ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމަށް ޖުލައި 2 ގެ ނިޔަލަށް!

ބޭންކް އޮފް މޯލްޑިވްސް އިން 2023 ވަނަ އަހަރުގެ 'ބީއެމްއެލް ސްޓާޓަޕް ގްރާންޓް' އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް އަމާޒުކޮށް ދޫކުރާ ހިލޭ އެހީ އެކެވެ. މި އަހަރު ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން  އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ " ސްޓާޓަޕް ގްރާންޓްގެ އެހީގައި ރާއްޖޭގައި ކުރިއަރަމުންދާ ސްޓާޓަޕް ކޮމިއުނިޓީ އަށް އެހީތެރިވެ، އަލަށް ފަށާ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަށް، އެފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާނަން. އަޅުގަނޑުމެންގެ އެސްއެމްއީ ޓީމުގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ސްޓާޓްޕް ގްރާންޓް ކާމިޔާބު ކުރި ވިޔަފާރިތައް އަންނަނީ ވިޔަފާރިތައް ފެށުމުގެ މަސައްކަތް ކުރަމުން. އަޅުގަނޑުމެން އެދެނީ މިއަހަރުވެސް އީޖާދީ، ދެމެހެއްޓެނެވި ޕްރޮޕޯސަލްތަކެއް ހުށަހެޅިގެންދިއުން."

ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަޑިއަކީ 2 ޖުލައި 2023 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިންނެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރާ ފަރާތް ހޮވުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ހަރުދަނާ އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން، އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންވާނެއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުނު މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިންނެވެ. މި ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ބޭންކުން ވަނީ ހަތަރު ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެޕްލިކޭޝަން، އަދި ޝަރުތުތަކާއި ޕްރޮސެސް އާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް  www.bankofmaldives.com.mv/startup-grant އިން ލިބޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.