އާންމު ގޮތެއްގައި ނިއުޓްރިޝަނިސްޓުންނާއި ޑޮކްޓަރުން ލަފާދެއްވަނީ ކެއުމުގައި ކޮންމެވެސް މިންވަރަކަށް ތަރުކާރީ ބޭނުންކުރުމަށެވެ. އެއީ ތަރުކާރީގައި ތަފާތު ވިޓަމިން އަދި މިނަރަލްސް ހިމެނޭތީއެވެ.
ތަރުކާރީގައި ހިމެނޭ ތަފާތު އެކިއެކި ވިޓަމިން އަދި މިނަރަލްސް އިން އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ތަފާތު މާއްދާތައް ފޯރޮކޮށްދެއެވެ. އަދި ތަރުކާރީ ބޭނުންކުރާނަމަ ކެންސަރާއި ހިތުގެ ބަލިތަކާއި އަދި އެނޫންވެސް އެހެން ބަލިތައް ޖެހުމުން ރައްކާތެރިކޮށްދެއެވެ.
ތަރުކާރީގައި 'އެންޓިއޮކްސިޑެންޓް' ކިޔާ މާއްދާއެއް ހިމެނެއެވެ. މިމާއްދާއަކީ ކާބޯތަކެތި ކުނިނުވެ ގިނަދުވަހު ރައްކާކުރުމަށް އެހީވެދޭ މާއްދާއެކެވެ.
މިހާރަކަށް އައިސް ދަނޑުވެރިން ތަފާތު ބާވަތްތަކުގެ ކެމިކަލްސް ގަސްކާނާގެ ގޮތުގައި ތަރުކާރީ ފަދަ ތަކެތި ހެއްދުމަށް ބޭނުންކުރެއެވެ. މިހެންވުމާއެކު، ބައެއް މީހުން ތަރުކާރީ ކެއުމުގެ ކުރިން އޭގައިވާ ކެމިކަލްގެ އަސަރު ނައްތާލުމަށްޓަކައި ތަރުކާރީ ކައްކައެވެ. އެހެންނަމަވެސް ތަރުކާރީ ކެއްކުމަށް ބޭނުން ކުރެވޭ ތަފާތު ގޮތްތައް ބޭނުންކުރުމުގެ ސަބަބުން ތަރުކާރީ އިން ހަށިގަނޑަށް ލިބެންޖެހޭ މަންފާ ތަފާތުވެގެންދެއެވެ. މިގޮތަށް މިވަނީ ކެއްކުމުގައި ބޭނުން ކުރާ ތަފާތު ގޮތްތަކުން ތަރުކާރީއަށް ލިބޭ ހޫނުމިން ތަފާތުވުމުގެ ސަބަބުންނެވެ.
އިޓަލީގެ ޔުނިވަސިޓީއެއްކަމަށްވާ ޔުނިވަރސިޓީ އޮފް ޕާރމާއިން ވަނީ ތަރުކާރީ ކެއްކުމަށް ބޭނުންކުރެވޭ ތަފާތު ގޮތްތަކުގެ ސަބަބުން ހަށިގަނޑަށް ލިބެންޖެހޭ މާއްދާތައް އަދި އޭގެ ސަބަބުން ތަރުކާރީ އަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ހަދާފައެވެ. މިދިރާސާގައި ބޭނުންކޮށްފައިވާ ތަރުކާރީ ތަކަކީ ކެރެޓް، ކޯގެޓް އަދި ބްރޮކޯލީއެވެ. ކެއްކުމުގެ ކުރިން ކެރެޓް ވަނީ މަށާފައެވެ. ކޯގެޓް ކެއްކުމުގެ ކުރިން ވަނީ ކޮށާފައެވެ. އަދި ބްރޮކޯލީ ސާފުކުރުމަށްފަހު ވަނީ އެއްވަރަކަށް ކޮށާފައެވެ.
މިދިރާސާގައި ކެއްކުމަށް ބޭނުންކޮށްފައިވަނީ ތިން ގޮތެކެވެ. އެއީ ފެނުކެއްކުމާއި، ތެލުލުމާއި، އަދި އާވިން ކެއްކުމެވެ. ތަރުކާރީތައް ފެން އަޅާފައިވާ ސްޓީލް ތެއްޔަކަށް އެޅުމަށްފަހު ވަނީ މަޑުގިނީގައި ކައްކާފައެވެ. ތަރުކާރީތައް އާވިން ކައްކާފައިވަނީ އަވަނަކުންނެވެ. ތަރުކާރީ ތެލުލުމަށްޓަކައި 2.2 ލީޓަރުގެ ބަދަން ތެޔޮ ތަވައަކަށް އެޅުމަށްފަހު 170 ޑިގްރީ ސެލްސިއަސްގައި ވަނީ ތެލުލާފައެވެ. ކެއްކުމުގެ މިތިން ގޮތުގައި 10 ސާމްޕަލް ބޭނުންކޮށްފައިވެއެވެ.
މިރާސާއިން ދައްކާގޮތުގައި ކެއްކުމުގައި ބޭނުންކޮށްފައިވާ ތަފާތު ގޮތްތަކުގެ ތެރެއިން ކެރެޓް އަދި ކޯގެޓް ފެނުކެއްކުމުން ކެރެޓް މާ ބޮޑަށް މަޑުވެ އެވެ. އެހެންނަމަވެސް ފެނުކެއްކުމުން ކެރެޓް އާއި އަޅާބަލާއިރު ކޯގެޓް ކެރެޓްއަށް ވުރެ މަޑު ވާ މިންވަރު ކުޑައެވެ. ކެރެޓް ފެނު ކެއްކުމުން އިންސާނާގެ ހަށިގަނޑަށް ލިބެން ޖެހޭ ގިނަ މާއްދާތައް ލިބުމަށް ހުރަސް އެޅެއެވެ. މީގެ ސަބަބެއްކަމަށް ލަފާކުރެވެނީ ކެރެޓްގައި ހިމެނޭ ހަށިގަނޑަށް ފައިދާ ކުރަނިވި ގިނަ މާއްދާތަކެއް ފެނުގެ ތެރެއަށް ގިރިގެންދާތީއެވެ. އެހެންނަމަވެސް ތެލުލުމާއި އާވިން ކެރެޓް ކެއްކުމުން އިންސާނާގެ ހަށިގަނޑަށް ލިބެން ޖެހޭ ގިނަ މާއްދާތައް ހަށިގަނޑަށް ލިއްބައިދެއެވެ. އާވިން ތަރުކާރީ ކެއްކުމުން އޭގައި ހިމެނޭ ޤުދުރަތީ މާއްދާ އެއްކަމަށްވާ "ގްލުކޮސިނޮލޭޓްސް" ހުންނަ މިންވަރު ބަދަލު ވިޔަ ނުދީ ހިފަހައްޓައި ދެއެވެ. ތަރުކާރީގައި ހިމެނޭ ގްލުކޮސިނޮލޭޓްސް އަކީ އެންޓިބަޔޮޓިކްސް ފަދައިން ހަށިގަނޑުގައި ހުންނަ ބެކްޓީރިއާ، ވައިރަސް އަދި ފަންގައި ނެތިކޮށްލުމަށް އެހީތެރިވާ މާއްދާއެކެވެ.
ތަރުކާރީ އާވިން ކެއްކުމަކީ ތަރުކާރީގެ ގެ އަސްލު ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެންމެ ރަނގަޅު އެއްގޮތެވެ. ނަމަވެސް މިއާ ޚިލާފަށް ފެނުކެއްކުމުގެ ސަބަބުން ތަރުކާރީގެ އަސްލު ވަރަށް ބޮޑަށް ގެއްލިގެންދެއެވެ. އެހެންނަމަވެސް ފެނުކައްކާފައިވާ ތަރުކާރީ އަކާއި އާވިން ކައްކާފައިވާ ތަރުކާރީއަކާއި އަޅާބަލާއިރު ފެނު ކައްކާފައިވާ ތަރުކާރީގެ ކުލަ ބަދަލުވާ މިންވަރު ކުޑައެވެ. ތަރުކާރީގައި ހިމެނޭ ހަށިގަނޑަށް ފައިދާކުރަނިވި މާއްދާތައް ގެއްލިގެންދަނީ ތަރުކާރީ ފެނުކެއްކުމުން ނުވަތަ ތެލުލުމުންނެވެ. މިގޮތުން ބަލާއިރު ތެލުލުމުން ލިބޭ ގެއްލުން މާ ބޮޑެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާދައިގެ މިންވަރަކަށް ތަރުކާރި ކެއްކުމުން، ތަރުކާރީގައި ހިމެނޭ ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތަކުގެ މަސައްކަތް އިތުރަށް ފުރިހަމަ ކޮށްދެއެވެ. އެހެންކަމުން ތަރުކާރީ ކެއްކުމަށް އެންމެ ރަނގަޅު ގޮތަކީ އާވިން ކެއްކުމެވެ. އެހެންނަމަވެސް ތަރުކާރީ ކެއްކުމަށް ބޭނުންކުރެވޭ ގޮތްތައް އެކި ތަރުކާރީތަކުގައި ތަފާތުވެގެންދެއެވެ.
ވީމާ، ތަރުކާރީ ކެއްކުމުގެ ކުރިން އެތަރުކާރީއެއް ކެއްކުމަށް އެންމެ ރަނގަޅު ގޮތެއް ޙިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ، ތަރުކާރީ ކެއްކުމަށް ބޭނުންކުރެވޭ ގޮތުގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް އެއިން އެތައް އަސަރުތަކެއްކުރާތީއެވެ. މިހެންވުމާއެކު، ދެން ފަހަރަކުވެސް ތަރުކާރީ ކައްކާއިރު އެތަރުކާރީއެއް ކެއްކުމަށް އެންމެ އެކަށޭނެ ރަނގަޅު ގޮތެއް ޚިޔާރުކުރައްވާށެވެ!
ލިޔުނީ:
އެމް.އެން.ޔޫގެ ދަރިވަރު އާމިނަތު ލުބްނާ (ބެޗްލަރ އޮފް ސައިންސް)
ރިފަރެންސް:
Miglio, C., Chiavaro, E., Visconti, A., Fogliano, V., & Pellegrini, N. (2007). Effects of different cooking methods on nutritional and physicochemical characteristics of selected vegetables. Journal of agricultural and food chemistry, 56(1), 139-147.
ފޮޓޯ:
https://goo.gl/images/GzNdXc