މަންކީ ޕޮކްސް ފެތުރެމުންދާތީ ދިވެހި ސަރުކާރު ސަމާލުވެ ތައްޔާރުވުމަށް އެމްއެންޕީ އިން ގޮވާލައިފި

ހަލުވިކަމާއެކު މަންކީ ޕޮކްސް ފެތުރެމުންދާތީ ދިވެހި ސަރުކާރު މިބައްޔަށް ހަނގުރާމަކުރުމަށް ސަމާލުވެ ތައްޔާރުވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.

އެ ޕާޓީން ކުރި ޓްވީޓެއްގައި ބުނީ ޑަބްލިޔު. އެޗް.އޯ އިން އަންގާ ގޮތުގައި "މަންކީ ޕޮކްސް" ވަނީ މީގެ ކުރިން މިބަލި ފެނިފައި ނުވާ 11 ޤައުމަކުން ފެނިފައި ކަމަށާއި ދުނިޔޭގައި މަންކީ ޕޮކްސް ހަލުވިކޮށް ފެތުރެމުންދާ މިވަގުތުގައި، އެމްއެންޕީގެ ފަރާތުން، ދިވެހި ސަރުކާރު މިބައްޔަށް ހަނގުރާމަކުރުމަށް ސަމާލުވެ ތައްޔާރުވުމަށް ގޮވާލާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ 12 ގައުމަކުން މަންކީޕޮކްސްގެ 80 ކޭސް މިހައިތަނަށް ވަނީ ފެނިފައެވެ. އަދި އިތުރު 50 ކޭސް މިހާރު ތަހުގީގު ކުރެވެމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މި ބަލި ފެންނަމުންދާ ގައުމުތަކުގެ ނަން ޑަބްލިއުއެޗްއޯ އިން ހާމަކޮށްފައި ނުވިނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޔޫރަޕްގެ 9 ގައުމަކުންނާއި އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ އިން މިބަލި މިހާރުވަނީ ފެނިފައެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސަރވިސް އިން ހާމަ ބުނެފައިވަނީ މަދުން ނޫނީ ނުފެތުރޭ، ވައިރަކުން ޖައްސާ މިބައްޔަކީ ޖެހުމަށްފަހު އާންމުކޮށް މަދު ހަފްތާތަކެއްގެ ތެރޭގައި އަމިއްލައަށް ރަގަޅުވެގެން ދާ ބައްޔެއް ކަމަށެވެ. އަދި މިއީ ގައިންގަޔަށް އަރާ ބައްޔަކަށް ނުވާތީ މިބައްޔަކީ އާންމު ސިއްޙަތަށް ހުރި ނުރައްކަލަކަށް ވެގެންދިއުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވެސް ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.