ސަރާ - ދިވެހި ޒުވާން އަންހެން ޝެފެއް ރިސޯޓެއްގެ ބަދިގޭގައި 

ރާއްޖޭގެ ފަތުރުވެރިކަން ރަންޔޫބީލަށް އަލިވިލެނީއެވެ. ނަމަވެސް ދިވެހި އަންހެނުންގެ ހިއްސާ  އެންމެކުޑަ އެއް ދާއިރާއަކަށް ވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މަދު ޒުވާން އަންހެނުންގެ ތެރޭގައި ރިސޯޓުތަކުގެ ބަދިގޭގައި ޝެފުންނަށް ނުވަތަ ކައްކާއިންނަށް ދިވެހި އަންހެނުން އުޅޭ ވާހަކަ ވީ އަޅުގަނޑަށް އާާ ވާހަކައަކަށެވެ. ކޮންރެޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑް ރިސޯޓުގެ ބަދިގޭގައި ތިބި މަދު އަންހެން ޝެފުންގެ ތެރޭގައި ދިވެހި ޒުވާން ޝެފެއް ހިމެނެއެވެ. ސަރާ ޢަލީ ނަސީރަކީ  އަޅުގަނޑަށް މިގޮތުން އެނގުނު ފުރަތަމަ އަންހެން ދިވެހި ޝެފެވެ. ދިވެހި އަންހެނުންނަށްވެސް ރިސޯޓުތަކުގެ ފަންނީ މަސައްކަތްތައް ކުރެވިދާނެކަން ސަރާ އެދަނީ ސާބިތު ކޮށްދެމުންނެވެ.

ސަރާ އަކީ އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިއެވެ. ނަމަވެސް ސަރާ ބޮޑުވަމުން އައި މާހައުލުން ސަރާއަށް ފެނިފައި ވަނީ އަންހެނަކަށް ވިއަސް މަސައްކަތްތެރިކަމުގައި ކުރިއަށް ދެވިދާނެކަމެވެ. ސަރާގެ މަންމައަކީ ފެހުމާއި މާޖެހުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާ މީހެކެވެ. އެހެން ކަމުން އާމްދަނީ ހަޯދޭނީ ބުރަކޮށް މަސައްކަތް ކޮށްގެންކަން  ސަރާ ވެސް ޤަބޫލު ކުރެއެވެ.

 ސަރާ އެންމެ ފުަރަތަމަ ބޭނުންވީ ޑެންޓިސްޓަކަށްވާށެވެ. ސަރާގެ ބައްޕަ މަސައްކަތް ކުރެއްވީ ސިއްޙީ ދާއިރާގައި ކަމަށް ވާތީއެވެ. އެހެންކަމުން އޭލެވެލް އަދި އޯލެވެލްވެސް ހެދީ ސައިންސް ސްޓްރީމުންނެވެ. ނަމަވެސް ސަރާގެ އެ ވިސްނުން އޭލެވެލްއާ ހަމައިން ވަނީ ބަދަލު ވެފައެވެ. ވަކި ކަމަަކުން ކުރިއަށް ދިއުމަށް ނިންމައިފައި ނުވި ނަމަވެސް ކުރިއަށް ދެވެން އޮތް ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަކީ ސަރާ ބޭނުންވި ގޮތެވެ.

އެހެންކަމުން އޯލެވެލަށްފަހު އޭލެވެލްގެ ކިޔެވުން ފެށުމާ ދޭތެރޭގައިވެސް ލިބުނު ކުޑަ ދުވަސްކޮޅުގައިވެސް ހުސްކޮަށް ހުރުމުގެ ބަދަލުގައި ސަރާ ބޭނުންވީ ކޮންމެވެސް މަސައްކަތެއްގައި އުޅޭށެވެ. އެގޮތުން އެއާޕޯޓުން ވަގުތީ ވަޒިފާއެއް ހޯދުމަށްފަހު އޭލެވެލް ފެށެންދެން އެމަސައްކަތުގައި ދެމިހުއްޓެވެ. އޭލެވެލް ނިމުމުން އަނެއްކާވެސް ހުސްކޮށް ހުރުމުގެ ބަދަލުގައި ސަރާ ވަޒީފާއަކަށް ދިޔައެވެ. މި ފަހަރު ސަރާ އިޚްތިޔާރު ކުރީ ބޭންކިން ދާއިރާއެވެ. މޮރިޝަސް ބޭންކުގައި އޭނާ މަސައްކަތް ކުރަމުން ދިޔައިރު، މަތީ ތައުލީމު ހާސިލުކުރަން ރާއްޖެއިން ބޭރަށް ދިއުމަށް ފުރުސަތު އޭނާގެ ބޭބެމެން ހޯދައި ދިނެވެ. ބައްޕަ ދުނިޔޭގައި ނެތުމުން ބައްޕައެއްގެ ރޯލު އަދާކުރަމުންދާ ދެބޭބެ ބޭނުންވީ ސަރާ ބޭނުންވާ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދޭށެވެ.

"ބޭބެ އެހި ކިޔަވަން ދާންވީ ނޫންހޭ . ކޯޗެއްހޭ ކިޔަވާނީ. ސަރާ ބުނިން މިހާރު މި އުޅެނީ ބޭންކުގަ ނޫންހޭ، ދެން ކިޔަވާނީ، ބޭންކިން ނޫންހޭ." މަތީ ތައުލީމަށް ފުރުސަތު ފަހިވި ގޮތް ކިޔައި ދެމުން ސަަރާ ބުނެލިއެވެ. ނަމަވެސް ސަރާ އެހެން ބުނީ އޭއީ އޭނާގެ ޝައުގުވެރިކަން ހުރި ދާއިރާ ކަމަށް ވާތީއެއް ނޫނެވެ. އޭރު މަސައްކަތް ކުރީ އެ ދާއިރާގައި ކަމަށް ވާތީއެވެ.

ތަފާތު އައު ރަހަތަކުގެ ކާއެއްޗެހި ތައްޔާރު ކޮށްލުމަކީ ސަރާގެ ކިބައިގައި ހުރި ތަފާތު މޮޅު ހުނަރެކެވެ. އަދި ޝައުގުވެރިކަން އިންތިހާއަށް ހުންނަ ކަމެކެވެ. ތަފާތު ރެސިޕީތަކުން ބައިތައް ނަގައިގެން އާ ރަހަތައް ތައްޔާރު ކުރުމެވެ. ޝައުގުވެރިކަން ހުރުމުން ކުރާހިތުން ކުރަމުން އައި ނަމަވެސް އެއީ ސަރާގެ ހުރި ޚާއްސަ ހުނަރެއްކަން އޭނާއަށް އިހުސާސް ކުރެވުނީ މާ ފަހުންނެވެ.

"އެއް ރެއަކު ކައްކަން އުޅެނިކޮށް ބޭބެ ބުނީ ތިޔައީ ނޫންހޭ ސަރާގެ "ޕެޝަން" އަކީ. އެ ވަގުތު ހީވީ ސިކުނޑީގައި ބޮތްކެއް ދިއްލުނުހެން. ސަރާއަށްވެސް ވިސްނުނު މިއީ ސަރާއަށް ކުރިއަށް ދެވޭނެ ކަމެއްކަން." ޝެފަކަށް ވުމަށް މަގު ކޮށިގެންދިޔަ ގޮތް ކިޔައިދެމުން  ސަރާ ބުނެލިއެވެ.

ފަރަންސޭސިވިލާތުގެ ޕެރިހުގެ ލެކޯޑޮން ބްލެއުގެ އެކްރެޑިޓް، ކަލިނަރީ އާރޓްސް ، ސަރާ ހެދީ މެލޭޝިއާގެ ސަންވޭ ޔުނިވަސިޓީންނެވެ. ސަރާ ގަބޫލުކުރާ ގޮތުގައި ކަންކަމުގައި ކުރިއަށް ދާއިރު ގޮންޖެހުންތައް ހުންނާނެެއެވެ. ނަމަވެސް ޝައުގުވެރިކަން ހުރެމެ ކުރިއަށް ދާން ބޭނުންވާ މީހަކަށް ގޮން ޖެހުންތަކާ އެކުވެސް އެކަންކަން ހައްލުކޮށް ކުރިއަށް ދެވޭނެއެވެ. ސަރާއަށް ކުރިމަތިވާ ގޮންޖެހުންތަކާ އޭނާ ކުރިމަތި ލަނީ އެފަދަ ގޮތަކަށެވެ. ސަރާބުނީ ޝެފަކަށް ވުމަކީ  ކިޔަވައިގެން އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެންމެ ބޮޑު ކަމަކީ މަސައްކަތުގެ ތަޖްރިބާއެވެ. ޝެފެއްގެ ގޮތުގައި މަސައްކަތް ކުރާތާ  ދެ އަހަރު ވީނަމަވެސް، ސަރާ ދެކޭގޮތުގައި އޭނާވެސް އަދި އެ ދާއިރާއަށް ވަރަށް އަލެވެ. އެހެންކަމުން އަދިވެސް އުޅެވެނީ "ކިޗަން އެންވައިރަންމަންޓް"  ނުވަތަ ބަދީގޭގެ މާހައުލަށް ފަރިތަވެ ދަސްކުރުމުގައި ކަމަށް ސަރާ ދެކެއެވެ. ކާއެއްޗެހި ތައްޔާރު ކުރުމުގެ  އިތުރުން ޝެފެއްގެ ގަައިގައި ހުންނަންޖެހޭ  "ކޮލިޓީ" ނުވަތަ ސިފަތައް ދަސްކުރަމުން ދާ ކަމަށް ސަރާ ބުންޏެވެ.

ސަރާ ދެކޭގޮތުގައި ޝެފަކަށްވާނީ ހަމައެކަނި  ބަލާލަން ރީތި އަނގަޔަށް މީރު ރެސިޕީއެއް ހަދާލެވުނީމައެއް ނޫނެވެ. މެނޫގައި ހަވާލުވެފައި ހުންނަ ރެސިޕީތައް ދުވާލަކު އެތައް ފަހަރަކު އެއް ކޮލިޓީއެއްގައި ހިފަހައްޓައިގެން، ގެސްޓުންނާ ހަމައަށް ފޯރުކޮށް ދޭން ޖެހޭކަން އޭނާ ފާހަގަ ކުރިއެވެ. އަންނާނީ ފަހަރަކު އޯޑަރެއް ނޫންކަމާއި، އެއްފަހަރާ ތަފާތު އެތައް ޑިޝްތަކަކަށްވެސް އޯޑަރު އަތުވެދާނެ ކަމަށް ބުންޏެވެ. އެހެންކަމުން ޓައިމް މެނޭޖްކުރަން އެނގެން ޖެހޭނެ ކަމަށާއި ސާވިސް ގަޑީގެ ކުރިން ހުރިހާ އިންގްރީޑިއެންޓެއް ރެެޑީ ކޮށްފައިި  އޯޑަރު އަންނަ ވަރަކުން ލަސްނުވެ ފޯރުކޮށްދޭން ޖެހޭނެކަން ފާހަގަ ކުރިއެވެ. އޭގެ އިތުރުން ސްޓޮކް ހުރިވަރު ބަލާފައި ކުރީބައިގައި އޯޑަރުކޮށް ސްޓޮކް އެރޭންޖްވެސް ކުރަންޖެހޭނެކަންވެސް ފާހަގަކުރިއެވެ. އެެހެންނޫނީ ސާވިސް ގަޑީގައި ކުރަން ޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެ ކަމަށް ސަރާ ފާހަގަ ކުރިއެވެ.

"އެންމެ މުހިންމު ކަމަކީ ހަވާލުކުރެވޭ ޓާސްކް އެންމެ ފުރިހަމައަށް އަދާކުރުން. ޓީމް ވާކް އޮންނަންޖެހޭ. މައްސަލައެއް ޖެހިއްޖެނަމަ އޯލްޓަނޭޓިވްއެއް ނުވަތަ ސޮލިއުޝަނެއް ހޯދަން އެނގެންޖެހޭނެ. އެހެންނޫނީ ޓީމްގައި ދެންތިބި މީހުންގެ މަސައްކަތައްވެސް އޭގެ އަސަރު ކުރާނެ. ފިޒިކަލީ އަދި މެންޓަލީވެސް ވަރަށް ސްޓްރޯންގްވާން ޖެހޭނެ. ވަރަށް ޓަފްކަމެއް އެކަމަކު ދަސްކުރަން ބޭނުންވާ މީހެއް ވެއްޖިއްޔާ ކިތަންމެ ބުރަޔަސް ކުރިއެރުމެއްގެ ގޮތުގައި މިކަން ނެގޭނެ." ޝެފުން މަސައްކަތް ކުރަންޖެހޭ ގޮތް ކުރުގޮތަކަށް ކިޔައި ދެމުން ސަރާ ބުނެލިއެވެ.

ރިސޯޓު ބަދިގޭގައި ސަރާ  ތައްޔާރުކުރާ އެންމެ ޚާއްސަ އެއްޗަކީ ސަޓަންޏެވެ. ނުވަތަ ސެލަޑެވެ. ސަރާގެ ސެލަޑްގެ މަގުބޫލުކަން އޮތީ ހަމައެކަނި ރަންގަލި ރިސޯޓަށްދާ ގެސްޓުންގެ މެދުގައެއް ނޫނެވެ. އޭނާ ވަނީ އެ ރިސޯޓަށް ނުދެވުނަސް، އެތައް ބަޔަކަށް އޭނާގެ މީރު ސެލަޑްތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް ފަހިކޮށްދީފައެވެ. އެއީ އެކަމަށްޓަކައި އޭނާ ސޯޝަލް މީޑިއާގައި ގާއިމުކުރި ޚާއްސަ ޕްލެޓްފޯމަކުންނެވެ. "ދަ ސެލަޑް ކޯނަރ އެމްވީ" އިންނެވެ. މި ޕޭޖުގައިވާ ސެލަޑްތަކުގެ މަދު ފޮޓޯތަކުންވެސް އަނގައިގެ "ކުޅު ދިޔާވާ ވަރު" ވިއެވެ. ސަރާ ތައްޔާރުކުރާ ތަފާތު ރަހަތައް އެހެން މީހުންނަށް ޙިއްސާކުރުމަކީ އޭނާއަށް ލިބޭ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. ސިއްހަތަށް ފައިދާ ހުރި ތަފާތު ބާވަތްތަކުން ތައްޔާރު ކުރި ސެލަޑްތަކުގެ ރަހަ ބެލި މީހުންގެ ދުލުން އަދިވެސް އެ ރަހަތައް ފިލައިގެން ނުދާ ކަހަލައެވެ. ސަރާގެ ސެލަޑް ޕޭޖަކީ ކޯވިޑްގެ ލޮކްޑައުންގައި ރިސޯޓު ބަންުދު ކުރުމުން، ކުރި މަސައްކަތެކެވެ. މަންމަގެ ފަރާތުުން ސަރާއަށް ލިބިފައިވާ "މުރާލި" ކަމަކީ އޭނާ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

 ލޮކްޑައުންގައި ރިސޯރޓް ބަންދުވުމުން ސަރާ ހިންގީ ހަމައެކަނި ސެލަޑް ޕޭޖެއް ނޫނެވެ. މަންމަ ގާތުން ފެހުމުގެ ހުނަރުވެސް ދަސްކުރިއެވެ. މަންމަ ހީކުރި ވަރަށްވުރެ މާ ބޮޑަށް  ފެހުމުގެ ހުނަރުވެސް ސަރާގެ ކިބައިގައި ހުރިކަމަށް އޭނާގެ މަންމަ ބުންޏެވެ. އެކަން ޔަގީންކޮށްދެމުން ބުނީ، ހެދުމުގެ ކަރު އެއްޗެހި ހަދާލާފައި ހުންނައިރުވެސް އާއްމުކޮށް ފަހާ މީހެއް ކަހަލަ ކަމުގައެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރު ސަރާ ކިޔައި ދިނެވެ. "މަންމަ އުޅޭނީ އަބަދުވެސް ފަހާފޮށި މައްސަލަ ޖެހިދާނެތީ. އެހެންވެ ނުކެރޭ މަންމައަށް އެނގިގެން ފަހާ ފޮށްޓާ ކައިރިވާކަށް. އެހެންވެ  ސިއްރުސިއްރުން ފަހަނީ"

އަންހެނަކަށްވެ ހުުރެ ފަތުރުވެރިކަމުގެ ދާއިރާގެ ތަފާތު މަސައްކަތެއްގައި ސަރާއަށް ދެމި ހުރެވެނީ އާއިލާއާއި މަސައްކަތު މާހައުލުންވެސް ލިބޭ އެއްބާރުލުމުންކަން ސަރާ ފާހަގަކުރެއެވެ. އެހެންކަމުން މަންމަ އާއި ދެބޭބެ އަދި ކޮންރެޑްގެ މެނޭޖްމެންޓާއި ސަރާއާ އެކު މަސައްކަތް ކުރާ "ކިޗަންޓީމް" ސަރާގެ ޝުކުރުގެ ލިސްޓުގައި ފާހަގަކުރިއެވެ.

ސަރާ ގަބޫލުކުރާ ގޮތުގައި ފަތުވެރިކަމުގެ ދާއިރާގެ ތަފާތު މަސައްްކަތްތައް އަންހެން ކުދިންނަށްވެސް ކުރެވޭނެއެވެ.  "އިންޓާންޝިޕް" ޕްރޮގްރާމްތަކާއި "އެޕްރެންޓިސްޝިޕް" ޕްރޮގްރާމްތައް ފަދަ ފުރުސަތުތަކުގެ ތެރެއިންވެސް ރިސޯޓުތަކުގެ ބަދިގެއަށްވެސް ވަދެވެން އޮތްކަން ސަރާ އެހެން ޒުވާނުންނަށް ބުނެލަން ބޭނުންވެއެވެ.  ނަމަވެސް ކުރިމަތި ލާން ވަނީ ޝައުގުވެރިކަންހުރެމެ އެކަންކުރަން ބޭނުންވާ ނަމައެވެ. ސަރާގެ ކާމިޔާބީގެ ސިއްރަކީ ވެސް އެއީއެވެ. ޒުވާން އަންހެނެއް ކަމަކު، ރިސޯޓެއްގެ ބަދިގޭގައި މަސައްކަތް ކުރަމުން އެ ދަނީ، ތަފާތު ދައްކަމުންނެވެ.

1 ޚިޔާލު

  1. Mi liynu befulhaage mauloomaathu mi dhaairaaga neh ka faahaga vi mi liyun kiyaaleema. Etha anhen beyflulhuneh mi dhaairaaga resort thakuga masaiykaiy . kurey. Emme mathee level ga ves masaikohffa ebahuri. liyun therinves ebajehey mauloomaathu ragalhuvan liyaa article ge dhaairaain. Ragalhu mauloomaathu hoadh.. chef liyuneema eyee kon level eh ga masaoikaiy kuraa meehekan kiyun therinna foari koiy dhinun varrah muhimmu.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.