(24 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކަމަލް ކޮޓަރީގައި އޭނާގެ ސަމާނުތައް ބަންދުކުރަނީއެވެ. އޭނާ މިތަނުން އަބަދަށްޓަކައި ދަނީއެވެ. ދިޔުމުގެކުރިން އެންމެ ފަހަރަކު އޭނާ ރަޖްނީއާ ބައްދަލުވާން ބޭނުމެވެ. ރަޖްނީގެ ގެއަށްގޮސް އޭނާއާ ބައްދަލުވޭތޯ ވެސް އޭނާ މަސައްކަތްކޮށްފިއެވެ. ނަމަވެސް ރަޖްނީ ގޭގައި ނޫޅޭތި އެކަމެއް ނުވިއެވެ.
އޭނާ ރަޖްނީއާ ބައްދަލުވާން ކޮންމެހެންވެސް ބޭނުމެވެ. އެކަމަށްޓަކައި އޭނާ ހިތް ތެޅެމުން ދަނީއެވެ. ނަމަވެސް އެންމެ ފަހު ފަހަރަށް ޓަކައި އޭނާއަށް ރަޖްނީއާ ބައްދަލުވެވެން ނެތީކަން ނޭނގެއެވެ. އެހެން ހިތަށް އަރާފައި އޭނާ ވަރަށް ދެރަވެސް ވެއެވެ.
މިކަހަލަ ޚިޔާލުތަކެއްގައި ކަމަލް އުޅެނިކޮށް ކުއްލިއަކަށް ކޮޓަރީގެ ދޮރުމަތީން މީހަކު ހިނގާފައި އަންނަ އަޑު އިވިއްޖެއެވެ. ހަމައެޔާއެކު، އެމީހަކު ކޮޓަރީގެ ދޮރުގައި ޓަކިވެސް ދީފިއެވެ. މިކަމުން މިލިބުނު ޙައިރާންކަމުގެ ސަބަބުން އެ ޓަކިދިން މީހާ އެތެރެއަށް އަންނާށޭ ވެސް ކަމަލްއަށް ނުބުނެވި އުޅެނިކޮށް ކޮޓަރީގެ ދޮރުހުޅުވާލާފައި ރަޖްނީ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ކުއްލިއަކަށް ރަޖްނީ އޭނާގެ ކުރިމަތީގައި ހުއްޓާ ފެނުމުން ކަމަލްއަށް ހީވީ އޭނާގެ ނާރުތަކުގައި ހިނގަމުންދާ ލޭތައް ދެކޮޅު ދެކޮޅަށް ދުއްވައިގަތްހެންނެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ހިތަށް ކުރި އަސަރު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން، އެއްވެސް އެއްޗެކޭ ނުބުނެ ރަޖްނީއަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއް އޭނާއަކަށްވެސް ނޭނގުނެވެ.
"ކަލާ އަޅުގަނޑު ހޯއްދަވަން ދުރުވިންތޯ މާސްޓަރްޖީ...؟" ކޮޓަރި ތެރެއަށް ވެރިވެފައިވާ ހިމޭންކަން ކަނޑާލާފައި، ރަޖްނީ އަހާލިއެވެ.
"އާނ.. ރަޖްނީ...އަޅުގަނޑު މިތަން ދޫކޮށްލާފައި ދިޔުމުގެ ކުރިން އެއްފަހަރު ކަލާއާ ބައްދަލުކޮށްލާނަމޭ ހީކޮށް ދިޔައީ..."
"ކަލާ ދުރުވަނީ ކޮންތާކަށްތޯ؟" ރަޖްނީ ޙައިރާންވެލާފައި ސުވާލުކުރިއެވެ.
"ކާންޕޫރަށް... އަޅުގަނޑު މިތަނުގެ ވަޒީފާ ދޫކޮށްލީ"
"މީހުން އަޅުގަނޑާމެދު ނަފްރަތު ކުރަންފެށީ...އެހެންވީމާ އަޅުގަނޑު މިތަނުން ދިޔުން ރަނގަޅުކަމަށް ފެނުނީ.."
"އަޅުގނަޑު ވަރަށް ދެރަވެއްޖެ. މާސްޓަރްޖީ! އަޅުގަނޑާ ހުރެ ކަލާއަށް ވަޒީފާ ދޫކޮށްލައްވަން ޖެހުނުކަމާމެދު އަޅުގަނޑު ވަރަށް ދެރަވޭ...."
"ނޫން- ރަޖްނީ އެއްގޮތަކަށް ވެސް އެހެން ހީނުކުރައްވާ! ކަލާގެ ރަށުގައި އަޅުގަނޑުގެ ފެންރޯދި ހުރީ ހަމަ މިހާ ކުޑަ ދުވަސްކޮޅަކަށް...."
"ނަސީބުގައި ހުރިގޮތް ދޮގެއްތޯ!" ބައްދަލުވުން ދެތިން ހަތަރު ދުވަހަކަށް ..ވަކިވުން އަބަދަށްޓަކައި...!"
"ކަލާ ބޭނުންނަމަ އަޅުގަނޑާ އެކު ކަލާ ގެންގޮސްފާނަން އަބަދަށްޓަކައި...."
"ކަމަލް މިބުނި އެއްޗަކުން ރަޖްނީ ބުނާނެ އެއްޗެއް ނޭނގިފައި ކުޑައިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ސީރިއަސް ވެލާފައި ބުންޏެވެ.
"ނޫން މާސްޓަރްޖީ... ކަލާއަށް ރަނގަޅަށް އެނގިލައްވާނެ..އަޅުގަނޑަށް ކަލާއަށް ކެއްސެއްދޭކަށް ނުކެރޭނެ... އަދި އެހެން ނޫނަސް އަޅުގަނޑަށް ކަލާއަށް ދެވޭނެވެސް ދެން ކޮންއެއްޗެއްތޯ؟ .....ވިކިވިކި ހުސްވެފައިވާ ހަށިގަނޑެއް!"
"ނޫން.... ހިތް..."
"އެވެސް ވަނީ ކޮންމެވެސް މީހަކަށް ދެވިފައި" ކަމަލް ޙައިރާންވެފައި ރަޖްނީއާ ދިމާއަށް ބަލަން ފެއްޓިއެވެ. އަދި ސުވާލު ކުރަން ފެއްޓިއެވެ.
"އެ އުފާވެރި ނަސީބުވެރިއެއްގެ ނަން އަހާލެވިދާނެތޯ...؟"
"އަޝޯކް ބާބޫ!"
ކަމަލްގެ ސިކުނޑިއަށް ހީވީ ވަރުގަދަ އެތިފަހަރެއް އެރިހެންނެވެ. އޭނާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާއަށް ވަމުންދާ ގޮތް ނޭނގިހުރެ ރަޖްނީ ބުނަން ފެއްޓިއެވެ.
"އެކަމަކު އަޅުގަނޑަކަށް އޭނާއަކާ ނީނދެވޭނެ.... އަޅުގަނޑަށް ކުރެވޭނެ ކަމަކީ އޭނާއަށް އަޅުކަން ކުރުން" އެގޮތުން ދެން އަންނަ ޙަޔާތެއްގައި އޭނާ އަޅުގަނޑަށް ލިބޭތޯ...!"
"އަޅުގަނޑު ދިޔުމުގެ ކުރިން އަޅުގަނޑުގެ އެންމެ އެދުމެއް ކަލާ ފުރިހަމަ ކޮށްދެއްވަފާނަންތޯ ރަޖްނީ!"
"ބުނުއްވާ!"
ކަމަލް އޭނާގެ ފޮށީގެތެރެއިން ސާޅީއެއް ނަގާފައި ރަޖްނީއާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ.
"އެއްދުވަހަކު ކަލާ ވަނީ މިސާޅީގައި ނުހިފައި އަޅުގަނޑާ ދިމާއަށް އެއްލާލާފައި މިއަދު އެސާޅީ ޤަބޫލުކުރައްވައިގެން ރަޙްމަތްތެރިއަކު އުފާކޮށް ދެއްވާ!"
ރަޖްނީ ތުރުތުރު އަޅައަޅާއޮތް އަތަކުން ކަމަލް ދިން ސާޅީގައި ހިފައިފިއެވެ. އޭރު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުންދެއެވެ. އެހެންކަމުން އޭނާގެ ރަޙްމަތްތެރިޔާގެ ހަދިޔާގައި ބޮސްދިނުމާއެކު އެ ހަދިޔާއިން އޭނާގެ މޫނު ނިވާކޮށްލިއެވެ.
ބާރަ
ރަޖްނީ އަޝޯކްގެ ގެއަށް ވަނުމާއެކު ހޯލްގެތެރެއަށް ވަދެގެން އައިސް އަޝޯކްގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އަދި އަތުގައި އޮތް ޕެކެޓެއް ހުޅުވާލަމުން އަޝޯކްއާ ދިމާއަށް ބުންޏެވެ.
"އަޝޯކް ބާބޫ! ބައްލަވާ! މި ސާޅީ ރީތިތޯ؟"
ކުއްލިއަކަށް ރަޖްނީ އޭނާގެ ކުރިމަތީގައި ހުއްޓާ ފެނުމުން އަޝޯކް ކުޑަކޮށް ސިހޭގޮތްވިއެވެ. ދެން މަޑުމަޑުން ރަޖްނީގެ ކައިރިއަށް ޖެހިލާފައި ސާޅީގައި އިނގިލިޖައްސާލާފައި ބުންޏެވެ.
"ވަރަށް ރީތި...އަދި އެހާ މޮޅު... މި ސާޅީ ވަރަށް އަގުވެސް ބޮޑުވާނެ...ގަތީ ކިހާވަރަކަށް؟"
"ގަތީއެއް ނޫން... ކޮންމެވެސް މީހަކު ދިނީ!"
"އެންމެރަނގަޅު ކާކު ދިނީ؟"
"މާސްޓަރްޖީ..!"
"ވަރަށް ރަނގަޅު....މީވަރަށް މޮޅު ސާޅީއެއް ކަލޭ މި ސާޅީ އެޅީމާ ރީތިވާނެ..."
"ހަމަ ރަނގަޅަށްތޯ!" ތިޔަހެންވިއްޔާ، އަޅުގަނޑު މިއަދު އޭނާއަށް އަލްވަދާޢު ކިޔުމަށް ސްޓޭޝަނަށްދާނީ، މި ސާޅީއަޅައިގެން!"
"އަލްވަދާޢު ކިޔަން ސްޓޭޝަނަށޭ... އަނެއްކާ އެއީ ކީއްވެގެން...؟"
"އޭނާ މިއަދު ހަވީރު ރޭލުން ކާންޕޫރަށް ދަނީ... އޭނާ މިތާނގެ ވަޒީފާ ދޫކޮށްލީ"
"އެކަމަކު އެއީ ކީއްވެގެންތަ؟"
"މަޖްބޫރު ވެގެން ...އަޅުގަނޑާހުރެ އޭނާ ވަރަށް ބޮޑަށް ބަދުނާމްވެއްޖެ އެހެންވެގެން އޭނާ މިރަށް ދޫކޮށްލަނީ...."
"ރަޖްނީ...އެއްޗެކޭ ހީނުކުރަންޏާ ވާހަކައެއް ބުނަންތަ!"
"ބުނުއްވާ!"
"ކަލޭ މާސްޓަރްޖީއާއެކު ނުދާންވީ ކީއްވެ؟"
"މާސްޓަރްޖީވެސް އެދުނީ އެގޮތް...އެއީ ކިހާ މާތްމީހެއްދޯ؟" ހުރިހާ ކަމެއް އެނގިހުރެވެސް އަޅުގަނޑު ކަހަލަ އަގުވެއްޓިފައިވާ އަންހެނަކު އޭނާގެ މީހަކަށް ހަދަން ބޭނުންވީ... އެހެން ނަމަވެސް އަޅުގަނޑަށް ދާކަށް ނުކެރުނު..... އަޅުގަނޑަށް ރަނގަޅީ. އަޅުގަނޑު ބަދުނާމުވުން.... އެހެންމީހަކު އަޅުގަނޑާހުރެ ބަދުނާމު ވާކަށް ނޫން އަމުރު ދެއްވައިފިނަމަ އަޅުގަނޑު މި ސާޅީ އަޅާލަންތޯ!"
އަޅުގަނޑު ސްޓޭޝަނަށްވެސް ދާންޖެހޭ!"
އަޝޯކަށް ޖަވާބެއް ނުދެވި އުޅެނިކޮށް ރަޖްނީ އޭނާގެ ބެޑްރޫމްގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.
(ނުނިމޭ)
Vvv.reethi