7 ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގަންނަވަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

7 ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ރައީސް ނަޝީދު މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ 7 ވަނަ ރައިސީނާ ޑައިލޮގަކީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީއާއި، އޮގްޒާރވަރ ރިސަރޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ.

މިއަހަރުގެ ކޮންފަރެންސް މިމަހުގެ 25 އިން 27 އަށް ނިއުދިއްލީގައި ކުރިއަށްދާއިރު، މިއަހަރުގެ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ރައީސް ނަޝީދުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށެވެ. ޚާއްސަކޮށް ޤައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން އެ ޤައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުންދިއުމާގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރައީސް ނަޝިދުގެ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި އެ ޤައުމުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.