އެމްއެންޔޫ އިން އަންނަ ނޮވެމްބަރ މަހު ޖޮބް ފެސްޓިވަލެއް ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އަންނަ ނޮވެމްބަރ މަހު ޖޮބް ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

ނޮވެމްބަރ 9 އަދި 10 ވަނަ ދުވަހު ބާއްވާ މި ފެސްޓިވަލަކީ އެ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ޖޮބް ފެސްޓިވަލެކެވެ.

މީގެ ކުރިން ވެސް މިފަދަ ޖޮބް ފެސްޓިވަލްތައް ބާއްވާފައިވާއިރު، ތަރުހީބަށް ބެލުމަށްފަހު މިފަހަރުގެ ފެސްޓިވަލް މާލޭ ކެމްޕަސް އާއި އެމް.އެން.ޔޫގެ އަތޮޅުތަކުގެ ކެމްޕަސްތަކުގައިވެސް މި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.

"އެމް.އެން.ޔޫ ފަހި ފުރުޞަތު" ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ މި ފެސްޓިވަލަކީ ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާ، ވަޒީފާދޭ ފަރާތްތަކާ، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި، އެކި ކަހަލަ ފަންނީ ހުނަރުވެރި ދައިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވައިދޭނެ ބާޒާރެކެވެ.

މި ޖޮބް ފެސްޓިވަލަށް ވަނުމުގެ ފުރުޞަތު ހުރިހާ އާއްމުންނަށް ހިލޭ ވަނީ ހުޅުވާލާފަ އެވެ.

މިއަހަރުގެ ޖޫންމަހު ބޭއްވި ފުރަތަމަ އެމް.އެން.ޔޫ ފަހި ފުރުޞަތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާ ސަރުކާރުގެ މުއައްސަސާތައް ހިމެނޭގޮތަށް 32 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖޮބް ފެސްޓިވަލުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން، ފެސްޓިވަލުގައި ބައިވެރިވުމަށް ވަޒީފާދޭ ފަރާތްތައް ހުށައަޅާ ފޯމު ފުރުއްވުމަށްފަހު މިމަހުގެ 24 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ކުރިން ހުށަހެޅުއްވުމަށް އެމް.އެން.ޔޫއިން ވަނީ އެދިފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.