(28 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަންނަކީ ބިދޭސީއަކީން. އެހެންވީމާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އޮންނަނީ މަޖުބޫރު ވެފައި. ދެތިން ރެޔަކު ގެއަށް ބަޔަކު ވަން. މި ފިސްތޯލައަކީ އެހެން ވެގެން ބާއްވާފައި އޮންނަ އެއްޗެއް. އުއްމީދަށް މި ބޭނުން ކުރަން ދަސްކޮށް މި ދެނީ އެކަނި އުޅޭ ދުވަސްވަރު ނުރައްކާތެރި ަކމެއް ދިމާވެއްޖެއްޔާ ބޭނުން ކުރަން."
މިހާރު އޭނާ ބޭނުން ވަނީ ފިސްތޯލައިގެ ބޭނުން ކޮށްގެން އީމާން މަރައިލާށެވެ.
އެނދުގެ އީމާން އޮންނަ ފަޅީގެ ތިރިމޭޒުގެ ވަތްގަނޑު ހުޅުވައިލާފައި އޭނާ ފިސްތޯލަ ނަގައިފިއެވެ. ފިސްތޯލަ ގެނެސް އޭނާ ލީ ބޮޑު ކޮޓަރި ތެރޭގައި ހުރި ވަށިގަނޑެއްގެ ތެރެއަށެވެ. އަމާޒަށް ބަޑި ޖެހޭނޭ ކަމުގެ އިތުބާރެއް ނެތެވެ. ފިސްތޯލަ ޖަހާނޭ ގޮތް ދަސްކުރި ނަމަވެސް މިހައިތަނަކަށް ނުއެއް ޖަހައެވެ.
"އޭނާ މި އެތިފަހަރުން ސަލާމްތް ވެގެން ދިޔަ ދީގެން ނުވާނެއެވެ. މިފަދަ އެހެން ފުރުސަތެއް ނުލިބޭނެއެވެ." އޭނާގެ ހިތަށް އެރިއެވެ.
"ރޭގަނޑު އޭނާ ނިދަންދެން އިންތިޒާރު ކުރާނީ ހެއްޔެވެ؟ މަރައިލާނީ ނިދައިފައި އޮއްވައި ހެއްޔެވެ؟" އޭނާ ވިސްނަމުން ދިޔައެވެ. "މިރޭ އޭނާ ނުނިދައިފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟" ބައެއް ރޭރޭ އޭނާ ހަތަރުދަމު ހޭލައި ހުރެގެން މަސައްކަތް ކުރެއެވެ. ޚާއްސަކޮށް ހަފުތާބަންދުގައި ނުނިދައި ހުރެއެވެ. މިއީވެސް ހަފުތާބަންދެކެވެ. މާދަމައަކީ އާދީއްތަ ދުވަހެވެ. އެހެންވީމާ މިރޭ ނުނިދައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެން ހިތަށް އެރީމާ ކަންބޮޑުވާ ގޮތް ވެއްޖެއެވެ. މާދައަށް އިންތިޒާރު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ކުރަން އޮތް ކަމެއް ކުރަންވާނީ މިރެއެވެ. އެކަމަކު ކޮންއިރަކު ކިހިނެއް ހެއްޔެވެ؟
އެޔާއެކު ކުއްލިއަކަށް އޭނާއަށް ކަމެއް ހަނދާން ވެއްޖެއެވެ. އީމާން ނިދުމުގެ ކުރިން ކޮންމެ ރެޔަކުވެސް ދިރާސީކޮޓަރިއަށް ވަދެ މަސައްކަތްކުރަން އިނދެއެވެ. ނިދަން ކޮޓަރިއަށް ނުވަންނަ ރޭރޭ ހަތަރުދަމު އިންނަނީ ދިރާސީކޮޓަރީގައެވެ. "މިރޭ ނިދަން ކޮޓަރިއަށް އަތުވެއްޖެއްޔާ ނިދައިފައި އޮއްވައި މަރައިލާނީއެވެ. ނިދަން ނައިއްޔާ ދިރާސީކޮޓަރިއަށް ވަދެ އެ ތަނުގައި މަރައިލާނީއެވެ." އޭނާ ކަނޑައަޅައި ނިންމައިފިއެވެ.
އެޔާއެކު އެހެން ޚިޔާލެއް ބޮލަށް ވަދެއްޖެއެވެ. "ފިސްތޯލަ ފޮރުވައިފައި ބާއްވާންވީ ދިރާސީކޮޓަރީގައެވެ. އެ ކޮޓަރިއަށް މަސައްކަތް ކުރަން ވަދެއްޖެއްޔާ އޭނާގެ ފަހަތުން އަހަރެންވެސް އަންނާނީއެވެ. އައީ ކީއްކުރަންހޭ އަހައިފިއްޔާ ފޮތެއް ބަލައޭ ކިޔައިފައި ބަހަނާއެއް ދައްކާނީއެވެ. އޭނާ މަސައްކަތުގެ ތެރެއަށް ގެއްލުނީމާ ފޮތް ހަރުގަނޑުން ފިސްތޯލަ ނަގައިގެން އޭނާގެ ގަޔަށް ޖަހާނީއެވެ." ފިސްތޯލަ ފޮރުވައިފައި ބާއްވާނޭ ތަނެއް އޭނާ ކަނޑައަޅައިފިއެވެ. "އޭނާ މަސައްކަތް ކުރަން ދިރާސީކޮޓަރިއަށް ނުދިޔައިއްޔާ އެތަނަށް ގޮސް ފިސްތޯލަ ހިފައިގެން އައިސް ޖަހާނީއެވެ."
ފިސްތޯލަ ހިފައިގެން އައިސް އޭނާ ދިރާސީކޮޓަރިއަށް ވަދެއްޖެއެވެ. ދެން އޭނާއަށް ޖެހެނީ އީމާން ނުބަލާނެހެން ހީވާ ފޮތްތަކެއް ހުރި ތަނެއްގައި ފިސްތޯލަ ފޮރުވާށެވެ.
އޭނާ ފޮތް ހަރުގަނޑުގެ އެކި ބައިތަކަށް ބަލާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ އެކި ގައުމުގެ ލިޔުންތެރިން އިނގިރޭސި ބަހުން ލިޔެފައި ހުރި އިސްލާމީ ދީނީ ފޮތްތަކުގެ މައްޗަށެވެ. އީމާން ދީނީ ފޮތްތައް ހިފައިގެން ގެއަށް އަންނަކަން އޭނާ ދަނެއެވެ. އޭރު ހީކުރެވިފައި އޮތީ ދީނަށް ހުރި ލޯތްބެއްގެ ބޮޑުކަމުން ދީނީ ތައުލީމު ހާސިލުކުރުމުގެ ބޭނުމުގައި ގެންނަ ފޮތް ކަމުގައެވެ. އެއީވެސް ދޮގާއި މަކަރުކަމާއި އޮޅުވައިލުންކަން މި އެނގެނީ މިހާރުއެވެ. ބޭނުމަކީ ތިމަން މިއީ މާ ރަނގަޅު އިސްލާމެއް ކަމަށް އުއްމީދަށް ދެއްކުމެވެ. އުއްމީދުގެ ހިތުގައި މީހަކު ވިކައިލީހެން ހީވިއެވެ. "އަހަރެން އޭނާގެ މަކަރުވެރި މަޅީގައި ޖެހުނީއެވެ." އީމާން އެ ފޮތްތައް ނުކިޔާނެކަން އުއްމީދަށް ކަށަވަރެވެ. އެހެންވީމާ ހިތްހަމަޖެހުމާއެކު އެ ފޮތްތަކުގެ ފުރަގަހުގައި ފިސްތޯލަ ފޮރުވައިފިއެވެ. އެޔަށް ފަހު ދިރާސީކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.
ޢިޝާ ނަމާދު ނުކުރެވި އޮތްކަން ހަނދާންވީ އެ ވަގުތުއެވެ. އޭނާ ބޭނުން ވަނީ އީމާން ހުއްޓައި ނަމާދުކުރާށެވެ. އެ ނަމާދު ވެގެން ދާނީ އޭނާގެ ދިރިއުޅުމުގެ އެންމެ ފަހުގެ ނަމާދަށެވެ.
އަތް ތުރުތުރުއަޅާ ކަމުގެ އިހުސާސް އޭނާއަށް ފުރަތަމަ ކުރެވުނީ ވުޟޫކުރާން ފެށްޓީމައެވެ. ހަޔާތުގެ ހަތާވީސް އަހަރު ފިލްމެއްހެން ނިއުޅެމުން ފެންނަމުން ދިޔައެވެ. ވަގުތު، އޭނާގެ މުށުތެރެއިން ހިކި ވެލިހެން ފައިބަމުންދާ ތަން ފެންނާން ފަށައިފިއެވެ. އޭނާ މި ވަގުތު އެހެރީ ދިރިއުޅުމުގެ ފާލަމުގެ އެންމެ ކޮޅުގައިކަން އެނގޭނީވެސް ކާކަށް ހެއްޔެވެ؟ ދަރިފުޅު ދުނިޔެ ދޫކޮށްފައި މި ދަނީ ކިހައި ވަރެއްގެ ގެއްލުމަކާ އެކީގައިކަން، ހަތާވީސް އަހަރު ކުރިން އޭނާގެ ކަންފަތްދޮށުގައި ބަންގި ގޮވި ބައްޕަގެ ހިތަށް އަރާނެ ހެއްޔެވެ؟ އޭނާގެ މުޅި ދިރިއުޅުމާއި ދަރިފުޅުގެ ދިރިއުޅުން ހަރާންކޮށްގަންނާނޭކަން އޭނާއަށް ހަލާލު ރިޒުގުގެ ވާހަކަ ތާއަބަދު އަހަރެންގެ ކަންފަތްދޮށުގައި ތަކުރާރުކުރާ ބައްޕަގެ ހިތަށް އަރާނެ ހެއްޔެވެ؟ ކޮޅެއް މެދެއް ފެންނާން ނެތް އަނދިރި މަގަކަށް އަހަންނަށް މި ވަދެވުނީ ކާކުގެ ބަދު ދުޢާއެއްގެ ސަބަބުން ބާވައެވެ؟ ޖަހާންޒޭބްގެ ހެއްޔެވެ؟ އޭނާގެ ސިކުނޑިއަށް މަޑުމަޑުން ވިހަލަމުން ދިޔަ ވިސްނުމާއި ފިކުރުގެ ހަރުފަ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. މީގެ ފަސް އަހަރު ކުރިން އޭނާ ޖަހާންޒޭބާއެކު ދިޔަނަމަ ވީހީ ކީއް ބާވައެވެ؟ ހަމަގައިމުވެސް މިހާރު މިހިރަ ހާލަތުގައެއް ނުހުންނާނެއެވެ. އެ ދުވަހުގެ ކުށަށް އަހަންނަށް ތައުބާ ވެވުނީހެވެ. ﷲ ޢަފޫވެސް ކުރައްވާނެއެވެ. އެކަމަކު މިހާރު މި ކުރާ ކަމަށް...
އެކަމަކު އޭނާ ދެކޭ ގޮތުގައި މި ކުރަން އުޅޭ ކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތެވެ.
އޭނާ ފާޚާނާއިން ނުކުމެއްޖެއެވެ. އެ ދުވަހު ކުށަކުން ނުވަތަ ފާފައަކުން ސަލާމަތްވެގަތުން އޮތީ އަހަރެންގެ އިޚުތިޔާރުގައެވެ. އެހެންވީމާ އަހަރެން އެ ފާފައެއް ނުކުރަމެވެ. މިއަދު ފާފައެއްގެ ބައިވެރިއަކަށް ވުން މި އޮތީ އަހަރެންގެ ތަގުދީރުގައި ލިޔުއްވައިފައެވެ. އެކަމަކު މި ފަހަރަކު އަހަންނަކަށް އެއްވެސް އިޚުތިޔާރެއް ނުދެއްވައެވެ. އެހެންވީމާ މި ފާފައަކުން ސަލާމަތެއް ނުވެވުނެވެ. ފަސް އަހަރު ކުރިން އީމާންކަމާއި ލޯތްބާ ދެ ކަމުން ކުރެ ކަމެއް ޚިޔާރު ކުރުމުގެ ފުރުސަތު ލިބުނީމާ އަހަރެން ޚިޔާރުކުރީ އީމާންކަމެވެ. މީގެ އެއް އަހަރު ކުރިން އަނެއްކާވެސް އަހަރެންގެ ކުރިމައްޗަށް ދެ އިޚްތިޔާރެއް އައެވެ. އެއީ ޖަހާންޒޭބްގެ ލޯތްބާއި އީމާން ޢަލީއެވެ. މި ފަހަރުވެސް އަހަރެން ޚިޔާރުކުރީ އީމާނެވެ. ދެ ފަހަރުވެސް އަހަރެންގެ ނިންމުމުގެ ސަބަބުން ޖެހުނީ ހުސްއަތާ ހުންނާށެވެ. އީމާނެއްވެސް ނެތެވެ. ލޯތްބެއްވެސް ނެތެވެ. އަހަރެންގެ އެދުމަކަށް ވެފައި އޮތީ އީމާނެވެ. (އީމާންކަމެވެ.) މި އެދުމުގެ ސަބަބުން ފުރަތަމަ ފަހަރު އަތުން ބީވީ ލޯތްބެވެ. ދެން އީމާނެވެ. އަހަރެންގެ އެދުން ނުބައިވީ ހެއްޔެވެ؟ ނުވަތަ ޚިޔާރުކުރުން ނުބައިވީ ހެއްޔެވެ؟ އޭނާގެ ސިކުނޑި ސުވާލުން ފުރިއްޖެއެވެ.
ނަމާދުކުރަމުން ދިޔައިރު އޭނާއަކަށް އެއްގޮތަކަށްވެސް ނަމާދަކަށް ސަމާލުކަމެއް ނުދެވުނެވެ. ދުޢާކުރަމުން ދިޔައިރު އޭނާގެ ހިތަށް އެރިއެވެ. އަހަރެންގެ ޢަމަލުތައް މިހިރަ ގޮތަށް ހުންނަ މީހަކު ކުރާ އަޅުކަމަކުން އެކަނި އީމާންކަން ލިބިދާނެ ހެއްޔެވެ؟
ހަމައެކަނި އަތް އުފުލައިލުމުން ތަގުދީރު ބަދަލު ވެގެން ހިނގައިދާނެ ހެއްޔެވެ؟ އަދި އަމުދުން އަހަރެން ފަދަ މީހަކުގެ ތަގުދީރު އެހައި ފަސޭހައިން ބަދަލު ވެދާނެ ހެއްޔެވެ؟ ފަސް އަހަރު ކުރިން ތިމާގެ އަމިއްލަ ވުޖޫދަށް ނަފުރަތުކުރި މީހާ މިއަދު އެހެރީ އެ ނަފުރަތު އޭގެ އެންމެ އުހަށް އުފުލައިލައިގެންނެވެ.
ނަމާދުކޮށް ނިމިގެން މުސައްލަ ނަގަމުން ދިޔަ ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އީމާން ދަމުން އެ ބުނި މުށި ކުލައިގެ ކޮތަޅެވެ. އޭނާއަށް އެ ކޮތަޅު ހުރި ތަނަށް ޖެހިލެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ކޮތަޅުގައި ހުރި އެއްޗެހި ނަގާން ފަށައިފިއެވެ. އޭގައި ހުރީ ޗޮކްލެޓާއި ގަޑިއާއި ގަހަނާއެވެ. އޭނާ ފަހަރަކު އެއްޗެއް ނަގައި ބިންމައްޗަށް އުކަމުން ދިޔައެވެ. އެއިން އެކައްޗަކީވެސް އޭނާގެ ކުރިމަތީގައި އެއްވެސް އަހުމިއްޔަތުކަމެއް ހުރި އެއްޗެއް ނޫނެވެ. "ހަދިޔާ." އޭނާގެ ތުންފަތްމައްޗަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. ކޮތަޅު ގާތްގަނޑަކަށް ހުސްވުމަކާ ގާތް ވެއްޖެއެވެ.
ކޮތަޅުގެ އެންމެ ފުލުގައި އޮތް ތަންކޮޅެއް ބޮޑު އެއްޗެއްގައި އޭނާގެ އަތް ޖެހިއްޖެއެވެ. އޭނާ އެ ޕާރުސަލު ނަގައިފިއެވެ. ކަނޑައިލުމަށް ފަހު އޭގައި ހުރި އެއްޗެއް ބަންޑުން ކޮށްލުމުގެ ގޮތުން އަނގަވަތަށް ޖަހައިފިއެވެ. ދޫލަ މައްޗަށް އޮހިގަތީ ކުދިކުދި ކުޅޭކުޅޭ އެއްޗިއްސެވެ. ބޮލިރަވައާއި އެހެން ތަކެއްޗެވެ. ކުޑަ ހިނދުކޮޅަކަށް އޭނާގެ ހަރަކާތް ހުއްޓުނެވެ. ހިތަށް ގޮތެއް ވާން ފަށައިފިއެވެ. އަނެއްކާވެސް އަތް ތުރުތުރު އަޅާން ފަށައިފިއެވެ. އޭނާ އެ އެއްޗެހި ވަކިވަކީން ނަގައިގެން ބަލާން ފަށައިފިއެވެ. އެ އެއްޗެހީގެ ބޭނުމެއް މިހާރަކު ނެތެވެ. އޭނާޔާއެކު އޭނާގެ ދަރިފުޅުވެސް މަރުވާނެއެވެ. އެ އެއްޗެހީގެ ސަބަބުން އޭނާގެ ހިތުގައި އަޖައިބެއް ކަހަލަ އިހުސާސްތަކެއް އުތުރު އަރައިގެންފިއެވެ. ލިބޭން އުޅޭ ދަރިފުޅުގެ ވާހަކަ އީމާން އަބަދުވެސް ދައްކަނީ ޖޯޝާއެކުގައެވެ. އުފަލުން ފޮޅިފައި ހުރެގެންނެވެ.
"އަހަރެން މިހާރު މި އުޅޭ ގޮތް ބަދަލުކުރަން ޖެހޭނެ. ގޭގައި އުޅޭ ވަގުތު މިހާރަށް ވުރެ ގިނަ ކުރަން ޖެހޭނެ." ވާހަކަދައްކަމުން ގޮސް އެއް ދުވަހަކު އީމާން ބުންޏެވެ.
އީމާން އޭނާގެ މަންމައަށް ފޯނުކޮށްފައި ވަރަށް ގިނައިން ދަރިފުޅުގެ ވާހަކަދައްކައެވެ.
"ދިރިއުޅުމުގެ ކަންތައްތައް އެއް ގޮތަކަށް ކުރިއަށް ދާތާ އެތައް އަހަރެއް ވެއްޖެ. ވޭތުވެ ދިޔަ ދެތިން އަހަރެއް ހޭދަ ވެގެން ދިޔައީ ތަފާތު ގޮތަކަށް. އުއްމީދާ އިނުމާއި ދަރިއެއްގެ އިންތިޒާރުގެ ސަބަބުން އަހަރެންގެ ދިރިއުޅުން މުޅީން ބަދަލު ވެގެން ހިނގައްޖެ. އެކަނި ދިރިއުޅުމާއި އާއިލާއެއްގެ ގޮތުގައި ދިރިއުޅުމާ ވަރަށް ތަފާތު. މައިންބަފައިންނަށް ފަހު މިހާރު އަނބިދަރިން... އާއިލީ ގުޅުން ފުޅާވީ ވަރަކަށް ދިރިއުޅުން އުފާވެރިކަމާއި ހަމަޖެހުމާއެކު ހޭދަވެގެން ދާނެ. އަހަރެންގެ ބައްޕައަކީ ވަރަށް ރަނގަޅު މީހެއް. އަހަރެންވެސް ބޭނުން ވަނީ އެފަދަ ރަނގަޅު މީހަކަށް ވާން. އަހަރެންގެ ދަރިފުޅަށްޓަކައި."
ކުޅޭ އެއްޗިއްސާ ކުޅެމުން ދިޔައިރު އޭނާގެ ހަނދާނަށް އައީ ކުރީން ދެކެވިފައި ހުރި ވާހަކަތަކެވެ. އީމާން އޭނާއަށް އެހައި ބޮޑު ދޮގެއް ނުހެދިނަމަ... އެހައި ބޮޑު މަކަރެއް ނުހެދި ނަމަ... މި ކުޅޭ އެއްޗެހީގެ ސަބަބުން ކުރެވޭ އިހުސާސް ވަރަށް ބޮޑަށް ތަފާތު ވީހެވެ. ދަރިފުޅާ ގުޅިގެން އުފާވެރި ހުވަފެން ދުށީ އީމާން އެކަންޏެއް ނޫނެވެ. އުއްމީދު ދުށް ހުވަފެންތައް މާ ގިނައެވެ.
އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ.
މި ގޭގައި އޭނާގެ ތުއްތު ދަރިފުޅު ކުޅޭތަން އޭނާ ވަނީ އެތައް ފަހަރަކު ދެކެފައެވެ. ދަރިފުޅުގެ އުފަލަށްޓަކައި އެކި ކަހަލަ ކަންތައްތައް ކުރާ މަންޒަރު އޭނާ ވަނީ ދެކެފައެވެ. އުފަލުން ހޭނތަނާއި ހިނިތުންވާތަން ވަނީ ދެކެފައެވެ. މިހާރު މި ފެންނަނީ އެ ކުއްޖާފުޅުގެ މަރުގެ މަންޒަރެވެ. "ދަރިންނަކީ މައިންބަފައިންގެ ފައިގައި އެޅުވޭ ކަސްތޮޅެކޭ ބުނާ އަޑު އަހަމެވެ. އެއީ ތެދެއް ހެއްޔެވެ؟ ދުނިޔެއަށް އަދި ނުވެސް އައިސް އަހަރެންގެ ދަރިފުޅު އަހަރެންގެ ފައިގައި މި އަޅުވާ ކަސްތޮޅު ފަދައިންނެވެ." އޭނާއަށް އިހުސާސް ކުރެވުނީ މުޅި ވުޖޫދު ކުދިކުދި ވެގެން ދަނީ ކަމުގައެވެ.
"މަންމައަށް ދަރިފުޅު ދުނިޔެއަށް ގެނެވޭނެ ނަމައެވެ. ދުނިޔެއަށް އައުމުގެ ކުރިން ދަރިފުޅުގެ މަރުގެ ސަބަބަކަށް ވާން މި އުޅެނީ މަންމައެވެ." އޭނާއަށް އަނެއްކާވެސް ދަރިފުޅު ހޭނތަން ފެންނާން ފަށައިފިއެވެ. އޭނާ ކުޅޭ އެއްޗެހީގައި އަތް ކާއްތައިލިއެވެ. "މަންމަގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. ހަމަ އެއްވެސް އެއްޗެއް ނެތެވެ. މަންމައެކޭ އެއްފަދައިން ދަރިފުޅަށްވެސް މަރަށްވުރެ ދިރިއުޅުން ވޭންދެނިވި ކަމަކަށް ވެގެން ދާނެއެވެ. މަންމަ ބޭނުން ވަނީ އެ ވޭންދެނިވި ދިރިއުޅުމުން ދަރިފުޅު ސަލާމަތް ކުރާށެވެ."
ރޯން އިންދައި އޭނާއަށް ކާރުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. ހޭވަރިކަން ވީ އެ ވަގުތުއެވެ.
އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. މޫނަށް ދެތިން އަތްގޮށި ފެން ޖެހުމަށް ފަހު މޫނާއި ލޯ ފޮހެމުން ބޭރަށް ނުކުމެއްޖެއެވެ. ކާރުގެ ބަރުގޮނުގެ އަޑު އަނެއްކާވެސް އިވިއްޖެއެވެ. މި ފަހަރު ދެތިން ހަތަރު ފަހަރު ޖަހައިފިއެވެ. އޭނާ ދޮރު ހުޅުވައިފައި ނުކުމެގެން ބާރަށް ދޮރާށްޓާ ދިމާއަށް ހިނގައިގެންފިއެވެ.
ދޮރާށި ހުޅުވިތަން ބަލަން އީމާން އިނީ ހައިރާން ވެފައެވެ. ކާރު އެތެރެއަށް ވެއްދުމަށް ފަހު ފައިބައިފިއެވެ.
"ދޮރުވާނު ކޮބާ؟" އީމާން އަހައިލިއެވެ.
"މާ ބޮޑު ކަމެއް ދިމާވެގެން ގެއިން ގުޅީމާ ހިނގައްޖެ." ދޮރާށި ލައްޕަން ހިފައިލަމުން އުއްމީދު ޖަވާބު ދިނެވެ.
"ބަހައްޓާ. އަހަރެން ލައްޕައިފާނަން." އީމާން އޭނާ ހުއްޓުވިއެވެ. އީމާން ދޮރު ލައްޕަން އުޅެގަތީމާ އުއްމީދު އެތެރެއަށް ވަންނާން ހިނގައިގެންފިއެވެ. އޭނާގެ ހިތް ބާރަށް ތެޅެނީއެވެ. އައިސް އަލަމާރިން ފެން ފުޅިއެއް ނަގައިގެން ބޯން ފަށައިފިއެވެ. ހަމަޖެހިލެވޭތޯ މަސައްކަތް ކުރަނީއެވެ.
އީމާންވެސް ވަދެގެން ފުރަތަމަ އައީ ކާގެއަށެވެ. އަތުގައި ހުރި ކޮތަޅުތައް މޭޒުމަތީގައި ބަހައްޓައިފިއެވެ.
"ޞާބިރު ކޮބާ؟"
"އަހަރެން އޭނާ ނިދަން ފޮނުވައިފިން." އުއްމީދު އާދައިގެ ރާގަކަށް ބުނެލިއެވެ.
"ކީއްވެގެން؟"
"ވަކި ކަމެއް ވީއެއް ނޫން." އިރުކޮޅަކު އީމާނާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އޭނާ ކާގެއިން ނުކުމެއްޖެއެވެ.
އުއްމީދު ނިދާކޮޓަރިއަށް ވަންއިރު އީމާން ބިންމަތީގައި ހުރި ކުޅޭ އެއްޗެހި ހޮވައިގެން ކޮތަޅަށް ލަނީއެވެ. އުޑަފައިން އެހެން އިނދެފައި އެއް ފަހަރު އިސް އުފުލައި އީމާނާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ނަޒަރުން ވަރަށް ގިނަ ވާހަކަ ދައްކައި ނިންމައިފިއެވެ. ފެންނަނީ ބޭޔަގީނީއާއި ހިތާމައާއި ރުޅިއާއި މަލާމާތުގެ އަސަރެވެ. އޭނާ ހީކުރީ އީމާން ކޮންމެވެސް އެއްޗެކޭ ކިޔާނެ ކަމަށެވެ. އެކަމަކު އަނގައިންވެސް ނުބުންޏެވެ. ކޮތަޅަށް އެއްޗެހި ލައި ނިމިގެން އެ ކޮތަޅާއި ދެން ހުރި ކޮތަޅުތައްވެސް ހިފައިގެން ނުކުމެއްޖެއެވެ.
ކުޑައިރުކޮޅަކަށް ފަހު އެނބުރި އައިސް ފާޚާނާއަށް ވަދެ ނިދާ ހެދުން ލައިގެން ނުކުމެއްޖެއެވެ. އުއްމީދު އިނީ ޓީވީ ބަލާށެވެ. އީމާން އެނދުގެ އަރިމަތީ ބޮކި ދިއްލައިލުމަށް ފަހު މޭޒުގެ ވަތްގަނޑުތައް ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަން ފަށައިފިއެވެ.
"ފިސްތޯލަ ކޮބާ؟"
އުއްމީދުގެ ނޭވާ ހުއްޓުނު ކަހަލައެވެ. އީމާންގެ އާދަ ހުންނަ ގޮތުގެ މަތީން އޭނާ ހަނދާން ނެތުނީއެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން އޭނާ ފިސްތޯލަ ނަގައި އޭގައި ހުންނަ ސަލާމަތީ ތަޅު އަޅުވައިފައި ބާއްވައެވެ. އެ އާދައިގެ މަތީން މިރޭވެސް އެ ހޯދީ ފިސްތޯލައެވެ. އޭނާގެ ސުވާލަށް ދޭނޭ ޖަވާބެއް ކުއްލިއަކަށް އުއްމީދުގެ ހިތަކަށް ނޭރިއެވެ. އީމާން ސުވާލުގެ ނަޒަރަކުން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
"އަހަރެން މި އަހަނީ ފިސްތޯލަ ކޮބައިހެއްޔޭ!" އީމާން އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.
(ނުނިމޭ)
Vvv.reethi vv.inthizarugai