ދެކަފި - 13

(13 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޖުނައިދުއެވެ! އަހަރެން ދައްކަން އޮތް ވާހަކަޔަކީ، ޒަރޫން އާއި އަސްމަރާގެ ގުޅުމުގެ ވާހަކައެވެ. އެގުޅުމަށް ދެޢައިލާއިން އާނބަސް ބުނުމުގެ ވަގުތު ޖެހިއްޖެކަމަށް ފެނެއެވެ." ސަމްރާ ބުންޏެވެ. ސަމްރާގެ އެސުއާލަށް ޖަވާބުދިނީ ޣަޒާލާއެވެ.

"ޔަޤީން ނޫންހެއްޔެވެ. ހުރިހާކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ. އެކަމަކު އެކަން މުޅިން ނިންމުމުގެ ކުރިން ޒަރޫން އާ އެވާހަކަ ދައްކާލަން ފުރުޞަތު ދޭށެވެ!" ޣަޒާލާ ބުނެއެވެ. އެކަމަށް ޖުނައިދުވެސް އެއްބަސް ވެއެވެ. މިޒަމާނުގެ ކުދިން ހުރިހާ ކަމެއްގައިވެސް އެމީހުންގެ އަމިއްލަ ގޮތްތައް ގެންގުޅޭ ކަމުގައި ޖުނައިދު އިތުރަށް ބުންޏެވެ.

"ކުދިންނާ ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. ގޮތެއް ނިންމުމުގެ ކުރިން ޒަރޫން އާ ވާހަކަ ދައްކާލަން ޖެހޭނެއެވެ. އަހަރެންނަށް ހީވާގޮތުގައި ދެތިން ހަތަރު ދުވަސް ކޮށްލާފައި އަހަރެމެން އަލުން ބައްދަލު ކޮށްލާނީއެވެ." ބްރަޔަން ބުންޏެވެ.

ދެޢާއިލާގެ ބައްދަލުވުން ނިމިގެންދިޔައީ ވަރަށް އަވަހަށް ބައްދަލުވާނެކަން އިޢުލާން ކުރުމާއެކުގައެވެ. އެއީ އަލުން ބައްދަލުވުމަށް ބަހަނާއަކަށް ހަދާފައެވެ.

------------------------

ކަޝަފުމެންގެ ގޭތެރޭގައި މިއަދަކީ ބޮޑުދުވަހެކެވެ. ވައްހާބާއި މުރުތަޟާ އެގެޔަށް އައިސް ކަޝަފްގެ ކިޔެވުން ހުއްޓުވައި ކަޝަފް މީހަކާ ދެވުމުގެ ބަހުސް ކުރެވެމުން ދެއެވެ. ޢާއިލާގެ އިސްމީހާކަމަށްވާތީ އިސްވެ އެވާހަކަތައް ފެށީ ވައްހާބެވެ. އަމުރުވެރި ރާގެއްގައި ކަޝަފް ކޮބައިތޯ ރާފިޢާ އާ ސުއާލުކުރެއެވެ. ކަޝަފް ދިޔައީ ޔުނިވަރސިޓީއަށް ކަމަށާއި ޔުނިވަރސިޓީން އޭނާއަށް އެޑްމިޝަން ލިބުނު ވާހަކަ ރާފިޢާ ބުންޏެވެ. އޭނާއިނީ ރާފިޢާ ދެކެ ރުޅިއައިސް ރަތްވެފައެވެ. ވާހަކަ ދައްކަން ފެށީ ވައްހާބެވެ. ޢާއިލާގެ ބޮޑެތި މީހުންނާ މަޝްވަރާ ނުކޮށް، ކަޝާފް ޔުނިވަރސިޓީއަށް ފޮނުވަންވީ ހެއްޔޭ، ވައްހާބު ބުނެއެވެ.

"ކޮން ބޮޑެތި މީހުންނެއް ހެއްޔެވެ؟ އަހަރެންގެ މިޢާއިލާގައި ބޮޑުމީހަކީވެސް އަހަރެންނެވެ. އަހަރެންނަށް ފެނުނީމަ އޭނާ ޔުނިވަރސިޓީއަށް ފޮނުވީއެވެ. މައްސަލަޔަކީ ކޮބައި ހެއްޔެވެ؟" ރާފިޢާ ޖެހިލުމެއްނެތި ވައްހާބަށް ޖަވާބު ދިނެވެ.

"ތިބުނީ ކީކޭ ހެއްޔެވެ؟ ކަޝަފްގެ ބައްޕަ މިއިނީއެވެ. ބޮޑުބޭބެ މިއިނީއެވެ. ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟" ވައްހާބުގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓަމުން ދިޔައެވެ. ވައްހާބުގެ އެސުއާލަށް ޖަވާބުދޭންޖެހޭ ކަމަކަށް ރާފިޢާ ނުދެކެއެވެ. އަދި ސައިތަށި ހިހޫ ވެދާނޭ ހިހޫ ނުވަނިސް ބޯލާށޭ ބުންޏެވެ.

"އަހަރެންގާތު ނުބުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގާތު އަހާވެސް ނުލާ އަމިއްލަޔަށް ނިންމީ ހެއްޔެވެ؟" މުރުތަޟާ ރުޅިވެރިކަމާއެކު ރާފިޢާއާ ސުއާލުކުރިއެވެ. އެސުއާލަށް ރާފިޢާ ދިންޖަވާބަކީ އެތައް ފަހަރަކު މުރުތަޟާގާތު އެވާހަކަމ ބުނެފައި އޮންނާނެ ކަމަށެވެ.

"އެވާހަކަ ދެއްކިއެވެ. އެކަމަކު ހުއްދައެއް ނުހޯދަމެއް ނޫން ހެއްޔެވެ؟" މުރުތަޟާ ރުޅިގަދަވަމުން ދިޔައެވެ.

"އަހަރެންނަށް ފެނުނު އެންމެ ރަނގަޅަށް އެއޮތީ ހަދާފައެވެ." ރާފިޢާގެ ޖަވާބު ވަރަށް ކުރެވެ.

"އަހަރެން މިއައީ ކަޝަފްގެ ކައިވެނީގެ ވާހަކަ ދައްކާށެވެ. އަހަރެން ހިތަށް އެރީ ފުރަތަމަ ޑިގްރީ ނިންމީމަ ކަލޭމެން ދެމީހުންގެ ޒިންމާ އެހިސާބުން ނިމި ކައިވެންޏެއް ކުރުމުގެ ވަގުތު ކަޝަފަށް އައީ ކަމުގައެވެ." ވައްހާބު ބުނެއެވެ. ތި ދައްކަނީ ކޮން ކައިވެންޏެއްގެ ވާހަކަހޭ ބުނެ ރާފިޢާ ސުއާލުކުރެއެވެ. އަދި އެއީ ކަޝަފާއި ސަޖާތުގެ ވާހަކަ ކަމަށް ވައްހާބު ބުންޏެވެ. ވައްހާބުގެ ވާހަކައިން ރާފިޢާގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަދި އެއްވެސް ޙާލެއްގައި ކަޝަފްގެ ކައިވެނި ކުރުވަން އަދި ވިސްނާފައި ނުވާކަމަށް ރާފިޢާ ބުންޏެވެ.

"އެއީ ކީއްވެ ހެއްޔެވެ؟ ގޭގައި ކަޝަފް ބަންދުކޮށްގެން ގެންގުޅެން ވިސްނަނީ ހެއްޔެވެ؟" މުރުތަޟާ އާއި ވައްހާބު އެކަކު އަނެކަކަށް ބަލައިލުމަށްފަހު ދެލޯ އަޅައިގެން އިނދެ ވައްހާބު ބުންޏެވެ.

"ﷲ އަށް ޝުކުރު ހުއްޓެވެ. އަހަރެންނަށް އަންހެންކުދިން ދެއްވީ އެކަލާނގެއެވެ. އެކުދިން ބަލައި ބޮޑުކުރީ އަހަރެން އަމިއްލަޔަށެވެ. އެކުދިންނަށް ޒިންމާއެއް އަދާކުރަން ޖެހިއްޖެ ޙާލެއްގައި އެކަންވެސް އަހަރެން ކުރާނަމެވެ." ރާފިޢާ ބުންޏެވެ.

ވައްހާބުގެ ނަޒަރުގައި ރާފިޢާއަކީ އެއްވެސް އުޅުމެއްހުރި އަންހެނެއްނޫނެވެ. ކުދިންނަށް ރަނގަޅަށް މަގު ދައްކައިދީ އެއް ނުހެދެއެވެ. ރާފިޢާއަކީ ޢާއިލާއެއް ބަލަހައްޓައި ކުދިންބަލައި ބޮޑުކުރެވިދާނެ އަންހެނެއްނޫންކަމުގައި ރުޅިވެރިކަމާއެކު ވައްހާބު ބުނެއެވެ. އޭނާގެ އަޑުހަރުވެފައި އަމުރުވެރިއެވެ. ރާފިޢާއަކީ ލާރިހޯދާ މީހެކެވެ. އޭނާއަކަށް ކުދިންނެއް ނުބެލެއެވެ. ވައްހާބުގެ ރުޅިވެރިކަމާއި އަމުރުވެރިކަމަކީ، ކޮން ޙައްޤެއްއޮވެގެން ރާފިޢާއާ ކުރިމަތި ކުރުވާ ކަމެއްކަން ރާފިޢާއަކަށް ނުވިސްނެއެވެ. އޭނާގެ ތިންދަރިން ބަލައި ބޮޑުކުރަނީ ޢާއިލާގެ އެއްވެސް މީހެއްގެ އެހީތެރިކަމެއްނެތި އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިންނެވެ. ޢާއިލާގެ ބޮޑުމީހާއަށްވެގެން ވައްހާބަކީ ދުވަހަކުވެސް، އެކުދިންނާއި ރާފިޢާގެ ޙާލު އަޙުވާލު ބަލައިލި މީހެއްނޫނެވެ. ޢީދާއި ރޯދަ އަދި ކުދިންގެ އުފަންދުވަސްފަދަ މުހިންމު ދުވަސްތައް އައިސް ގޮސްވާއިރު، އެހެން ޢާއިލާތަކުގެމެދުގައި ހެޔޮއެދުމާއި ހަދިޔާ ބަދިޔާ ބަދަކުރުމަކީ ޢާންމު ކަމެކެވެ. އެފަދަ ޢާއިލީ ގުޅުމެއް ރާފިޢާއާއި ރާފިޢާގެ ކުދިންނާ ވައްހާބާ ދެމެދަކު ނެތެވެ. ވައްހާބު އެއްފަރާތް ކުރަމާ ހިނގާށެވެ. ޚުދު އެކުދިންގެ ބައްޕަ މުރުތަޟާއާ ދެމެދުގައިވެސް އެފަދަ ގާތް ގުޅުމެއް އުފެދިފައެއް ނެތެވެ. ރާފިޢާއާއި ތިންކުދިންނަށް އެފަދަ އުފަލެއް، ވައްހާބުގެ ކިބައިންވެސް މުރުތަޟާގެ ކިބައިންވެސް ދުވަހަކުވެސް ލިބިފައެއް ނުވެއެވެ. ވައްހާބަކީ ކުދިންނަށް މަންމަގެ ފަރާތުން އެނަމެއްގެ އަޑުއިވޭ ނަމެކެވެ. ވައްހާބު ކިޔާމީހަކު ބައްޕަގެ ބޭބެއެއްގެ ގޮތުގައި ހުންނަ ވާހަކަ މަންމަމެން ދައްކާ އަޑު އިވެއެވެ. އެއީ ޙަޤީޤަތުގައިވެސް އުޅޭމީހެއްކަންވެސް ކުދިންނަށް އެނގެންފެށީ އެކުދިން އަމިއްލަޔަށް ކަންކަން ކުރެވޭވަރަށް ބޮޑެތިވީފަހުންނެވެ. މިހާރުދެން އެކުދިންގެ މުސްތަޤްބަލަށް ގޮތްނިންމަން އެއީ ކާކު ހެއްޔެވެ؟

ވައްހާބު އިސްއުފުލައި މަތިބަލައިލާ މައްޗަށް އަތްދިއްކޮށްލަމުން، ރާފިޢާގެ ހިތްއަރައި އޮންނަނީ ޞިދުރަތުލް މުންތަހާގައި ކަމަށްބުނެ މަލާމާތް ކޮށްގަތެވެ. އެކަމަކު ކާންޖެހެނީ ފައިތިލައިން ބިންމަތި ހާވައިގެން ކަމަށް ބުންޏެވެ. ބިންމަތި ހާވައިގެން ކައިއުޅެނީ ކުކުޅު ހާލެވެ. ވައްހާބު އެއަރައިގަންނަނީ ރާފިޢާގެ އަބުރާއި ޢިއްޒަތަށެވެ. އޭނާގެ އިންސާނިއްޔަތުކަމުގެ ޙައްޤަށެވެ. ވައްހާބުގެ އަތާއި ފަޔާ މުޅިހަށިގަނޑު އޭނާގެ ވާހަކަޔާ އެއްވަރަށް ޙަރަކާތްތެރި ވެއެވެ. އިސްކޮށްފައިވާ ރުޅިގަނޑު މައިތިރި ނުވެގެންނެވެ. ވައްހާބު، ރާފިޢާ ސިފަކުރަމުން ގެންދިޔައީ، އެއީ ކަޝަފްމެންގެ ބޭބެނޫންއެހެން މީހެއްނަމަ، ކަންކަށިމަތީ ސައްޕެއް އަޅާފައި ވައްހާބު އެގެއިން ބޭރުކޮށްލާފަދަ ބޭއަދަބީ ގޮތަކަށެވެ. ރާފިޢާ ޙައިރާންކަމާއެކު ކަންބޮޑުވެ އަދި ބަސްހުއްޓިފައި އޭނާގެ ކުރިމަތީގައިތިބި ބޮޑެތި ދެފިރިހެނުން އެދައްކާ ވާހަކައިން އާޝޯޚުވެފައި އިނެވެ. އެއީ ސަލާމަތް ބުއްދިއެއް ލިބިގެންވާ، ތަޞައްރަފު ފުދޭ، ދުވަސްވީ ބޮޑެތި ފިރިހެނުން ދައްކާކަހަލަ ވާހަކައެއް ނޫނެވެ. އެންމެފަހުން ރާފިޢާއަކަށް ހިމޭނަކުން ނުއިނދެވުނެވެ. ބޮޑު ސިންގާ ދެފިރިހެނުން ފުއްޕާފައި އޭނާއާ ދިމާއަށް ލޯއަޅައިގެން ތިބެ، އޭނާގެ އަބުރާ ޢިއްޒަތަށް އަރައިގަންނަން އޭނާގެޟަމީރު ރުހޭގޮތެއް ނުވިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި އެދެފިރިހެނުންނަށް ޖަވާބުދޭން ރާފިޢާ ނިންމިއެވެ.

"ބިންމަތި ހާވައިގެން ކާ ނިކަމެތި އިންސާނެއްގެ ގެޔަށް ކައިވެނީގެ ދަޢުވަތު ހިފައިގެން ތިއައީ ކީއްކުރަން ހެއްޔެވެ؟ އެހާ ގޮތެއް ފޮތެއް އަދި އުޅުމެއްނެތް، ލަދެއް ޙަޔާތެއްވެސް ނެތް މީހެއްގެ ދަރިއަކު، އެހެން ޢާއިލާއަކާ ޙަވާލުކުރީމަ އެޢާއިލާއަށް އެކުރެވެނީ ކިހާބޮޑު ބޭއިންސާފެއް ހެއްޔެވެ؟ ކަލޭމެން ތިއައީ ހަމަ ހެޔޮ ނިޔަތެއްގައި ހެއްޔެވެ؟" ރާފިޢާ، ވައްހާބާ ދިމާއަށް ބުންޏެވެ. ރާފިޢާގެ ޖަވާބުން، ކުރިމަތީ ތިބި ދެފިރިހެނުންގެ ބަސް ހުއްޓުނެވެ. އެމީހުންގެ މޫނުމަތީ ރާފިޢާ، ވަރުގަދަ ތަފާލެއް އެޅި ކަހަލައެވެ. އަދި ދެން އިތުރަށް އެމީހުންނަށް އެވާހަކަ ދައްކަން ކެރޭވަރަށްވުރެ ބޮޑަށް ލަދުގަތެވެ. އެމީހުން ހީކުރީ އެމީހުންގެ ޙީލަތްތެރި ބަސް ރާފިޢާގެ މައްޗަށް ވިކޭނެ ކަމަށެވެ. އެހެނަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

"އަހަރެންގެ ބޭބެގެ ޢިއްޒަތާއި އަބުރަށް އަރައިގަތްއިރު، ކަލެޔަށް އެއްވެސް ލަދުވެތިކަމެއް އިޙްސާސެއް ނުވޭދޯއެވެ؟" މުރުތަޟާ ނުކުމެގެން ދަމުން ރާފިޢާއާ ދިމާއަށް ލޯއަޅައިގެންފައި ބުންޏެވެ.

"އަހަރެންނެއް އޭނާގެ ޢިއްޒަތަކަށްވެސް އަދި އަބުރަކަށްވެސް އަރައެއް ނުގަންނަމެވެ. އަހަރެންނަށް ކަޝަފް ކައިވެންޏެއް ކުރާކަށް އަދި ވަގުތެއް ނާދެއެވެ. އެހެންވީމާ އެހިސާބުން އެވާހަކަ ނިންމައިލީއެވެ." ރާފިޢާ ހަމަޖެހިލައިގެން ހުރެ ބުންޏެވެ.

"އެކައިވެނި ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ އަދި އެ ކައިވެނި ހުއްޓުވަން ކަލޭތީ ކާކު ހެއްޔެވެ؟ ރާފިޢާއާ ދިމާލަށް އަންނަމުން މުރުތަޟާ ބުންޏެވެ. އަދި މުރުތަޟާއަކީ އޭނާގެ ބައްޕަ ކަމަށް ބުންޏެވެ. އެއީ އޭނާގެ ކުދިންކަމުގައިބުނެ އަޑުގެ ނެތްތަނަށް، ރާފިޢާއާ ދިމާއަށް މުރުތަޟާ ހަޅޭއްލަވައިގަތެވެ. މުރުތަޟާއަށް ހީވާގޮތުގައި އެކުދިންގެ ދިރިއުޅުމާބެހޭ ނިންމުންތައް ނިންމާނީ އޭނާއެވެ.

"އަހަރެން ބޭނުން އިރަކުން އެމީހުންގެ ކައިވެނި ކުރުވާނަމެވެ." މުރުތަޟާގެ ރުޅިގަނޑު މައިތިރިއެއް ނުވެއެވެ.

"އެއީ ކަލޭގެ ކުދިންނެއް ނޫނެވެ. އެއީ ހަމައެކަނި އަހަރެންގެ ކުދިންނެވެ. ހަނދާން އެބަހުރި ހެއްޔެވެ. ކަލޭ އަހަރެމެން ދޫކޮށްލާފައި ގޮސް، އެހެން ކައިވެންޏެއްކުރީ އަހަރެން ވިހަނީ ހުސް އަންހެންކުދިން ނޫންހޭ ބުނެފައި ނޫން ހެއްޔެވެ؟ އެހިސާބުން އެތިންކުދިންނަކީ އަހަރެންގެ ކުދިންނެވެ. އެކުދިން ބަލައި މި ބޮޑުކުރަނީ އަހަރެމެން ތިންމައިންކުރާ ބުރަ މަސައްކަތުންނެވެ. ކަލޭ އެކުދިންނަށް ލޯލާރިއެއްވެސް ދިއްކޮށްނުލައެވެ. އެހެންވީމާ އެކުދިންގެ ދިރިއުޅުމުގެ ހުރިހާކަމެއްވެސް ނިންމާނީ އަހަރެންނެވެ." ރާފިޢާ ވަރަށް ސާބިތުކަމާއެކު މުރުތަޟާއަށް ރައްދު ދިނެވެ.

"ކަލޭ ބޭނުންވަނީ އަހަރެންގެ ކުދިންގެ އެއްވެސް ކަމަކާ ނުބެހެން ހެއްޔެވެ؟ ކަލޭ ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން މަޑުން ހުރުން ހެއްޔެވެ؟ ކަލޭ ބޭނުންވާ ގޮތަކީ އެއީ ނޫން ހެއްޔެވެ؟" މުރުތަޟާ ރުޅިއައިސް ރަތްވެފައިހުރެ ބުންޏެވެ. މުރުތަޟާ އަށް ޖަވާބު ދިނުމުގެ ގޮތުން ރާފިޢާ ބޭނުންވާ ގޮތަކީ އެއީކަމުގައި ބުނެ މުރުތަޟާގެ އަނގަ ބަންދުކޮށްލިއެވެ.

"އެހެން ހެއްޔެވެ؟ އެހެންވިއްޔާ މީގެފަހުން އަހަރެން މިގެޔަކަށް ނުވަންނާނަމެވެ. ކަލެޔާ ކަލޭގެ ތިންކުދިން ނަރަކަޔަށް ދާށެވެ." މުރުތަޟާ ކައިރިޔަށް އައިސްހުރި ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ.

އެހިސާބުން މުރުތަޟާވެސް އެގެއިން ނުކުމެގެން ދެއެވެ. އެމީހުންގެ މޫނުމަތީ އެހާރީތިކޮށް ރާފިޢާއަށް ތަފާލެއް އަޅަން ކެރޭނެކަމަކަށް ދެމީހުންކުރެ އެކަކަށްވެސް ހީވެފައެއް ނެތެވެ. އައިސްތިބި ރުޅިގަނޑު ކެކިއަރައި،  ތުރުތުރުލަމުން، އަރިއަޅަމުން އެގެއިން ނުކުމެގެން އެދެމީހުން ދިޔައެވެ. އެހުރިހާ ވާހަކަތަކެއް އަޑުއަހަން ގޭގެ އެއްކަނެއްގައި ޞިދްރާ ހުއްޓެވެ. އެމީހުން ނުކުމެގެން ދިއުމުން ޞިދްރާ އޭނާގެ މަންމަގާތަށް ޖެހިލިއެވެ. އަދި ކަންބޮޑުވެ ހާސްވެފައިހުރި މަންމަގެ ގައިގާ ބައްދާލިއެވެ. މިއަދު އެދެކެވުނު އެއްވެސް ވާހަކައެއް ކަޝަފްގާތު ނުބުނުމަށް ޞިދްރާގާތު، ރާފިޢާ ބުނެއެވެ. އަދި އެއީ އަބަދުވެސް ޞިދްރާގެ ބައްޕަގެ ޢަމަލުހުންނަގޮތޭ ބުންޏެވެ.

------------------------

އެކުއްޖާ ދެމިނިޓުން ޒަރޫން މައިތިރި ކޮށްލައިފިއޭ ބުނެ،  ޒަރޫންއާ އަސްމަރާ އަދި ޒަރޫންގެ ރަޙުމަތްތެރިޔާ އުސާމާ ޔުނީއިން ނުކުންނަމުން، ބުނެލިއެވެ. އަދި އެތިންމީހުންގެ މެދުގައި އެކަމާބެހޭ ބަޙުސް ކުރިޔަށް ގެންދިޔައެވެ. މިހާރު ޔުނިވަރސިޓީތަކަށް މިވައްދަނީ ކޮންކަހަލަ މޮޔަކުދިންނެއް ހެއްޔޭ ބުނެ އަސްމަރާގެ ޚިޔާލު ފާޅުކުރިއެވެ. އަދި އެއްވެސް އަދަބެއް ސަދަބެއް ނެތްތާނގައި މީހަކަށް އިޙްތިރާމްވެސް ކުރަނީކީ ނޫނެވެ. ޒަރޫންހުރީ، ކަޝަފްގެ ޢަމަލުތައްހުރިގޮތުން ވަރަށް ލަދުގެންފައެވެ. އަދި ކޮންފަދަ ޒީލަގަދަ އަންހެނެއްހޭ ބުނެ ބޯހޫރައިލިއެވެ. އެޑްމިޝަންއަކީ މެރިޓަށް ބަލާފައިދޭ އެއްޗެއްކަމުގައި އުސާމާ ބުނެއެވެ. ކޮންމެ ކުއްޖެއްކަމަށްވިޔަސް، އެއްވަނަޔަށް ހޮވިފައި އެއޮތީ، އެކުއްޖާގެ މެރިޓް ކަލޭމެން ދެމީހުންނަށްވުރެ މަތިވެގެން ނޫން ހެއްޔެވެ. އެކަމުގައި އޭނާގެ ކުށަކީ ކޮބައިހެއްޔެވެ. އޭނާގެ ގަޓް އެބަހުއްޓެވެ. އެހެންނޫނީ ޒަރޫންކަހަލަ މީހަކު މައިތިރި ކުރުމަކީ ކުރެވިދާނެ ކަމެއްނޫނެވެ. މިއަދު ވަރަށް މަޖާ ވެއްޖެއެވެ.

"އެއީ އަހަރެން ގަޔާވާ ކުއްޖެއް ނޫނެވެ. ވަރަށް ފޫހިވެއްޖެއެވެ." ޒަރޫން ބުންޏެވެ. އަދި ޒަރޫންއާ އެއްބައިވެ އޭނާވެސް އެކުއްޖާ ދެކެ ފޫހިވާކަމުގައި އަސްމަރާ ބުންޏެވެ.

"އަހަރެން އެކުއްޖާއާ ޤަބޫލެވެ. އޭނާގެ ގޮތެއް އެބަހުއްޓެވެ. އަސްމަރާއަށް އޭނާ ކަމުނުދަނީ ކީއްވެ ހެއްޔެވެ؟ މިހާތަނަށް އަސްމަރާއާ ދިމާއަށް އެކުއްޖާ އެއްވެސް އެއްޗެކޭ ނުބުނޭ ނޫން ހެއްޔެވެ؟" އުސާމާ ބުންޏެވެ.

"އަހަރެންނާ އޭނާ ވާހަކައެއް ނުދައްކަމެވެ. އެކަމަކު ޒަރޫންއާ ދިމާއަށް އޭނާ އެއްޗެތިކިޔައިފި ނޫން ހެއްޔެވެ. ޒަރޫންއާ ދިމާއަށް ކިޔާ އެއްޗެހި އެއީ އަހަރެންނާ ދިމާއަށް ކިޔާ އެއްޗިއްސެވެ." އަސްމަރާ ބުންޏެވެ.

"ރަޙުމަތްތެރިން ތިބޭނީ އެގޮތަށެވެ. ކަލޭގޮތަށް މަށަށް މަލާމާތްކޮށް  އަސްމަރާއެއް ނުހޭނެއެވެ." ޒަރޫން ބުންޏެވެ.

"އަދި މިހާތަނަށް އެއްވެސް އަންހެން ކުއްޖަކު ޒަރޫން ލަދުގަންނުވާލާފައެއް ނުވެއެވެ. ހުރިހާ ކުދިންވެސް ނަށަނީ ޒަރޫންގެ ޢިޝާރާތަށެވެ. މިއަދު މުޅިކްލާހުގެ ހުރިހާ ކުދިންގެ ތެރޭގައި ފުރަތަމަ ފަހަރަށް ޒަރޫން އިސްދަށަށް ޖަހާލަން ޖެހުނީ އެހިތްވަރުގަދަ ކުއްޖާގެ ބަސްތަކުންނެވެ. އެއީ ހަމަ، ގަދަ ކުއްޖެކެވެ." އުސާމާ ބުންޏެވެ. މިކަލޭގެ އަނގަޔަކުން ދެރައެއްނުވާނޭ ބުނެ ފޫހިއަރައިގެންފައި ހުރެ، އެތިވަރު ގޮވަމުން އަސްމަރާ، ޒަރޫންގެ އަތުގައި ހިފައިގެން އެތަނުން ހިނގައިގަތެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.