އަދީބުގެ ދައުވާތައް ބާޠިލް ކުރި ޤާޒީގެ މައްސަލައިގައި މަޖިލީހުގައި ބަހުސްކުރަނީ    

 އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާ ބާޠިލްކުރި ހުކުމް އިއްވެވި ކްެރިިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ  ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައިދިނުމަށް ގޮވާލައްވައި މަޖިލީހަށް މައްސަލައެއް ވައްދައި ބަހުސް ކުރަން ފަށްޓަވައިފިއެވެ.

ޤާޒީ އިސްމާޢީލް ރަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަންފަށްޓަވައިފައިވާއިރު ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވެސް އެޤާޒީ ގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

ޤާޒީ އިސްމާޢީލް ރަޝީދުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަތީފެވެ. މެމްބަރ ޙަސަން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާގުޅޭ މައްސަލައެއްގެ ހަތްދައުވާ އެއްގެ އިބްތިދާއީ އަޑު އެހުމާ ހިސާބުން މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުޞަތުވެސް ނުދެއްވައި، ދަޢުވާތައް ބާޠލްކުރުމަށް ޤާޒީ ނިންމެވި ނިންމެވުމަކީ ވަރަށް ހައްސާސް މައްސަލައެއް ކަމަށެވެ. އަދި ދަޢުވާތައް ބާޠިލްކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ގިނަ އިޖްރާތުތަކާ ޚިލާފަށް ނިންމައިފައިވާ ނިންމެވުމެއް ކަމަށެވެ. އެހެންކަމުން އަމައްސަލައަކީ މަޖިލީހުގައި ބަހުސްކޮށް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއްކަމަށެެވެ.

މައްސަލަތައް ބެލުމުގައި އެފަނޑިޔާރުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ހުށަހެޅޭ ހެއްކާ ޤަރީނާގެ މައްޗަށާއި އަދި ކޯޓުން ނިންމައިފައި ނިންމުންތަކަށް ކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ. މައްސަލައެއް ނިންމުމުގައި އެނޫން އެހެންކަންކަމަށް ފަނޑިޔާރުން ބަލަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ދަޢުވާތައް ހުށަހެޅުމުގެ ފުރުޞަތުވެސް އަދި ދިފާޢުންވެސް އެއްވެސް ދިފާއެއްވެސް ހުށަނާޅައި ވަނިކޮށް އެމައްސަލައިގައި ފަނޑިޔާރު ވަނީ ދިފާޢީ ވަކީލެއްގެ ދައުރު އަދާކޮށްފައިކަމަށް މެމްބަރ ޙަޞަން ވިދާޅުވިއެވެ. އެއްވެސް އަސާސެއް ނެތް ދިފާޢުތައް ޤާޒީ އަމިއްލައަށް ފާހަގަކޮށް ދަޢުވާތަކަކީ ބާޠިލް ދަޢުވާތަކެއްކަމަށް ނިންމާފައިވާކަމަށް މެމްބަރ ޙަސަން ވިދާޅުވިއެވެ.  މައްސަލަ ނިންމައިފައި ވަނީ ޖިނާއީ އިޖްރާތުގައި ބުނާ އުޞޫލުތަކާވެސް ޚިލާފަށްކަމަށް ވިދާޅުވިއެވެ. ދައުލަތުން މައްސަލަ ސާބިތު ކުރުމަށް ހޯދައިފައިވާ ހެކިތައް ވެސް ހުށަހަޅަން ފުރުޞަތު ނުދެއްވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޖީ ވިދާޅުވީ  އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާތައް ސާބިތުކުރެވޭ ވަރަށް 700 އަށް ވުރެ ގިނަ ހެކި ހުރިކަމަށެވެ. އަދީބާ ދެކޮޅަށް އުފުލައިފައިވާ ހަތް ދަޢުވާއަކީ އިޢްތިރާފް އެއްބަސްވުމެއްގެ ދަށުން ކުރިއަށް ދިޔަ މައްސަލައެކެވެ. އެދައުވާތައް ބާތިލް ކުރުމަށް ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އިސްމާޢީލް ރަޝިދު ނިންމައިފައިވަނީ އޭނާ އަމިއްލަފުޅަށް ހޯއްދެވި މަޢުލޫމާތުތަކެއްގެ މައްޗަށްކަމަށް ޕީޖީ ޝަމީމްވެސް ވިދާޅުވިއެވެ. މައްސަލަތައް ނިންމުމުގައި ފަނޑިޔާރު ރިޔާއަތް ކުރަން ޖެހެނީ ކޯޓަށް ހުށަހެޅޭ ލިޔުންތަކަށްކަމަށް ބުނެފައި ވީނަމަވެސް ހުށަނާޅާ އަދި ނުދައްކާ ވާހަކަ ތަކެއްގެ މައްޗަށް ހުކުމް އައިސްފައިވާކަމަށް ޕީޖީ ވެސް ވިދާޅުވިއެވެ. އެހެންކަމުން އެޙުކުމަކީ ޤާނޫނީ ގޮތުން ހަމަނުޖެހޭ ޙުކުމެއް ކަން ފާހަގަކުރެއްވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާތައް ބާޠިލް ކުރުމުން އޭނާ މިހާރު ވަނީ މިނިވަން ވެފައެވެ. ނަމަވެސް ރޭ ވަނީ ފުލުހުން މެދުވެރިކޮށް އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރާ އަމުރެއް ކްރިމިނަލް ކޯޓުން ހޯއްދަވައިފައެވެ. ޕިޖީ ވަނީ މައްސަލަ އިސްތިޢުނާފްކުރައްވާނެކަމަށް ވިދާޅުވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.