ބޭންކް އޮފް މޯލްޑިވްސް އިންރޭ ހޮޓެލް ޖެން ގައި ބޭއްވުނު ހަފްލާއެއްގައި ބީއެމްއެލް ހެކަތަން ކާމިޔާބުކުރި ފަރާތްތައް އިއުލާންކޮށްފި އެވެ.
ބީއެމްއެލް ހެކަތަން ކާމިޔާބުކުރީ:
- އަޙުމަދު މަޙުފޫޒު، ޙުސައިން ޒަޔާން، މޫސާ އިރުޝާން – ހުށަހަޅާފައިވަނީ ޑިޖިޓަލް އޮންބޯޑިންގ
- މުޙައްމަދު އާތިކް ޢަލީ ރިޟާ، ފާތިމަތު އަރީން ނަސީމް، މުޙައްމަދު ޔާނިއު ރަމީޒު – ހުށަހަޅާފައިވަނީ އެކްސްޕެންސް ޓްރެކަރ
- މުޙައްމަދު ޖައިލަމް، އިބްރާހިމް ހުސައިން ޝަރީފް، މުޙައްމަދު އީމާން – ހުށަހަޅާފައިވަނީ ޕަރސަނަލް ފައިނޭންސް މެނޭޖަރ
މި ހެކަތަން ބާއްވާފައިވަނީ 'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' މި ތީމްގެދަށުންނެވެ. 30 އަށް ވުރެ ގިނަ ބައިވެރިންނާއެކު، 48 ގަޑިއިރަށް ދެމިގެންދިޔަ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ވަނީ ހުށަހަޅާފައެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ " ފިންޓެކް ކޮމިއުނިޓީ ގެ ފަރާތުން މި ހެކަތަން އަށް ދެއްވި ޝައުގުވެރިކަމަކީ އަޅުގަނޑުމެން ވަރަށް އުފާލާއެކު ބަލައިގަންނަކަމެއް. މި ހެކަތަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޑިވެލޮޕަރުންގެ ފަރާތުން މޮޅު ހިޔާލުތަކެއް ވަނީ ލިބިފައި. ހުށަހެޅި ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ހެކަތަން ކާމިޔާބުކުރި ފަރާތްތަކަށް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބް އަށް މަރުހަބާ ކިޔަން. މި ހެކަތަންގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ހެކަތަންގެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތްކޮށްދެއްވި މެންޓަރސް އަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަދާކުރަން."
މި ހެކަތަންގައި ހޮވޭ 3 ޓީމުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގައި ބޭންކުގެ ފަރާތުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
- މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން
- ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ
- ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް