(2 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޑެނިއަލް ހިމޭނުން އިނދެގެން އެ ކުދިންގެ ވާހަކަ އަޑުއަހަމުން ގެންދިޔައެވެ. އޭނާގެ ހިތުގައިވެސް ބާވަތެއްގެ ޝައްކެއް އޮތީ އުފެދިފައެވެ. ހެދުން އަޅާ ގޮތަކުން އިސްކޫލުން ކަނޑައިލުމަކީ މިނިވަންކަމާއި އެއްބައެއްވަންތަކަމާއި އިންސާނީ ހައްގުތަކާ ޚިލާފު ކަމަކަށް ނުވޭ ހެއްޔެވެ؟ އޭނާގެ ސިކުނޑީގައި މި ސުވާލު އެތައް ދުވަހެއް ވާންދެން އެނބުރިއެނބުރި އޮތެވެ. އެކަމަކު އެޔަށްފަހު އެކަންތައްތަކުގެ މަތީން ހަނދާން ނެތިއްޖެއެވެ.
ޔުނިވަރުސިޓީގައި އެމްއޭއަށް ކިޔަވަމުން ދިޔަ ދުވަސްވަރު ސިބިލާއި ޕެޓްރިކް އަނެއްކާވެސް އޭނާޔާ ދީނުގެ ވާހަކަދައެްކައިފިއެވެ. ވަކި ދީނެއް ޚިޔާރު ކުރާށޭ ބުނެފިއެވެ. އޭނާ ސަމާސާގެ ރާގެއްގައި ބުނެލިއެވެ.
"މަންމަމެން ފިކުރު ނުކުރޭ. ދީން ގަބޫލު ނުކުރާ މީހެއްގެ ގޮތުގައި ހުރެގެން އަހަރެން މަރެއް ނުވާނަން. އަހަރެން މަރުވީމާ ވަޅުލާނެ ގޮތަކާމެދު މަންމަމެން ފިކުރު ކުރާކަށް ނުޖެހޭނެ. އަހަރެން ޔަހޫދީއަކަށް ނޫނީ ކްރިސްޓިއަނަކަށް ވާނަން. އެހެން ނޫނީ ބުޑިސްޓަކަށް... އެހެން ގޮތެއް ނެތިއްޔާ އިސްލާމަކަށް ނަމަވެސް ވާނަން."
އެންމެން ތިބީ ރޭގަނޑު ކާށެވެ. ކުއްލިއަކަށް ހިމޭންކަން ވެރިވެއްޖެއެވެ. ޑެނިއަލް ހައިރާން ވެފައި މަންމައާއި ބައްޕަގެ މޫނަށް ބަލައިލިއެވެ. އެ ދެމީހުން ތިބީ އެއްވެސް ހަރަކާތެއް ނެތި ދެ ބުދަށް ވެފައެވެ.
"ކިހިނެއް ވީ؟" އޭނާ ސުވަލެއް އަނގަޔަށް ލަމުން އަހައިލިއެވެ.
"އިސްލާމަކަށް ވާން ހިތަށް އެރުވީވެސް ކީއްވެގެން؟" ސިބިލް ފިނި ރާގަކަށް އަހައިލިއެވެ.
"އަހަރެން ހިތަކަށް ނާރުވަން. އެއީ މަޖަލަކަށް ބުނެލީ ވާހަކައެއް." އޭނާ ބުނެލިއެވެ.
"މަޖަލަކަށްވެސް އެކަހަލަ ވާހަކައެއް ދައްކާވަރުގެ ސަމާލުކަމެއް އިސްލާމް ދީނަށް ދިނީ ކީއްވެގެން؟" މި ފަހަރު ސުވާލުކުރީ ޕެޓްރިކެވެ. "ބޭނުން ކޮންމެ ދީނެއް ޚިޔާރުކުރޭ. ބުދު ދީނުގެ މީހަކަށް ވިޔަސް، ހިންދޫއަކަށް ވިޔަސް، ޕާރިސީއަކަށް ވިޔަސް އަހަންނަށް ހެޔޮ. އެކަމަކު އިސްލާމްދީނަށް ވަދެގެން ނުވާނެ. އިސްލާމަކަށް ވާނަމޭ ހިތަށްވެސް ނާރުވާތި. އަހަންނަކީ ޔަހޫދީއަކީން. އިސްލާމް ދަރިއަކު އަހަރެން ބޭނުމެއް ނޫން." ޕެޓްރިކް އެހައި ހަރުކަށިކަމާއެކު ވާހަކަދެއްކި އަޑެއް އޭނާ ދުވަހަކުވެސް ނާހައެވެ. "އިސްލާމުންނަކީ ޔަހޫދީން ފަލަސްތީނުން ނެރެ އެއްލައިލީ މީހުން." ޕެޓްރިކް ހަވާލާދިނީ ތާރީޚަށެވެ.
ޑެނިއަލް އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ.
"ތިޔައީ އެތައް ޒަމާނެއްވީ ވާހަކައެއް. އެ ވާހަކަ ޖެހެނީ ހަނދާން ނައްތައިލާން. އެކަހަލަ ވާހަކަ ދައްކާ ކަމަށް ވަންޏާ ޖަރުމަނުން ޔަހޫދީން ނެރެ ހުސްކުރީ ކްރިސްޓިއަނުންނޭވެސް ކިޔަންވީ. އެއީވެސް ހަގީގަތެއް."
"ޑެނިއަލް." ސިބިލް މޭޒުމަތީގައި ވަރަށް ބާރަށް އަތުން ޖަހައިލިއެވެ.
"މައާފުކުރޭ މަންމާ. މަންމަގެ ހިތުގައި ޖެހޭ ކަހަލަ ވާހަކައެެއް ދެއްކުނިއްޔާ މައާފުކުރޭ. އެކަމަކު އަހަރެން މި ދެއްކީ ހަގީގަތެއްގެ ވާހަކަ. ހަގީގަތް ބަދަލެއް ނުކުރެވޭނެ." އޭނާ ސުލްހަވެރިވާން ބޭނުންވާ ކަހަލަ ރާގަކަށް ބުނެލިއެވެ.
"ދަރިފުޅު ހަމަ ހަގީގަތުގައިވެސް އިސްލާމަކަށް ވާން ބޭނުންވަނީތަ؟"
"އަހަރެން އެހެންނެއް ނުބުނަން. އެއީ މަޖަލަކަށް ދެއްކި ވާހަކައެއް. އެ ވާހަކަ ހަނދާންނައްތައިލާ." އޭނާ މައުޟޫއު ބަދަލުކޮށްލިއެވެ.
އެކަމަކު އޭނާގެ މައިންބަފައިން އިސްލާމްދީނަށް އެހައި ބޮޑަށް ނަފުރަތުކުރާތީ އޭނާ ހައިރާންވިއެވެ. އެހެން ދީނެއް އިޚުތިޔާރު ކުރުމުގައި އެމީހުންގެ އެއްވެސް ދެކޮޅުހެދުމެއް ނެތެވެ. އެކަމަކު އިސްލާމް ދީނަށް ވަނުމަކީ އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫނެވެ. އޭނާ މިހައިތަނަށް ގަބޫލުކޮށްގެން ހުރީ އޭނާގެ މައިންބަފައިންނަކީ ދީނީ ތައައްސުބެއްގައި ތިބޭ ބަޔަކު ނޫން ކަމަށެވެ. "އިސްލާމްދީން ދެކެ އެހައި ބޮޑަށް މަންމައާއި ބައްޕަ ބިރުގަންނަނީ ކީއްވެގެން ބާވައެވެ؟" އޭނާ ވިސްނަމުން ގެންދިޔައެވެ. "އިސްލާމީ ތާރީޚުގައި އިސްލާމުންނާއި ކްރިސްޓިއަނުންގެ ގުޅުމާއި މުއާމަލާތައްތައް ހުރިނެތް ގޮތް ބަލައި ދިރާސާ ކުރުމަކީ އަހަރެން ކޮންމެހެންވެސް ކުރަން ލާޒިމު ކަމަކަށް މިހާރު ވެއްޖެއެވެ. އަދި އިސްލާމްދީނުގެ އަސާސީ ހަމަތައް ދެނެގަތުމަކީވެސް ކޮންމެހެން ކުރަންވެއްޖެ ކަމެކެވެ." އިސްމާދީނާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ދިރާސާކުރަން އޭނާއަށް މަޖުބޫރު ކުރުވި ސަބަބަކީ މިއީއެވެ. ހަމަސް ދުވަސް ވާންދެން އިސްލާމީ ތާރީޚާއި ކީރިތި ޤުރްއާން މުތާލިއާ ކުރެވުނުއިރު އޭނާ ހުރި ވަކި ދީނެއް ޚިޔާރު ކުރުމުގައި ސުވާލު އުފެދޭފަދަ ފައްތަރަކަށް އައިސްފައެވެ. "އެކަމަކު އެއް ކަމެއް ޔަގީނެވެ. ވަކި ދީނެއް ޚިޔާރު ކުރުމަށްޓަކައި އަހަރެން ބަލާނީ ހަމައެކަނި ކްރިސްޓިއަން ދީނާއި ޔަހޫދީ ދީނުގެ މައްޗަކަށް ނޫނެވެ. އިސްލާމް ދީނުގެ މައްޗަށްވެސް ބަލާނަމެވެ." ހައެއްކަ މަހެއްހައި ދުވަސް ފަހުން އޭނާ ވަކި ގޮތަކަށް ކަނޑައަޅައި ނިންމައިލިއެވެ.
ކެތީއާއި އޭނާޔާ ދެމެދު އޮތް ގުޅުން ކެނޑުނު ދުވަހު ކުރެވުނު ޒުވާބުގެ ތެރޭގައި ކެތީ އޭނާޔާ ދިމާއަށް ބުނި ވާހަކަ ހަނދާން ވުމުން ދީނުގެ މައްޗަށް ދޭ ސަމާލުކަން އިހަށްވުރެ ބޮޑު ވެގެން ހިނގައްޖެއެވެ. "އަވަހަށް ގޮސް ބޮޑު ބުރުގާ އެޅި ޖާހިލު އިސްލާމަކާ އިނދޭ. ކަލޭގެ އިނގިލީގައި ހިފައިގެން ފަހަތުން ހިނގަހިނގައި ހުންނާނީ އެކަހަލަ މީހެއް. އެކަހަލަ މީހަކާ އިނީމާ އެމީހާ ހިލޭ ފިރިހެނަކާ ދިމާއަށް ލޮލުގެ ހިމަކޮޅުންވެސް ބަލައެއް ނުލާނެ."
އޭނާ އެތައް ދުވަހެއް ވާންދެން ކެތީގެ ވާހަކަޔާ މެދު ވިސްނިއެވެ. އިސްލާމް އަންހެނުން ހަމަ ހަގީގަތުގައިވެސް ކެތީއަށްވުރެ އެތައް ގުނައެއް ރަނގަޅެވެ. އެމީހުން އުޅެނީ އަބުރުވެރި ދިރިއުޅުމެކެވެ. ވަފާތެރިކަމާއި ލަދުވެތިކަން އެމީހުންގެ ކިބައިގައި ހުރެއެވެ. އަމިއްލަ ހަށިގަނޑާއި އުޅުން މީސްމީހުންނަށް ދައްކައި އިޝްތިހާރުވާކަށް މަސައްކަތެއް ނުކުރެއެވެ. މިފަދަ ރީތި ސިފަތަކެއް ދީނުގެ އަހުލުވެރިންގެ ކިބައިގައި އަށަގަންނުވާ ދީނެއް، އެފަދަ ސިފަތައް އަށަގެންނެވުމުގެ ގާބިލުކަން ނެތް ދީނަކަށްވުރެ މާ ރަނގަޅުވާނެކަން ގައިމެވެ. ކެތީ އޭނާޔާ ދިމާއަށް ބުނީ ޖާހިލު، ތަނެއް ދޮރެއް ނުދަންނަ މީހަކާ އިންނާށޭއެވެ. އެހެން ބުނަން ޖެހުނީ ހުޅަނގުގައި އިސްލާމީ އަންހެނުންގެ ތަސައްވުރު އެފަދަ ގޮތަކަށް އޮންނާތީއެވެ. އިސްލާމީ އަންހެނުންނަކީ އަމިއްލައަށް ކަމެއް ކުރުމުގެ ގާބިލުކަމާއި އިޚުތިޔާރު ނެތް މަޖުބޫރު ބައެއްގެ ގޮތުގައި ސިފަކޮށްފައި އޮންނާތީއެވެ. އެފަދަ އަންހެނުންނަކީ ފިރިހެނުންނާ އެކަށީގެންވާ ބައެއް ކަމަށް ހުޅަނގުން ނުދެކޭތީއެވެ. އެކަމަކު އެވާހަކަތައް ޑެނިއަލަކަށް މަލާމާތަކަށް ނުވިއެވެ. އެ ވާހަކަތަކުގެ ސަބަބުން އޭނާގެ ކުރިމަތީގައި މީގެ ކުރިން ހުޅުވިފައި ނެތް ދޮރެއް ހުޅުވުނީއެވެ. އައު މަގެއް ފެނުނީއެވެ. އިރުމަތީގެ އަންހެނުންގެ މައްޗަށް އޭނާގެ ސަމާލުކަން ހުއްޓުނީއެވެ.
ދެވަނަ ފަހަރަށް އޭނާގެ ހިތުގައި ނުތަނަވަސްކަން އުފެދުނީ ވިޖޭތާގެ ވާހަކައިގެ ސަބަބުންނެވެ.
"ބައެއް ފަހަރު ޑެނިއަލްގެ ޚިޔާލު ހުންނަނީ ވަރަށް ބޯދާ ފާޑަކަށް." އެ ވަގުތު އޭނާގެ ގާތަށް ރުޅި އައެވެ. "ތިމާގެ އަނބިމީހާ އެހެން މީސްމީހުންގެ ކުރިމަތީގައި އޮރިޔާމުން ނުވަތަ ދެބައިކުޅަ އެއް ބަޔަށް އޮރިޔާމުން އުޅެން ނުރުހުމުގައި އޮތީ ކޮން ބޯދާ ވިސްނުމެއް ހެއްޔެވެ؟ އަގުބޮޑު އެއްޗިއްސަކީ ރައްކާތެރިކޮށްގެން ގެންގުޅެން ޖެހޭ އެއްޗިއްސެވެ. އެއީ މަގުމައްޗަށް ނެރެ އިޝްތިހާރުކުރަން ޖެހޭ އެއްޗިއްސެއް ނޫނެވެ. އިސްލާމް ފިރިހެނުން މިފަދަ ޚިޔާލެއްގެ ތެރޭގައި ތިބޭ ނަމަ އެއީ ރަނގަޅު ކަމެކެވެ. މިފަދަ ކަންތައްތަކާ ހެދި ހުޅަނގުގެ ވިސްނުން ހަނިވުމާއެކު ތައްސުބުގެ ހަރުކަށި ފިކުރު އެމީހުންގެ ކިބައިގައި އަށަގަންނަނީއެވެ." އެރޭ އެތައް އިރެއްވާންދެން މި ކަހަލަ ޚިޔާލުތަކެއްގެ ތެރޭގައި ޑެނިއަލް އޮތެވެ.
ވަޒީފާއެއް ލިބުމާއެކު އޭނާ ޕާކިސްތާނަށް އަތުވެއްޖެއެވެ. އެކަމަކު މި ގައުމުން އޭނާއަށް ފުރަތަމަ ފެނުނު މަންޒަރުތައްވެސް ވަކި ތަފާތެއް ނޫނެވެ. ނިވައިކަން ކުޑަ ހެދުން އަޅައިގެން އަންހެންކުދިން ޕާޓީތަކަށް ދާތަން އޭނާއަށް ފެނުނެވެ. ރާބޯތަންވެސް ފެނުނެވެ. ފިރިހެނުންނާ ގައިގޯޅިވެގެން އުޅޭތަންވެސް ފެނުނެވެ. މި މަންޒަރުތައް ފެނުނީމާ އޭނާ ހުރީ ހައިރާންވެފައެވެ. އިސްލާމީ ގައުމުތަކަށްވެސް މިބަލި ފެތުރުނީ ބާވައެވެ؟ މި ގައުމުތަކުގައިވެސް މިހާރު އުޅެނީ އަންހެނުން ނޫން ކަމަށް ވީ ހެއްޔެވެ؟ ހައްތަހާވެސް އެއްޗިއްސެވެ. އަންހެނުންވެސް މުނިފޫހިފިލުވުމަށް ބޭނުންކުރާ "އެއްޗަކަށް" ވީ ހެއްޔެވެ؟ އެމީހުންގެ ކުރިމައްޗަށް ހުށަހެޅެނީ ކޮންމެވެސް ބޭނުންތެރި އެއްޗެކެވެ. ހިތްކިޔާ އެއްޗެކެވެ. އެއީ ފައިސާ ކަމުގައި ވިޔަސް، މަޝްހޫރުކަން ކަމުގައި ވިޔަސް ނުވަތަ ފިރިހެނަކު ކަމުގައި ވިޔަސް މައްސަލައެއް ނެތް ފަދަ މާހައުލެއް އުފެދިގެން ހިނގައްޖެއެވެ. އޭނާގެ ހިތަށް މާޔޫސްކަން ވެރިވެއްޖެއެވެ. މީހަކާ އިނުމުގެ ވިސްނުމާވެސް އިހަށްވުރެ ދުރުވެއްޖެއެވެ.
"މިކަހަލަ މީހަކު ހަޔާތުގެ ބައިވެރިއަކަށް ހަދަން ޖެހޭނަމަ އަހަރެންގެ އަމިއްލަ މުޖުތަމައުން މީހަކު ޚިޔާރު ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ މި ގައުމުން މީހަކާ އިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟" އޭނާ މިލައިފައިވާ ހިތަކާއެކު ވިސްނައިލިއެވެ. އެޔާއެކު މަސައްކަތުގެ ތެރެއަށް ވަދެގެންގޮސް އެހެން ހުރިހައި ކަމެއްގެ މަތީން ހަނދާން ނައްތައިލައިފިއެވެ. އަންހެންކުދިންނާ ދިމާއަށް ބެލުންވެސް ހުއްޓައިލައިފިއެވެ. ކުއްޖަކާ ދިމާވިޔަސް ސަލާންގަލާމަށްވުރެ ބޮޑު ގުޅުމެއް ބާއްވާކަށް މަސައްކަތެއް ނުކުރެއެވެ. ލާހޯރަށް އައުމަށްފަހުވެސް އޭނާގެ މި އާދައަކަށް ބަދަލެއް ނާދެއެވެ.
ދިހައެއް
މިހާރު ޑެނިއަލް އެ ވަނީ ނަން ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ނޭނގޭ އަންހެންކުއްޖެއްގެ ލޯބީގައި ޖެހިފައެވެ. "އަހަންނާ މިހައިތަނަށް ދިމާވެފައިވާ ކަހަލަ ކުއްޖަކަށް މި ކުއްޖާވެސް ވެއްޖެނަމަ ދޫކޮށްލަން އަހަންނަށް ކެރޭނެ ހެއްޔެވެ؟"
އަމިއްލަ ނަފުސާ މި ސުވާލު ކުރެވުނު ނަމަވެސް ޖަވާބެއް ދޭހައި ހިތްވަރެއް އޭނާގެ ޒަމީރަކު ނެތެވެ. "އަހަންނަކަށް މި ކުއްޖާ ދުލެއް ނުކުރެވޭނެއެވެ. އޭނާގެ މާޒީގެ މައްޗަކަށް އަހަރެން އެއްވެސް ޝައުގުވެރިކަމެއް ނުބަހައްޓާނަމެވެ. މިހާރުގެ ހާލަތު އަހަރެން ބޭނުންވާ ގޮތަކަށް ބަދަލުކުރެވިދާނެއެވެ. އަހަރެން މުޅި ދިރިއުޅުން އޭނާގެ މައްޗަށް ވަގުފުކުރީމާ އޭނާ އަހަރެން ބޭނުންވާ ކަހަލަ ދިރިއުޅުމެއް ޚިޔާރުކުރަން ދެކޮޅު ހަދައިފާނެ ހެއްޔެވެ؟" އޭނާ ވިސްނަމުން ގެންދިޔައެވެ. "ދެކޮޅު ނުހަދާނެކަން ގައިމެވެ. އެއީ އިރުމަތީގެ އަންހެންކުއްޖެކެވެ. އިސްލާމަކަށް ވުމަކީވެސް އެކަށީގެންވާ ކަމެވެ."
ފަންސަތިރީސް އަހަރު ވާންދެން އޭނާ އެ ސުވާލަކާ ކުރިމަތިލާން ދެކޮޅު ހަދަމުން އައި ސުވާލު މިހާރު ރެކިނުގަނެވޭ ކަހަލަ ގޮތަކަށް އޭނާގެ ކުރިމައްޗަށް އައިސް ހުއްޓިއްޖެއެވެ.
"އިސްލާމް އަންހެނަކާ އިންނަންވެގެން އިސްލާމަކަށް ވުމަކީ އަހަންނަށް ކުރެވިދާނެ ކަމެއް ހެއެްޔެވެ؟"
އޭނާ އަމިއްލަ ނަފުސާ މުޚާތަބު ކޮށްލިއެވެ. ދިގު ހިމޭންކަމަކަށް ފަހު އެންމެ ފަހުން ޖަވާބެއް ލިބިއްޖެއެވެ.
"އާނއެކެވެ. އެއީ ކުރެވިދާނޭ ކަމެކެވެ."
"އެކުއްޖާ އަހަންނަށް ލިބިއްޖެއްޔާ އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަމެވެ." ވަކި ގޮތެއް ކަނޑައަޅައި ނިންމުމަކީ މާ ދަތި ކަމަކަށް ނުވިއެވެ.
އަނެއް ދުވަހު އަނެއްކާވެސް އޭނާ އެތަނަށް ހިނގައްޖެއެވެ. އެކަމަކު އަންހެންކުއްޖާއެއް ނުފެނުނެވެ. އެ ރޭ އޭނާ ސުޢޫދާ ބައްދަލުކުރަން ހިނގައްޖެއެވެ.
"ތިޔަހަރީ މިހާރު އެކުއްޖާޔާ އިންނަންވެގެން ދީން ބަދަލުކުރަން ނިންމައިގެން. ނިކަން ވިސްނާލަބަލަ. ދީން ބަދަލުކޮށްގެން އެކުއްޖާޔާ އިނދެފައި ދިމާވާ ގޮތަކުން ކާވެނި ކާމިޔާބުނުވެ ވަރިކޮށްލަން ޖެހިއްޖެއްޔާ އަނެއްކާވެސް އިސްލާމް ދީން ދޫކޮށް މުރުތައްދު ވެގަންނާނީތަ؟" ޑެނިއަލާ އޭނާ ކުރީ ވަރަށް އުނދަގޫ ސުވާލެކެވެ.
"ކާވެނި ނާކާމިޔާބުވުމާއި ދީން ބަދަލުކުރުމާ އޮތް ގުޅުމަކީ ކޮބާ؟"
"ވަރަށް ބޮޑު ގުޅުމެއް އެބައޮތް. ޑެނިއަލް އިސްލާމްދީން ތިޔަ ގަބޫލުކުރަނީ އިސްލާމްދީން ރަނގަޅުވެގެން ރުހިގެންނެންނެއް ނޫން. އިސްލާމަކަށް ތިޔަ ވަނީ މީހަކާ އިންނަން ވެގެން. އެހެންވީމާ ވަރިކުރީމާ އެ ދީނުގައި ހުރުމުގެ ބޭނުންވެސް ކެނޑުނީ. މައާފުކުރޭ. މިހެން ބުނަންވީމާ ދެރަވެސް ވޭ. އެކަމަކު ޑެނިއަލް ތިޔައީ މިހައިތަނަށް އެއްވެސް ދީނެއް ގަބޫލުކުރި މީހެއް ނޫން. އެހެންވީމާ ދީނަކަށް ވަނުމަށްވުރެ އެ ދީނަކުން ބޭރަށް ނުކުތުން ޑެނިއަލަށް މާ ފަސޭހަ ވާނެ."
އޭނާ ސުޢޫދުުުުގެ މޫނަށް ބަލައިލިއެވެ. "އަހަރެންގެ ސިކުނޑިއަކު އެއްވެސް ޚަލަލެއް ނެތް. އޮޅުމެއްވެސް ނެތް. ތިޔަބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫން. އަހަރެން އިސްލާމްދީނަށް މި ވަންނަނީ މީހަކާ އިންނަންވެގެން. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އިސްލާމްދީނުން އަހަރެން މިހާރަށްވުރެ މާ ރަނގަޅު މީހަކަށް ހަދައިދޭނެ. އޭނާޔާ އިނދެފައި ވަރިކުރަން ޖެހުނީމާ އިސްލާމްދީން ދޫކޮށްލުމުގެ އެއްވެސް ފިކުރެއް އަހަރެންގެއެއް ނެތް. ކާވެންޏަކީ ދިރިއުޅުމާ ގުޅިފައި އޮތް ކަމެއް. ދީނަކީ އަގީދާއާ ގުޅިފައި އޮންނަ ކަމެއް."
"ދިރިއުޅުމުގެ ކަންތައްތައް ބަދަލުވާ ގޮތުގެ ސަބަބުން އަގީދާއަށް އަސަރުކުރާ ކަމަކަށް ޑެނިއަލް ގަބޫލެއް ނުކުރަންތަ؟"
"ތިޔަހެން ވެދާނެ. އެކަމަކު އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ކަމަކުން އަގީދާއަށް އަސަރެއް ކުރިޔަކަ ނުދޭނަން. އެއީ ކަށަވަރު ކަމެއް."
"ތިޔަ ބަހުސުގެ ތެރެއަށް އަހަރެން ނުވަންނާނަން. ތިޔައީ ޑެނިއަލްގެ އެންމެ ފަހުގެ ނިންމުން ކަމަށް ވަންޏާ ތިޔަ ފިޔަވަޅުމަތީގައި ސާބިތުވެ ހުރުމުގެ ތައުފީގު ﷲ ދެއްވާތޯ އަހަރެން ދުޢާކުރާނަން." ސުޢޫދުުުު އެ ވާހަކަ ނިންމައިލިއެވެ.
އޭގެ އަނެއް ދުވަހު އޭނާ ސަޢުދާއެކު ރެސްޓޯރަންޓަށް ހިނގައްޖެއެވެ. އެތެރެއަށް ވަދެވުމާއެކު އޭނާގެ މޫނުމަތީން ވިދުވަރެއް ފައުޅުވިއެވެ. އެއްވެސް އިޚުތިޔާރަކާ ނުލައި ސުޢޫދުުުުގެ އަތުގައި ހިފައިލެވުނެވެ.
"އޭނާ އެނބުރި އަތުވެއްޖެ."
ސުޢޫދުުު ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ކަންބޮޑުވުމާއި ހާސްކަން ކެނޑިގެން ހިނގައްޖެކަން ވަރަށް ސާފުކޮށް އެނގޭހައި ވެއެވެ. ސުޢޫދުުު ކައުންޓަރާ ދިމާއަށް ބަލައިލިއެވެ. އެތާނގައި އަންހެންކުދިންކޮޅެއް ހަރަކާތްތެރިވަމުން އެބަދެއެވެ. ޑެނިއަލް އޭނާ ގޮވައިގެން ހިނގައިގަތީ އެތަނުން އެއް ކުއްޖަކާ ދިމާއަށެވެ. ޑެނިއަލް އަންނަތަން ފެނުނީމާ އެ ކުއްޖާ ހިނިތުންވެލިއެވެ. އޯޑަރު ނޯޓުކުރުވުމުގެ ބަދަލުގައި ޑެނިއަލް ކޮށްލީ ސުވާލެކެވެ.
"އެއް ހަފުތާ ވަންދެން އުޅުނީ ކޮންތާކު؟"
އެ ކުއްޖާގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުން ފުހެވިގެން ހިނގައްޖެއެވެ. ތިޔަ ކިޔަނީ ކީކޭ ހެއްޔޭ އަހާ ކަހަލަ ގޮތަކަށް އެ ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ސުޢޫދުުު ކަންބޮޑުވެފައި އޯޑަރު ނޯޓު ކުރުވަން ފަށައިފިއެވެ. ނޯޓުކޮށް ނިމިގެން އެ ކުއްޖާ ހިނގައްޖެއެވެ.
"ޑެނިއަލް. ތިޔަހެން ނުހަދާ. އެއީ އަދި ރައްޓެހި ކުއްޖެއް ނޫނެއްނު؟ އޭނާ އުޅޭނޫޅޭ ތަނަކާ ބެހޭ ގޮތުން ސުވާލު ކުރާކަށް އަދި ނުވާނެ."
ދިހަވަރަކަށް މިނިޓު ފަހުން އެ ކުއްޖާ ކާ އެއްޗެހި ހިފައިގެން އަތުވެއްޖެއެވެ. އެކަމަކު މި ފަހަރަކު ޑެނިއަލާ ދިމާއަކަށް ނުބަލައެވެ. ހިނިތުންވެއެއްވެސް ނުލިއެވެ. ހިމޭންކަމާއެކު ކާ އެއްޗެހި ކައުންޓަރު މަތީގައި ބަހައްޓައިފައި ފަހަތަށް ޖެހިލައިފިއެވެ. ސުޢޫދާއި ޑެނިއަލާ ދެމީހުން ތަބައް ހިފައިގެން ގޮސް މޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ.
"އެއީ އުއްމީދު ޢާލަމްތަ؟"
"އާނ." ޑެނިއަލްގެ ނަޒަރު މިހާރުވެސް ހުއްޓިފައި ހުރީ ކައުންޓަރާ ދިމާއަށެވެ.
"އެންމެ ރަނގަޅު. އަހަރެން އެ ކުއްޖާޔާ ބެހޭ މައުލޫމާތެއް ލިބޭތޯ މަސައްކަތް ކޮށްލާނަން. އެކަމަކު އެންމެ ރަނގަޅު ގޮތެއް ކަމަށް އަހަންނަށް ފެންނަނީ އޭނާޔާ އިންނަން އަހައިލުން. އޭނާގެ ޖަވާބަކީ ކޮބައިކަން އެނގޭނީވެސް އޭރުންތާ." ސުޢޫދުުު މަޝްވަރާ ދިނެވެ.
"އިންނަން އަހާށޭ؟ އެންމެ ރަނގަޅު. މިއަދު އަހަރެން ތިޔަކަންތައް ކުރާނަން."
އަދިވެސް އޭނާ ބަލަހައްޓައިގެން އިނީ ހަމަ ކައުންޓަރާ ދިމާއަށެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ސުޢޫދުުު އިނީ ހައިރާންވެފައެވެ. އަންހެންކުއްޖަކާ ހެދި މީހަކަށް މިހައި ވަރު ވެފައި ހުއްޓަތީ ސުޢޫދުުު ދުށް ފުރަތަމަ ފަހަރަކީ މިއީއެވެ. ޑެނިއަލަށް އެހެރީ ބާވަތެއްގެ ސިހުރެއް ޖެހިފައޭވެސް އޭނާގެ ހިތަށް އެރިއެވެ. އެއްގޮތަކަށްވެސް އެ ކުއްޖާގެ މަތީން ނަޒަރު ކައްސައެއް ނުލައެވެ. ހީވަނީ އެހެން ދިމާއަކަށް ބަލައިލާ ވަގުތު މީހަކު އައިސް އެ ކުއްޖާ ގެންގޮސްފާނެތީ ބިރުން އުޅޭހެންނެވެ.
ބައިގަޑިއެއްހައި އިރު އިނދެފައި ސުޢޫދުުު ތެދުވެގެން ހިނގައްޖެއެވެ. ޑެނިއަލް އިން ގޮތަށް އިނީއެވެ. އިރުއޮއްސި ރޭގަނޑަށް ވަގުތު ތަން ދީފިއެވެ. ޑިއުޓީ ނިމިގެން އެކުއްޖާ ދާން ތައްޔާރުވީ ވަގުތު ޑެނިއަލް ތެދުވެގެން ކައުންޓަރު ދޮށަށް ހިނގައްޖެއެވެ.
"އުއްމީދު. އަހަންނާ އިނދެފާނަންތަ؟"
އެ ކުއްޖާ ހިލައިގެ ބުދަކަށް ވީ ކަހަލައެވެ. އިރުކޮޅަކު ނޭވާ ހިފަހައްޓައިލައިގެން ހުރުމަށް ފަހު ވަރަށް ބާރަށް ހިނގައިފައި ގޮސް ކައުންޓަރުގެ ފުރަގަހުގައި ހުރި ދޮރެއް ހުޅުވައިލާފައި އެތެރެއަށް ވަދެއްޖެއެވެ. ޑެނިއަލް އިރުކޮޅަކު އިންތިޒާރު ކުރިއެވެ. އެކަމަކު އުއްމީދެއް ނުނުކުތެވެ. އޭނާ އިރުކޮޅަކު އެހެން ހުރެފައި ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ. މާ ގިނައިރުތަކެއް ނުވެ އުއްމީދު ނުކުމެގެން އައިސް ކުންފުނީގެ ވޭނަށް އަރައިފިއެވެ. ޑެނިއަލް އެ ވޭނުގެ ފަހަތުން ކާރު ދުއްވާލައިފިއެވެ. އެނބުރި ގެއަށް އައިސް އޭނާ އެންމެ ފުރަތަމަ ކުރި ކަމަކީ އެ ދުވަހު ހިނގި ކަންކަމުގެ ވާހަކަ ސުޢޫދަށް ކިޔައިދިނުމެވެ.
"އެންމެ ރަނގަޅު. އަހަރެން އުއްމީދާ ބެހޭ މައުލޫމާތު އެބަ ހޯދަން. ކަންބޮޑު ނުވޭ." ސުޢޫދު އޭނާގެ ހިތް ހަމަޖައްސައި ދިނުމަށް ފަހު ފޯނު ބާއްވައިފިއެވެ.
އަނެއް ދުވަހު ޑެނިއަލް އަނެއްކާވެސް ރެސްޓޯރަންޓަށް ހިނގައްޖެއެވެ. އެކަމަކު މި އަދަކު އުއްމީދެއް ނުފެނުނެވެ. އޭނާ ސުވާލުކުރީމާ ކައުންޓަރު ދޮށުގައި އިން އަންހެން ކުއްޖާ ބުންޏެވެ. "އުއްމީދު ޢާލަމްތަ؟ އޭނާ ވަޒީފާ ދޫކޮށްލައިފި."
އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. އުއްމީދު ވަޒީފާ ދޫކޮށްލީ އޭނާޔާ ހެދި އުނދަގޫ ވެގެންނޭ ހިތަށް އެރިއެވެ. އިރުކޮޅަކު ކައުންޓަރު ދޮށުގައި ހުރެފައި އޭނާ ނުކުމެގެން ގޮސް ކާރަށް އަރައި އުއްމީދު އުޅޭ ދަނާލާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
ދޮރުވާނާ ސުވާލުކޮށްލީމާ ފިނި ގޮތަކަށް ބުނެލިއެވެ. "އޭނާ ދަނާލު ދޫކޮށްފައި ހިނގައްޖެ."
"ކޮން ތަނަކަށް ދިޔައީ؟" އޭނާގެ މެޔަށް މީހަކު ބާރަށް ފިތައިލީހެން ހީވިއެވެ.
"އެޔެއް ނޭނގޭ." ފަރުވާކުޑަ ގޮތަކަށް މިހެން ބުނެފައި ދޮރުވާނު ދޮރާށި ލައްޕައިފިއެވެ. ދޮރާށި ދޮށުގައި ހުރެވުނީ ކިހައި އިރެއްވާންދެން ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ހަދާނޭ ގޮތް ހުރީ ބޮޑު ވެފައެވެ. އެ ކުއްޖާ ހޯދާނޭ ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ. އެތައް އިރެއް ވާންދެން ހުރެފައި އޭނާ އަނެއްކާވެސް ދޮރާށީގައި ޓަކި ޖަހައިފިއެވެ.
"އުއްމީދު ޢާލަމަކީ އިސްލާމެއްތަ؟"
ދޮރުވާލު ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އާނ. އެއީ އިސްލާމެއް."
އޭނާ އެނބުރި ކާރާ ދިމާއަށް ހިނގައިގެންފިއެވެ.
އެއީ ކޮން އަވަށެއްގެ ކޮން މިސްކިތެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ދާނޭ ވަކި ތަނެއް ނޭނގި އެތައް އިރަކު ކާރު ދުއްވުމަށް ފަހު އޭނާއަށް ބޮޑު މިސްކިތެއް ފުނީމާ މިސްކިތް ދޮށަށް ކާރު މަޑުކޮށްފިއެވެ. މިސްކިތަށް އަރައި އިމާމާ ބައްދަލު ކުރުމަށް ފަހު އޭނާ އައި ބޭނުމުގެ ވާހަކަ ބުނެފިއެވެ. އިމާމު ހައިރާންވެފައި އޭނާޔާ ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އެ ވަގުތު މިސްކިތުގައި ތިބި ދެތިން މީހަކު ގާތު ޑެނިއަލް އައި ބޭނުމުގެ ވާހަކަ ބުނެފިއެވެ. އެމީހުންގެ މޫނުމަތީންވެސް ފެނުނީ ހައިރާންކަމުގެ އަސަރެވެ. އޭނާ އެމީހުން ވާހަކަދައްކާތަން ބަލަން ކެތްތެރިކަމާއެކު ހުރީއެވެ. އިރުކޮޅަކަށް ފަހު އިމާމު އައިސް ޖޯޝާއެކު އޭނާޔާ ސަލާންކޮށްލިއެވެ.
(ނުނިމޭ)
haadha dhigu inthizaarakafahu aa bayeh kiyaalan libunee
شفاك الله ހާދަދުވަހެކޭދޯ އަސްލާހަމަޔަށްދާނެދުވަހެންވެސްނޭގެ