މިސަރުކާރުން މިވަރަށް ކަންކަން ސިއްރުކުރަނީ ސަރުކާރުތެރޭގަ ހިންގަމުންދާ ވައްކަންތައް ފޮރުވުމަށް: އުޝާމް

މިސަރުކާރުން މިވަރަށް ކަންކަން ސިއްރުކުރަނީ ސަރުކާރުތެރޭގަ ހިންގަމުންދާ ވައްކަންތައް ފޮރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެންމެ ފަހުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ބީލަން ކާމިޔާބުކޮށް ރަށްތައް ހަވާލުކުރި ފަރާތްތަކުގެ ލިސްޓު އިއުލާނު ކުރާނީ، އެފަރާތްތަކުން ފައިސާ ދެއްކުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނުމާއި ގުޅިގެންނެވެ.

އެކަމަށް ފާޑު ވިދާޅުވެ އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ މީގެ ކުރިން އަމަލުކުރާ ގޮތެއް ނޫން ކަމަށާއި ބިޑް ހުށަހެޅި ފަރާތްތަކާއި އެފަރާތްތަކުން ހުށަހެޅި އަގުތައް އަދި ބިޑް ކާމިޔާބުކުރާ ފަރާތްތަކުގެ ނަންތައް ހާމަކުރުން އެއީ ބެސްޓް ޕްރެކްޓިސް ކަމަށެވެ.

މިސަރުކާރުން މިވަރަށް ކަންކަން ސިއްރުކުރަނީ ސަރުކާރުތެރޭގަ ހިންގަމުންދާ ވައްކަންތައް ފޮރުވުމަށް ކަމަށް ވެސް އުޝާމް ވިދާޅުވެފައިވެއެވެ.

ފަސް މަހަށް ވުރެ ގިނަ ދުވަސް ދިގުލައިގެން ދިޔަ ބީލަން މަރުހަލާއަކަށް ފަހު ރިސޯޓު ހަދަން ހުޅުވާލި 18 ރަށުގެ ތެރެއިން، ހަތް ރަށެއް ހަވާލުކުރަން ޓޫރިޒަމުން ނިންމާފައިވީނަމަވެސް މިހާތަނަށް ބީލަން ކާމިޔާބުކުރި މީހުން ނުވަތަ ވިޔަފާރިތަކުގެ ނަމެއް ވެސް ޢާންމު ކޮށްފައެއް ނުވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ރާއްޖޭގެ ބައެއް ނޫސްތަކަށް ވިދާޅުވެފައިވަނީ ބީލަން ކާމިޔާބުކުރި ލިސްޓު އާންމުކުރާނީ އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިންގ ފަންޑަށް ހުށަހެޅި ފައިސާގެ ދެބައިކުޅަ އެއްބައި ދައްކާ ޚަލާސްކުރުމުން ކަމަށެވެ.

އެކި ކުންފުނިތަކާ ހަވާލުކުރި އެ 7 ރަށަކީ މިދިޔަ އަހަރު ދުބާއި އެކްސްޕޯގައި ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެވެ. މީގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަން ލިބުނެވެ. އާންމުގޮތެއްގައި މީގެ ކުރިން އެފަދަ ރަށްތައް ހަވާލު ކުރުމަށްފަހު އެ ރަށްތައް ހަވާލުކުރި ކުންފުނިތަކުގެ ނަންތައް ސަރުކާރުން ހާމަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.