(18 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކަމަލް ކަޅި ޖަހާނުލާ ބަލަންހުރީ ރަޖްނީއާ ދިމާއަށެވެ. އޭނާގެ ޗާލު ހިނގުމަށެވެ. ރީތިކޮށް ހެލެމުންދާ ލޫޅާފަތި އުނަގަނޑެވެ. ކަޅުކުލަ ގަދަ އިސްތަށިގަނޑެވެ. ދޮން ހަށިގަނޑެވެ. ހީވަނީ އޭނާގެ މިހުރިހާ ކަންތައްތަކެއް ކަމަލްގެ ހިތް އެދިމާއަށް ދަމަމުން ގެންދާހެންނެވެ. ކަމަލް ހަމަ އެ ހުރިތާނގައި ހުރީއެވެ. ދެންމެ އެތަނުން ދިޔަ އަންހެން ކުއްޖާއާ ދިމާއަށް ބަލާށެވެ. އޭނާ އޭރު ސްކޫލްގެ ގޭޓުން ބޭރަށް ނުކުންނަނީއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ މަގުމައްޗަށް ގޮސް ގެއްލިއްޖެއެވެ. ނަމަވެސް އޭނާގެ ތަޞްވީރު އަދިވެސް ކަމަލްގެ ހިތުގައި ހަމައެގޮތަށް އެބަހުއްޓެވެ. ހީވަނީ ކޮންމެވެސް ކަހަލަ ޖާދޫއެއްގެ ބާރުހެންނެވެ.
ހަތަރެއް
ޖެހިގެން އައި ދުވަހު ހެނދުނެވެ. އާދައިގެ މަތިން، އަޝޯކް އުޅުނީ ބަދިގޭގައި ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. އޭނާ ބިހެއް ތަޅާލާފައި ޕްރައިންގް ޕޭން މައްޗަށް އަޅާލިއެވެ. އެތަންވަޅު ކޮންމެވެސް މީހަކު ބޭރުން ދޮރުން ރަނގަބީލު ޖެހިއަޑު އިވުނެވެ. ބިސް އުނދުންމައްޗަށް ދޫކޮށްލާފައި އޭނާ އަވަސް އަވަހަށް އައިސް ދޮރު ހުޅުވާލިއެވެ. ބޭރުގައި ހުރީ ރަޖްނީއެވެ. އޭނާގެ އަތުގައި އޮތީ ކުރީ ރޭ އޭނާއަތަށް އަޝޯކް ދިން މުންޑާއި ގަމީހެވެ. ދެމީހުންނަށްވެސް، އެއްވެސް އެއްޗެއް ނުބުނެވި އިރުކޮޅަކު އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިބެވުނީއެވެ. އެންމެފަހުން އެ ހިމޭންކަން ނަގާލީ ރަޖްނީއެވެ. އަޝޯކްއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ރަޖްނީ ވާހަކަ ދައްކަން ފެށުމުންނެވެ.
"ކަލާގެ ހެދުން މިއޮތީ!" އެހެން ބުނެފައި އެއްވެސް ބީރައްޓެހިކަމެއްނެތި ރަޖްނީ ގޭތެރެއަށް ވަދެއްޖެއެވެ. އަދި އަޝޯކްގެ މުންޑާއި ގަމީސް މޭޒުމަތީގައި ބާއްވާފައި ބުންޏެވެ.
"އަޅުގަނޑު އޮންނާނީ އެ މުންޑާއި ގަމީސް ދޮވެފައި އަދި އިސްތިރިވެސް ކޮށްފައި..."
އެތަންވަޅު ކޮންމެވެސް އެއްޗެހި އަނދާވަސް އޭނާއަށް ދުވައިގެން ނޭފަތް ހަދާލާފައި ސުވާލުކޮށްލިއެވެ.
"އެއްޗެއް އަނދަނީކަންނޭންގެ!"
"އަސްތާ... އަހަރެންގެ ނާސްތާ.." އަޝޯކް ސިއްސައިގެން ގޮސްފައި ބުނުމާއެކު ބަދިގެއާ ދިމާއަށް ދުއްވައިގެންފިއެވެ.
ރަޖްނީވެސް އޭނާގެ ފަހަތަށް ދުވަމުން ކަހަލަ ގޮތަކަށް ބަދިގެއަށް ދިޔައެވެ. ދެމީހުންނަށް އެކުއެކުގައިހެން ބަދިގެއަށް ވަދެވުނުއިރު ފްރައިންގްޕޭންގައި އޮތް ބިސް ވަނީ މުޅިން އަނދާފައެވެ. ރަޖްނީ އަވަސް އަވަހަށް އުނދުނުގެ ގޭސް މަދުކޮށްލިއެވެ. އަދި ފްރައިންގް ޕޭން ނަގާފައި ދޭފަތުން ސާފުކޮށްލަމުން ބުންޏެވެ.
"މީ ތިޔަބޭފުޅުންގެ ކަމެއް ނޫން- މިއަންހެނުންގެ ކަމެއް- ކައިވެނި ކުރައްވަންވީ އެހެންނޫނީ، ނޯކަރު އަންހެނަކު ހޯދައްވަންވީ.... ދެން ދުރުވޭ. އަޅުގަނޑު ކަލާގެ ނާސްތާ ތައްޔާރުކޮށްފާނަން"
ރަޖްނީ މިހެން ބުނީ ވަރަށް އަމުރުވެރި ގޮތަކަށް ކަމުން އަޝޯކް އެއްވެސް އެއްޗެއް ނުބުނެ ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. ރަޖްނީ އަވަސް އަވަހަށް ބިސްގަނޑު އަޅަން ފަށައިފިއެވެ. ހަމައެއާއެކު ސައި ކުރާ ކެއްކުމަށްޓަކައި އަނެއް އުނދުންވެސް ރޯކޮށްލާފައި ކުރާ އުދައިފިއެވެ.
އަޝޯކް ހޯލްގެ ތެރެއަށް ހުއްޓުނީ ދެންމެ ރަޖްނީ ހިފައިގެން އައި އޭނާގެ މުންޑާއި ގަމީހުގެ މައްޗަށް އެ ތަކެތިވަނީ ވަރަށް ރީއްޗަށް އިސްތިރިކޮށްފައެވެ. އަޝޯކް މޭޒު ކައިރިއަށްގޮސް އެ މުންޑާއި ގަމީހުގައި އަތް ޖައްސާލިއެވެ. އަދި މަޑުމަޑުން އެއްޗެތި ނަގާފައި އޭގައި ވަސްގަތެވެ.
އެތަކެއްޗަކީ ކުރީރޭ ރަޖްނީ ލާންދިން ހެދުމުގެ ތަކެއްޗެވެ. އެތަކެތި ވާނީ ރަޖްނީގެ ހަށިގަނޑުގައި ޖެހިފައެވެ. އެހެންކަމުން އެތަކެތީގައި މިހާރުވަނީ އަޝޯކަށްޓަކައި ވަރަށް އާދަޔާޚިލާފް ދަމައިގަތުމުގެ ބާރެއް އެކުލެވިފައެވެ. އެތަކެތީގައި އަތްޖައްސާލަނީ ކަމަށެވެ. އެތަކެތީގައި ވަސްގަންނައިރު އޭނާގެ ހިތަށް ގެންނަނީ ރަޖްނީ ގައިގައި ވަސްގަންނަނީ ކަމަށެވެ. އަޝޯކްގެ ނާރުތަކަށް ކަރަންޓް އަންނަ ކަހަލައެވެ. އޭނާގެ މޫނު ރަތްވެގެން ހިނގައްޖެއެވެ. އެވަގުތު އޭނާއަށް ރަޖްނީގެ ވާހަކައެއް ހަނދާންވިއެވެ. "މިއީ ތިޔަބޭފުޅުންގެ ކަމެއް ނޫން. މިއަންހެނުންގެ ކަމެއް- އަވަހަށް މީހަކާ ކައިވެނިކުރަންވީ. އެހެންނުނީ ނޯކަރު އަންހެނަކު ހޯދަންވީ"
"ނާސްތާ ތައްޔާރުކުރެވިއްޖެ" ކުއްލިއަކަށް އޭނާއަށް ހޭލެވުނީ ރަޖްނީގެ އަޑަށެވެ.
އަޝޯކް އެނބުރިލާފައި ރަޖްނީއާ ދިމާއަށް ބަލާލިއެވެ. އޭރު އޭނާ މޭޒުމަތީގައި ޓްރޭ ބަހައްޓައިގެން، ޓޯސްޓާއި ބިސްގަނޑު އޮތް ތަށިތައް ވަރަށް ތަރުތީބުގޮތެއްގައި މޭޒުމަތީގައި އަތުރަނީއެވެ. އަޝޯކް މޭޒު ކައިރީގައި އިށީނދެއްޖެއެވެ. ރަޖްނީގެ ކުރިމަތީގައި ހަމައެކަނި ސައިތައްޓެއް ހުރިތަން ފެނިގެން އަޝޯކް ސުވާލުކޮށްލިއެވެ.
"ކަލާ ނާސްތާއެއް ނުކުރައްވާނަންތަ"
"ނޫން... އަޅުގަނޑު މިއައީ ނާސްތާކޮށްގެން...ވީމާ އަޅުގަނޑު ހަމައެކަނި ސައިތައްޓެއް ބޯލާނީ" ރަޖްނީ ސީރިއަށް ގޮތެއްގައި ބުނެލިއެވެ. އަދި ހަކުރު އަޅާފައިވާ އެތީން ހަކުރު ސަމުސަލެއް ނަގަމުން "ކިތައް ސަމުސާތޯ" އޭ އަހާލިއެވެ.
"އެކެއް" އަޝޯކްއެއް އިނގިލި އުފުލާލާފައި ޖަވާބުދިނެވެ.
"އަޅުގަނޑު އަޅަނީ ދެ ސަމުސާ" އެހެން ބުނެފައި ރަޖްނީ އަޝޯކްގެ ސައިތައްޓަށް އެއްސައިސަމުސާ ހަކުރުއަޅާ ދީފައި، އޭނާގެ ތައްޓަށް ދެ ސަމުސާ ހަކުރު އަޅާލިއެވެ.
"ސައި ކިހިނެތޯ؟"
"ވަރަށް މީރު... ކަލާ ފަދައިން " އޭނާ ހީނލާފައި ބުންޏެވެ.
ރަޖްނީއަށް އަޝޯކް މިކޮށްލި ތާރީފަށްޓަކައި ހިނިތުންވެލިއެވެ. އަދި އޭނާގެ ސައިތަށިން ކޯވަރެއް ބޯލާފައި ބުންޏެވެ.
"ލައްބަ …ހަމަ ވަރަށް މީރު... އެކަމަކު އަޅުގަނޑު ފަދައިންނެއްނޫން... ކަލާ ފަދައިން!"
ރަޖްނީގެ ވާހަކަކޮޅު އަހާފައި އަޝޯކުގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އޭނާ އިސްއުފުލާލާފައި ރަޖްނީއާ ދިމާއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ރަޖްނީ ވަރަށް އަސަރުކުރުވާގޮތަކަށް ހީނލިއެވެ. އަޝޯކަށް އިސްޖަހާލެވިއްޖެއެވެ. އެވަގުތު އޭނާއަށް ފެނުނީ މޭޒުމަތީގައި ބާއްވާފައި އޮތް ރަޖްނީގެ ރީތިރީތި އަތެވެ. އެއަތްފެނުމާއެކު އަޝޯކަށް އޭނާގެ އަތް އެއަތާ ދިމާއަށް ގެންދެވެން ފެށިއްޖެއެވެ. އެކަމަކު ކޮންމެވެސް ނޭނގޭ ބިރެއްގެ ސަބަބުން. އަނެއްކާވެސް އިސް އުފުލާލާފައި ރަޖްނީއާ ދިމާއަށް ބަލާލިއެވެ. ރަޖްނީގެ މޫނުމަތީގައި އަދިވެސް ވަނީ އެއުފާވެރި ހިނިތުންވުމެވެ. އެހެންކަމުން އަނެއްކާވެސް އަޝޯކްގެ ހިތްވަރު އާވިއެވެ. އޭނާގެ އަތް، ރަޖްނީގެ އަތާދިމާއަށް ގެންދަން ފެއްޓިއެވެ. ރަޖްނީއަށް އަޝޯކްގެ ޖަޛްބާތީ ޙާލަތު އެނގޭތީ އޭނާގެ ހިތާހިތާ ވަރަށް ބޮޑަށް އުފާވަމުންދެއެވެ. އެންމެފަހުން އަޝޯކް ވަރަށް ހިތްވަރު ކޮށްގެން އޭނާގެ އަތް މަޑުމަޑުންގެނެސް ރަޖްނީގެ އަތްމަތީގައި ބާއްވައިފިއެވެ. ނަމަވެސް ރަޖްނީއަށް ޓަކައި އެ ކަންވީ ވަރަށް ނުރަނގަޅު ޙާދިޘާއަކަށެވެ. އޭނާގެ ހިތަށް އެރީ ކުރީ ވަރަށް އެހެންކަހަލަ އަސަރެކެވެ. އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ހިތްދަތިވުމުގެ ކުލަތަކެވެ. އެހެންކަމުން އަވަސް އަވަހަށް އޭނާގެ އަތް އަޝޯކްގެ އަތުތެރެއިން ދުރުކޮށްލިއެވެ. އަޝޯކަށް ހީވީ އޭނާއަށް ކުރެވުނު ކަންތަކާމެދު ރަޖްނީ ނުރުހުނީކަމަށެވެ. އެހެންކަމުން އޭނާ ވަރަށް ބޮޑަށް ލަދުގަންނަގޮތްވިއެވެ. އެވަގުތު ވަރަށް ބިރުވެރި ގޮތަކަށް ރަޖްނީ ބުނެލިއެވެ.
"ކަލާ އަޅުގަނޑު ގައިގައި އަތްލައްވާކަށް ނުވާނެ..."
"ލައްބަ.. އަޅުގަނޑަށް އޮޅިގެން ކުރެވުނު ކަމެއް" އަޝޯކް ހަމައެއިންގޮތަށް އިސްޖަހައިލައިގެން އިނދެ ބުންޏެވެ.
"ލައްބަ.. އެއީ ކީއްވެގެންތޯ... އަޅުގަނޑަކީ ކޯލް ގާރލްއެއް.. ނާސި އަންހެން ކުއްޖެއް"
ރަޖްނީ ވާހަކަ އަހާފައި އަޝޯކްގެ ހިތަށް ކުއްލިއަކަށް ވަރަށް ބޮޑަށް ތަދުވެގެން ދިޔައެވެ. އޭނާ ދެލޯ ބޮޑުކޮށްލާފައި ރަޖްނީއާ ދިމާއަށް ބަލަން ފެއްޓިއެވެ. ރަޖްނީ ވަރަށް ދެރަވެފައިވާ ރާގެއްގައި ބުންނަ ފެއްޓިއެވެ.
(ނުނިމޭ)
މަތިކުރާލެއް މާ ކުރީ، ތަންކޮޅެއް ދިގުކޮށް މަތިކޮށްދެއްވާ! ޝުކުރަން އައްބާސްބެ. ވާހަކަ ވ ރީތި.
Vvv.reethi