އިންފޯފިޝް ގަވަރިނިން ކައުންސިލް ބައްދަލުވުން ނިމުނީ ކާމިޔާބު ކަމާއެކު: ފިޝަރީޒް

އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ 34 ވަނަ ބައްދަލުވުން މިއަދު ނިންމާލައިފިއެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިބައްދަލުވުން ނިންމާލީ ކާމިޔާބު ކާމާއެކީގައި ކަމަށެވެ. މިމަހުގެ 16 އިން 19 އަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މިބައްދަލުވުމުގައި އަންނަ އަހަރު އިންފޯފިޝް މެމްބަރު ޤައުމުތަކުގައި، އިންފޮފިޝް މެދުވެރިވެގެން ހިންގާނޭ ބައެއް ޙަރަކާތްތައް ހިމެނޭ ގޮތަށް 2020 ގެ ޕްރޮގްރާމެއް ވަނީ އެކުލަވާލެވިފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. އެ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ދައިރާއަށް ބޭނުންވާ ބައެއް މުހިއްމު ތަމްރީނުތައް ހިންގާނޭ ދާއިރާތައް ވެސް ވަނީ ކަނޑައެޅިފައެވެ. އޭގެތެރޭގައި، މަސްވެރި އުޅަނދުތަކުގައި މަހުގެ ކޮލީޓި ހިފެހެއްޓުމާއި، މަސްވެރިކަމުގެ މާރކެޓްތަކުގެ ދިރާސާކުރާނެ ގޮތްތަކާއި ވެލިޔު ޗެއިން ދިރާސާކުރުމާއި ގުޅޭގޮތުން ތަމްރީނު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި، ސައުތު އީސްޓް އޭޝިޔަން ފިޝަރީޒް ޑެވެލޮޕްމަންޓް ސެންޓަރ (ސީފްޑެކް) އާއި އިންފޯފިޝް އާދެމެދު، އިންފޯފިޝްގެ މެމްބަރު ޤައުމުތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ދާއިރާއިން އެހީތެރިވުމަށް ޓަކައި، އެމް.އޯ.ޔޫ އެއް އެކުލަވާލުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، އެސެންޓަރުން މަސްވެރިކަމުގެ ތަރައްޤީކުރަން ކުރާ ބައެއް މަސައްކަތްތައް އިންފޯފިޝް އާއި ޚިއްސާކުރުމާއި، 2020 ވަނަ އަހަރު ސީފްޑެކުން ހިންގާ ބައެއް ތަމްރީނުތަކުގައި އިންފޯފިޝްގެ މެމްބަރު ޤައުމުތައް ބައިވެރިވުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.  މީގެކުރިން ސީފްޑެކްއިން ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީ އެސެންޓަރުގެ މެމްބަރު ޤައުމުތައް ކަމުގައިވާ އާސިޔާންގެ ޤައުމުތަކަށެވެ.

މިއެމް.އޯ.ޔޫގައި ސޮއިކުރުމުން، އެސެންޓަރުން ހިންގާ ތަފާތު ތަމްރީނު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެއެވެ. މިއީ ރާއްޖެފަދަ މިބާވަތުގެ ތަމްރީނަށް ބޭނުންވެފައިވާ ޤައުމަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމުގައި މެމްބަރު 7 ޤައުމަކުން ޖުމްލަ 17 ފަރާތެއް ބައިވެރިވިއެވެ. އަދި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަރނެޝަނަލް 2 އޮބްސަރވަރުން ބައިވެރިވިއެވެ. އޭގެ އިތުރުން މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު އާއި، ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު މިބައްދަލުވުން ނިންމާލީ  35 ވަނަ ގަވަރިނިންގ ކައުނސިލް ގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމުގައިވާ ޕާކިސްތާނާ ރިޔާސަތު ހަވާލުކުރުމަށްފަހުއެވެ.  35 ވަނަ ގަވަރނިންގ ކައުންސިލް ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާންގެ ކަރާޗީގައެވެ. މިބައްދަލުވުން ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ އިތުރު މަޝްވަރާއަށް ފަހު މެމްބަރު ގިނަ ޤައުމުތަކަށް ފަސޭހަ ދުވަސްވަރެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.