އުއްމީދު - 29

(12 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޑެނިއަލް އެއްގޮތަކަށްވެސް ދުލެއް ނުކުރިއެވެ. ސިބިލްއާއި ޕެޓްރިކްގެ އެތައް އާދޭހަކާއެކުވެސް ވިޖޭތާއާ ގުޅުން އަލުން އުފައްދާކަށް އޭނާ އެއްބަހެއް ނުވިއެވެ. އަދި އެހެން ކުއްޖަކާ ގުޅުން އުފައްދާކަށްވެސް ނޫޅުނެވެ. އެމްބީއޭ ނިންމުމަށް ފަހު ބައިނަލްއަގުވާމީ ކުންފުންޏަކުން ވަޒީފާއެއް ހޯދައިގެން ލަންޑަނަށް ހިނގައްޖެއެވެ. ލަންޑަނުގައި އެއް އަހަރު ހުރުމަށް ފަހު ވަޒީފާގެ ފުރުސަތެއް ލިބިގެން ޕާކިސްތާނަށް ބަދަލުވެއްޖެއެވެ. ޅަ އުމުރުގައި މައިންބަފައިންނާއެކު އިންޑިއާގައި އުޅުނު ދުވަސްވަރު އޭނާއަށް ވަނީ ޕާކިސްތާނާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބިފައެވެ. އެމެރިކާގައި ކިޔަވަން އުޅުނު ދުވަސްވަރު އެއް ކުލާހެއްގައި ޕާކިސްތާނު ކުދިންވެސް އުޅުނެވެ. އެހެންވީމާ އޭނާއަށް ވަނީ ޕާކިސްތާނާ ބެހޭ ވަރަށް ގިނަ ކަންތައް މާކުރިން އެނގިފައެވެ. އެ ގައުމުގައި އުޅޭކަށް އޭނާއަކަށް އުނދަގުލެއް ނުވިއެވެ.

އަށެއް

ޕާކިސްތާނަށް އައުމާއެކު ޑެނިއަލްގެ ދިރިއުޅުމުގެ މުޅީން އައު ބާބެއް ފެށިއްޖެއެވެ. އައު ތަނަކަށް ދިރުމުގައި ކުޑަ ވަގުތުކޮޅެއް ހޭދަވިއެވެ. އެކަމަކު އަހަރެއްހައި ދުވަސްވީއިރު ރަނގަޅަށް ފެނަށް ދިރިއްޖެއެވެ. ހަމައެކަނި ދިރުނީއެއް ނޫނެވެ. އެ ދިރިއުޅުމާ މާ ބޮޑަށް ގަޔާވެސް ވެވިއްޖެއެވެ.

ކުންފުނީގެ ކަރާޗީ އޮފީހުގައި އޭނާ ދެ އަހަރު ދުވަސް ވާންދެން މަސައްކަތް ކުރިއެވެ. އޭގެ ފަހުން ބަދަލުވީ ލާހޯރަށެވެ. އެޔާއެކު އުރުދޫ ބަސްވެސް އަލުން ދަސްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ލާހޯރުގައި އޭނާގެ މާ ގިނަ ރައްޓެހިންނެއް ނޫޅެއެވެ. ދަންނަ މީހުންވެސް ވަރަށް މަދެވެ. އޮފީހުގައި އެ ދުވަސްވަރު މަސައްކަތް ކުރި ޖަރުމަނު އަންހެންކުއްޖަކާ ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއް އޮތެވެ. ހަފުތާބަންދުގައި ދެމީހުން ފޫހިފުލުވައިލާން ތަންތަނަށް ގޮސް އުޅުނެވެ. އޮފީހު ޗުއްޓީގައި ދަނީ މައިންބަފައިން ގާތަށް އެމެރިކާއަށެވެ.

ޕެޓްރިކަށް މައިދާގެ ކެންސަރު ޖެހިއްޖެއެވެ. އެއް އަހަރު ދުވަސް އޭނާ ހޭދަކުރީ ބަލިއެނދުގައެވެ. ބަލިވުމާއެކު އަދާކުރި ވަޒީފާއިންވެސް ވަކިވެއްޖެއެވެ. ދުވަސްކޮޅެއް ވާންދެން ދެމަފިރިން އުޅުނީ އެމެރިކާގައެވެ. އެކަމަކު ޕެޓްރިކް އޭނާގެ މައިންބަފައިންނާއެކު އުޅެން ބޭނުންވާތީ ދެމަފިރިން ޖަރުމަނަށް ބަދަލުވެއްޖެއެވެ. އެ ދުވަސްވަރު ޑެނިއަލް މީހަކާ އިނދޭތޯ ސިބިލް ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އޭނާ އެއްބަހެއް ނުވިއެވެ. ކޮންމެވެސް އުޒުރެއް ދައްކައިފައި ރެކިގަންނަނީއެވެ.

ޑެނިއަލް ޕާކިސްތާނުގައި ދިރިއުޅޭތާ އަށް އަހަރު ވެއްޖެއެވެ.

ދިރިއުޅުން އޮންނަނީ ވަކި ތައްގަނޑަކަށް ފެތިފައެވެ. ހަވީރު ވާންދެން އުޅެނީ އޮފީހުގައެވެ. އޭގެ ފަހުން ހިނގައިލާން ނުކުމެއެވެ. ބައެއް ރޭރޭ ކާން ރެސްޓޯރަންޓަކަށް ވަދެއެވެ. ބައެއް ރޭރޭ ބައިސްކޯފަށް ދެއެވެ. ރޭގަނޑު ދިހައެއް ނުވަތަ އެގާރަ ޖަހަންވާއިރަށް ގެއަށް ވަދެއެވެ. އޭގެ ފަހުން ޚަބަރު އަޑު އަހައިލައެވެ. ނުވަތަ ފޮތެއް ކިޔައިލައެވެ. އޭނާގެ ދިރިއުޅުން އޮތީ މުޅީން ފުރިހަމަ ވެފައި ކަހަލައެވެ. އުނިވާ ކަމެއް ނުވަތަ އެދުމެއް އޮތްކަމުގެ އިހުސާސެއް އެއްގޮތަކަށްވެސް ނުކުރެވެއެވެ. އެކަމަކު އޭނާގެ ދިރިއުޅުންވެސް ބަދަލުވާން އޮތީ ތަގުދީރުގައި ލިޔުއްވައިފައެވެ. ދިރިއުޅުމުގެ ސަވާރީ މުޅީން އައު މަގަކަށް ނުކުންނާން އޮތީ ތައްޔާރުވެފައެވެ.

އޭނާ ކޮންމެ ދުވަހަކުވެސް މެންދުރު ކާން ދަނީ އޮފީސްދޮޮށުގައި ހުންނަ އަވަސްކާނާ ވިއްކާ ތަނަކަށެވެ. އެ ދުވަހުވެސް އާދައިގެ މަތީން މެންދުރުކާން އެ ތަނަށް ހިނގައްޖެއެވެ. ކައުންޓަރު ދޮށަށް ހުއްޓިފައި ބޭނުންވާ އެއްޗަކަށް އޯޑަރު ކުރުމަށް ފަހު ކައުންޓަރުމަތީގައި އުޅަނބޮށި ޖައްސައިލައިގެން އެތެރޭގައި ހަރަކާތްތެރިވާ މުވައްޒަފުންނާ ދިމާއަށް ނަޒަރު ހިންގާން ފަށައިފިއެވެ. އެ ވަގުތު އެތަނުން އަންހެންކުއްޖެއްގެ މައްޗަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. އެއީ ވަރަށް ރީތި ކުއްޖެކެވެ. ހިނިތުންވެފައި ހުރެގެން ކޮންމެވެސް މީހަކުގެ އޯޑަރު ނަގަނީއެވެ. އަތުގައި އޮތް ކުޑަ ނޯޓު ފޮތުގައި ލިޔެލުމަށް ފަހު ކައުންޓަރުގެ ފުރަގަހުގައި ހުރި ދޮރެއް ހުޅުވައިލާފައި އެތެރެއަށް ވަދެއްޖެއެވެ. ޑެނިއަލްގެ ނަޒަރު އެ ދޮރާ ދިމާއަށް ހުއްޓިއްޖެއެވެ. އިޚްތިޔާރަކާ ނުލައި ނަމަވެސް އެ ކުއްޖާ ނުކުންނާނޭ ވަގުތަކަށް އިންތިޒާރު ކުރެވޭން ފަށައިފިއެވެ. ދެތިން މިނިޓު ފަހުން އެ ކުއްޖާ އަނެއްކާވެސް ނުކުމެއްޖެއެވެ. ޑެނިއަލް ވަރަށް ފަރުވާތެރިކަމާއެކު އެ ކުއްޖާގެ މޫނަށް ބަލާން ފަށައިފިއެވެ. އެ ކުއްޖާ ކައުންޓަރު ދޮށުގައި ހުރެގެން އެހެން މީހަކާ ވާހަކަދައްކަނީއެވެ. ޑެނިއަލް މަސައްކަތް ކުރުމާއެކުވެސް އެ ކުއްޖާގެ މޫނަކުން ނަޒަރު އެއް ފަރާތް ކުރެވޭ ގޮތެއް ނުވިއެވެ. އޭނާގެ އޯޑަރު ހިފައިގެން އަންނާނީ އެ ކުއްޖާއަށް ވާނެ ނަމައޭ އެ ވަގުތު ހިތަށް އެރިއެވެ. އެއީ ދުޢާ އިޖާބަކުރައްވާ ކަހަލަ ގަޑިއަކަށް ވީ ކަމުގައި ވެދާނެއެވެ. މި ފަހަރު އެ ކުއްޖާ އެތެރެއަށް ވަދެފައި ނުކުމެން އައީ ސީދާ ޑެނިއަލާ ދިމާއަށެވެ. އޭނާގެ ހިތް ބާރަށް ތެޅިގަތެވެ. އެ ކުއްޖާ އައިސް އޭނާގެ ކުރިމަތީގައި، ކައުންޓަރުމަތީގައި ކާނާތަބައް ބަހައްޓައިފައި ހިނިތުންވެލިއެވެ. އޭނާ އަނގައިންވެސް ނުބުނެ ތަބައް ނަގައިފިއެވެ.

ޑެނިއަލް ކާނާތަބައް ހިފައިގެން ގޮސް އިށީނީ ކައުންޓަރާ މާ ދުރު ނޫން ހިސާބެއްގައި ހުރި މޭޒެއްގެ ދޮށުގައެވެ. ކަޅި ހުއްޓިފައި ހުރީ އެ ކުއްޖާޔާ ދިމާއަށެވެ. ކުއްލިއަކަށް އެ ކުއްޖާގެ ލޯ ކުރަހައިލާ ހިތް ވެއްޖެއެވެ. ދިގު އެސްފިޔަތަކެކެވެ. ސާފު ހުދު ލޮލެކެވެ. އެކަމަކު ލޮލުން ފައުޅުވަނީ އުދާހެވެ. ތެތްކަމެވެ. އެޔާއެކުވެސް އުދާސް ފޮރުވާން ވެގެން ހިނިތުންވަމުން އޯޑަރުތައް ނޯޓުކުރަމުން ގެންދަނީއެވެ. ޑެނިއަލްގެ މަންމައަކީ ވަރަށް މޮޅު ކުރެހުންތެރިއެކެވެ. ވާރުތައިން އޭނާއަށްވެސް ވަނީ މި ހުނަރު ލިބިފައެވެ. ފެންނަ މަންޒަރުތައް ކުރަހައިލުމަކީ އޭނާއަކަށް އުނދަގޫކަމެއް ނޫނެވެ. އެ ދުވަހުވެސް އެ ކުއްޖާގެ އުދާހުން ފުރިފައިވާ ލޯ ފާހަގަކުރެވުނީމާ ކުރަހައިލާ ހިތްވީއެވެ. އެވަގުތު ކަރުދާހާއި ފަންސުރު ގެނެސްގެން ކުރެހުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެހެންވީމާ ޖީބުދަބަހުން އެޑްރެސް ކާޑެއް ނަގައި އެ ކާޑުގެ ފުރަގަހުގައި ގަލަމުން ލޯ ކުރަހައިލިއެވެ.

ކައި ނިމިގެން އޭނާ އެ ތަނުން ނުުމެއްޖެއެވެ. އެކަމަކު އޭނާގެ ސިކުނޑިއާއި ލޮލުން އެ ކުއްޖާގެ ސިފަ ފޮހެވިގެންނެއް ނުދިޔައެވެ.

"އެ ވަރަށް އުދާސްވެފައި އެހެރީ ކީއްވެގެން ބާވައެވެ؟ މާލީ ދަތިކަމެއްގެ ސަބަބުން ބާވައެވެ؟" އޭނާ ވިސްނަމުން ގެންދިޔައެވެ. ރޭގަނޑުވެސް އެތައް އިރެއް ވާންދެން އޭނާ ކާޑަށް ބަލަހައްޓައިގެން އިނެވެ. ކުރެހިފައި ހުރީ މާ ރަނގަޅަކަށް ނޫނޭ އޭނާގެ ހިތަށް އެރިއެވެ.

ވިދިގެން އައި ދުވަހު މެންދުރު ކާން އަނެއްކާވެސް އެތަނަށް ހިނގައްޖެއެވެ. އޭނާ މަސައްކަތްކުރީ އިއްޔެ އަލަށް ފެނުނު ކުއްޖާއަށް ނޫން މީހަކަށް މިއަދު އޯޑަރު ނުދޭށެވެ. އޭނާ ހައިރާންވިއެވެ. މިއަދުވެސް އެ ކުއްޖާގެ ލޮލުން ފެންނަނީ ތެތްކަމެވެ. ކަރުނައިގެ އަސަރެވެ. އެކަމަކު މެދުނުކެނޑި ހިނިތުންވަމުން ދަނީއެވެ. ޑެނިއަލް ތަބައް ހިފައިގެން ގޮސް އިއްޔެ އިށީން މޭޒުދޮށުގައި އިށީނދެއްޖެއެވެ. ޖީބުން ކަރުދާހާއި ފަންސުރަކާ ނަގައިގެން އެކުއްޖާގެ ލޯ ކުރަހާން ފަށައިފިއެވެ. އެކަމުގައި ފަނަރަވަރަކަށް މިނިޓު އަވަދިނެތި އިނެވެ. އެޔަށް ފަހު ކުރެހުން ހުއްޓައިލައިފިއެވެ. އަންހެންކުއްޖާއަށް ނަޒަރު ހުއްޓައިލައިގެން އިނދެ ކައި ނިމިގެން އެތަނުން ނުކުމެއްޖެއެވެ.

މިއީ ކޮންމެ ދުވަހެއްގެ އާދައަކަށް ވެއްޖެއެވެ. މެންދުރު ކާން އެތަނަށް އާދެއެވެ. އަބަދުވެސް އިށީންނަ ތާނގައި އިނދެގެން އެކުއްޖާގެ ލޯ އެކި ގޮތްގޮތަށް ކުރަހައެވެ. އެޔަށް ފަހު ކައިގެން ނުކުމެގެން ދަނީއެވެ.

އެ ދުވަސްވަރު ކުއްލިއަކަށް އޮފީހު މަސައްކަތެއްގައި އޭނާއަށް ކަރާޗީއަށް ދާން ޖެހިއްޖެއެވެ. އެ ދަތުރުގައި ހޭދަވީ ހަފުތާއެއްހައި ދުވަހަކީ އޭނާގެ ހަޔާތުގައި އައި އެންމެ ދަތި އުނދަގޫ ދުވަސްކޮޅެވެ. އެ ކުއްޖާ ދެކިލުމުގެ އާދަ އޭނާގެ ކިބައިގައި ހަރުލައިފައި ހުރި ވަރު އިހުސާސް ކުރެވުނީ އެ ދުވަސްކޮޅުއެވެ. އޭނާ ކުރަހައިފައި ހުރި ހުރިހައި ލޮލެއް ކުރިމަތީގައި ބަހައްޓައިގެން ކޮންމެ ރެއަކު އެތައް އިރެއް ވާންދެން ބަލަހައްޓައިގެން އިނދެއެވެ. އެޔާއެކު އޭނާގެ ހިތުގެ ތެޅުންވެސް އިހަށްވުރެ އަވަސް ވެގެން ދެއެވެ.

ހަތް ދުވަސް ފަހުން އެނބުރި އައިސް ލާހޯރްގެ ވައިގެ ބަނދަރަށް ފޭބުމާއެކު އޮފީހަށްވެސް އަދި ގެއަށްވެސް ނުގޮސް އޭނާ އެންމެ ފުރަތަމަ ދިޔައީ އެއްކަލަ އަވަސްކާނާ ވިއްކާ ތަނަށެވެ. އެކަމަކު އެ ދުވަހު އޭނާއަށް ކުރިމަތިލާން ޖެހުނީ މާޔޫސީއާއެވެ. އެ ކުއްޖާއެއް ނެތެވެ. އެންމެ ފަހުން ވީ ދެރައިން އެނބުރި ގެއަށް އައީއެވެ.

ވިދިގެން އައި ދުވަހު އަނެއްކާވެސް އެތަނަށް ހިނގައްޖެއެވެ. އެތެރެއަށް ވަދެވުމާއެކު ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެ ކުއްޖާ އެބައުޅެއެވެ. އޭނާގެ ހިތުގައި އާދަޔާ ޚިލާފު އުފާވެރިކަމުގެ ޝުއޫރެއް އުފެދުނެވެ. އެ ދުވަހު އެ ކުއްޖާ އައިސް އޭނާގެ އޯޑަރު ނޯޓުކުރާން ފެށީމާ އޭނާ އަހައިލިއެވެ. "ނަން ބުނެފާނަންތަ؟"

އެޔާއެކު އެ ކުއްޖާގެ ތުންފަތްމައްޗަށް ވެރިވެފައި ހުރި ހިނިތުންވުން ފޮހެވިއްޖެއެވެ. ތިޔަ ކިޔަނީ ކީކޭހެއްޔޭ އަހާ ކަހަލަ ގޮތަކަށް އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެއްޖެއެވެ.

"އަހަރެން ކޮންމެ ދުވަހަކު މިތަނަށް އަންނަން. ކޮންމެ ދުވަހަކުވެސް އަހަރެންގެ އޯޑަރު ނަގަނީ ތިޔަކުއްޖާ. ނަން އަހައިލީ އެހެންވެގެން. އަހަރެންގެ ނަމަކީ ޑެނިއަލް އެޑްގަރ." ޑެނިއަލް އެ ކުއްޖާގެ ހިތުގައި އުފެދިދާނޭ ކުށްހިއަކުން ސަލާމަތް ވާންވެގެން ވާހަކަދެއްކިއެވެ. އެކުއްޖާގެ ލޮލުން ފެނުނީ އާދަޔާ ޚިލާފު ހައިރާންކަމެކެވެ.

"ކޮންމެ ދުވަހަކު ވަޑައިގަންނަވަމޭތޯ؟" އެ ކުއްޖާ ހައިރާންވެފައި ސުވާލުކޮށްލިއެވެ.

ޑެނިއަލް ކޮންމެ ދުވަހަކު މެންދުރު ކަނީ އެ ތަނުންނެވެ. އިހަކަށް އެ ކުއްޖާއެއް ނޫޅެއެވެ. އެކަމަކު އެ ކުއްޖާ އެތަނަށް އައި ފަހުންވެސް މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެެވެ.

"ކޮންމެ ދުވަހަކު ވަޑައިގަންނަވަމޭތޯ؟" އެ ކުއްޖާ ސުވާލު ތަކުރާރުކޮށްލިއެވެ. އެ ކުއްޖާއަށް އޭނާ ނޭނގެނީ ބާވައެވެ؟

"އާނ. އަހަރެން ކޮންމެ ދުވަހަކު އަންނަން. އަހަރެންގެ އޯޑަރު ނަގައިގެން ގޮސް ކާ އެއްޗެހި ގެނެސްދެމެއްނު؟ ހަނދާން ނެތުނީތަ؟"

"އާދެ. ހަނދާނެއް ނެތް." މިހެން ބުނެފައި ބާރަށް ހިނގައިފައި ގޮސް އެތެރެއަށް ވަދެއްޖެއެވެ.

"އަހަރެން މިއީ އެހައި ހުތުރު މީހަކީ ހެއްޔެވެ؟ އަހަރެންގެ މަތީން ހަނދާން ނެތުނީ ކިހިނެއް ހެއްޔެވެ؟ އެހެންނޫނީ އެ ކުއްޖާ ދޮގު ހަދަނީ ހެއްޔެވެ؟ އަހަރެން ފާހަގަ ނުކުރެވެނީ ހެއްޔެވެ؟" ޑެނިއަލްގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ.

ދިހަ ވަރަކަށް މިނިޓު ފަހުން އެ ކުއްޖާ އޭނާގެ ކާނާތަބައް ހިފައިގެން އަތުވެއްޖެއެވެ.

"ދެންމެ ނަން އަހައިލީމެއްނު؟" ޑެނިއަލް ބުނެލިއެވެ.

"އުއްމީދު." އެ ކުއްޖާ އިރުކޮޅަކު އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ނަން ބުނެފައި އަނެއްކާވެސް އެ ދިޔަ ގޮތަށް ގޮސް އެތެރެއަށް ވަދެއްޖެއެވެ. އެނަމުގެ މާނަ ޑެނިއަލަށް ރަނގަޅަށް އެނގެއެވެ.

ވިދިގެން އަދި ދުވަހު އެތަނަށް އައިސް އެކުއްޖާޔާ ދިމާވީމާ ހަނދާންކޮށް ދިނުމުގެ ގޮތުން ޑެނިއަލް ބުނެލިއެވެ. "އަހަރެން މިއީ އިއްޔެ އުއްމީދުގެ ނަން އެހި މީހާ."

އުއްމީދުގެ ލޮލުން ވިދުވަރެއް ފައުޅުވިއެވެ. އާނއެކޭ އެނގިއްޖެއޭ ބުނާ ކަހަލައެވެ. އެކަމަކު އަނގައިންވެސް ނުބުނެ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

މުޅި ހަފުތާ ފާއިތުވެގެން ދިޔައީ އެކަހަލަ ގޮތަކަށެވެ. އޭނާ އުއްމީދާ ވާހަކަދައްކަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ކޮންމެވެސް އެހެން ކަމަކާއިގެން އުޅެގަނެއެވެ. އެއްގޮތަކަށްވެސް އަނގަޔަކުން ނުބުނެއެވެ.

އުއްމީދުގެ ދަންފަޅި ބަދަލުވެ މެންދުރު ފަހުން ފެށިގެން ރޭގަނޑުގެ ބަޔަކާއެކު މަސައްކަތް ކުރާން ފަށައިފިއެވެ. އެއީ ޑެނިއަލަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އޮފީހުން ނިމިގެން އަންނަ ގޮތަށް އައިސް އެތާނގައި އިށީނދެއެވެ. ގެއަށް ދަނީ އުއްމީދުގެ ދަންފަޅި ނިމުނީމައެވެ. އެ އަންހެންކުއްޖާ މިހާރު ވަނީ އޭނާގެ ދިރިއުޅުމުގެ ބަޔަކަށް ވެފައެވެ. އެ ކުއްޖާއަށްޓަކައި އެތައް އިރެއްވާންދެން އެތާނގައި އިނުމަކީ ކުރެވޭ ނުބައި ކަމެއް ކަމަކަށް އޭނާއަކަށް ނުފެނެއެވެ.

މި ގޮތުގައި ތިން މަސްދުވަސް ފާއިތު ވެގެން ހިނގައްޖެއެވެ. އެއް ރެއަކު އާދައިގެ މަތީން ދަންފަޅި ނިންމާފައި އުއްމީދު ގޮސް އެތެރެއަށް ވަނީމާ ޑެނިއަލް ނުކުމެގެން އައިސް ކާރަށް އަރައިފިއެވެ. ރެސްޓޯރަންޓުގެ އުޅަނދަށް މުވައްޒަފުން އައިސް އަރާތަން އޭނާއަށް ފެނެއެވެ. ފަނަރަ ވަރަކަށް މިނިޓު ފަހުން އުއްމީދުވެސް ނުކުމެއްޖެއެވެ. ޑެނިއަލްގެ ތުންފަތްމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ.

އެއީ އޭނާ އުއްމީދުގެ ފަހަތުން ދިޔަ ފުރަތަމަ ރެއެވެ. އުއްމީދު އުޅަނދުން ފައިބައިގެން ގޮސް އޭނާ އުޅޭ ދަނާލަށް ވަނީމާ ޑެނިއަލް އެނބުރި އަތުވެއްޖެއެވެ. އެޔަށް ފަހު ޑެނިއަލްގެ މަސައްކަތު ތާވަލުގެ ބަޔަކަށް އެކަންވެސް ހަދައިފިއެވެ. ކޮންމެ ރެއަކު ފަހަތުން އައިސް އުއްމީދު އެތެރެއަށް ވަނީމާ އެނބުރި ހިނގައިދެއެވެ. ބައެއް ރޭރޭ އުއްމީދު ދަނާލާ ތަންކޮޅެއް ދުރަށް ފައިބައިގެން ހިނގައިފައި ދަނާލަށް ދާތަންވެސް ފެނެއެވެ. ޚިޔާލެއްގެ ތެރެއަށް ގެއްލިފައި ހުރެގެން ނުދާނަމަ އޭނާގެ ކަޅު ކާރު އުއްމީދުގެ ލޮލުގައި އަޅައިގަތީހެވެ. ޑެނިއަލް މަޑުމަޑުން ކާރު ދުއްވައިފައި ފަހަތުން އަންނަތަން ފެނުނީހެވެ. އުއްމީދު އެތެރެއަށް ވަނީމާ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އޮވެފައި ޑެނިއަލް ކާރު ދުއްވައިލައެވެ.

އެއީ ކީއްވެގެން ކުރެވޭ ކަމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ކާތަނަށް ދަނީ ކީއްކުރަން ހެއްޔެވެ؟ އެތައް އިރަކު އިނދެފައި އެންމެ ފަހުން ދަނާލާ ހަމައަށް އުއްމީދުގެ ފަހަތުން ދަނީ ކީއްކުރަން ހެއްޔެވެ؟ މިއިން ސުވާލެއްގެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އެހުރިހައި ކަމެއް ކުރެވެނީ ބޭއިޚްތިޔާރުގައެވެ. ކޮންމެވެސް އެހެން ބާރަކުން އޭނާ ލައްވައި ކުރުވާ ކަމެއް ކަހަލައެވެ. ކޮންމެ ރެއަކު ގެއަށް އައިސް ހޭދަކުރާ ވަގުތުތައް ހޭދަކުރަނީ ހިތްހަމަނުޖެހުމުގައެވެ.

އުއްމީދު ކުއްލިއަކަށް ނުގެއްލުނު ނަމަ އޭނާގެ ދުވަހު ހަރަކާތްތައް ހަމަ އެ ގޮތަށް ކުރިއަށް ދިޔައީހެވެ. ފުރަތަމަ ދުވަހު އޭނާ ނުފެނުނީމާ ޑެނިއަލްގެ ހިތަށް ތަދުވާގޮތް ވިއެވެ. ދެވަނަ ދުވަހު ނުފެނުނީމާ ހިތް ގެނބޭން ފަށައިފިއެވެ. އެންމެ ފަހުން ކައުންޓަރު ދޮށުގައި އިން އެހެން ކުއްޖަކާ ސުވާލުކޮށްފިއެވެ.

"އުއްމީދުތަ؟ އޭނާ ދިޔައީ ދެ ދުވަހުގެ ޗުއްޓީއެއް ނަގައިގެން."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.