މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ދަނޑުވެރިކަމުގެ ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ކ. ކާށިދޫގައި ބާއްވައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ތިން ދުވަހަށް ބަހާލައިގެން 29 ދަނޑުވެރިންގެ ބައިވެރިވުމާއެކު މި ވޯކްޝޮޕް ވަނީ ފުރިހަމަކޮށްފައެވެ. މި ވޯކްޝޮޕް ގައި ދަނޑުވެރިންނަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން ވަނީ މައުލޫމާތު ހުށަހަޅައިދީފަ އެވެ.
މައުލޫމާތު ހުށަހަޅުއްވައި ދެއްވާފައިވަނީ ކަމާގުޅުންހުރި އެކި އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުންނެވެ. މައުލޫމާތު ފޯރުކޮށްދެއްވުމުގައި ޙަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީގެ ރިސޯސް ބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެސް.އެމް.އީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)، އަޔާދީ ތަކަފުލް، ބިސްނަސް ސެންޓަރ ކޯޕަރޭޝަން، އެގްރޯނެޓް އަދި ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ވަނީ ދަނޑުވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވާފަ އެވެ.
މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ.
ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއް ހަމައެއްގައި، ދަނޑުވެރިކަން ކުރަމުން ގެންދާ ގޮތްތަކަށްވެސް ބަދަލު ގެނައުމަކީ މުހިންމުކަމެއްކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. މީގެ އިތުރުން، ދަނޑުވެރިކަން ކުރަން ލިބޭ ކުޑަ ބިންކޮޅުން ރަނގަޅު ނަފާއެއް ހޯދޭނެ ގޮތަކަށް ދަނޑުވެރިކަން ކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވޯކްޝޮޕްގެ ބައިވެރިއެއް ކަމަށްވާ އަޙްމަދު ފަލާޙް ވަނީ ބައިވެރިންގެ ފަރާތުން ޝުޢޫރު ފާޅު ކޮށްފަ އެވެ. ފަލާޙްގެ ވާހަކައިގައި ވޯކްޝޮޕްގެ ތެރެއިން ގިނަގުނަ މަޢުލޫމާތު ލިބުނުކަން ފާހަގަކޮށް، ވޯކްޝޮޕް ކުރިއަށް ގެންގޮސްދިން ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ޚާއްސަކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އެސްޑީއެފްސީ، އަޔާދީ ތަކަފުލް، ބިސްނަސް ސެންޓަރ ކޯޕަރޭޝަން، އެގްރޯނެޓްއަށް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ. އަދި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށް އޮތް ތަނުގައި ހުރި ގޮންޖެހުންތައް ނައްތާލުމައް ސަރުކާރުގެ އެއްބާރުލުން ދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފަ އެވެ.
މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއަޔާތުގައި ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ދެއްކެވި ވާހަކަ ފުޅުގައި ވޯކްޝޮފްގެ ތެރެއިން ލިބުނު އިލްމު ބޭނުންކޮށް، ކުރިއަށް އޮތް ތަނުގައިވެސް އައު މަޢުލޫމާތު އަދި ތަޖުރިބާ ހޯދައި، ކާށިދޫގެ ދަނޑުވެރިކަން ކުރިއަށް އޮތް ތަނުގައި އެ މަޢުލޫމާތު ބޭނުންކޮށްގެން މި ރަށުގެ ދަނޑުވެރިކަން ކުރިއެރުވުމަށްއެދިލެއްވި އެވެ.