ބްރިޖް ހައިވޭގައި ހުރި ސޯލާޕެނަލްތައް ވަޔާ ދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް!

ސިނަމާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާޕެނަލްތައް ވަޔާ ދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ގެންނަވައިފި އެވެ.

ސޯލާޕެނަލްތައް ވަޔާދާ މައްސަލައާއިގުީޅިގެން މިރޭ ކުރެއްވި ޓްވީޓެއްގައި މޭޔަރ ވިދާޅުވީ ބްރިޖް ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް ވަޔާއެކު ވިއްސައިގެންދާކަން ފާހަގަވެފައިވާކަމަށާއި، މިއަދު ހަވީރު 4 ޕެނަލް ވަނީ ވިއްސައިގެން މޫދަށް ގޮސްފައިކަމަށެވެ.

މިއާއިއެކު މޭޔަރ ވަނީ ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ޙާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ސޯލާޕެނަލްތައް ހަރުކުރުމާއިއެކު މީގެ ކުރިން މޭޔަރ ވަނީ އެ ރީތި ޤުދުރަތީ މަންޒަރުތައް އެކަމުގެ ސަބަބުން ގެއްލިގެންދާކަންވެސް ފާހަގަކުރައްވާފައެވެ. އަދި ރިނިއުބަލް އެނާޖީ އަކީ މުހިންމުކަމެއް ނަމަވެސް އެކަމެއް ކުރަންވާނީ އެކަމަށް އެންމެ އެކަށީގެންވާ ގޮަތަކަށްކަމުގައިވެސް މޭޔަރ މުޢިއްޒު މީގެ ކުރިން ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން ބުނެފައިވަނީ މިއީ އެކްސެލަރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ)ގެ ނަމުގައި ވޯލްޑް ބޭންކްގެ އެހީގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީ އިން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.