މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޭސީސީގެ ޤާނޫނަށް އިޞްލާހު ގެންނަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަނބިދަރިން ހިމެނޭގޮތަށް، މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލްގެ ބަހުސް މަޖިލީހުގައި ކުރިއަށް ގެންދަވައިފިއެވެ. ބިލަށް ގެނައުމަށް ހުށަހަޅައިފައިވާ އިސްލާހުތަކުގެ ތެރެއިން މާލީބަޔާން ހުށަހަޅަންޖެހޭނެކަމަށް ބުނާ މާއްދާގައި ބުނަނީ އެކޮމިޝަނަށް އައްޔަންކުރެވޭމީހާ މަޤާމާ ހަވާލުވިއިރު އޭނާއަށް ލިބިފައިވާ އާއްމުދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު ތިން މަސްދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލަށް ހުށަހަޅަން ޖެހޭނެކަމަށެވެ. އަދި މަޤާމާ ހަވާލުވިތާ އަހަރެއް ފުރުމުގެ ކުރިން އެއަހަރުގެ މާލީ ބަޔާންވެސް ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ބުނެއެވެ.

ކޮމިޝަންގެ މެމްބަރަކު މަޤާމުން ވަކިވުމަށްފަހު ވެސް ނުވަތަ އިސްތިޢުފާ ދެއްވުމަށްފަހު ވެސް ތިން މަސްދުވަހުގެ ތެރޭގައި އޭނާގެ މާލީބަޔާން ހުށަހަޅަންޖެހޭނެކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ. އަދި މާލީ ބަޔާންތައް ހުށަހަޅާއިރު އެ މެމްބަރުގެ އަނބިންނާ ބަލަހައްޓަމުން ގެންދާ ދަރިންނާ އަދި ބެލެހެއްޓުމުގެ ދަށުގައިވާ އެހެން މީހެއްނަމަ އެމީހުންގެ މާލީބަޔާންވެސް ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ. މިގޮތަށް ހުށަހަޅާ މާލީބަޔާންތަކުން އެއްވެސް މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ އޮޑިޓަރ ޖެނަރަލް އެމައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިޚްތިތާރު ބިލުން ވަނީ ދެއްވައިފައެވެ.

ކޮމިޝަންގެ މެމްބަރަކު އިތުރު ވަޒީފާއެއް އަދާކޮށްގެންވެސް ނުވާނެކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ. އޭގެތޭރޭގައި އާމްދަނީ ލިބޭނެ އިތުރުކަމެއް ކޮށްގެންނުވާނެކަމަށް ބުނެފައި ވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއް ހިންގައި ވިޔަފާރި އުޞޫލުން އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް ބިލުގައި ބުނެފައި ވެއެވެ. ކޮމިޝަންގެ މެމްބަރެއްގެ ޙައިސިއްޔަތުން ނޫނީ ދައުލަތުގެ އެހެން އެއްވެސް ކޮމިޝަނެއް ނުވަތަ ކައުންސިލެއް ނުވަތަ މަޖިލީހެއް ނުވަތަ އެހެން ޖަމާޢަތެއްގައި އުޖޫރައަކަށްވިއަސް އަދި އުޖޫރައަކާ ނުލައިވެސް ބައިވެރި ވެގެން ނުވާނެކަމަށް ބިލުގައި ބުނެފައި ވެއެވެ. ކޮންސަލްޓެންޓެއްގެ ޙައިޞިއްޔަތުންވެސް މަސައްކަތް ކޮށްގެން ނުވާނެކަމަށް ބިލުގައި ބުނެފައި ވެއެވެ. އަދި އޭސީސީގެ މަސައްކަތާ ފުށު އަރާފަދަ މަދަނީ ޖަމާޢަތެއްގެ މެމްބަރަކަށްވެސް ވެގެން ނުވާނެކަމަށް ބިލުގައި ބުނެފައި ވެއެވެ.

އޭސީސިގެ ޤާނޫނުގެ މައިގަނޑު ހަ މާއްދާ އަކަށް މި ބިލުން އިޞްލާހު ގެނެސްފައިވެއެވެ.

މިބިލް ،މަޖިލީހަށް ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެމްބަރ ޢަލީ ރިޒާ އެވެ. ބިލް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ބިލުގައި ހިމެނޭ އިޞްލާހުތަކަކި މުސްތަޤިއްލުކަމާއި ތަޢައްސަބުން އެއްކިބާވެ މިނިވަންކަމާއެކުގައި މަސައްކަތް ކުރާތަނަކަށް އޭސީސީ ހަދައި އެކަން ކަށަވަރު ކުރުމަށްޓަކައި ޤާނޫނަން ގެންނަން ޖެހޭ އިޞްލާޙުތަކެއްކަމުގައެވެ. އަދި އެއީ ސާރުކާރުގެ ވަޢުދެއްކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދިބިލު ހުށަހެޅުމުގެ ބޭނުމަކީ އޭސީސީގެ މެމްބަރުންނަކީ ކަރަޕްޝަނާއި ފަސާދައިން އެއް ކިބާވެ ނަޒާހަތްތެރި ބައެއްގެ ގޮތުގައި އުޅުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުން ކަމަށް ވެސް މިލަންދޫ ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.

މަޤާމުގައި ހުރެ ވަޒީފާއަށް ނުނުކުންނަވައި މުސާރަ ނަންގަވާ މައްސަލައަކީ ކޮމިޝަންތަކުގައި ދިމާވަމުންދާ ކަމެއްކަން ފާހަގަ ކުރައްވައި މިހާރު ހުށަހެޅިފައިވާ އިޞްލާހުތަކުން އެކަމަށް ޙައްލެއް ހޯދިގެން ނުދާކަމަށް ވެލިދޫ ދާއިރާގެ މެމްބަރ އަޙްމަދު ޢަބަދުﷲ ޝަފީޤް ވިދާޅުވިއެވެ. އޭސީސީގެ ކުރީގެ ރައީސް ޙަޞަން ލުޠުފީއާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނާއިބް ރައީސްވެސް ވަޒީފާއަށް ނުކުމެ ވަޑައި ނުގަންނަވާ މުސާރަ ނަންގަވަމުން ގެންދެވިކަން ފާހަގަ ކުރެއްވިއެވެ. ޤާނޫނުގެ ތެރެއިން އެފުރުޞަތު ނުލިބޭގޮތަށ ކޮމެޓީ މަރުޙަލާގައި އެ އިސްލާޙު ގެނެވެންޖެހޭނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭސީސީގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މިއަދު މަޖިލީހުގައި ވޯޓަށް އައްސަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.