އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީ ސޮއިކޮށްފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު އެއްބަސްވެވިފައި ވެއެވެ.

މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އެގޮތުން އޭސީސީން ތަޙުޤީޤުކުރާ މައްސަލަތައް މި އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މަޢުލޫމާތު ވަކި ހަމައަކުން އޭސީސީއާ ޙިއްޞާކުރަމުންދިއުން ހިމެނެ އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށްދަނީ މި ދެ މުއައްސަސާ ގުޅިގެން ނެވެ.

އެގޮތުން ތަޙުޤީޤު ކުރިއަށްދާ މައްސަލަތަކުގައި މި އޮފީހުގައި ޤާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރުވެސް މިގެންދަނީ ތަޙުޤީޤަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުން ނެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ މިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.