ޤައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ޕާޓްނަރއަކަށް ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް އެއްބަސްވެއްޖެ އެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބޭއްވުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށް އެހީވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ" ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން އަށް އެހީތެރިވުމަށް އެއްބަސްވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް. ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި ހޯދަމުންދާ ކާމިޔާބީއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ފާހަގަކޮށްލެވޭކަމެއް. އަދި މި ޕާރޓްނަރޝިޕްގެ ދަށުން އަޅުގަނޑުމެން އުންމީދު ކުރަނީ މި ކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތްލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދިއުން." ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވަނީ ގައުމީ ފުޓްބޯޅަ، ސްވިމިންގެ އަދި ޓެނިސް އާއެކު ޕާޓްނަރޝިޕް ގާއިމްކޮށްފަ އެވެ.

އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން ދާދިފަހުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތްލީޓުންނަށް ސްޕޯޓްސް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.