އަމީނީމަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމަށް އަމުރު ދެވޭކަށް ނެތް: ސިވިލް ކޯޓު

އަމީނީމަގުގައި ހުރި ގަސްތައް ކެނޑުން ހުއްޓުވުމަށް އަމުރު ދެވޭކަށް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އެ ކޯޓުން މިގޮތަށް ކަނޑައެޅީ އަމީނީމަގު ހެދުމަށްޓަކައި ގަސް ނެގުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހުށަހެޅުއްވި މައްސަލާގަ އެވެ.

ރައީސް ނަޝީދު އެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު، އެ މަޝްރޫއު ހިންގުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަމުންދާތީ އެވެ.

އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުމެއް ނުލިބޭނެ ކަމަށާއި ގާނޫނީ ގޮތުން ހިމާޔަތް ހޯދަންޖެހޭ ހައްގެއް އެ މައްސަލާގައި ފެންނަން ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންވެ، ނަޝީދު އެދިވަޑައިގަތް އަމުރު ނެރެދެވެން ނެތް ކަމަށް ކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.

އެމަނިކުފާނު ހުށަހެޅުއްވި މައްސަލައިގާ ވަނީ މައްސަލަ ނިމެންދެން ގަސް ނެގުން ހުއްޓުވުމުގެ އަމުރަކަށް އެދުނެވެ.

ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ ނަޝީދަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއް ނޫން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.