(8 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އާނ އާނ..... ކަލެއަކީވާ ހާދަމާތް އިންސާނެއް. އަނގުރުން ހަދާފައިވާ ހާރެއް ކަރުގައި އަޅައިގެންވެސް ނުއަނދާ ސަލާމަތްވެވޭ ފަދަ ބާރެއް ކަލޭގެ ކިބައިގައި އެބަހުރި..." ސީމާ މަލާމަތުގެ ފާޑަކަށް ބުންޏެވެ.
"ހައްދު ފަހަނައަޅާ ނުދޭ ސީމާ... ކަލޭ މިހާރު ތިޔަ ގެންދަނީ އިލްޒާމުގެ މައްޗަށް އިލްޒާމް އަޅުވަމުން... އަހަރެން މިގެންދަނީ ކެތްކުރަމުން ނަމަވެސް ކެތްކުރުމަށްވެސް ޙައްދެއް އޮންނާނެ ފަހަރެއްގައި، އަހަރެންނަށް އެހައްދު ފަހަނައަޅާނުގޮސް ހުރެވުނިއްޔާ ރަނގަޅު!"
"ކަލޭއަށް އަހަންނަށް ދެވޭނީ ކޮންދެރައެއް....އެންމެ ބޮޑުވަރަކަށް ކަލެއަށް ކުރެވޭނެކަމަކީ މިގެއިން އަހަރެން ބޭރުކޮށްލުމެއްނު... އަހަރެން އަމިއްލައަށްވެސް ބޭނުމީ މިގެއިން ބޭރަށްދާން.....އަހަރެން މިގެއަށް ކުޅުވެސް ޖަހާނަން.... ކަލޭ ގެއެއްކަމަށް ތިޔަ ހީކުރަނީ މިއީ ނަރަކަ... އަހަރެންނަށްޓަކައި މިގެއަކީ ބާޒާރުމަތީ އަންހެނުންގެ ގެއެއް....ނާސި އަންހެނުންގެ ގެއެއް"
"ސީމާ...." އަޝޯކް ރުޅި ކޮންޓްރޯލްކުރެވޭތޯ މަސައްކަތް ކުރިއެވެ. ތުރުތުރު އަޅަމުންނެވެ.
"މަށާ ދިމާއަށް ތިޔަ ލޯއަޅަނީ،ބަލަ އަހަރެންނަކީ ކަލޭ ގަނެގެން ގެނެސްފައި ހުރި އަޅެއް ނޫން.... ނުވަތަ ފީދީގެން ގެނެސްފައި ހުރި ނާސި އަންހެން ކުއްޖެއްނޫން.... ޤަދަރު ހުރި އިއްޒަތްތެރި ބައްޕައަކާ މަންމައެއްގެ އިއްޒަތްތެރި އަދި އިއްފަތްތެރި އަންހެން ދަރިއެއް... ކަލޭ ފަދައިން އާއިލާއަށް ޓަކައި ހުތުރަކަށްވާކަށް އަހަރެން ބޭނުމެއްނޫން...."
"ސީމާ... ބޮޑެތި މީހުންގެ ކުރިމަތީގައި ކުދީން ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއްނޫން..."
އަޝޯކް މަންމަ ވަރަށް ގިނައިރު ވަންދެން ކެތްކޮށްގެން އިނުމަށްފަހު ސީމާއާ ދިމާއަށް ބުންޏެވެ. ނަމަވެސް އޭނާ މިހެން ބުނުމުންވެސް ސީމާގެ ރުޅި ވަކީން ގަދަވީއެވެ.
"ކަލާ ހިމޭނުން އިންނަވާ އާންޓީ... ކަލާމެންގެ ޒަމާން މިހާރުވަނީ ނިމިފައި، އެޒަމާނަކީ، އިންޑިޔާގެ އަންހެނުންނަކީ ގެރިއެކޭ ބުނެވުނު ޒަމާން... އަންހެނުންނަކީ ނުކިޔަވާ ތިބޭ ޖާހިލު ބައެއްގެ ގޮތުގައި ބޭތިއްބި ޒަމާން...މިހާރުގެ އަންހެނުން ވެސް ތިބީ ކިޔަވައިގެން، އެމީހުންގެ ހައްޤުތައް ދެނެގަނެގެން....."
މިހިސާބަށް ދިޔުމުން ރަޖްނީއަކަށްވެސް ހިމނަކުން ނުހުރެވުނެވެ. ސީމާއާ ދިމާއަށް ކުރިއަށް ޖެހިލާފައި މަޑުމައިތިރިކަމާއެކު ބުނަން ފެއްޓިއެވެ.
"ތިޔަހާ ބޮޑަށް ކިޔަވާ ވިދާޅުވެގެން ހުންނެވި، އަދި ތިޔަހާ ވިސްނުންފުޅު ތޫނު ކަލާފަދަ ބޭފުޅަކު ދާދި ކުޑަކުޑަ ޝައްކުވުމެއްގެ މައްޗަށް ތިމާގެ އަމިއްލަ މުސްތަޤްބަލް ހަލާކު ކޮށްލައްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟.."
"ފާފަކޮށްފައި، ޝައްކު ކުރަނީއޭ ބުނަން ކަލޭ ލަދެއް ނުގަނޭތަ؟"
"ސީމާ ދޭވީ... މިގޭގެ ހުރިހާ ހައްޤެއްވެސް ވަނީ ހަމަ ކަލާއަށް. ކަލާއަކީ މިގެއަށް އަންނަން ކަނޑައެޅިފައިވާ ލަކްޝަމީ... މިގޭގެ މާދަމާގެ ޒީނަތްތެރިކަން އަދި މިގޭގެ ކުރިޔަށް އޮތް ތާނގެ ސާހިބާ..."
"މި ނާސި އަންހެނުންގެ ބާޒާރަށް އަހަރެންގެ ގެޔޭ ކިޔަން ކަލޭ ލަދެއް ނުގަނޭތަ؟"
"ސީމާ..." އަނެއްކާވެސް ޝާންތީ ސީމާއާ ދިމާއަށް ބުންޏެވެ. ނަމަވެސް މިފަހަރުވެސް ޝާންތީ އެއްޗެކޭ ބުނާނެ.. ފުރުޞަތުނުދީ ސީމާ ރަޖްނީއާ ދިމާއަށް ބުންޏެވެ.
"އެ ގެއަކަށް ކަލޭކަހަލަ ނާސި އަންހެނުން ވަންނަ ގެއެއް އެއީ ދުވަހަކުވެސް އަހަރެންގެ ގެއަކަށް ނުވާނެ"
"ސީމާ... ކޮއްކޯ... އަޅުގަނޑަކީ ކޯލްގާރލްއެއް... ނާސި އަންހެނެއް.... މީހުގެ ތެރޭގައި ވެއްޓިފައިވާ މީހެއް..... ނަމަވެސް އަޝޯކް ބާބޫއަކީ އެފަދަ މީހެއް ނޫން... އޭނާ ދުވަހަކުވެސް އެފަދަ ފާފައެއް ކުރައްވާފައެއް ނެތް. މާތްރަސްކަލާނގެއަށްޓަކައި ކަލާގެ ގެ ބަރުބާދުވިޔަ ނުދެއްވާ މިގެ އާބާދުކޮށްދެއްވާ. އަޅުގަނޑު މިގެއަށް އައީ ވައިރޯޅިއެއްހެން ހަމައެގޮތަށް އަޅުގަނޑު މިގެއިން މިދަނީ... ބާޒާރު މަތީގައި ދަތުރުކުރާ ވައިރޯޅިއަށް ހޮޓާ ހޮޓަލަކަށްވެސް އަދި ފައްޅި ފައްޅިއަށްވެސް ވަދެވޭ..."
"އެކަމަކު މިހަޑި މުޑުދާރު ވައިން ސަލާމަތް ވުމަށް ޓަކައި އަހަރެން މިގެއިން މިދަނީ.."
ސީމާ ނަފްރަތުގެ ރާގަކަށް ބުނެލިއެވެ. އަދި މޫނު ހަދާލާފައި އޭނާގެ ބައްޕައާ ދިމާއަށް އެނބުރިލާފައި ބުންޏެވެ. "ހިންގަވާ ބައްޕާ" މި ފާފައިގެ ދުނިޔޭގައި އަޅުގަނޑުގެ ފުރާނަވެސް ގެއްލިދާނެ. އަވަހަށް މިތަނުން ހިންގަވާ!"
"ހިންގަވާ ލަކްޝަމީ ނާރާއިންޖީ... މި ވިޔާނުދާ ކުއްޖާ ގަނޑު އަޅުގަނޑުމެންގެ ޢާއިލާގެ އިއްޒަތާއި ޤަދަރު ވެއްޔާ މޮޑެލައިފި. މިއަދުން ފެށިގެން އޭނާއަކީ އަޅުގަނޑުގެ ދަރިއެއްވެސް ނޫން... އަދި އަޅުގަނޑު މީ އޭނާގެ ބައްޕައެއްވެސް ނޫން..."
އެހެންބުނަމުން މަސަންތުރާއޮވެސް ދާން ތައްޔާރުވެއްޖެއެވެ. އަދި ބޭރަށް ނުކުންނަމުން ޝާންތީއާ ދިމާއަށް ބުންޏެވެ. "ހިނގާ ޝާންތީ" މިހާރު މިތާނގައި އަހަރެންގެ ވެސް ފުރާނަ ގެއްލިދާނެ"
"ނޫން...ނޫން.. އަޅުގަނޑު ސީމާ ކޮއްކޮ ދުރުވިޔަކަ ނުދޭނަން...." އެހެން ބުނެފައި އެވަގުތު ރަޖްނީ ސީމާއާ ދިމާއަށް ހިނގައިގެންފިއެވެ.
"ޚަބަރުދާރު އަހަރެންނަށް ކޮއްކޮ ނުކިޔާތި... ވިޔާނުދާ މީހާ..." ސީމާ ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ.
"އަޅުގަނޑަކީ ކޮންމެފަދަ މީހަކަށްވިޔަސް ، ކަލާއަށް އެނގިލައްވާނެ.. އަޅުގަނޑު ކަލާގެ ދެ ފައިގައި ހިފާފައި މިއާދޭސް ކުރަނީ މާތްރަސްކަލާނގެއަށްޓަކައި މަޑުކުރައްވާ މިގެއިން ނުދުރުވޭ....މާތް ޢާއިލާއެއް ބަރުބާދުވެގެން ދިޔަ ނުދެއްވާ..." ތިޔަހެން ނުހައްދަވާ!" ރަޖްނީ އާދޭސް ކުރަމުން ދިޔައެވެ.
"ދުރަށްދޭ ދުރައްދޭ! މުޑުދާރު ނާސި އަންހެނާ! ކަލެއަށް ހުރީ ލައުނަތް އަދި ކަލޭ ކަހަލަ ވިހަހަރުފައެއް ބަނޑުއަޅާ ވިހޭ މަންމައަކަށްވެސް ހުރީ ލައުނަތް....." ސީމާގެ ދުލަށް އައިހާ އެއްޗެއް ރަޖްނީއާ ދިމާއަށް ގޮވަމުން ދޮރާ ދިމާއަށް ހިނގައިގެންފިއެވެ.
"ނޫން... ނޫން... އަޅުގަނޑުގެ މަންމައާއި ދިމާއަށް އެއްޗެތި ނުކިޔުއްވާ... މަންމައަށް ނުކިޔުއްވާ! އެއްވެސް މަންމައަކަށާއި ބައްޕައަކަށް އެމީހުންގެ ދަރިންނެއް ނުބައެއްނުވާނެ. އަޅުގަނޑުގެ މަންމަވެސް އަޅުގަނޑު ވިހެއީ ނުލާހިކު ލޯބިން. އެހާމެ ޢިއްޒަތުގައި މިނިކަމެތިކަމާއި ފަޤީރުކަން އަޅުގަނޑަށް އަންނާނެކަމަށް އަޅުގަނޑުގެ މަންމައަށް ފަހަރެއްގައިވެސް އެނގިފައިއެއްނުވޭ. އެކަމުގައި މަންމަގެ އެއްވެސް ކުށެއްނެތް... މަންމައާ ދިމާއަށް އެއްޗެތި ނުކިޔުއްވާ... އަޅުގަނޑު ވިޔާނުދާ މީހަކަށްވީ އަޅުގަނޑު އަމިއްލައަށް..." ރަޖްނީއަށް އަޑުން އަޑުނަގާ ރޮވޭ ގޮތްވެއްޖެއެވެ. އަދި އަވަސް އަވަހަށް އެގެއިން ނުކުމެގެން ބޭރަށް ހިނގައްޖެއެވެ.
ރަޖްނީ ނިކުމެގެން ދިޔުމުން ކޮޓަރިތެރެއަށް ހިމޭންކަން ފެތުރިއްޖެއެވެ.
އަޝޯކް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. އޭނާގެ ކުށެއްނެތްކަން އޭނާގެ ބައްޕައަކާއި މަންމައަށް ވިސްނާދޭނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ.
"ކަލޭމެން އެންމެންނަށް ހީކުރެވިގެން ތިޔަ އުޅެނީ ކުށްހީއެކޭ" ބުނާންވީއޭ އޭނާގެ ހިތަށް ވަނުމުން އެހެންވެސް ބުނާކަށް ނުކެރެއެވެ. އޭނާގެ ކުރިމަތީގައި ތިބި ހަތަރު މީހުންނާ ދިމާއަށް ވަކިވަކިން ބަލަން ހުރެވުނީއެވެ. އޭރު އެމީހުން އޭނާ ދޫކޮށްލާފައި އެގެއިން ނިކުމެގެންދާން ތައްޔާރުވަނީއެވެ. އެންމެފަހުން އޭނާ ވަރަށް އަދަބުވެރި ގޮތެއްގައި އޭނާގެ ބައްޕައާ މުޚާތަބްކޮށް ބުންޏެވެ.
"ތިޔައީ ބައްޕަމެންގެ އެންމެފަހު ނިންމެވުންތޯ؟"
"އާން... އަހަރެމެންގެ އެންމެ ސިކުންތެއްވެސް އިރުވެސް މިގޭގައި މަޑުކުރާކަށް ނެތިން..."
މަސަންތުރާއޮ ބުންޏެވެ. އަދި ލަކްޝަމީ ނާރާއިން އާ ދިމާއަށް ބަލާލުމުން އޭނާވެސް އެވާހަކައަށް ތާއީދުކުރުމުގެ ގޮތުން ބޯޖަހާލިއެވެ.
" މަންމާ... މަންމަވެސް ދަނީތަ؟" އަޝޯކް
ކުރާނެ ކަމެއް ނެތިގެން މަންމައާ ދިމާއަށް ބުނެލިއެވެ.
"މިހާރު ދެން މިތާ ހުރެގެންވެސް ކުރެވޭނީ ކީއް...؟ ދަރިފުޅު ކަންތައް ތިޔަކުރީވެސް...."
"ނޫން މަންމާ އެންމެ ކުޑަމިނުން މަންމަ އަޅުގަނޑާމެދު ކުށްހީ ނުކުރައްވަ ބައްލަވަ..." އަޝޯކްގެ އަޑު ބެދޭގޮތް ވެގެން ދިޔައެވެ. ލޮލުން ވެސް ފެންއަންނަގޮތް ވެގެން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ.
(ނުނިމޭ)
vvv.reethi