ފުނައްޑޫ މަސް ފެކްޓްރީގެ މައްސަލައަށް އަވަސް ޙައްލެއް ގެނެސްދެއްވުން އެދި އެމްއެންޕީގެ ސިޓީއެއް ރައީސް ސާލިހަށް

ތ. ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް ހުއްޓި އެތައް އަހަރެއްވެގެން ދިޔަ އިރުވެސް އެފެކްޓްރީގެ މަސައްކަތް އަލުން ނުފެށި ދިގުލައިގެންދާތީ އެމައްސަލައަށް އަވަސް ޙައްލެއް ގެނެސްދެއްވުން އެދި އެމްއެންޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީ ހުށަހަޅުއްވައިފިއެވެ.

އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމްގެ ފަރާތުން މިސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ފުނައްޑޫ ފެކްޓްރީގެ މަސައްކަތް ހުއްޓިފައި އޮއްވާ 2021 ވަނަ އަހަރު ސަރުކާރުން ވަނީ އެފެކްޓްރީ މިފްކޯގެ ދަށަށް ގެނެސް އަލުން މަސައްކަތް ފެއްޓުމަށް ނިންމަވާފައެވެ. ސިޓީގައި ފާހަގަކޮށްފައިވާ ގޮތުން ސަރުކާރުން އެނިންމުން ނިންމެވި ނަމަވެސް، އެނިންމެވުމަށް އަހަރެއް ވެގެން ދިޔައިރު، ފުނައްޑޫ ފެކްޓްރީގެ ވަޞީލަތްތައް ޤާއިމުކޮށް އެމަސައްކަތް ފަށާނެ ތާރީޚެއް ނޭނގި، އެކަމަށް ވާންޖެހޭ ތައްޔާރީތަކާއި، ކުރާންޖެހޭ މަސައްކަތް ނުފެށި، އެކަން ކުރެވޭނެ ކަމާމެދު މިހާރުވަނީ ސުވާލު އުފެދެން ފަށާފައި ކަމުގައެވެ.

އެމްއެންޕީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޟްވަނީ ދެފަހަރެއްގެ މަތިން، ފިޝަރީޒް މިނިސްޓަރ މަޖިލީހަށް މިމައްސަލައިގައި ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން ޖޫން މަހު މަޖިލީހަށް މިނިސްޓަރ ހާޒިރުކޮށް މިމައްސަލައިގައި ސުވާލުކުރެއްވުމުން ވިދާޅުވެފައިވަނީ ފުނައްޑޫގެ ބަނދަރު ތަރައްޤީކުރުމާއި އައިސްޕްލާންޓް ބަހައްޓާ، އެހެނިހެން ވަޞީލަތްތައް ޤާއިމުކުރުމަށް މިފްކޯއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް 2 މަސްދުވަސް ނަގާނެކަމުގައެވެ. ނަމަވެސް ސެޕްޓެމްބަރ މަހު މަޖިލީހަށް މިނިސްޓަރ ހާޒިރުކޮށް މިމައްސަލައިގައި ސުވާލުކުރެއްވުމުން ވިދާޅުވީ އަދި އެފައިސާ ހަމަޖެހިފައި ނުވާ ކަމުގައެވެ. އެހެންކަމުން އެފައިސާ ލިބޭނެކަމާމެދު މިހާރު ސުވާލު އުފެދިފައިވާ ކަމުގައިވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެމްއެންޕީގެ ލީޑަރޝިޕުން މިދިޔަ މަހު ފުނައްޑޫ ހިމެނޭ ތ. އަތޮޅުގެ ރަށްރަށަށް ކުރި ޒިޔާރަތުގައި އެއަތޮޅުގެ ރަށްރަށުން ފުނައްޑޫ މަސް ފެކްޓްރީ ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ ހާލަތަކަށް ގެނައުމަށް އެމްއެންޕީން މަސައްކަތް ކޮށްދިނުމަށްވެސް ޖުމްލަ ގޮތެއްގައި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވަނީ އެދިފައެވެ. އަދި އެސަރަހައްދަކީ މަސްވެރިކަން ފިޔަވާ އެހެން އެއްވެސް ޞިނާޢަތެއް ނެތް ސަރަހައްދެއް ކަމަށާއި، މިފެކްޓްރީ އޮޕަރޭޝަނަށް ގެނައުމުގެ މުހިންމުކަން އެރަށްރަށުގެ މަސްވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، މިދިޔަ ހަފްތާގެ ތެރޭގައި ފުނައްޑޫ އެދާއިރާއެއްގައި ހިމެނޭ ތިމަރަފުށި ދާއިރާ މަޖިލީހުގައި ތަމްސީލުވެސް ކުރައްވާ ޕީޖީ ލީޑަރ ރިޔާޟްވަނީ ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެމައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވެސް ހުށަހަޅުއްވާފައެވެ.

މިސިޓީގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފުނައްޑޫގެ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ލިބި މަސައްކަތް ފެށިގެން ކަށަވަރުކަމާއެކު ކުރިއަށްދާނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ދަންނަވާފައެވެ. އަދި މިމައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި ތ. އަތޮޅުގެ ރައްޔިތުންގެ ޝަކުވާތަކަށް ނިމުން ގެނެސްދެއްވުން އެދޭކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.