތަކުން ހާމަވާގޮތުގައި 88 އިންސައްތައަކީ ދިވެހިންނެވެ. 11 އިންސައްތަ އަކީ ބިދޭސީންނެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެނުންގެ ނިސްބަތް 97 ގައި އުޅޭއިރު އަންހެނުންގެ ނިސްބަތަކީ ތިނެކެވެ. މިހިސާބު ތަކުން ފެންނަ ގޮތުން ޤައުމުގެ ތަރައްޤީޤައި މުހިންމު ދައުރެއް އަދާކުރަންޖެހޭ ޒުވާނުން މިއަދު މިތިބީ އެފަދަ ޒިންމާ އެއް އުފުލޭ ޙާލަތެއްގައެއް ނޫނެވެ. މިއީ އަޅުގަނޑުމެން ކޮންމެ ދިވެއްސަކުމެ އެކަމާމެދު ވިސްނަން ޖެހޭ މުހިންމު ބޮޑު މައްސަލައެކެވެ.

މަސްތުވާ ތަކެއްޗަކީ ހުރިހާ ކުށެއްގެ މަންމަކަމަށް ވާފަދައިން މަސްތުވާތަކެތީގެ ރެކޯރޑް އޮންނަ ޒުވާނުން، ވަށްކަމާއި ފޭރުމުގެ އިތުރުން ގޭންގް މާރާރީފަދަ ކުށްތަކަށް އަރައިގަންނަކަން ތަފާސް ހިސާބުން ފެންނަން ނެތަސް އެފަދަ ޙާދިސާތައް ހިނގަމުންދާ މިންވަރުއިތުރުވުން ހާމަވެއެވެ. މިފަދަ ގޭންގް މަރާރީ ތަކުގައި އެތައް ޒުވާނުންގެ ފުރާނަވަނީ ގެއްލިގެން ގޮސްފައެވެ.

ކުށްކުށަށް އަރައިގަންނަ ޒުވާނުން މަދުކުރުމަށް އެކުށަށް އަރައި ގަންނަ އަސްލު ސަބަބުތައް ހޯދައި އެކަމަށް ވަނީ ފަރުވާއެއް ބޭނުންވެފައެވެ. މިހާރު ކުށްކުރުމުގައި ތިބި ޒުވާނުން ރިހެބިލިޓޭޓްކޮށް ޒިންމާދާރު ބައެއްގެގޮތުގައި މުޖުތަމައަށް އަނބުރާ ނެރެން ޖެހެއެވެ. ޅަޖީލުތައް ކުށުގެ ވެށިން ސަލާމަތްކުރުމަކީ މިކަމަށް ކުރިމަގަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

 

އިޤްތިޞާދީ އިންޖީނުގެ ދުވެލި ބާރުކުރުމަށް ޒުވާނުންގެ ބޭނުން ހިފަންޖެހޭ!

ޒުވާނުން އާބާދީ ރާއްޖޭގައި ބޮޑުވުމަކީ ރަނުގެ ފުރުޞަތެކެވެ. ނަމަވެސް އެކަން ރަނުގެ ފުރުޞަތަކަށް ވެގެންދާނީ އެ ޒުވާނުންގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. މިއަދު ޒުވާނުންގެ ޢަދަދު ގިނަ އިރު ޒުވާނުން ތިބެންވީ ޓައީ އަޅައިގެން އޮފީސް މޭޒުތަކުގެ ދޮށުގައި ކްލާކުން ގޮތުގައެއް ނޫންވެ. އިޤްތިޞާދީ އިންޖީނުގެ ދުވެލި ބާރުކުރުމަށް ބޭނުންވާ މަސައްކަތްތަކަށް ޒުވާނުން ނެރުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. ފަތުރުވެރިކަމާއި ޢިމާރާތް ކުރުމުގައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގައެވެ. އެނޫންވެސް އިޤްތިޞާދީ އިންޖީނުގެ ދުވެލި ބާރުވާނެ މަސައްކަތްތަކުގައެވެ.

ފަތުރުވެރިކަމަކީ ޤައުމަށް ބޭރު ފައިސާ ވައްދައިދޭ މައި ދޮރެވެ. ޤައުމަށް ވަންނަ ބޭރުފައިސާ ރާއްޖޭގެ އިޤްތިޞާދުގައި ހިފެހެއްޓުމަށް އެދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކުރަންޖެހެއެވެ. ޚާއްޞަ ގޮތެއްގައި ޒުވާނުންގެ ދައުރު ފުޅާ ކުރަންޖެހެއެވެ. މިއަހަރުގެ ފަތުވެރިކަމުގެ ދުވަހާ ގުޅުވައިގެން، ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާ، ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ، ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓު ތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ނިސްބަތް ދިވެހިންނަށްވުރެ ހަތަރު އިންސައްތަ އިތުރެވެ. ބިދޭސީންގެ ނިސްބަތް 52 އިންސައްތައިގައި އުޅޭ އިރު ދިވެހިންގެ ނިސްބަތް އުޅެނީ 48 އިންސައްތައިގައެވެ. ނަމަވެސް އަންހެނުންގެ ނިސްބަތް ނުހިމަނައި ބަލައިފިނަމަ ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީ އަދި ދިވެހި ފިރިހެނުންގެ ނިސްބަތް އުޅެނީ އެއްވަރެއްގައެވެ. އެއީ 45 އިންސައްތައިގައެވެ.

ތަފާސް ހިސާބުތަކުން ފެންނަ ގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ނިސްބަތް އުޅެނީ އެންމެ  ތިން އިންސައްތައިގައެވެ. ބިދޭސީ އަންހެނުންގެ ނިސްބަތް ދިވެހި އަންހެނުންނަށް ވުރެ އިތުރެވެ. ބިދޭސީ އަންހެނުން ނިސްބަތް އުޅެނީ ހަތް އިންސައްތައިގައެވެ. ބިދޭސީ އަދި ދިވެހި އަންހެނުން އެއްކޮށްލިއަސް ރިސޯރޓްތަކުގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އުޅެނީ 10 އިންސައްތައިގައެވެ. މި ޢަދަދު ތަކަކީ މިދިޔަ އަހަރު ކޮށްފައިވާ ސާވޭއެއްގެ ނަތީޖާ ދައްކާ ގޮތެވެ. މިސާވޭއިން ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުގެ މަސައްކަތްކުރާ މުވައްޒަހުންގެ ޖުމުލަ ޢަދަދަކީ 44،954 އެވެ. މިދިޔައަހަރުގެ ނިޔަލަށް ރާއްޖޭގައި ޚިދުމަތްދެމުންދިޔަ ރިސޯޓުތަކުގެ ޢަދަދަކީ 164 އެވެ. ގެސްޓް ހައުސްތަކުގެ ޢަދަދަކީ 605 އެވެ. ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެއް ސާވޭގައި ހިމަނާފައެއް ނުވެއެވެ. ކޯވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓި އެދާއިރާއަށް އެރި ލޮޅުންތަކާއެކު މިޢަދަދުތަކަށް މިހާރު ވާނީ ބަދަލުތަކެއް އައިސްފައެވެ.

ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަތަކަށް ވެސް އޮތް އެންމެ ބޮޑު ޙައްލަކީ ޒުވާން މަސައްކަތް ތެރިން އުފެއް ދުމެވެ. ތަފާސް ހިސާބުތަކުން ރާއްޖޭގެ ޒުވާން އާބާދިއަށް ނުވަތަ ޤައުމުގެ މަސައްކަތު ޢުމުރު ފުރާގެ އާބާދީއަށް ވުރެ ޤައުމަށް އެތެރެވެފައިވާ ބިދޭސީންގެ ޢަދަދު އިތުރެވެ. ނަތީޖާއަކީ އާމްދަނީގެ ބޮޑުބައެއް ޤައުމުން ބޭރުވުމެވެ. ތަފާތު އިޖްތިމާޢީ މައްސަލަތައް ކުރިމަތި ވެ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް އެބައި މީހުންގެ ކަންކަން ދިއުމެވެ. މިކަމަށް ޙައްލެއް ގެނެވެން އޮތީ ވެސް ޒުވާނުންގެ، ހަކަތަ އެމަސައްކަތްތަކަށް ހޭދަކޮށް ގެނެވެ. މިހާރު ބިދޭސީން ކުރަމުންދާ މަސައްކަތްތައް ކުރާނެ ޒުވާނުން އުފައްދައި އެކަމަށް އަހުލުވެރި ކުރުވައިގެންނެވެ. ކުށްކުށަށް އަރައިގެންފައިވާ އާބާދީ ރިހެބިލިޓޭޓްކޮށްގެން ވިއަސް މެއެވެ. މިއީ ސިޔާސަތު ކަނޑައަޅަން ތިއްބެވި ޒިންމާދާރު ވެރިންވެސް ވިސްނާ ހަރުދަނާ ސިޔާސަތު ތަކެއް ކަނޑައަޅައި އަދި އެ ސިޔާސަތު ތަންފީޒު ކުރަންވީ ވަގުތެވެ. އާއިލާތަކުން އެބައި މީހުންގެ ދަރިންގެ ތަރުބިއްޔަތާމެދު އިތުރަށް ވިސްނައި އެކުދިން ޒިންމާދާރުގޮތުގައި ބޮޑުކުރުމުގެ ޒިންމާ ނަގަންޖެހެއެވެ. އެކުދިންގެ އަޤީދާ ވަރުދަކޮށް ދެދުނިޔޭގެ ލާބަޔަށް މަސައްކަތް ކުރަންޖެހޭ ކަން ދަސްކޮށްދޭންޖެއެވެ. މިކަން ކުރެވެނީ ހަމައެކަނި ކަނޑައަޅާ ސިޔާސަތުތަކަކުން އެކަންޏެއް ނޫނެވެ. ތަރުބިއްޔަތާއި ތަޢުލީމު ދިނުމުގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ ޒިންމާ އުފުލައިގެންނެވެ. ޒިންމާދާރުވެގެންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.