މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމައިފި

ގަލޮޅުގައި ތަރައްގީކުރާ ޕާކުގެ ނަމޫނާއެއް

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ތަރައްގީ ކުރަން ނިންމީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކޮށް ގަލޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ގަލޮޅުގައި ޕާކެއް ތަރައްގީ ކޮށްދިނުމަށް އެދުމުން ނެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ތަރައްގީ ކުރާ ޕާކު ފަރުމާކޮށްފައިވަނީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުމެއް ނުލިބޭ ގޮތަށެވެ. މި ޕާކުގައި ކުޑަ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީ ކުރާ "ޕްލޭ އޭރިއާ" ގައި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބަޔަކާއި ކުޑަކުދިންނަށް ހާއްސަ ބައެއް އެކުލެވިގެންވާނެއެވެ.

މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ "ޓްރީ ހައުސް ތީމް" އަށެވެ. މީގެ އިތުރުން ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެ އެވެ.

ކުޑަކުދިން ކުޅެން ދޫކޮށްލުމަށްފަހު، ބެލެނިވެރިން އަރާމުކޮށްލާނެ ފުރުސަތު ދިނުމުގެ ގޮތުން، ކުޑަކުދިން ކުޅޭ ސަރަހައްދުގައި ބެލެނިވެރިން އިށީނުމަށް ގިނަ އަދަދެއްގެ ޖާގަ ދެވިފައިވާނެ އެވެ. ޕާކުގެ އެހެން ސަރަހައްދުތަކުގައިވެސް ތަފާތު ސީޓިންގް ޖާގަ ފަހިކޮށްދީފައިވާނެ އެވެ. ހާއްސަ ތީމް އަކަށް ފަރުމާކޮށްފައިވާ 'ފްލަރވަރ ސީޓް' އަދި 'ލީފް ސީޓް' ތަކެއް ވެސް މި ޕާކުގައި ބަހައްޓާފައިވާނެ އެވެ.

މި ޕާކުގައި އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމް އަކާއި ކަސްރަތު ކުރުމަށް ހިނގާ ޓްރެކް އެއް ބެހެއްޓިފައިވާނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކަސްރަތުކުރުމަށް ފަރުމާކުރެވިފައިވާ ހާއްސަ "އައުޓްޑޯ ޖިމެއް" ތަރައްގީ ކޮށްފައިވާނެ އެވެ.

ޕާކުގެ ފާޚާނާ ބްލޮކްގައި އަންހެން ފިރިހެން އަދި ހާއްސައެހީ އަށް ބޭނުންވާ ފަރާތްތަކަށް ޖާގަ ތަނަވަސްކޮށްފައިވާނެ އެވެ.

މި ޕާކުގެ ސްޕޯރޓްސް އޭރިޔާގައި ބެޑްމިންޓަން ކޯޓްއަކާއި 3އޮން3 ބާސްކެޓްބޯލް ކުޅޭނެ ކޯޓެއް ހުންނާނެ އެވެ. މި ސްޕޯޓްސް އޭރިޔާގެ ދަށުގައި، ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިންޒޯން އެއް ވެއެވެ. މިޕާކިންގް ޒޯންއާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި 2 ސްލޮޓު އިންނާނެ އެވެ.

ސަލާހުއްދީން މިސްކިތާއި ޕާކާއި ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރުމުގެ ގޮތުން، އެ ސަރަހައްދު އަލި ކުރުމަށް ،ޕާރކުގެ ފާރުގައި 'އެމްބެޑެޑް ލައިޓް' ހަރުކޮށްފައިވާނެއެވެ. ޕާކުގެ އެތެރޭގެ ލައިޓް ތަކާއިއެކު، މި ސަރަހައްދަކީ އެކަށީގެންވާ ވަރަށް ދިއްލިފައިވާ ސަރަހައްދަކަށް ވެގެންދާނެ އެވެ.

މަގުގެ ޓްރެފިކް އާއި ޕާރކް އާ ދެމެދު ބަފަރ އެއް ލުމުގެ ގޮތުން، ޕޭވްމެންޓްގައި ހަނި ޕްލާންޓަރ ބޮކްސް ތަކެއް ބެހައްޓާފައިވާނެ އެވެ. މި ޕްލާންޓަރ ބޮކްސް ތަކުން ޕާރކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސް ތަކެއް ފަރުމާ ކޮށްފައިވާނެ އެވެ.

ޕްލާންޓަރ ބޮކްސް ތަކުގެ ސައިޒް ވީހާވެސް ހަނި ކޮށް، ޕޭވްމެންޓް ގައި ޕްރޭމް އަދި ފުރޮޅީގޮނޑި ދުއްވާ ޖާގަ ދީފައިވާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.