(27 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޝޯކް ޙައިރާންކަމާއެކު ރޭޑިއޯ ހުޅުވާލައިފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ރޭޑިއޯއިން ލަވައެއް އަންނަންފަށައިފިއެވެ. އެލަވައިގައި ކިޔަމުންދަނީ "ދިލޭ ނާދާން ތުޖޭ ހުވާ ކިޔާހޭ" ( މޮޔަ ހިތާ އެވެ. ކަލެއަށް ތިޔަވީ ކީއްހެއްޔެވެ) މިހެންނެވެ. މިލަވައިގެ އަޑު އިވުމާއެކު އަޝޯކް ހިތަށް ޢަޖައިބުވާފަދަ ހަމަނުޖެހުމެއް ވެރިވެގެން ހިނގައްޖެއެވެ. އަދި ހޯލްތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ރަޖްނީ އޭނާގެ ބެޑްރޫމުން ނުކުތުމަށް އިންތިޒާރު ކުރަން ފަށައިފިއެވެ. އެ ސާޅީ އަޅައިގެން ހުއްޓާ މާސްޓަރް ކަމަލްއަށް ވުރެ ކުރިން އޭނާ ރަޖްނީ ދެކޭހިތްވަނީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެން އޭނާގެ ހިތަށް އެރުމާއެކު، އޭނާގެ އަމިއްލަ ހިތުގެ ތެރެއަށް ވެސް ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
ހަމައެވަގުތު އެ ގޭގެ ދޮރުމައްޗަށް ކޮންމެވެސް ބަޔަކު އައި އަޑު އޭނާއަށް އިވިއްޖެއެވެ. އޭނާ އަވަސް އަވަހަށް ދޮރު ކައިރިއަށް ޖެހިލިއެވެ. ދޮރު ހުވާލިއިރު އަޝޯކް އަށް ފެނުނީ އޭނާގެ ބައްޕަ މަސަންތު ރާއޮއާއި މަންމަ ޝާންތީއާއި އޭނާ އިންނަން ކަނޑައަޅާފައިވާ އަންހެން ކުއްޖާ ސީމާއާއި، ސީމާގެ ބައްޕަ ލަކްޝަމީ ނާރާއިން ގޭގެ ދޮރުމަތީގައި ތިބިތަނެވެ. އެމީހުން ފެނިފައި އަޝޯކް ހަދާނެގޮތް ހުސްވެ ކަންބޮޑުވާ ގޮތް ވެއްޖެއެވެ.
ދޮރު ހުޅުވާލުމާއެކު މަސަންތު ރާއޮ ގޭތެރެއަށް ވަދެއްޖެއެވެ. އަދި ފަހަތަށް އެނބުރިލާފައި ބުންޏެވެ.
"ލަކްޝަމީ ނާރާއިން ޖީ.... ވަންނަވާ ދަރިފުޅު ވެސް އާދޭ.." އޭނާ ދަރިފުޅާއޭ މިގޮވާލީ ސީމާއަށެވެ.
މިއެންމެން މިހާ ކުއްލިގޮތަކަށް އައުމުން އަޝޯކް ވަރަށް ކަންބޮޑުވިއެވެ. އެންމެ ފުރަތަމަ އޭނާއަށް ކުރެވުނުކަމަކީ ރޭޑިއޯ ހުއްޓާލުމެވެ. ދެން އޭނާއަށް ވެރިވެފައިވާ ހާސްކަން ކޮންޓްރޯލް ކުރެވޭތޯ އުޅެމުން ބުންޏެވެ.
"ބައްޕަމެން ތިޔަހާ ކުއްލިގޮތަކަށް ތިޔަ ދުރުވީ ކީއްވެގެންތޯ؟"
"އައިއްޔާ ވާނީ ކީއް...ކައިވެނީގެ ކަންތައްތަކަކީ އެކަމާބެހޭގޮތުން އެތައްއެތައް ވާހަކައެއް ދައްކަންޖެހޭނެ ކަންތައްތަކެއް!" އަޝޯކްގެ ބައްޕަ މަސަންތު ރާއޮ ބުންޏެވެ.
"އާނ!… މަސަންތުރާއޮ އިތުރު އެއްޗެއް ނުބުނެ ލަސްކޮށްލުމުން ލަކްޝަމީ ނާރާއިން ވާހަކަ ދައްކަން ފެއްޓިއެވެ.
ކައިވެންޏަށް ޓަކައި ހެދުމާއި ގަހަނާއާއި އެނޫންވެސް ކިތަންމެ އެއްޗެއްސެއް ގަންނަންޖެހޭނެ. އަހަރެމެން ވިސްނީ ހުރިހާ އެއްޗެއްވެސް ކަލޭމެން ދެ ކުދީން ބަލައިގެން ކަލޭމެން ރުހޭ އެއްޗެއް ގަތުން ރަނގަޅުވާނެކަމަށް"
"އެހެންވެގެން އަހަރެމެން އެންމެން ކުއްލިއަކަށް މިއައީ އަދި ސީމާ ވެސް ކުއްލިއަކަށް އައީ، މިހެން ބުނެފައި މަސަންތުރާއޮ ވަރަށް ބާރަށް ހީނގަތެވެ.
"އެހެންވިއްޔާ ދެން ބައްޕަމެން އިށީންނަވާ... އަޅުގަނޑު ނާސްތާގެ ކަންތައް ހަމަޖައްސާލާނަން..." އަޝޯކް އޭނާގެ މައްޗަށް ވެރިވެފައިވާ ހާސްކަން ފޮރުވޭތޯ މަސައްކަތް ކުރަމުން ބުންޏެވެ.
"އަހަރެމެން އައީ ނާސްތާގެ ކަންތައް ނިންމައިގެން ކަލޭ އަވަހަށް ބާޒާރަށް ދާން ތައްޔާރުވޭ" ލަކްޝަމީ ނާރާއިން އަޝޯކްއާ ދިމާއަށް ބުންޏެވެ. އަދި ސީމާއާ ދިމާއަށް އެނބުރިލާފައި ބުންޏެވެ.
"ދަރިފުޅާ! ކަލޭވެސް އަވަހަށް ހެދުން ބަދަލުކޮށްހަދާ!"
"އޫން...އާނ...ދަރިފުޅާ. ކުރިމަތީގައި ތިހިރ ބެޑްރޫމޭ..." މަސަންތު ރާއޮ ބެޑްރޫމާ ދިމާއަށް އިޝާރަތްކޮށްލާފައި ބުންޏެވެ. އަޝޯކް ވަރަށް ބޮޑަށް ހާސްވެލާފައި އަވަސް އަވަހަށް ބުންޏެވެ.
"މީ...ބޭޑްރޫމް...އަޅުގަނޑު...ބުނަން މިއުޅެނީ ...ބެޑްރޫމޭ..."
"އަހަރެންވެސް މިބުނަނީ ތިޔަހެން މީ ބެޑްރޫމޭ...." މަސަންތުރާއޮ ހައިރާންވެފައި އޭނާގެ ދަރިފުޅާ ދިމާއަށް ބުންޏެވެ.
"އޯހ...އަޅުގަނޑު ހީކުރީ ބައްޕަބުނުއްވީ ބާތުރޫމޭ ކަމަށް..." އަޝޯކް ބުނެލިއެވެ.
"ކައިވެނި އަދި ވީކީއެއްނޫން މިހާ އަވަހަށް ދަރިފުޅަށް ބެޑްރޫމާއި ބާތުރޫމް އޮޅޭ ހިސާބަށް ހާސްވަނީ ދޯ!"
މަސަންތުރާއޮ ހީނލަމުން ބުންޏެވެ. އެވަގުތު އެމީހުން އެތާނގައި ތިބިކަން އެއްގޮތަކަށް ވެސް ނޭނގި ރަޖްނީ ބެޑްރޫމްގެ ތެރެއިން ނުކުމެއްޖެއެވެ. އޭނާ ހުރީ ސާޅީ އަޅައިގެންނެވެ. ނުކުތުމާއެކު އަޝޯކްއާ ދިމާއަށް ބުނެލިއެވެ.
"ބައްލަވާ...އަޅުގަނޑު ފެންނަނީ ކިހިނެއްތޯ؟" ރަޖްނީއަށް އެހެން ބުނެވުނުއިރު އެތާނގައި ތިބި މީހުންތައް އޭނާއަށް ފެނިއްޖެއެވެ. އަދި ބިރުން ގޮސް ތުރުތުރު އަޅާ ގޮތް ވެއްޖެއެވެ. މަސަންތުރާއޮ ނަފްރަތުގެ ލޮލަކުން އޭނާއާ ދިމާއަށް ބަލަން ފަށައިފިއެވެ. އަދި ޒަހަރުލާފައިވާ އަޑަކުން ބުންޏެވެ.
"ކަލޭ... މިގޭގައި ކަލޭ ހުންނާކަށް ރަނގަޅެއް ނޫން"
ސީމާއާއި ލަކްޝަމީ ވެސް ނަފްރަތުން ފުރިފައިވާ ނަޒަރަކުން ރަޖްނީއާއި ދިމާއަށް ބަލަމުން ގެންދިޔައެވެ. އަޝޯކްގެ މަންމަ ޝާންތީއަށް ވެގެން މިއުޅޭގޮތެއް ނޭނގިގެން އެއްފަހަރު ރަޖްނީއާއި ދިމާއަށް އަނެއްފަހަރު އަޝޯކްއާއި ދިމާއަށް ޙައިރާންކަމާއެކު ބަލަމުން ދެއެވެ.
"ކަލާތޯ؟.........." ރަޖްނީ މަސަންތުރާއޮއާ މުޚާތަބުކޮށް ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އާ ގަންނަގޮތްވެފައި އޭނާއަށް ވާހަކައެއް ނުދެއްކުނެވެ. އަނެއްކާ ވެސް މަސަންތު ރާއޮ ވަރަށް ބާރަށް ރަޖްނީއާ ދިމާއަށް ބުންޏެވެ.
"ކަލޭ މިގެއަށް އެއްގޮތަކަށް ވެސް ވަދެގެން ނުވާނެއޭ އަހަރެން ކުރިންވެސް ބުނީމެއްނު."............ނަމަވެސް ކަލާއަނެއްކާ ވެސް މިގެއަށް ތިއައީ................"
"އާނ.އޭގެ މާނައަކީ ހުރިހާ ކަމެއް ކުރިންވެސް ކަލާއަށް އެނގިލައްވާފައިވެއޭ ދޯ!" ލަކްޝަމީ ނާރާއިން ރުޅި އައިސްފައި ވަސަންތު ރާއޮއާ ސުވާލުކުރިއެވެ.
"ލަކްޝަމީ ނާރައިންޖީ.................." ވަސްނަތު ރާއޮ އޭގެ ޖަވާބުދޭން އުޅުނެވެ. ނަމަވެސް އޭނަގެ ވާހަކަ ހުއްޓުވާލާފައި ލަކްޝަމީ ނާރައިން ވަރަށް ބޮޑަށް ރުޅިއައިސްފައި ބުންޏެވެ.
"އަޅުގަނޑު ކަލާއާ ސުވާލުކުރަމުން މިދަނީ ކަލާގެ ދަރިފުޅު ލޯބީގެ މަދަރުސާގައި އެމްއޭއަށް ކިޔަވަމުންދާކަން، ކަލާއަށް ރަނގަޅަށް އެނގިލައްވައިގެން ހުންނަވާ އަޅުގަނޑުމެންނަށް މި ކުޅިވަރު ދައްކަވަން މިތަނަށް އަޅުގަނޑުމެން ގެންނެވީ ކީއްކުރައްވަންތޯއޭ"
"އަޅުގަނޑުވަރަށް ބޮޑަށް ލަދުގަންނަން ޖެހިއްޖެ. ކަލާ ބުނުއްވާނެ ކޮންމެ އެއްޗެއް ކަލާއަށް ބުނުއްވިދާނެ....މި އެކަށީގެންނުވާ ވިޔާނުދާ ކުއްޖާ އަޅުގަނޑު މުސްކުޅިވީ ދުވަހު އަޅުގަނޑުގެ ނިތްކުރީގައި ބަދުނާމުވުމާއި ހަޑިހުތުރު ކަމުގެ ސިއްކަ ޖަހާދިނީ............މިއަދު އަޅުގަނޑު ހަމަ އެކަކަށް ވެސް މޫނު ދައްކާކަށް އެކަށީގެން ނުވޭ." ވަސަންތު ރާއޮ ލަދުން އިސްޖަހާލައިގެން އިނދެ ބުންޏެވެ.
"ނޫން ނޫން ބައްޕާ ތިޔަހެން ނުބުނުއްވާ........އަޅުގަނޑުމެންގެ ނިތްކުރީގައި ބަދުނާމުވުމުގެ ސިއްކައެއް ނުޖެހޭ. ތެދު ދުށުމުގެ ގާބިލިއްޔަތު ނެތްމީހުންނަށް ޖެހޭނީ ދޮގު ދެކެން." އަޝޯކް ހިތްވަރުކޮށްފައި ބުނެލިއެވެ. ހަމައެއާއެކު ސީމާ ވަރުއަރުވާލާފައި ބުންޏެވެ.
"އަހަރެމެންގެ ލޮލަށް މިފެނުނު ކަންތައް، އެއީ ދޮގެއްކަމަށް ކަލޭމެން ދެބަފައިންނަށް ހެދޭނެތަ؟"
އާނ....ކަލޭމެންނަށް ތިޔަ ފެނުނު ކަންތައް އެއީ ތެދެއް....ނަމަވެސް ކަލެމެން ތިޔަހީކުރާ ކަންތައް އެއީ ތެދެއްނޫން. އެއީ ކުށްހީއެއް. ރަޖްނީއާ އަހަންނާ ދެމެދު އެއްވެސް ގުޅުމެއް ނެތް."
އަޝޯކް ސީމާއާ ހަތަރުކަޅި ހަމަކޮށްގެން ހުރެއެއްވެސް ޖެހިލުމަކާ ނުލާ ބުނަމުން ދިޔައެވެ.
(ނުނިމޭ)
Vv.reethi