ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ގުޅިފަޅުގައި މާލޭގެ ވިޔަފާރި ބަނދަރު ހެދުން ހުއްޓައިލުމަށް މާލޭ މޭޔަރު މުޙައްމަދު މުޢިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މާލޭ މޭޔަރުކަމުގެ ހުވައި ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ ގުޅިފަޅުގައި ބަނދަރު ހަދަން ސަރުކާރުން ނިންމާފައިވަނީ އެއްވެސް ކަހަލަ ސައިޓިފިކު ކަމަކަށް ބަލާފައެއް ނޫނެވެ. އެ ބަނދަރު ހެދުން އެންމެ ރަނގަޅީ ކުރީގެ ސަރުކާރުން ނިންމާފައި އޮތް ގޮތަށް ތިލަފުށިގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. މޭޔަރު ފާހަގަ ކުރެއްވި ގޮތުގައި ގުޅިފަޅުގައި ވިޔަފާރި ބަނދަރު ހެދުމުގެ ބަދަލުގައި އެތަން ގެދޮރުވެރިކަމަށް ޚާއްސަ ކުރުމަކީ މާލޭ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.
މޭޔަރު މުއިއްޒުގެ ވާހަކަފުޅުގައި އިތުރަށް ގޮވައިލެއްވީ ހިޔާ ފުލެޓު ވީހައިވެސް އަވަހަކަށް ހައްގުވެރިންނަށް ލިބޭނޭ ގޮތް ހައްދަވައި ދެއްވާށާއި ކުލި ފުލެޓުތަކުގެ ފިނިޝިންގ މަސައްކަތަށް ހިނގާ ޚަރަދު ކުލިން ކެނޑޭ ގޮތް ހަދާށާއި އެއް ފަހަރާ ޑައުން ޕޭމަންޓު ނުދެއްކޭ މީހުންނަށް ބައިބަޔަށް ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖައްސާށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ހުށަލަޙަޅައި ކައުންސިލްގެ އިއްތިފާގުން ވަނީ އެ ޕްލޭން ފާސް ކޮށްފައެވެ. މާލޭގެ ރައްޔިތުންނަށްޓަކައި ކުރާނޭ ވަރަށް ގިނަ ކަންތައްތަކެއް ޕްލޭނުގައި ވަނީ އެކަށައަޅައިފައެވެ.